އަޑުއެހުމަކަށް ފާރިސް ކޯޓަށް ވައްދަނީ. އޭނާއާ ދެކޮޅަށް ދައުލަތުން ތިން ދައުވާއެއް ކުރާއިރު، އެ މައްސަލަތައް ކޯޓުގައި ދަނީ ހިނގަމުން. --މިހާރު ފޮޓޯ/ހުސައިން ވަހީދު
21 މެއި 2018 - 11:14
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ގާނޫނާ ޚިލާފަށް ޖަލުގައި ބަންދުކޮށްފައި ހުންނަތާ 10 މަހަށް ވުރެ ގިނަ ދުވަސްވި އިރު، އޭނާގެ އަޒުމަށް ކުޑަވެސް ގުޑުމެއް ނާންނާނެ ކަމަށް، ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ރޭ ބުނެފި އެވެ.
ރިޝްވަތު ދިނުމުގެ ތުހުމަތުގައި މިދިޔަ އަހަރުން ފެށިގެން ހައްޔަރުކޮށްގެން ގެންގުޅުމަށް ފަހު، ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި، މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ހައްޔަރުކުރި ފާރިސްއާ ދެކޮޅަށް ދައުލަތުން ތިން ދައުވާއެއް ކުރެ އެވެ. އެއީ ޝަހްސު އޮޅުވައިލުމުގެ ދައުވާ އާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމުގެ ދައުވާ އާއި މިދިޔަ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެ ކުރާ ޓެރަރިޒަމްގެ ދައުވާ އެވެ.
އިދިކޮޅު ޕާޓީތަކުން ނެރުނު ބަޔާނެއްގައި ބުނީ ފާރިސް ޖަލުގައި ހުންނަން ޖެހިވަޑައިގަންނަވާ ހަމައެކަނި ސަބަބަކީ ސަރުކާރުގައި ތިބި ބަޔަކު ސިޔާސީ މަގްސަދެއް ހާސިލް ކުރުން ކަމަށެވެ. ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި ފާރިސް ފުރަތަމަ ހައްޔަރު ކުރީ 18 ޖުލައި 2017 ގަ އެވެ.
ފާރިސް އަށް އެ ތުހުމަތު ކުރީ، މަޖިލީހުގެ މަސައްކަތްތައް އެންމެ އެދެވޭ ގޮތުގައި ނުހިނގާ ކަމަށް ގަބޫލު ކުރެވިގެން ދިއުމުން އެ ކަންކަން ރަނގަޅު ކުރުމުގެ މަގްސަދުގައި މަޖިލީހުގައި ހިމެނޭ ޕާޓީތަކާ އަމިއްލަ މެމްބަރުންނާއެކު ފެށި އިސްލާހީ މަސައްކަތުގެ ތެރެއިން ކަމަށް އެ ބަޔާނުގައިވެ އެވެ.
ބަޔާނުގައި ބުނި ގޮތުގައި ރިޝްވަތު ދިން ކަމަށް ފާރިސަށް ތުހުމަތު ކުރެވޭ މައްސަލަ އާހިރުގައި ވެގެން ދިޔައީ ބައެއް މެމްބަރުން ފާހަގަ ކުރާ ފަދަ އިން އަސްލެއް ނެތް ކަމަކަށެވެ.
"އެ މެމްބަރަކަށް ފާރިސް ރިޝްވަތު ދިން ކަމަށް ބުނާ މެމްބަރު، ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެ، ވުޟޫ މަތީގައި ހުރެ މާތް ﷲ ގެ ކަލާމްފުޅުގައި އަތްލުމަށް ފަހު ކުޅަ ހުވާގެ މަތީގައި ދިން ހެކި ބަހުގައި މުތުލަގަށް ބުނެފައިވަނީ، ފާރިސް އޭނާ އަށް އެއްވެސް ރިޝްވަތެއް ދީފައިނުވާ ކަމަށެވެ،" ބަޔާނުގައިވެ އެވެ.
"މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހެޅުމަށް ތައްޔާރު ކުރި ޕެޓިޝަންގައި ސޮއިކުރީ އަމިއްލަ އަށް ފެނިގެން ކަންކަން އިސްލާހުކުރުމަށް ކަމުގަ އެވެ. މައްސަލަ ސާބިތުވާނެ އިތުރު އެއްވެސް ގޮތެއް ނެތެވެ،"
ބަޔާނުގައި ބުނި ގޮތުގައި މަޖިލީހުގެ އެ މެމްބަރުގެ ވާހަކަތަކުން ހާމަވި ކަމަކީ ފާރިސް ބަންދު ކުރީ އެއްވެސް އަސާސެއް އަދި ހަގީގަތެއް ނެތް ކަމެއްގެ މައްޗަށް ބިނާކޮށް ކަމެވެ. އަދި ފާރިސްގެ މައްސަލަ ތަހުގީގު ކުރި މީހުން ދޮގު ހެއްކާއި ބަޔާންތައް ތައްޔާރުކޮށްފައިވާ ކަން ހާމަވެފައިވާ ކަމަށް ބަޔާނުގައިވެ އެވެ. މިކަމުގައި ޒިންމާވާ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ބަޔާނުގައިވެ އެވެ.
އިދިކޮޅު ބަޔާނުގައި ބުނި ގޮތުގައި މިއަދު ފެނިގެން މިދަނީ ދިވެހި ދައުލަތުގެ ހުރިހާ ބާރުތަކެއް ވަކި މީހެއްގެ މުށުތެރެ އަށް ލައިގެން ގައުމު ސުންނާފަތި ކުރަމުންދާ މަންޒަރެވެ. ގައުމުގެ އެންމެ މުހިއްމު ބާރު ކަމުގައިވާ އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރު އޮތީ ކަސްތޮޅު އަޅުވާފައި ކަމަށް ބަޔާނުގައިވެ އެވެ.
ގުޅިފައިވާ ޕާޓީތަކުން ވަނީ ފާރިސް މައުމޫނާއި ސިޔާސީ ހައްޔަރީންނަށް ކުރާ އަނިޔާ ހުއްޓާލައި ހުރިހާ އެންމެން ދޫކޮށްލުމަށް ގޮވާލައިފަ އެވެ. އަދި އިސްލާހީ މަސައްކަތް ނިމިގެން ދާނީ ދިވެހިން އަޅުވެތިކަމުން ސަލާމަތްކޮށް އަމާން އައްސޭރިއަކަށް ގެންދިއުމަށް ފަހު ކަމަށް ބަޔާނުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑީޑީ ތަ ޑީޑީ
22 May 2018
އަޒުމް ގުޑުވަނި ކީއްކުރަން ވެރިކަމަށް ފެންބޮވާގަނެފަވިއްޔާ
ގޯ
21 May 2018
ފާރިޝަށް ޒިންދާބާދު. ތިޔައީ ހިތްވަރުގަދަ ލީޑަރެއް
ފާއިޒް
21 May 2018
ހެޔޮނުގުޑިއަސް ... ތިޔަ އަޒުމުތަށް 30 އަހަރުވަންދެވް އަރުތެރޭގަ ނުފިލާ އެބަހުެި
ސޮފީ
21 May 2018
ތިޔަ ނުގުޑާފަދަ އަޒުމުން ބައްޕާފުޅު އެމްމެ އަޅާލުން ލިބެނެޖެހޭވަގުތު އެހުންނެވީ ޖަލުގޭގައި...
ކުނިކަހާ ކަތްދަ
21 May 2018
ތިޔަ ނުގުޑާފަދަ އަޒުމު ގައުމަށް އަދި ކިއެއްތަ ތިޔަ އާއިލާވީ ފައިދާއެއްނެތް.. ގުޑިއަސް ނުގުޑިއަސް އަހަރެމެން ނިކަމެތި މީހުންނަށް ވާކަމެއް ހަރާމް
އަހުމަދު ސަލީމް
21 May 2018
އަޒުމެއް އޮވެގެންތާ ގުޑުވާލެވޭނީ... މަހުވައި!