އަބުރުގެ ބިލްގައި ދިފާއެއް ނެތް، ޖޫރިމަނާ އާއި އިސްތިއުނާފް ކުރެވޭ ގޮތް ކަމަކުނުދޭ: މީޑިއާ ކައުންސިލް

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަބުރު ރައްކާތެރި ކޮށްދިނުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ބިލްގައި ހުރި ބޮޑެތި ކަންބޮޑުވުންތައް މޯލްޑިވްސް މީޑިއާ ކައުންސިލުން ވަގުތީ ކޮމެޓީއާ މިއަދު ހިއްސާކޮށްފި އެވެ.


އަބުރުގެ ބިލް ދިރާސާ ކުރުމަށް އެކުލަވަލާފައިވާ ކޮމެޓީގައި ވާހަކަ ދެއްކެވި މީޑީއާ ކައުންސިލްގެ މެމްބަރުން ވިދާޅުވީ ބިލްގެ ސަބަބުން ގާނޫނުއަސާސީގައި ހިޔާލު ފާޅު ކުރުމަށް ހުރި ހައްގުތައް ހަނި ކުރެވި، މިނިވަން މީޑީއާގެ ވެއްޓެއް ގާއިމު ކުރުމުގެ ފުރުސަތު އެއްކޮށް ނެތިގެންދާނެ ކަމަށެވެ.

އެގޮތުން ކައުންސިލުން ފާހަގަކުރި ކަންކަމުގެ ތެރޭގައި ނޫސްވެރިއަކަށް ދިފާއުވުމުގެ ބައި އެއްގޮތަކަށް ވެސް ދީފައި ނެތް ކަމާއި، ޖޫރިމަނާގެ އަދަދު ބޮޑުވުމާއި، ޖޫރިމަނާ ފައިސާ ދެއްކުމުން ނޫނީ މައްސަލައެއް އިސްތިއުނާފް ކުރުމަށް ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ނެތުން ހިމެނެ އެވެ.

މީޑިއާ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް (މޮންދު) ވިދާޅުވީ ބިލު މިހާރު އޮތް ގޮތަށް ފާސްކުރަން މީޑިއާ ކައުންސިލުން ތާއީދު ނުކުރާ ކަމަށެވެ. މީޑިއާގެ ގަވާއިދުތަކާއި އުސޫލުތަކެއް ހަދާފައި ހުރި އިރު، މީޑިއާ ރެގިއުލޭޓް ކުރުމުގެ ކަންކަން ކުރަމުންދާ ކަމަށެވެ.

އަބުރުގެ ބިލު ދިރާސާ ކުރާ ކޮމެޓީގެ މެމްބަރުން. މީޑިއާ ކައުންސިލްގެ ޝަކުވާތައް ވަނީ ކޮމެޓީއާ ހިއްސާކޮށްފައި. ފޮޓޯ: ނިޝާން އަލީ /މިހާރު

އާސިފް ވިދާޅުވި ގޮތުގައި ނޫސްވެރިންނަށް ވެސް ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ފަތުރާކަށް ތާއީދެއް ނުކުރެވޭނެ އެވެ. އެކަމަކު ނޫސްވެރިންނަށް އަދަބެއް ކަނޑައެޅުމުގެ ކުރިން ދައުލަތުގެ ހަރަދުގައި ނޫސްވެރިން ތަމްރީނުކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ނޫސްވެރިން ތަރައްގީ ކުރުމަށް އެއްވެސް މަސައްކަތެއް ނުކުރޭ. ދައުލަތުގެ ބަޖެޓުން އެކަމެއް ނުކުރޭ. އަދަބުތަކެއް ކަނޑައަޅާ ނަމަ، ނޫސްވެރިން ތަރައްގީ ކުރަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބިލް ފަރުމާކޮށްފައި އޮތީ މީގެ ކުރިން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުށަހެޅުއްވި ބިލާ މާ ބޮޑު ތަފާތެއް ނެތި އެވެ. ނަމަވެސް ބިލުގައި ކޮންމެވެސް ވަރަކަށް ލުއިތަކެއް ދީފައި ހުރި ކަމަށާއި ބިލަށް ގެނައީ އެންމެ އެކަށީގެންވާ ބަދަލުތަކެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

