ރިޕޯޓް

ގެއްލުމާއި ހަލާކު: މި ތަރައްގީގެ އަގަކީ ކޮބާ؟

ކ. އެނބޫދޫ ފަޅުގައި ތަރައްގީ ކުރާ އިންޓަގްރޭޓެޑް ރިސޯޓަށް ބިން ހިއްކުމުގެ މަސައްކަތް މިދިޔަ އަހަރުގެ ޖުލައި މަހު ކުރިއަށް ދަނީ: މިފަދަ އެތަކެއް ފަޅުތަކާއި ފަރުތައް ހިއްކުމަކީ އިއާދަނުކުރެވޭ ފަދަ ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ތިމާވެށީގެ މާހިރުން ދެކޭ. ފައިލް ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ކުޅިތަކާއި ފަޅުތައް ހިއްކައިގެން ބިން ބޮޑުކުރުން ކޮންމެހެން މަޖުބޫރު ހެއްޔެވެ؟ މިހާ ގިނަ އެއާޕޯޓްތަކެއް ކޮންމެހެން ބޭނުންވޭ ހެއްޔެވެ؟ މަޝްރޫއުތައް ހިންގާ އިރު ރާއްޖޭގެ ނާޒުކު ވެއްޓަށް ބަލައިލަނީ ކިހާ ވަރަކަށް ހެއްޔެވެ؟ މިއީ ތިމާވެއްޓަށް ލޯބިކުރާ އަދި އެ ދާއިރާގައި ހަރަކާތްތެރިވާ ދިވެހިން މި ވަގުތު ކެނޑިނޭޅި ކުރަމުން އަންނަ ސުވާލުތަކެކެވެ.

އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށް ގެންދާ ގޮތާއި ތިމާވެށީގެ ގޮތުން މުހިއްމު އަދި ނާޒުކު ތަންތަނަށް ކުރިމަތިވެފައިވާ ނުރައްކާތަކާ މެދު ކަންބޮޑުވާ ބައެއް މީހުން ފަށައިގެން އުޅޭ "#ސޭވްމޯލްޑިވްސް" ހަރަކާތުން ސީރިއަސް މައްސަލަތަކެއް ފާހަގަކޮށް ނެރެފައިވާ ލުއިފޮތުގައި، މި މައުލޫއު އަށް ޚުލާސާ ގޮތަކަށް ބަލައިލާފައިވެ އެވެ. އެ ހަރާކަތުން ބުނާގޮތުގައި "ރާއްޖޭގެ ނާޒުކު، ހުސްވެދާނެ އަދި އަގުހުރި ގުދުރަތީ މާހައުލުތައް ހިމާޔަތްކޮށް ދެމެހެއްޓުމަށް އިތުރު މަސައްކަތްތައް ކުރުމަކީ މިހާރުން މިހާރަށް ކުރުން ކޮންމެހެން މަޖުބޫރު" ކަމެކެވެ.

އުމްރާނީ ތަރައްގީ ފަސޭހަވެފައި އަވަސްވާނެ އެވެ. ދެން އޮންނަ އިންތިޚާބެއްގައި ވޯޓު ހޯދަން ސަރުކާރަކަށް އޮންނާނެ އެންމެ ކުރު މަގަކީ އެފަދަ މަޝްރޫއުތަކެވެ. އެ ތަރައްގީ ފެނެ އެވެ. އެއީ މީހުންގެ ހިތްތަކާއި ސިކުނޑިތަކަށް އެންމެ ފަސޭހަ އިން ވައްދާލެވޭނެ ކަންކަމެވެ. އެކަމަކު ސުވާލަކީ އެ ތަރައްގީ ގެންނަނީ ދެމެހެއްޓެނިވި އަދި ޒިންމާދާރު ގޮތުގައި ހެއްޔެވެ؟ އެ ތަރައްގީގެ ފޮނިމީރުކަން ކިހާ ދުވަހަކަށް ދެމިހުރެދާނެ ހެއްޔެވެ؟ އަދި އެ ގޮތަށް ތަރައްގީކޮށް ނިމޭ އިރު ގައުމު އޮންނާނީ ކޮން ހާލެއްގައި ހެއްޔެވެ؟

ތިމާވެށީގެ މާހިރުން ދޭ އިންޒާރަކީ ރާއްޖޭގެ ނާޒުކު ވެށި ސުންނާފަތިކޮށްގެން ހިންގާ މަޝްރޫއުތަކާ މެދު ހިތާމަކުރަން ޖެހޭ ދުވަސް އަންނާނެ ކަމެވެ.

