މީޑީއާ ކައުންސިލްގެ ރައީސް އާސިފް ނޫސްވެރިންނާ ވާހަކަދައްކަވަނީ: ކޮމެޓީން ބިލު ދިރާސާ ކުރާއިރު މީޑިއާގެ ކަންބޮޑުވުންތައް ހިއްސާ ކުރެވޭނެ ކަމަށް އެ ކައުންސިލުން އުއްމީދު ކުރޭ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
24 ޖުލައި 2016 - 21:03
އަބުރު ރައްކާތެރި ކުރުމާ ބެހޭ ބިލުގައި ހުރި މައްސަލަތައް ހައްލު ކުރުމަށް، މަޖިލީހުގެ މެމްބަރުން ހަރުކަށިކަން ދޫކޮށްލައްވައި މަޝްވަރާ އަށް ވަޑައިގަތުމަށް މީޑިއާ ކައުންސިލުން މިއަދު ގޮވާލައިފި އެވެ.
ސަރުކާރުން މަޖިލީހަށް ހުށަހެޅި އެ ބިލަކީ ނޫސްވެރިންނަށް ހުރި ބިރެއް ނޫން ކަމަށާއި ބިލު އަނބުރާ ނުގެންދަވާނެ ކަމަށް، އެ ބިލު ހުށަހެޅުއްވި އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މިނިވަން ނޫސްވެރިކަމަށް ހުރަސްއަޅާފައިވާ ކަމަށް ބުނެ ފާޅުކުރަނީ ބޭކާރު ކަންބޮޑުވުންތަކެކެވެ.
މީޑިއާ ކައުންސިލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކައުންސިލްގެ ރައީސް މުހައްމަދު އާސިފް (މޮންދު) ވިދާޅުވީ ކަންކަން ހައްލު ކުރެވޭނީ މަޝްވަރާކޮށްގެން ކަމަށާއި މަޝްވަރާ ކުރުމުގެ ފުރުސަތު މެމްބަރުން އެ ކައުންސިލަށް ދެއްވާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.
މީޑިއާ ކައުންސިލްގެ މެމްބަރު ހަމްދޫން ނޫސްވެރިންނާ ވާހަކަދައްކަވަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
"އަޅުގަނޑުމެން ގަބޫލު ކުރަނީ މަޝްވަރާ ކުރައްވަން ފުރުސަތު ދެއްވާނެ ކަމަށް،" އާސިފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބިލު ދިރާސާ ކުރުމާއި ގާނޫނީ ލަފާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު، ބައެއް ފަރާތްތަކުގެ ލަފާ ވެސް ލިބިފައިވާ ކަމަށެވެ. އަދި ކަމާ ބެހޭ މުއައްސަސާތަކާ އެކު ބިލާ ގުޅޭ މަޝްވަރާތައް ކުރުމަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީޑިއާތަކާ ގުޅިގެން އުފައްދާފައިވާ ބިލު ކޮމެޓީގެ ޗެއާ އަދި ކައުންސިލް މެމްބަރު އަހުމަދު ހަމްދޫން ވިދާޅުވީ އަބުރު ރައްކާތެރި ކުރުމާ ބެހޭ ބިލު ދެ ވަނަ ފަހަރަށް މަޖިލީހަށް ފޮނުވުމުގެ ކުރިން މީޑިއާ ކައުންސިލާ މަޝްވަރާ ކުރާނެ ކަމުގެ ޔަގީންކަން، އެފަދަ ބިލެއް ކުރިން ހުށަހެޅުއްވި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ދެއްވި ކަމަށެވެ. ނަމަވެސް، ބިލު އަލުން މަޖިލީހަށް ހުށަހެޅީ މީޑިއާ ކައުންސިލްގެ އެއްވެސް މަޝްވަރާއެއް ނެތި ކަމަށް އޭނާ ވިދާޅުވި އެވެ.