މީޑިއާ ކައުންސިލްގެ މެމްބަރު އަހުމަދު ހަމްދޫން ވިދާޅުވީ ބިލްގެ ސަބަބުން މިނިވަންކަމާ އެކު ހަބަރުތައް ރައްޔިތުންނާ ހަމަ އަށް ގެނެސްދިނުމުގެ ދޮރު އެއްކޮށްހެން ބަންދުވާނެ ކަމަށެވެ. ދިފާއުވުމުގެ ހައްގު ބޭރުގެ ގައުމުތަކުގައި ދީފައި އޮތަސް، ބިލް ފަރުމާކޮށްފައި އޮތީ ދިފާއު ނުވެވޭ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މީޑިއާ ކައުންސިލްގެ މެމްބަރު ހަމްދޫން ވާހަކަ ދައްކަވަނީ. އަބުރުގެ ބިލުގެ ސަބަބުން ބައެއް ހަބަރުތައް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގެ ފުރުސަތު ބަންދުވާނެ ކަމަށް އޭނާ ވިދާޅުވި. - ފޮޓޯ: ނިޝާން އަލީ/ މިހާރު

ހަމްދޫން ވިދާޅުވީ ކޮންމެ މީހެއްގެ އަބުރު ރައްކާތެރިކުރެވެން ޖެހޭނެ ކަމަށާއި އަބުރާ ބެހިއްޖެ ނަމަ، ނޫސްވެރިޔާ ނުވަތަ މީޑިއާ ދިފާއުވުމުގެ ފުރުސަތު ވެސް އޮންނަން ޖެހޭނެ ކަމަށެވެ.

މީޑިއާ ކައުންސިލްގެ މެމްބަރު އަހުމަދު އާމިރު ވިދާޅުވީ ބިލް އޮތް ގޮތަށް ފާސްވެއްޖެ ނަމަ، ރައްދުވާ ފަރާތުގެ ބަހެއް ހޯދަން މަޖުބޫރުވާނެ ކަމަށާއި އެކަމުގެ ސަބަބުން މީޑިއާ އަށް ދެ ގެއްލުމެއް ލިބޭނެ ކަމަށެވެ.

އެގޮތުން އެ އަށް ޖަވާބު ދޭން ބޭނުންނުވާ މީހުންގެ ހަބަރުތައް ރިޕޯޓު ނުކުރެވުމާއި ޖަވާބުދާރީ ނުވުމުގެ ސަބަބުން ވަގުތުން ވަގުތަށް ހަބަރު ފޮނުވުމުގެ ދޮރު ބަންދުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިކަންކުރަން (ނޫސްވެރިން) މީޑިއާގައި ތިބި މުވައްޒަފުންގެ ވަޒީފާ ގެއްލޭނީ،" އޭނާ ވިދާޅުވި އެވެ.

ހަމްދޫން ވިދާޅުވީ މުއައްސަސާއެއް ގާނޫނާ ހިލާފުކަމެއް ކުރާ ނަމަ، އެ މުއައްސަސާއެއްގެ ވާހަކަ ދެއްކުމުގެ ފުރުސަތު އެބައޮތް ކަމަށާއި މުއައްސަސާގެ ހުރި މީހާގެ ވާހަކަ ދެއްކުމުގެ ފުރުސަތު ނެތް ކަމަށެވެ.

"މުއައްސަސާއެއްގައި ހުރި މީހަކު ކޮރަޕްޝަނެއް ހިންގަފާނެ. އެ މީހަކާ ދޭތެރޭ ފާޑު ކިޔެން ޖެހޭނެ. އަޅުގަނޑުމެންނަށް އެ މީހާ އަށް ފާޑެއް ނުކިޔޭ ބިލުގައި އޮތް ގޮތުން،" ހަމްދޫން ވިދާޅުވި އެވެ.