އެއާޕޯޓު ހެދުންތަ؟ ސީޕްލޭންތަ؟

ސަރަހައްދީ 12 އެއާޕޯޓު އޮތް ރާއްޖޭގައި އިތުރު ވިއްސަށް ވުރެ ގިނަ އެއާޕޯޓް ހަދާނެ ކަމަށް ސަރުކާރުން ބުނެފައިވާ އިރު އޭގެ ތެރެއިން ތިން އެއާޕޯޓެއްގެ މަސައްކަތް ދަނީ ހިނގަމުންނެވެ. ހދ. ކުޅުދުއްފުށީ ކުޅިން ބައެއް ހިއްކައިގެން އެއާޕޯޓް ހަދަން ފެށި އިރު ތިމާވެށީގެ މާހިރުން ހެސްކިޔާފައި ދެކޮޅުހެދި އެވެ. ހަމަ އެ ގޮތަށް، ށ. ފުނަދު އާއި ނ. މާފަރުގައި ހިންގަމުން އަންނަ އެއާޕޯޓް މަޝްރޫއުތަކާ މެދު ވެސް ކަންބޮޑުވުންތައް އެބަ ހުއްޓެވެ.

"#ސޭވްމޯލްޑިވްސް"ގެ ލުއިފޮތުގައި ފާހަގަކޮށްފައިވާ ގޮތުގައި ފުނަދޫގައި އެއާޕޯޓެއް އަޅަން އަލުން ނިންމީ 2009ގައި އެންވަޔަރްމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އެކަން ހުއްޓުވާފައި އޮއްވަ އެވެ. އެއާޕޯޓް އަޅަން "ފުނަދޫ ހަލާކުކޮށްލުމަކީ ރަށަށާއި އެ ރަށުގެ މިހާރުގެ އަދި ކުރިމަގުގެ ވަޒަންވެރިންނަށް ކުރިމަތިވި އިއާދަނުކުރެވޭނެ ގެއްލުމެއް" ކަމަށް އެ ހަރަކާތުން ދެކެ އެވެ. އަދި އެންމެ 750 މީހުން ދިރިއުޅޭ މާފަރުގައި އެއާޕޯޓެއް އަޅަން 20،000 އަށް ވުރެ ގިނަ ގަސް ނަގައި އެ ރަށުގެ ޗަސްބިން ހިއްކާފައިވާ އިރު އެ ބިމުގައި ހުރި ގަސްތަކުގެ 85 ޕަސެންޓް އެހެން ތަނަކަށް ބަދަލުކުރަން އެންވަޔަރްމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ)ގައި ލަފާ ދީފައި އޮތަސް އެ ގަސްތައް ސަލާމަތްކުރަން ކަމެއް ކުރި ކަމުގެ ހެއްކެއް ފެންނަން ނެތް ކަމަށް ވެސް ލުއިފޮތުގައި ބުނެފައިވެ އެވެ.

