ޚަބަރު / ކްރިމިނަލް ކޯޓް

މައުމޫނާއި ދެ ފަނޑިޔާރުންގެ ވަކީލުން ނެތަސް، ޝަރީއަތުގައި ހެކިބަސް ނެގުން ކުރިއަށް

މައުމޫނާއި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު: އެ ބޭފުޅުންގެ ފޯނު ދޭން އިންކާރު ކުރި މައްސަލާގައި ތިން މީހެއްގެ ހެކިބަސް މިރޭ ވަނީ ނަގާފައި ---ފޮޓޯ/މިހާރު

ކުރީގެ ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ފޯނު ފުލުހުންނަށް ދޭން އިންކާރު ކުރި މައްސަލައިގެ ހުރިހާ ދިފާއީ ވަކީލުން މައްސަލަ ދޫކޮށް ލިޔަސް، އެ މައްސަލާގައި ދައުލަތުން ހުށަހެޅި ބައެއް ހެކިންގެ ހެކިބަސް މިރޭ ނަގައިފި އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ މައުމޫނާއި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ހައްޔަރު ކުރުމަށް ފަހު، އެ ބޭފުޅުންގެ ފޯނު ދޭން ފުލުހުން އެންގުމުން އެ ކަމަށް އިންކާރު ކުރެއްވި ކަމަށް ބުނެ އެ ތިން ބޭފުޅުންނަށް ދައުލަތުން ކުރާ އަދުލު އިންސާފު ގާއިމް ކުރުމުގެ ދައުވާގައި މައުމޫންގެ ވަކީލުން ރޭ މައްސަލަ ދޫކޮށްލާފައި ވަނިކޮށް، ދެ ފަނޑިޔާރުންގެ ވަކީލުން ވެސް މިރޭގެ އަޑުއެހުމުގައި ވަނީ އެ މައްސަލާގައި ވަކާލާތު ކުރުން ދޫކޮށްލައި، ކޯޓުން ނުކުމެފަ އެވެ. ހުރިހާ ވަކީލުން ވެސް މައްސަލަ ދޫކޮށްލީ ޝަރީއަތް ކުރިއަށް ގެންދާ ގޮތާ މެދު ހިތްހަމަނުޖެހޭ ކަމަށް ވިދާޅުވެ އެވެ.

ދައުލަތުން ހުށަހެޅި ސިއްރު ހެކިންގެ ހެކިބަސް ނަގަން ހަމަޖެހިފައި ވަނިކޮށް، ހުރިހާ ދިފާއީ ވަކީލުން މައްސަލަ ދޫކޮށްލައި، ކޯޓުން ނުކުމެވަޑައިގަތުމުން މައުމޫނާއި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ވެސް ޝަރީއަތުގެ މަޖިލީހުގައި ވާހަކަފުޅު ދެއްކެވުމާއި ހެކިންނާ ސުވާލު ކުރުން ފަދަ ކަންކަން ކުރައްވަން ޖެހިވަޑައިގަތީ އަމިއްލަފުޅަށެވެ.

ކުރިން ހެކިބަސް ދިން މީހަކު އަނެއްކާ ހެކިބަސް ދޭތީ އުއްތަމަ ފަނޑިޔާރުގެ ކަންބޮޑުވުން

މިރޭގެ އަޑުއެހުމުގައި، ސިއްރުން ހެކިބަސް ދިން އެއް ހެކިވެރި އަކީ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ ބޭފުޅުންގެ މައްޗަށް މިހާރު ސާބިތުވެފައިވާ ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި މައްސަލާގައި ވެސް ހެކިބަސް ދިން މީހެކެވެ. މިރޭގެ އަޑުއެހުމުގައި ވެސް ހެކިބަސް ދެމުން އޭނާ ބުނެފައި ވަނީ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ބައެއް މައްސަލަތަކާ ގުޅިގެން އޭނާ އަށް ގުޅައި، ވާހަކަ ދެއްކެވި ކަމަށެވެ. އަދި އޭނާ ވަކި ގޮތަކަށް އަމަލު ކުރުމުން އޭނާ އަށް ފަނޑިޔާރު އަލީ ހަމީދު ޝުކުރު އަދާ ކުރެއްވި ކަމަށް ވެސް އެ ހެކިވެރިޔާ ބުންޏެވެ.

އެގޮތަށް، އޭނާ ހެކިބަސް ދޭން ފެށުމުން އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ވެސް ވަނީ އޭނާ އަކީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި މައްސަލާގައި ވެސް ހެކިބަސް ދިން މީހެއް ކަން ފާހަގަކުރައްވައި، އެކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ނުފޫޒު ފޯރުވި މައްސަލައިގެ ދައުވާ ސާބިތުވެ، އަދަބު އައިސްފައި ވަނިކޮށް، އެ ހެކިވެރިޔާގެ ހެކިބަސް ބޭނުން ކޮށްގެން އިތުރު ދައުވާއެއް ސާބިތު ކުރަން އުޅުމަކީ އެއް ކުށަކަށް ދެ ފަހަރު އަދަބު ދިނުން ކަމަށާއި އެއީ ގާނޫނީ ގޮތުން މަނާ ކަމެއް ކަމަށް ވިދާޅުވެ، ދެ ފަނޑިޔާރުން އެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ރައްދުގައި ދައުލަތުގެ ވަކީލާ އައިޝަތު ރީޝާ ވިދާޅުވީ، ނުފޫޒު ފޯރުވި މައްސަލާގައި އެ ހެކިވެރިޔާ ހެކިބަސް ނަގާފައި ވިޔަސް، މި މައްސަލާގައި އޭނާގެ ހެކިބަސް ނަގަނީ މުޅިން އެހެން ކަމެއް ސާބިތު ކުރަން ކަމަށެވެ.