އަބުރުގެ ބިލު ދިރާސާ ކުރާ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި މަޖިލިސް މެމްބަރުންނާއި މީޑިއާ ކައުންސިލްގެ މެމްބަރުން. ފޮޓޯ: ނިޝާން އަލީ/ މިހާރު

މީގެ އިތުރުން މުއައްސަސާއެއް ނުވަތަ މުއައްސަސާއެއްގައި ހުރި މީހެއްގެ ވާހަކަ ރިޕޯޓު ކުރުމުގެ ހައްގު ނޫސްވެރިޔާ އަށް ލިބޭ ގޮތަށް އޮތުމަކީ މީޑިއާ ކައުންސިލުން އެދޭ ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

މީޑިއާ ކައުންސިލުން ބުނީ އަބުރާ ބެހިގެން ޖޫރިމަނާގެ ގޮތުގައި ބައި ލައްކަ ރުފިޔާ އިން ފެށިގެން ދެ މިލިއަން ރުފިޔާގެ އަދަދެއް ކަނޑައަޅާފައި ވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ބިލްގެ ވަކިވަކި މާއްދާތަކަށް އިސްލާހު ހުށަހަޅަން ތާއީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެންވެ، މީޑިއާ ކައުންސިލުން އެދުނީ ސިވިލް ސާވަންޓެއްގެ އަހަރު ދުވަހުގެ މުސާރަ އަށް ވުރެ ބޮޑު ނުވާ އަދަދަކަށް ޖޫރިމަނާ އަދަދު ކަނޑައަޅައި ދިނުމަށެވެ.

"އަބުރާ ބެހިގެން މިހާރު 5000ރ. އޮންނާނީ ދައްކަން. އަޅުގަނޑުމެންނަށް މައްސަލައެއް ނެތް އަދަދު ބޮޑު ކުރަމަކުން، އެކަމަކު ބިލުގައި އޮތީ މާ ބޮޑު އަދަދެއް، އެ އަށް ބަދަލު ގެންނަން ޖެހޭ،" ހަމްދޫން ވިދާޅުވި އެވެ.

މީގެ އިތުރުން އަބުރާ ބެހުމަކީ ތިން ވަނަ ފަރާތެއްގެ ނަޒަރުގައި މުޖުތަމައުގެ ކުރިމަތީގައި މީހެއްގެ ނަމަށް ނުވަތަ ގަދަރަށް ނުވަތަ އިއްޒަތަށް އުނިކަން ލިބިގެންދާނެ ފަދަ އެއްޗެއް ސިފަ ކުރެވިގެން ނުވަތަ ވިސްނިގެން ނުވަތަ ދޭހަ ކުރެވުން ކަމަށް ބިލުގައި އޮތުމުން މީޑިއާ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެގޮތުން އެ ބިލުގައި ތިން ވަނަ ފަރާތަކީ ޒިންމާދާރު މީހަކަށް ވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. މީޑިއާ ކައުންސިލްގެ މެމްބަރު ހުސައިން ހަސަން ވިދާޅުވީ ބިލް ފަރުމާކޮށްފައި އޮތީ ވަރަށް ފަސޭހަ އިން ކުށްވެރިވާ ގޮތަށް ކަމަށާއި ބިލުގައި މާ ބޮޑު ތަފްސީލެއް ނެތް ކަމަށެވެ. އެހެންވެ، ބިލު ފާސް ކުރާ އިރު، ތަފްސީލް ކޮށްދީ ބިލުގައި ބުނާ ފިޔަވަޅުތައް ލުއި ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މީޑިއާ ކައުންސިލުން ބުނީ ބިލު ފަރުމާކޮށްފައި އޮތް ގޮތުން ފަސޭހަ އިން ކުށްވެރިވާ އިރު، ހަމަހަމަކަމާ އެކު އަމަލު ކޮށްފާނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. އެހެންވެ، ބިލް ބަލައި ނުގަންނާނެ ކަމަށާއި ބިލް އިސްލާހު ކުރަން ފުރުސަތު ދޭނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.