މައުމޫން މިދިޔަ ހުކުރު ދުވަހު އޭޑީކޭގެ ޑޮކްޓަރަކަށް ދެއްކުމަށް ފަހު އަނބުރާ ދޫނިދު އަށް ގެންދަނީ.
13 މެއި 2018 - 11:01
ފުލުހުންގެ ބަންދުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހާލުކޮޅު އިއްޔެ ވެސް ގޯސްވެ، ފަރުވާދޭން ޖެހުނު ކަމަށާއި ޖަލުގައި އެމަނިކުފާނަށް އެކަށީގެންވާ ފަރުވާ ނުލިބޭތީ އާއިލާ އާއި ވަކީލުން ކަންބޮޑުވާ ކަަމަށް ވަކީލް މުުހައްމަދު ފައިސަލް މިއަދު ވިދާޅުވެއްޖެ އެވެ.
ކޮއްކޯފުޅު، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ގާނޫނާ ޚިލާފަށް ބަދަލުކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މައުމޫނަށް ސީރިއަސް ސިއްހީ މައްސަލަތަކެއް ވަނީ ކުރިމަތިވެވަޑައިގެންފަ އެވެ. މިދިޔަ ޑިސެމްބަރު މަހުން ފެށިގެން އެމަނިކުފާނު ގެންދަވަނީ، "ބިނައިން ޕެރޮކްސިމަލް ޕޮޒިޝަނަލް ވާޓިގޯ" އަށް ފަރުވާ ހޯއްދަވަމުން ކަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި މައުމޫން ޖަލަށް ލީ ފަހުން، އެ މައްސަލަ ބޮޑުވެ، އެމަނިކުފާނާއެކު އަރިހުގައި އަބަދުވެސް މީހަކު ބެހެއްޓުމަށް ޑޮކްޓަރުން ވަނީ ލަފާ ދެއްވައިފަ އެވެ. އެއީ، ވާޓިގޯ އެޓޭކަކާ އެކު މައުމޫންގެ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮތުމުން ކަމަށް ޑޮކްޓަރުންނާ ހަވާލާ ދެއްވައި، ވަކީލް ވިދާޅުވި އެވެ.
އެ ބަލީގެ ސަބަބުން، ބޮލަށް ގެންނަ ހަރަކާތަކާ ގުޅިގެން ވެސް ވަރަށް ބޮޑަށް ބޯއެނބުރުމާއި ކުއްލިއަކަށް ވެއްޓުން ފަދަ ސިއްހީ މައްސަލަތައް ކުރިމަތިވެ އެވެ. އެ ގޮތަށް ވެއްޓޭ އިރު އެހީތެރިވޭނެ މީހަކު ކައިރީގައި ނެތް ނަމަ ފުރާނަ އަށް ގެއްލުންވުމުގެ ފުރުސަތު އޮވެ އެވެ.
"ފަރުވާގެ ގޮތުގައި ޑޮކްޓަރު ވަނީ ވަކި ކަންތައްތަކެއް ގަވާއިދުން އެމަނިކުފާނު ކުރައްވަން އިރުޝާދު ދެއްވާފައި. ޖަލުގައި ހުންނަވައިގެން، އެ ކަސްރަތުތަކާއި އެހެން ފަރުވާތައް ވެސް ކުރިއަކަށް ނުގެންދެވޭ. އެންމެ ބޮޑު ކަންބޮޑުވުމަކީ، އެކަނި އެގޮތަށް ހުންނަވަން ޖެހިވަޑައިގަތުމަކީ ފުރާނަފުޅަށް ނުރައްކާ އޮތް ކަމަކަށް ވުން،" ވަކީލް ވިދާޅުވި އެވެ.
މައުމޫންގެ ހާލުކޮޅު ގޯސްވެފައިވާތީ، އެމަނިކުފާނުގެ އަރިހުގައި ފުލުހަކު ބަހައްޓާކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ އެއީ ހައްލެއް ނޫން ކަމަށެވެ. އެމަނިކުފާނަށް ބޭނުންފުޅު ވަނީ، އާއިލާގެ ބޭފުޅެއްގެ އެހީތެރިކަން ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.
ވަކީލް ވިދާޅުވި ގޮތުގައި އެ ހާލަތާ ގުޅިގެން، ގޭބަންދަށް ބަދަލުކޮށްދޭން މައުމޫނާއި އާއިލާ އިން ވެސް ވަނީ ތަކުރާރުކޮށް މުއައްސަސާތަކަށް ސިޓީ ހުށަހަޅައިފަ އެވެ. އެކަމަކު، މިހާތަނަށް، ފުލުހުންނާއި އެޗްއާރުސީއެމާއި ކޯޓުން ވެސް އެދެވޭ ޖަވާބެއް ނުލިބޭކަމަށް ވަކީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މައުމޫން ގޭބަންދަށް ބަދަލުކޮށްދޭން ދެކޮޅު ހަދައި ދައްކަމުންދަނީ، މުޖުތަމައަށް ނުރައްކާވުމާއި ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތުމެވެ. އެކަމަކު، މައުމޫނާ ދެކޮޅަށް ހުށަހަޅާފައިވާ ހުރިހާ ހެއްކަކީ ވެސް ސިއްރު ހެއްކަށްވާއިރު، އެމަނިކުފާނު ނުފޫޒު ފޯރުއްވަނީ ކިހިނެއްތޯ ފައިސަލް ސުވާލު އުފެއްދެވި އެވެ.