"#ސޭވްމޯލްޑިވްސް" ހަރަކާތުން ކުރާ މައިގަނޑު އެއް ސުވާލަކީ، މި ހުރިހާ އެއާޕޯޓްތައް އަޅަން ޖެހޭ ހެއްޔެވެ؟ ހިކިފަސްތަން އެންމެ ޕަސެންޓެއްގެ މައްޗަށް އެކުލެވޭ ރާއްޖޭގައި އެންމެ މަދު ވަސީލަތަކީ ބިން ކަމަށް ވާއިރު ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓް އޮތް ގައުމަކީ ރާއްޖެ ކަން ފާހަގަކޮށް އެ ހަރަކާތުން މުހިއްމު ސުވާލެއް ކޮށްފައިވެ އެވެ؛ އެ ޚިދުމަތް ދޭ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން 48 ސީޕްލޭނުގައި ރާއްޖޭގެ 65 ރިސޯޓަކަށް އަހަރަކު 750،000 ފަސިންޖަރުން އުފުލަ އެވެ؛ އެހެން ވީއިރު، މީހުން ދިރިއުޅޭ ރަށްރަށާއި ވެރިރަށް މާލެ ގުޅުވައިލަން ދިވެހިންނަށް ސީޕްލޭންގެ ޚިދުމަތް ނުދެވެންވީ ކީއްވެގެން ހެއްޔެވެ؟

މަހާޖައްރާފުގެ ދަތްގަނޑު ދަށަށް

ރާއްޖޭގައި ބިން ހިއްކުމުގެ މަސައްކަތަށް "އިންގިލާބެއް" ގެނައި ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެމްޓީސީސީން ސިފަކުރާ މަހާޖައްރާފަކީ ރާއްޖޭގެ ނާޒުކު ތިމާވެށި ފަސޭހަ އިން އަދި ހަލުވިކަމާ އެކު ހަލާކުކޮށްލުމަށް ވެސް "އިންގިލާބެއް" ކަމަށް "#ސޭވްމޯލްޑިވްސް" އިން ދެކެ އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ބޭނުންކުރަން ފެށި ކޮންނަބޯޓުން މިހާތަނަށް ތިން ރަށެއްގެ ބިން ހިއްކައިފައިވެ އެވެ. ކުޅުދުއްފުއްޓާއި ފުނަދޫގައި އެއާޕޯޓް އަޅަން ބިން ހިއްކި އިރު، ށ. ކޮމަންޑޫގައި ފްލެޓް އަޅަން އެ ރަށު ފަޅު ތެރެއިން ވެސް ބޮޑު ބައެއް ވަނީ ހިއްކައިފަ އެވެ.

"#ސޭވްމޯލްޑިވްސް" އިން ސިފަކުރަނީ އެ އުނޅަދަކީ، ދެމެހެއްޓެނިވި ތަރައްގީ އާއި ތިމާވެށި ހިމާޔަތްކުރުމުގެ ނަޒަރުން ބަލާ އިރު، ރާއްޖޭގެ ގުދުރަތީ މާހައުލުތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ނުރައްކާ ކަމަށެވެ.

ޓޫރިޒަމްގެ "މެގަ ޕްރޮޖެކްޓްތައް"

"#ސޭވްމޯލްޑިވްސް" އިން ފާހަގަކުރާ ގޮތުގައި ޓޫރިޒަމް ތަރައްގީކުރުމުގެ ސިޔާސަތަށް ގެނެސްފައިވާ ބަދަލުތަކާ އެކު، އިތުރު ރިސޯޓްތައް ހަދަން ފަޅުތަކާއި ފަރުތައް ރާއްޖޭގެ އެކި ހިސާބުތަކުން ހިއްކަމުން، އެ މަޝްރޫއުތައް ސިޔާސީ ގޮތުން މަޝްހޫރުކޮށް "މެގަ ޕްރޮޖެކްޓްތަކުގެ" ގޮތުގައި ސަރުކާރުން ދަނީ ރައްޔިތުންނަށް ވިއްކަމުންނެވެ. މި އަހަރުގެ ބަޖެޓަށް ބަލާ އިރު އިތުރު 20 ފަޅަކާއި އިތުރު ތިން ރަށެއްގެ ފަޅު ހިއްކަން ސަރުކާރުން ރާވާފައިވާކަން އެނގޭ ކަމަށާއި، ރައީސް އަބްދުﷲ ޔާމީން މި އަހަރުގެ ރިޔާސީ ބަޔާން އިއްވެވި އިރު، މާލެ އަތޮޅުން އެކަނި ވެސް އިތުރު 27 ފަޅާއި ފަރު ހިއްކަން ހަމަޖެހިފައިވާ ކަމަށް ވިދާޅުވިކަން އެ ހަރަކާތުން ފާހަގަކުރެ އެވެ.

