އިދިކޮޅު ޕީޕީއެމްގެ ޖަލްސާގައި، އެމްޑީޕީ ސިއްސުވާލި ސައިޒުން ސަރުކާރުން ޑިފެންސަށް ކުޅެން މަޖުބޫރުވެ، ކުއްލި ގޮތަކަށް ހުރިހާ މަޝްރޫއުތަކެއް ސޯޝަލް މީޑިއާ އަށް ދޫކޮށްލައިފި އެވެ.
އެމްޑީޕީ އެއްވުމުގެ އަދަދު މަދުވެ، ޕީޕީއެމްގެ ޖަލްސާ އަށް ގިނަ ބަޔަކު ދިއުމުން އަމާޒުވި ފާޑުކިއުންތަކަށް ހިމޭނުން ނުތިބެ ރައްދުދޭން ފެށީ ސަރުކާރުން ހިންގާ މަސައްކަތްތަކުންނެވެ. ޓުވިޓާގައި ފުރަތަަމަ މިކަން ފެއްޓެވީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގުދާއިރާގެ މެމްބަރު ހަސަން ލަތީފެވެ.
އޭނާ ފުރުއްވާ ދެ މަގާމުގެ ގޮތުން ވެސް ސޯޝަލްމީޑިއާގައި ސަރުކާރު ޕްރޮމޯޓް ކުރެއްވުމަކީ ހަސަންގެ ޒިންމާއެއް ނޫނެވެ. އެކަމަކު ސަރުކާރާ މެދު މާޔޫސްވެ، އެމްޑީޕީގެ މެމްބަރުން ހިމެނޭ ގޮތުން ފާޅުކުރި ޝުއޫރުތައް މައިތިރިކޮށްލީ ހަސަންގެ ޓުވީޓްތަކުންނެވެ. ހަސަން އުޅުއްވީ އިއްޔެ ހެނދުނުން ފެށިގެން ޓުވީޓް ކުރެއްވުމުގައި ބިޒީކޮށެވެ. ރަށްރަށުގައި ހިންގާ މަޝްރޫއުތަކުގެ ފޮޓޯތައް އެއްކުރައްވައި ތަފްސީލްތަކާ އެކު މަސައްކަތް ގޮސްފައިވާ ހިސާބު އާއްމުކޮށްދެއްވި އެވެ.
މި ސަރުކާރުގައި އެކި ރަށްރަށުގައި ފަށާފައިވާ ހެލްތު ސެންޓަރުތަކާއި ބަނދަރުތަކާއި ބޯޅަދަނޑުތަކާއި ކްލާސްރޫމްތަކާއި އިންޖީނުގެތަކާއި ހައުސިން ޔުނިޓްގެ މަސައްކަތްތައް ގޮސްފައިވާ ހިސާބުގެ ތަފްސީލު ދެއްވި އެވެ. ހަސަންގެ މި ޓުވީޓްތައް، ރިޓުވީޓްކުރަން ފެށީ އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުން އެކަންޏެއް ނޫނެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ވަޒީރުންނާއި މަޖިލީސް މެމްބަރުންނަށް ވެސް ޖެހިވަޑައިގަތީ ބިޒީ ޝެޑިއުލުން ސޯޝަލް މީޑިއާ އަށް ވަގުތު ހުސްކުރައްވާށެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޓުވިޓާ އަށް ދޫކޮށްލެއްވީ ވަރުގަދަ ވީޑިއޯއެކެވެ.
ދެން އެއްސެވީ ޕީޕީއެމަށް ވޯޓު ދޭން ޖެހޭ ސަބަބެއް އެބައޮތް ހެއްޔެވެ؟
އެ ވީޑިއޯ އާއްމުކުރައްވައި ޝާހިދު އެދިވަޑައިގަތީ، ރިޔާސީ އިންތިޚާބުގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން، ލާމަރުކަޒީ ނިޒާމާ ގުޅޭ ގޮތުން ދެއްކެވި ވާހަކަ އަށް ބަލައި ގޮތް ނިންމެވުމަށެވެ.
އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެދެއްވީ ތައުލީމީ ދާއިރާ އަށް އައިސްފައިވާ ހެޔޮބަދަލެވެ. އެއްވެސް ކުއްޖަކު ހުސްބަނޑާ ކިޔަވަން ނުފެށުމަކީި އޯގާތެރި ސަރުކާރުގެ ސިފައެއް ކަމަށް ޓުވީޓުގައި ވިދާޅުވި އެވެ.
ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވަނީ ޕީޕީއެމްގެ ޖަލްސާ އަށް ފާޅުގައި ފާޑުވިދާޅުވެފަ އެވެ. ޖަލްސާގެ އަދަދު ގިނައީ ރަށްރަށުން މީހުން ގެނެސްގެން ކަމަަށް ދައްކާ ވާހަކަ އަށް ބާރުދެއްވަން ވިދާޅުވީ ދުނިޔެ އިން ބޭރު ބަޔަކު ނުގެނައި ކަން ނަސީބު ކަމަށެވެ. ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބު ވެސް ރައްޔިތުން ދިން ކަމަށް ވިދާޅުވި އެވެ.
"އެޕްރީލް، 4 ގައި ރައްޔިތުން ތިބޭ ގޮތް ވެސް ބަލަމާތޯ. ބޮޑުތޯ ކުޑަތޯ ރައްޔިތުން އެ ދުވަހު ނިންމާނެ،" މަހްލޫފް ވިދާޅުވި އެވެ.
މި ހިސާބަށް ދިއުމުން ރައީސް އޮފީސް ވެސް ރޭ ވަރަށް ހަރަކާތްތެރިވެއްޖެ އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާ މަޝްރޫއުތައް ހިސާބުތަކުން ދައްކާލި އެވެ.
ބޯހިޔާވަހިކަމާއި ސިއްހީ ދާއިރާ އާއި ތައުލީމާއި ފެނާއި ނަރުދަމާގެ މަޝްރޫއުތަކުގެ ތަފްސީލު އެބަހުއްޓެވެ.
އެމްޑީޕީގެ ޖަލްސާ އިން ރައްޔިތުން ދިން މެސެޖުން ހަގީގަތުގައި ވެސް ސަރުކާރުން މިއޮތީ ދިފާއުގައި ތެދުވަން މަޖުބޫރުވެފަ އެވެ. ފުރަތަމަ ފިޔަވަޅެއްގެ ގޮތުން މި ދައްކާލީ ސަރުކާރުން ހިންގާ މަޝްރޫއުތަކެވެ.