ހަމްދޫން ވިދާޅުވި ގޮތުގައި ޖޫރިމަނާ ކުޑަކުރުމުގެ އިތުރުން ނޫސްވެރިންގެ މައްޗަށް ވަކި ހިސާބަކުން ޖިނާއީ ދައުވާ ކުރެވޭ ގޮތަށް ބިލުގައި އޮތް އޮތުން ބަދަލުކޮށް، އެއީ މަދަނީ ކުށެއްގެ ގޮތުގައި ބޭއްވުމަށް މީޑިއާ ކައުންސިލުން މަޝްވަރާ ކުރާނެ އެވެ.
ވަރަށް އަވަހަށް ފާސްކުރަން ތައްޔާރުވެފައިވާ މި ބިލުގައި އަބުރާ ބެހުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ. އެކަމަކު މީޑިއާގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު ދީފައި އޮތީ މީޑިއާ ކައުންސިލަށާއި ބްރޯޑްކާސްޓިން ކޮމިޝަނަށެވެ.
މި ބިލުގައި ބުނެފައިވާ ގޮތުން ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހިޔާލެއް ފާޅުކުރުމާއި އާއްމު ނިޒާމާ ހިލާފު ހިޔާލު ފާޅުކުރުމާއި އަބުރާ ބެހެވޭ ފަދަ ހިޔާލެއް ފާޅުކުރި މީހެއްގެ އަދަބަކަށް 50،000ރ. އާއި 2،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ގާނޫނުގެ ދަށުން ކޯޓުން ކަނޑައަޅަން ވާނެ އެވެ.
ޖޫރިމަނާ ފައިސާ ނުދައްކައިފި ނަމަ، ތިން މަހާއި ހަ މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލެވޭނެ އެވެ. ކަނޑައަޅާފައިވާ މުއްދަތުގައި ޖޫރިމަނާ ފައިސާ ނުދައްކައިފި ނަމަ، މީޑިއާގެ ކަންކަން ބަލަހައްޓާ މުއައްސަސާ އިން އެ މައްސަލަ ފުލުހުންނަށް ހުށަހަޅަން ޖެހެ އެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގު ކުރުމަށް ފަހު، ދައުވާ ކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮން އާމިރު
25 July 2016
ނަސީރު..ކިހާވަރެއް ލިބޭ..
ނަސީރު
25 July 2016
ދެފުއްކެހެރި ވާހަކަ ނުދައްކާ. މިއީ އިސްލާމީ ގައުމެއް. ހުޅަގުގެ ގައުމު ތަކާ އަޅުވާނުކިޔައްޗޭ!! ޢެވެރިންނައް ފަހުދުވަހުގެ ނިތުމަތެއް ނެތް. ކޮންމެވެސް އެއް ކޮޅަކުން ނިއުމަތް ލިބޭނީ. ހުޅަގައް މި ދުނިޔޭގައި. އަހަރުމެންނައް ފަހުން. ވެރިން ބުނާހާގޮތެއް ހެދީމަ ނިމުނީ ހުރުހާކަމެއްވެސް. ވާހަކަ ގިނަ ނުކުރައްޗޭ!!