ލުއިފޮތުގައި ފާހަގަކޮށްފައިވާ ގޮތުގައި ރިސޯޓް ހަދަން ފަޅު ހިއްކުމުގެ މަސައްކަތްތައް ފަށައިގެން މިހާރު ވެސް ކުރިއަށް ގެންދާ އިރު، އެންމެ ބޮޑު ގެއްލުމެއް ފެންނަނީ ކ. އެނބޫދޫފަޅުންނެވެ. އެތާ ކައިރީގައި އޮންނަ ހިމާޔަތްކުރެވިފައިވާ ސަރަހައްދު "ގިރާވަރު ކުޑަ ހާ"އަކީ މަސް ގިނަ ތަނެއް ކަމަށާއި އެކަމަކު، އެނބޫދޫ މަޝްރޫއު ފެށިތާ މަސްތަކެއް ފަހުން، އެ ސަރަހައްދުން އެން ލިބޭ މިންވަރު މަދުވެފައިވާކަން މަސްވެރިންގެ ވާހަކަތަކުން އެނގޭ ކަމަށް ބުނެފައިވެ އެވެ. އެނބޫދޫފަޅު ކޮނެ ހިއްކުމުގެ ސަބަބުން ފަރަށާއި ދިރުންތަކަށް ނުރައްކާވެ މުޅި މާހައުލު ބަދަލުވެގެން ދާނެކަން އީއައިއޭގައި ކުރިން ފާހަގަކޮށްފައިވާ އިރު އެ ގެއްލުންތަކުގެ ސަބަބުން ކުރާނެ ކުރު އަދި ދުރު ރާސްތާގެ ހުރިހާ އަސަރުތަކެއް އެނގޭނީ އަދި ފަހުން ކަމަށް ވެސް "#ސޭވްމޯލްޑިވްސް" އިން ބުނެ އެވެ. މާލެ އަތޮޅުގައި ނުހިއްކާ އޮތް ފަޅެއް މަދު ކަމާއި އާއްމުން ހިތްހަމަޖައްސާލަން ދާނެ ރަށެއް، ފިނޮޅެއް ނެތްކަން ވެސް ލުއިފޮތުގައި ފާހަގަކޮށްފައިވެ އެވެ.

"#ސޭވްމޯލްޑިވްސް" އިން އެންމެ ބޮޑަށް ކަންބޮޑުވާ އެއް މައްސަލައަކީ ރާއްޖެ އާއި ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކުރެވޭ ޚާއްސަ ސިފަތަކެއް ލިބިގެންވާ ހދ. ކޭލަކުނުގައި ޓޫރިޒަމް ތަރައްގީކުރަން ނޮވެމްބަރު 2017ގައި ބީލަމަށް ހުޅުވާލާފައިވާ ކަމެވެ. އީޕީއޭ އިން ހެދި ދިރާސާއެއްގައި، ކޭލަކުނަކީ "ހަގީގީ ޖަންގައްޔެއްގެ" ސިފަތައް ހުރި ރާއްޖޭގެ ހަމައެކަނި މާހައުލުކަން ފާހަގަކޮށްފައިވެ އެވެ. އެހެންވެ، ތިމާވެށީގެ މާހިރުން ބުނަނީ އިމާރާތްތަކެއް އަޅަން ކޭލަކުނު ބަޔަކަށް ދިނުމަކީ "ޚިޔާލަށް ވެސް ނުގެނެވޭ ފަދަ ކަމެއް" ކަމަށެވެ.

މީގެ އިތުރުން ކ. ކާށިދޫފަޅު ފުންކުރަން އީއައިއޭ ހަދާފައިވާ ގޮތާއި އެ މަޝްރޫއުގެ މަގްސަދާ މެދު "#ސޭވްމޯލްޑިވްސް" އިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އެ ހަރަކާތުން ބުނާ ގޮތުގައި އެ ސަރަހައްދު ކޮނެފައި ވަނީ ބޮޑެތި ގަސްތަކެއް ނަގައި ފަސޭހަ އިން ރަށުން ބާލައިގެން ގެންދެވޭނެ ގޮތް ހަދަން ކަމަށް ބެލެވޭ ހެކިތައް ލިބިފައިވެ އެވެ.

