މައުމޫނަށް ސިއްހީ ނުރައްކަލެއް ކުރިމަތިވުމުގެ ބިރު އެބައޮތް: ވަކީލު

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސިއްހީ ހާލުކޮޅު ސީރިއަސް ކަމަށާއި އަވަހަށް އެކަށީގެންވާ ފަރުވާ ނުލިބިއްޖެ ނަމަ ސިއްހީ ގޮތުން ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް އެ މަނިކުފާނުގެ ގާނޫނީ ވަކީލު މުހައްމަދު ފައިސަލް މިއަދު ވިދާޅުވެއްޖެ އެވެ.


ދޫނިދޫގައި މައުމޫނާ ބައްދަލު ކުރެއްވުމަށް ފަހު ފައިސަލް "މިހާރު" އަށް ވިދާޅުވީ މައުމޫންގެ ހާލުކޮޅު ހުރި ގޮތުން އާއިލާއާ ދުރުގައި އެ މަނިކުފާނު މި ވަގުތު ބެހެއްޓުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށެވެ. މައުމޫނަށް ކުރިމަތިވެފައިިވާ ސިއްހީ މައްސަލައިގެ ތަފްސީލް ނުދެއްވައި ވިދާޅުވީ، އެ ބައްޔާ ގުޅިގެން އެ މަނިކުފާނުގެ ފަރުވާ ކުރިއަށް ގެންދެވޭނީ އާއިލާ އަށް ކަމަށެވެ.

"މީގެ ކުރިން ވެސް އެ މަނިކުފާނަށް ސިއްހީ ގޮތުން މި މައްސަލަ ކުރިމަތިވެފައި ވަނީ. އެކަށީގެންވާ ފަރުވާ ނުލިބެއްޖެ ނަމަ، ވަރަށް ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ފުރުސަތު ބޮޑު،" ފައިސަލް ވިދާޅުވި އެވެ.

މައުމޫންގެ ސިއްހީ ހާލުކޮޅާ ގުޅޭ ގޮތުން ފައިސަލް ކުރެއްވި ޓުވީޓް.

އޭނާ ވިދާޅުވި ގޮތުގައި މައުމޫނަށް ކުރިމަތިވެފައިވާ ސިއްހީ ހާލަތު، ހިއުމަން ރައިޓްސް ކޮމިޝަނާއި ފުލުހުންނާއި ކަރެކްޝަނަލް ސާވިސްގެ އިތުރުން ކޯޓަށް ވެސް މިހާރު ވާނީ އަންގައިފަ އެވެ. އެ މައްސަލައިގައި މުއައްސަސާތަކުން ސީރިއަސް ފިޔަވަޅެއް އަޅަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

މައުމޫންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ބާއްވަން ތާވަލު ކުރުމަށް ފަހު ވަނީ ކެންސަލް ކޮށްފަ އެވެ.

ސިޔާސީ ލީޑަރުންތަކެއް މިނިވަންކުރުމަށް ސުޕްރީމް ކޯޓުން ފެބުރުއަރީ 1 ގައި ނެރުނު އަމުރާ ގުޅިގެން، ފެބްރުއަރީ 5 ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، މައުމޫން ހައްޔަރުކުރީ ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތުގަ އެވެ. މި ތުހުމަތުގައި ހައްޔަރުކުރުމަށް ފަހު އެ މަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި، ޝަރީއަތް ނިމެންދެން ޖަލުގައި ބަހައްޓަން ވަނީ އަމުރުކޮށްފަ އެވެ.

ޓެރަރިޒަމްގެ ދައުވާގެ އިތުރުން އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާއެއް ވެސް ދައުލަތުން މައުމޫންގެ މައްޗަށް ކުރެ އެވެ.