ބޭނުމީ މިނިވަންކަން / އައްޑޫ ސިޓީ
25 July 2016
މިވަގުތު އިންތިހާބް ވެފައިއޮތް Maldives Media Council އަކީ މިދައުލަތުގެ ޤާނޫނު އަސާސީ ދެމެހެއްޓަުމަށް އަދި ޑިމޮކްރަސީގެ ހަމައަށް އިހިތިރާމް ކޮށް ދިވެހިރައްޔިތުންނަށް ''ވެރިކަން ހިންގުމުގެ ބާރު ހިބަކޮށްދިނުމަށް'' އެދޭ ބައެއްނަމަ އަދި ނޫސްވެރިކަމުގެ މިނިވަން ބާރު އޮންނާން އެދޭ ބައެއްނަމަ މިހާރު އޮތް ސަރުކާރާއި ވާހަކަ ދެއްކުމަކީ އެންމެ ރަނގަޅުގޮތް ކަމަކަށް ނުދެކެން. . . . އަދި އަމުދުން ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގައި މިވަގުތު ތިއްބެވި ގިނަ މެނަބްރުންނަކީ ''ހުވާ މަތީގައި ސާބިތުވެ ތިއްބެވި މެންބަރުންކަމަށް ނުފެންނާތީ'' އެފަދަ މުޑުދާރު ބައެއްގެ އެހީތެރިކަމަށް ''ޙައްޤޫގައި ތިބިބަޔަކު އެދެންޖެހޭނެ ކަމަކަށް ވެސް ނުދެކެން''. . . . މިވަގުތު ދައުލަތް ވެއްޓިފައިވާ އަނދަވަޅުން ދައުލަތް ސަލާމަތް ކުރުމަށް ޤައުމުގެ ބާރުވެރިކަން އަބުރާ ހޯދުމަށް ''ދިވެހިން ކުރަމުންދާ ބުރަ މަސައްކަތުގައި'' ތިބޭފުޅުން ވެސް ''ލޮބުވެތި ދިވެހިންނާއި އެކު'' ތިއްބަވަނިކޮށް ﷲ މިންވަރު ފުޅާއި އެކު ދާދި އަވަހަށް މިހުރިހާ ކަމެއްވެސް އެފުށްމިފުށަށް ޖެހޭތަން ފެންނާނެ. . . . ފައިބުޑަށް ވެއްޓި އާދޭސް ދަންނަވަން ހެދުމަކީ ވެސް ''އަޅުވެތިކަމެއް'' ކަން ޤަބޫލު ކުރޭ. ތިގޮތް ދޫކޮށް މިނިވަން ކަމަށް ފައި ނަންގަވާ..... !! އިންތިޤާލީ ވެރިކަމަކީ މިކަމަށް އޮތް ހަމަ އެކަނި ފަރުވާ. / މިނިވަންކަން ، އައްޑޫ ސިޓީ
ގުޑްވޭ
24 July 2016
ޕީޕީއެމް ޕީޖީ ގްރޫޕް އަކީ އެއި ހަރުކަށިކަން އާންމުންނާއި ގުޅިފައި ހުންނަ ކަންކަމުގައި ގެންގުޅޭ ބަޔެއް ނޫނެވެ. އެއީ ވަރަށް މަޑުމައިިތިރި ގްރޫޕް އެކެވެ. ކަން މިހެން ހުުރުމުން މީޑިއާ ކައުންސިލުން މަޝްވަރާ އަށް އަންނައިރު މިސަރުކާރަށް ވަގަށް ގޮވާ ހުރިހާ ޓްވީޓް މީޑިއާ ތައް ވެސް ގޮވައިގެން ދުރުވޭ މަޝްވަރާ އަށް އެކުދިން ވެސް ގޮވައިގެން މަޖްލީހަށް. އެއިރުން އެންމެންގެ ކަން ބޮޑު ވުން ތަކަށް ހައްލެއް މަޝްވަރާ ގެތެރޭން ގެނެވޭނެއެވެ. އެއްގޮތަކަށް ވެސް އިންތިގާލީ މަގަށް އަލި ކުރަން އަލީގެ މައްޗަށް އައްޔެއް ޕްރޮގްރާމްގެ ދަށުން މިސަރުކާރަށް ވަގަށް ގޮވާ ޓްވިޓަރުން ވެސް ރުޅި އައިސް އެހެން ދުރުގައި ތިބުމަށް ވުރެން ސަރުކާރާއި އަދި ޕީޖީ ގްރޫޕް އާއި މަޝްވަރާ ކޮށްގެން ކަން ބޮޑު ވުން ތަކަށް ހައްލު ހޯދުން އެއީ ބުއްދިވެރިން ކަން ކުރާ ގޮތެއް ނޫންތޯއެވެ. މީ ހަމަ ތިބާ އަށް ވެސް ރަނގަޅު ގޮތްތަކެއް ހޯދާ ދޭން އަދި ރައްޔިތުންނަށް ވެސް ރަނގަޅު ގޮތްތައް ހޯދާ ދޭން ކޮށާލެވޭ މަގަކަށް ވެސް ވުމަކީ އެއީ ހަމަ އެކަށީގެން ވާކަމެކެވެ.