"ރަށްރަށުން ބޮޑެތި ގަސް ގަނެގެން، އަލަށް ތަރައްގީ ކުރާ ރިސޯޓުތަކަށް ގެންދިޔުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް. ރިސޯޓު ހަދާ އިރު އެ ތަނުގައި ހުންނަ ގަސްތައް ނައްތާލުމަށް ފަހު ރިސޯޓު ފެހިކުރަނީ މީހުން ދިރިއުޅޭ ރަށްރަށުން ގަސް ގެންގޮސްގެން. އޭގެ ސަބަބުން، ނާޒުކު އާބާދީތައް ދިރިއުޅޭ ވެށީގެ ހަމަޖެހުމަށް އަސަރުފޯރާ،" އިނގިރޭސިބަހުން ލިޔެ ޝާއިއުކޮށްފައިވާ ލުއިފޮތުގައި ބުނެފައިވެ އެވެ.

އީޕީއޭ: "ރަބަސްޓޭމްޕެއް"

"#ސޭވްމޯލްޑިވްސް" އިން ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ ނާޒުކު މާހައުލީ ނިޒާމުތައް ހިމާޔަތްކުރެވޭނީ އީޕީއޭ މިނިވަންވެގެންނެވެ.

ލުއިފޮތުގައި ފާހަގަކޮށްފައިވާ ގޮތުގައި މިނިވަން ބޯޑަކުން ހިންގާ ގޮތަށް 2008ގައި ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފެއްދި އީޕީއޭ ހަގީގަތުގައި މިހާރު ހިންގަނީ އެންވަޔަރްމެންޓް މިނިސްޓްރީގެ ޑިޕާޓްމެންޓެއްގެ ގޮތުގަ އެވެ. "#ސޭވްމޯލްޑިވްސް" އިން ގަބޫލުކުރާ ގޮތުގައި، ކުޅުދުއްފުށީ ކުޅި ހިއްކުން ފަދަ، "ތިމާވެށި ހަލާކުކުރުމުގެ ސީރިއަސް ކޭސްތަކުގައި" އެ އޮނިގަނޑު މެދުވެރިކޮށް ސަރުކާރުން އީޕީއޭގެ ފަންނީ ދައުރަށް ނުފޫޒު ފޯރުވަ އެވެ. އަދި މިނިސްޓްރީގެ ޕްރެޝަރަށް، އީޕީއޭ އިން ގިނަ ޕްރޮޖެކްޓްތަކެއް ހިންގަން ހުއްދަދިނުމުގެ ނަތީޖާއެއްގެ ގޮތުން އިއާދަނުކުރެވޭ ފަދަ ގެއްލުންތައް ކުރިމަތިވަމުންދާ ކަމަށް އެ ހަރަކާތުން ބުނެ އެވެ. "މީގެ މާނައަކީ، ތިމާވެއްޓަށް ރައްކާތެރިކަން ދޭން ޖެހޭ މުއައްސަސާއެއް، ފަނާކުރަނިވި އިންފްރާސްޓްރަކްޗަ މަޝްރޫއުތަކަށް ގާނޫނީ ހައިސިއްޔަތު ދޭ ރަބަސްޓޭމްޕަކަށް ވެފައިވާކަން،" ލުއިފޮތުގައި ބުނެފައިވެ އެވެ. އީޕީއޭގެ ދައުރަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ލޮޅުމަކީ ޓޫރިޒަމްގެ މަޝްރޫއުތަކަށް ހުއްދަ ދިނުމުގެ ބާރު އެ އޭޖެންސީގެ އަތުން އަތުލައި ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ގެންދިޔުން ކަމަށާއި ޓޫރިޒަމް ގާނޫނަށް ގެނައި އެ އިސްލާހުގެ ސަބަބުން، މަސްލަހަތު ފުށުއެރުމާއި ޖަވާބުދާރީނުކުރެވުމާއި ހާމަކަން ކުޑަވުމުގެ ސީރިއަސް މައްސަލަތައް ފެންމަތިވެފައިވާ އިރު، އެ ބަދަލު ގެނައީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ކުރި ވައްކަމަށް މަގުފަހިކުރަން ކަމަށް ބެލެވިފައިވާ ކަން ވެސް "#ސޭވްމޯލްޑިވްސް" އިން ފާހަގަކުރެ އެވެ. "އެ ބަދަލަށް ފަހު ޓޫރިޒަމް މިިނިސްޓްރީން އެކި ފަހަރު މަތިން ވަނީ، ތިމާވެށި ހިމާޔަތްކުރުމާއި ދިގު މުއްދަތުގެ ދެމެހެއްޓެނިވި ތަރައްގީ އަށް ވުރެ ބޮޑަށް، ޓޫރިޒަމްގެ ވިޔަފާރީގެ މަސްލަހަތުތައް އިސްކޮށްފައި،" ލުއިފޮތުގައި ބުނެފައިވެ އެވެ.