ސިޔާސީ އިދިކޮޅު ލީޑަރުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ފެބުރުއަރީ 1 ގައި ނެރުނު އަމުރާ ގުޅިގެން، ފެބްރުއަރީ 5 ވަނަ ދުވަހުގެ ރޭ ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގައި، މައުމޫން ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލައި ޝަރީއަތް ވެސް ވަނީ ފަށައިފަ އެވެ. އެ ދައުވާގެ އިތުރުން އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާއެއް ވެސް ދައުލަތުން މައުމޫންގެ މައްޗަށް ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންކަލޯ
13 May 2018
ޖަލަކީ ބައްޔަށް ފަރުވާދޭ ތަނެއްކަމަށް ވަކީލު ހީކުރެއްވުމަކީ ހިނި އަންނަކަމެއް.
ޔުނައިޓެޑް އައްޑޫ
13 May 2018
ޖަލުން ބޭރުގައިވެސް ދިވެހިންނަށް އެކަށީގެންވާ ބޭސްފަރުވާ ނުލިބޭ!
މަ މިއު މަ
13 May 2018
ޖަލަކީ ހޮސްޕިޓަލެއް ނޫނޭ
ޕޮކަންޑިމޭން
13 May 2018
ރަން ތިރީސް އަހަރުގައި ރާއްޖޭގެ ޖަލުތަކުގައި ދުނިޔޭގެ ފެންވަރުގެ ހޮސްޕިޓަލްތައް ގާއިކޮށްފައިވަނީ ގައިދީންނަށް ފަރުވާދޭން
ޕިކަންޑިމޭން
13 May 2018
ރަން 30 އަހަރަށް ބައިބައި ދިވެހީން ކިޔާފައިވަނީ ކަމަކު. އެކަންތައް ނޭނގޭނަމަ 2008 ގައި ފާސްކުރި ގާނޫނު އަސާސީ ބަލާ. މާމޮޅުވެގަނެގެން ކޮންމެހެން މީހުންނަށް އޮޅުވާލަން ވާހަކަ ދައްކާނެ ކަމެއްނެތް. ތިކިޔާ 30 އަހަރު ރައްޔަތުންވަނީ ރޯފިލާފައި. މައުމޫނުގެ ވެރިކަން ނިމުމަކަށް ގެނައީ އެއަށްވުރެން ރަނގަޅު ދުވަސްތަކެއް ހޯދަން.
ޝާއްނާ
13 May 2018
ވަކީލަށްވެސް އެނގެންވާނެ އެތަނަށް ކިޔަނީ ޖަލުކަން ، މީގައި ބަލަންޖެހޭނީދުނިޔޭގައި ޖަލު ކޮންސެޕްޓް އުފެދިގެންއައިގޮތާއި އެތަނުގެ ބޭނުން ، ރާއްޖޭގައި ކުރީޒަމާނުގައި ބޮލުގައި އޮޅުއަޅާވެސް ހެދިކަން ސާބިތުވޭ ، އަދި ރައީސްމައުމޫންގެ ޒައާމަތުގައި ކީސްބިޑިއެޅުވުމާއި އަނދަގޮނޑިޖެހުމާއި އޭންގަލަށް އެރުވުމާއި ބިޑިފަތީގައި ރުއްރުކުގައިބަނުމާއި މޫދަށް އެރުވުމާއި ލޯންޗްގައި ވާޖަހައިގެން ދެމުމަކީވެސް ހިނގާދިއަކެމެށް ، މިގޮތުން 1992 ގެފަހުން އަނދަގޮނޑިއާޢި އޭންގަލަށް ނެގުން ހުއްޓިގެންދިއަ ، ނަމަވެސް އެހެންކަންކަން ހިނގަމުންދިއަ ސެޕްޓެމްބަރ 20 އާޢިހިސާބަށް ، ވީމާ މިހާރު މައުމޫން އެހުންނެވީ އޭރުގެ ހާލަތަށްވުރެން 1000 ގުނަރަގަޅު ހާލަތެއްގައި ، ނަމަވެސް ގެޔާއި ޖަލާއި ވަރަށް ތަފާތުވާނެ، ވީމާ ކެއްކޮއްލުން އޮތީ ، ފަހުންކިޔާ މައުލޫދު މޮޅުވާނެ ،
ގައުމީދޫ
13 May 2018
ރައީސް މައުމޫނަކީ އަވަރ ހީރޯ! އަވަރ މަހާތީރު ! ރައީސް މައުމޫނު މިނިވަންކުރޭ!
މައިކާނލޯރޮށި ގިއްލާ
13 May 2018
ދިވެހި ނަޖީބް ޖަލުގަ އޮންނަ ދުވަސް އެއީ ދުވަހަކީ.
މުސާފިރު ޚާނާ
13 May 2018
އެއީ ޖަލު ދޯ؟ މަޑުން ހުރިނަމަ ދޯ؟ މައުމޫނު ވީމަ މިހާރުވެސް ވަރަށް ގިނަ ކަންކަން އެބަކުރޭދޯ؟ އަހަރުމެން ނަކަށް ޖަލަކުން މައުމޫނަސް އެ ދޭވަރުގެ އިނާޔަތެއް ނުދޭ. އެހެންވީމަ އޯކޭދޯ؟