އިސްލާހު
24 July 2016
އާސިފުއަށް ވެސް ކުރެވޭނީ މަސައްކަތެވެ. އެވެރިން އެބުނަނީ އަވަހަށް ވިޔަސް ލަހުންވިޔަސް މަޝްވަރާ ކުރިޔަސް ނުކުރިޔަސް ބިލް އޮންނާނީ ހަމަ މިގޮތަށް ކަމަށެވެ. އެހެންވީމާ .............؟؟؟؟؟؟
ބަލާދީ
24 July 2016
ހަރުކަށިކަން ދޫކޮށްލާ އަބުރާއި ބެހޭ ބިލާއި ގުޅޭ މަޝްވަރާ އަށް އަންނަން ޕީޕިއެމް ޕީޖީ ގްރޫޕް އޮތީ ތައްޔާރަށެވެ. އެހެން ކަމަށްވާނަމަ މީޑިއާ ކައުންސިލުން ވެސް ޖެހޭނެ ޔަގީން ކަން ދޭން އިދިކޮޅު ކްރިޓިކްސް އިން އިންތިގާލީ މަގަށް އަލި ކުރުމަށް ޓަކައި ބޭނުން ކުރާ ޓޯޗް ލައިޓެއްގެ ގޮތުގައި މިސަރުކާރަށް ވަގަށް ގޮވައިގެން ނުވާނެ ކަމަށް. އަދި ހުރިހާ ޓްވިޓަރުންނަށް ވެސް އާންމު މީޑިއާ އެއްގެ ގޮތުގައި ޓްވީޓް ކުރެވޭނީ މީޑިއާ ކައުންސިލުގައި ރަޖިސްޓްރީ ކޮށްގެންނެވެ، ނުވަތަ މައްސަލަ އެއްނެތޭ ހުރިހާ ޓްވިޓަރުން ވެސް މީޑިއާ ކައުންސިލުގައި ރަޖިސްޓްރީ ކޮށްގެން ޓްވީޓް ކުރާ ގޮތަށް ބިލަށް އިސްލާހު ހުށައެޅި އަސް. އެއީ މާ ބޮޑަށް ރަނގަޅު ގޮތެއް ނޫންތޯއެވެ.
ޝިފާގު
24 July 2016
ތިމާމެންގެ އަގެއް އޮންނަންވާނެކަމަށް ދެކިގެން މީޑިޔާގެ ފަރާތްތަކުން މަސައްކަތްކުރާތަން ފެންނާތީ މަރުހަބާ ކިޔަމެވެ. ހަމައެފަދައިން ދިވެހިރާއްޖޭގައި މީޑިޔާގެ ނަމުގައި ހަރަކާތްތެރިވާ އެކިފަރާތްތަކުން މީސްމީހުންގެ އިންސާނީކަރާމާތް ނަގާލާ އަބުރުކަތިލަމުން ދިޔަދިޔުން ހުއްޓުމަކަށް ގެނައުމަށް މެމްބަރުން ކޮޅެއް ކުރާ މަސައްކަތަށް ވެސް މަރުހަބާ ކިޔަމެވެ. ހައްގު އޮންނަނީ މީޑިޔާގެ ނަމުގައި އުޅޭމީހުންގެ އަބުރުގެ އެކަންޏެއް ނޫނެވެ.