މި ކަންބޮޑުވުންތަކާ އެކު "#ސޭވްމޯލްޑިވްސް" އިން ކުރާ ސުވާލަކީ، ޖީޑީޕީގެ 89 ޕަސެންޓް، ސީދާ ބަޔޯޑައިވާސިޓީ އަށް ބަރޯސާވެފައިވާ ގައުމެއްގެ ގުދުރަތީ ވަސީލަތްތައް މި ހާލަތުގައި ދެމިހުންނާނީ ކިހާ ދުވަހަކަށް ހެއްޔެވެ؟ ތިމާވެށި ނެތިދިޔުމުގެ ނުރައްކަލުގައި އޮތް ދިވެހިރާއްޖެ "ސަނީ ސައިޑް އޮފް ލައިފް"ގެ ގޮތުގައި ދެމިއޮންނާނީ ކިހާ މުއްދަތަކަށް ހެއްޔެވެ؟

28 ކޮމެންޓް, 65 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 68%
icon angry icon angry 22%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މާމީމަ

06 June 2018

ކޮންމެހެން ކުޅިހިއްކައިގެން ކޮންވެންޝަން ސެންޓަރ އަޅަން މުހިންމުތަ؟ ތިމާމެން ކުރީމަ "އޯކޭ" އެހެންމީހުން ކުރީމަ "ގޯސް".... މިގޮތް ކަޑަ...

The name is already taken The name is available. Register?

ކީއްވެ

12 May 2018

އަމިއްލަ މީހާގެ ގެ ހަދާއިރުވެސް ހުސް ބިންކޮޅެއް ބާއްވާނުލާ ގަހެއް ހައްދާލަން. އެ ކުޑަ ބިންކޮޅު ބޭއްވީމަ ލާރިކޮޅެއް ގެއްލޭތީ. ފިހާރައެއް ރެސްޓޯރަންޓެއް ހަދާއިރު އެންމެ ޒަމާނީ ގޮތަށް ޒަމާނީ ތަކެތިން ހަދަނީ. އެއްވެސް ގުުދުރަތީ ސިފައެއް ނުހުރޭ. ކެއުންތައް ބަދަލުވެފައިވަނީ ބޭރު ގައުމުތަކުގެ ކެއުންތަކަށް ބޮޑަށް. ބީޗުގައި ޕިކްނިކް ހަދާއިރުވެސް ބޭނުންކުރެވެނީ ގިނައިން ޕްލާސްޓިކް. ޒަމާނަށް އަންނަ ބަދަލު އަންނާނެ ހުރިހާ ކަމަކަށްވެސް. ތިމާވެށި ގެއްލޭތީ ދެރަވާ ބަޔަކު ދެރަވިއަސް މާއްދިއްޔަތުގެ ކަންކަން މާ ބޭނުންކަން ގިނަ މީހުންގެ އަމަލުތަކުން ފެންނަނީ.

The name is already taken The name is available. Register?

އައިޖޭ

11 May 2018

އީޕީއޭ ކިޔާފ ަތަނެއް ބޭއްވުމުގެ ބޭނުމެއް ނެތް.. ގައުމު ފުނޑާލާ އިރު އެތިބެނީ އަތް ޖަހަާން.. މީތި ކަޑަ އެއްނު ނައީމްބެ

The name is already taken The name is available. Register?

ޝޮކްތެރަޕީ

10 May 2018

ސަރުކާރު ކުރާކަންތަ ވަރައް ބަރާބަރު

The name is already taken The name is available. Register?

އަސްލުހާލަތު

10 May 2018

3000 އަހަރުވީ ތިޔަ ފަޅުތައް ބާއްވައިގެން ކޮންކަމެއްވީ؟ ރާކަނިކޮޅަކާ ފަރުމަސްކޮޅެއް ނޫނީ؟ އެ ނަގައިގެން ކާލަ ކާލަ ތިބުމަށްވުރެއް ދުނިޔޭގެ ތަހުޒީބުގަ ޑުބާއީފަދަ ތަންތަން ހޯދި ކުރިއެރިމަށް ބަލައިގެން މަގުކޮށުން މުހިންމީ..ބިން ހިއްކުން އެއީ ކުރަންޖޭކަމެއް އެކަން އެކުރަނީ ނިސްބަތުން މަދުން އެތަށް ހާސްފަޅެއްގެ ތެރެއިން ހިއްކަން ނިންމާފަ އޮތީ 7 ޕަސެންޓްއަށް ވުރެއް ކުޑަ މިންވަރެއް.ހަމަ އިމްވެސްޓަރުމްނަށް ފަޅުތަކާ ރައްތައްދީގެން ޤައުމަށް ލާރިވެއްދުމް މިވަގުތު ކުރަންވީކަމަކީ

The name is already taken The name is available. Register?

Thaveed

10 May 2018

3000 އަހަރު ވަންދެން އެގޮތަށް ބޭއްވިފަ އޮތީތީ މިއަދު ފަތުރުވެރިކަން އެކުރެވެނީ .. ކާބަފައިން ފަޅުތަށް ތިގޮތަށް ހަލާކުކޮއް ވީރާނާ ކުރިނަމަ މިއަދު ފަތުރުވެރި ކަމެއްވެސް އަދި ހަލާކު ކުރާނެ ފަޅެއްވެސް ނޯތީސް. ތަން ކޮޅެއް ހުޅުވިފައިވާ ސިކުނޑިއަކުން ވިސްނަމާ..

The name is already taken The name is available. Register?

މާމަ

10 May 2018

ތަރައްގީވެސް ބޭނުން އެކަމު ވަކި މީހަކު ކުރީމަ އެ ގޯސްވީ... ވަކި މީހަކު ގައުމުގަ އެއްކޮށް ހުޅުޖެހީމަ އޭތި އޯކޭ... ބުރޯ މީތި ކަޑައޭ

The name is already taken The name is available. Register?

ގަލަމް

10 May 2018

ރާއްޖޭ އަށް ލިބިފައިވާ ގުދުރަތީ މުއްސަދި ކަމާއި ، ހާއްސަ ރީތި ސިފަޔަކީ ރާއްޖޭގެ ފަރުތަކާއި ވިލާއި ގޮނުދޮށާއި ހުދު ދޮންވެލީގެ ބީޗް ތަކާއި ޖަޒީރާ ވަންތަކަމެވެ. ރަށްރަށުގެ ގިނަ ރުއްގަސް ތަކުގެ ސަބަބުން ލިބިފައިވާ ފެހި ކަމާއި ޖައްވުގެ ސާފް ކަމެވެ. އަނެއް ހާއްސަ ސިފަޔަކީ ޒަމާނުއްސުރެ ރާއްޖޭގެ ރައްޔިތުން ދިރިއުޅެމުން އައި އައިލާތައް އެކުގައި ވަކިވަކި ގޯތީގައި ގެދޮރު ބަނާކޮށްގެން ގޯތި ތެރޭގައި ތަފާތު ވައްތަރުގެ ގަސްތައް އިންދާއިގެން ބަގީޗާ ހައްދައިގެ މިނިވަންކަމާއިއެކު އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިކަން ފޯރުކޮށްދީގެން ދިރިއުޅެމުން އައި ދިރި އުޅުމެވެ. އެއްގޭ ބަދިގެއިން ދުން އަރަންޏާ އަނެއްގޭ ކުދިންވެސް ތިބޭނީ ކައިގެންނޭ ބުނި އުސޫލެވެ. ނަމަވެސް މިއަދު ގައުމަށް އާމްދަނީ ލިބި ތަނަވަސްކަން ލިބުނު ދުވަހު ގޯތި ގެދޮރުން ވެސް މަހުރޫމް ވީއެވެ . ގޮނުދޮށާއި ބީޗްވެސް ހަލާކު ކޮށްލާ ފަސްއަޅާ ބަރާ ލާފަ، އެއިންވެސް މަހުޜޫމުވީއެވެ. މިގޮތަށް ކަންތައް ކުރަނީ ރައްޔިތުންގެ ކޮން ކުށެއް އޮވެގެން ބާއެވެ؟

The name is already taken The name is available. Register?

އަތްޖަހާ

10 May 2018

އިންފްރާ ސްޓަރަކްޗާ ޕްރޮޖެކްޓް ތަކަކީ ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ޑިކްޓޭޓަރުން ޖީބަށް ފައިސާ ވައްދަން ވެގެން ގެންގުޅޭ ފޯމިއުލާ. ކޮންޓްރެކްޓަރާ ޕްރޮޖެކްޓް ހަވާލު ކުރާއިރުވެސް ޕްރޮޖެކްޓް ތެރެއިންލާފަ ޑިކްޓޭޓަރާ އައުވާނުން ނަށް ލިބެންޖެހޭ ވަރު އޮންނާނީ އެއްބަސް ވެވިފަ.

The name is already taken The name is available. Register?

ފައިޖަހާ

10 May 2018

ދެން އެހެންވީމަ ތަރައްގީ ނުކޯށްތާ ތިބެން ޖެހޭނީ.

The name is already taken The name is available. Register?

ރަޒީނާ

10 May 2018

ވަރަށް އުފާވޭ މިކަމާ ބަޔަކު އުޅޭތީ.. ސުވާލަކީ މިގޮތަށް ހިފަހައްޓާލެވޭނެ ބާއޭ. މިހެން މިބުނީ މިކަމުގެ މިއުޅޭ ކުދިންކޮޅަކީވެސް ހިޕޮކްރިޓުންނަށް ވީތީ އަދި އެމީހުންގެ މަޤްސަދާމެދުވެސް ސުވާލު ކުރެވޭތީ.. ހިއްކުމުގެ ކަންކަން ބޮއްސުން ލައިގެން މިދިޔައީ ރައީސް ނަޝީދު ވަގުތީ ފައިދާއަކަށް ކަނޑުން ވެލިނަގާ ބޯޓުތަކެއް ގެނެސް "ފަސް ދުވަހުން ރަށެއް" ހިއްކަން ފެށުމުން...ފަޅުތައް ކުއްޔަށް ދޭން ފެށީ ރައީސް ނަޝީދު. އައްޑޫ ކޮންވެންޝަން ސެންޓަރ މި ރަށު ކުޅި މެދުގައި އެޅީ ތިމާވެއްޓާމެދު ވިސްނާ "ބައެއް ކުދިން" ހޯ ހޯ ގޮވަ ގޮވާ ތިއްބާ. ގދ. ދިގުލާބަދޫ ކުއްޔަށް ދިނީ ބަޔަކު އެކަން ނުކުރަން އާދޭށް

The name is already taken The name is available. Register?

ޗޮއްޓޭ

10 May 2018

ތަރައްގީއަކީ އަމިއްލަ ފައިގައި ފުރޯންޖެހުން.... ކޯޑިނޭޓަރު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454