ބައެއް ޝަރީއަތްތަކާ ގުޅޭ ލިޔުންތައް އަލީ ހަމީދާ، މައުމޫން ހަވާލުކުރި

މިރޭ ދެން ހެކިބަސް ދިނީ ކޯޓުތަކުގައި ހިނގަމުންދާ ބައެއް މައްސަލަތަކާ ގުޅިގެން މައުމޫންގެ ފަރާތުން ފަނޑިޔާރު އަލީ ހަމީދާ ބައެއް ލިޔުންތައް ހަވާލުކުރި ކަމަށާއި އަދި އެ ދެ ބޭފުޅުން ފޯނުން މުއާމަލާތު ކުރާ ކަމަށް ބުނާ މީހެކެވެ.

ކާކުކަން ނޭނގޭ ގޮތަށް ސިއްރުން ހެކިބަސް ދިން އެ މީހާ ބުނިގޮތުގައި، އެކިއެކި ޝަރީއަތްތަކާ ގުޅޭ ލިޔުންތައް މައުމޫން، އޭނާއާ ހަވާލު ކުރެއްވުމުން އެ ލިޔުންތައް ހިފައިގެން އަލީ ހަމީދު ގާތަށް އޭނާ ވަނީ އެކިފަހަރު މަތިން ގޮސްފަ އެވެ. އެގޮތުން، ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ ލީޑާޝިޕާ ގުޅޭ މައްސަލައެއް ހައި ކޯޓުން ނިންމި ދުވަސްވަރު ވެސް މައުމޫން ހަވާލުކުރި ލިޔުންތަކެއް ފަނޑިޔާރު އަލީ ހަމީދަށް އޭނާ ފޯރުކޮށްދިން ކަމަށް ވެސް އެ ހެކިވެރިޔާ ބުންޏެވެ.

މީގެ އިތުރުން، މައުމޫނާއި ފަނޑިޔާރު އަލީ ހަމީދުގެ ވަޓްސްއެޕް މެދުވެރިކޮށް ފޯނުން ވެސް ވާހަކަ ދައްކަވާ ކަމަށާއި ބައެއް ފަހަރު އޭނާގެ ފޯނުން ވެސް އަލީ ހަމީދަށް މައުމޫން ގުޅުއްވާ ކަމަށް ހެކިވެރިޔާ ބުންޏެވެ. އަދި މައުމޫނާއި ފަނޑިޔާރު އަލީ ހަމީދު ގެންގުޅުއްވާ ފޯނު ނަމްބަރުތައް ވެސް އޭނާ ކިޔައިދިނެވެ.

އެ ހެކިބަހާ ގުޅިގެން މައުމޫން ވިދާޅުވީ އިސްލާމީ ޝަރީއަތުގައި ސިއްރު ހެކި ކިޔާ އެއްޗެއް ނޯންނާނެ ކަމަށާއި ހެކިބަސް ދޭން ޖެހޭނީ އެންމެންނަށް ފެންނަ ގޮތަށް ކަމަށެވެ. އަދި ހެކިވެރިޔާ އެ ދައްކާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ،

ހެކިވެރިޔާގެ ހެކިބަހާ ގުޅިގެން، ފަނޑިޔާރު އަލީ ހަމީދު ވަނީ އެއީ ކޮން ތާރީޚެއްގެ ވާހަކަތަކެއްތޯ ވިދާޅުވެ، އޭނާއާ ސުވާލު ކުރައްވައިފަ އެވެ. ޖަވާބުގައި ހެކިވެރިޔާ ބުނީ އެއީ 2013 އާއި 2014 އާ ދެމެދުގެ ދުވަސްތަކެއްގައި ހިނގި ކަންތައްތަކެއް ކަމަށެވެ.

ހެކިވެރިޔާގެ އެ ވާހަކަތަކަކީ ދޮގެއް ކަމަށް ވިދާޅުވެ، ފަނޑިޔާރު އަލީ ހަމީދު ވިދާޅުވީ އޭނާގެ ފޯނު ނަމްބަރު ކަމަށް ބުނެ ހެކިވެރިޔާ ޝަރީއަތަށް ކިޔައިދިން ނަމްބަރު އޭނާ ގެންގުޅެން ފެށީ ވެސް 2014 ގެ ފަހުން ކަމަށެވެ. އަދި ހެކިވެރިޔާ ބުނަނީ މުޅިން ވެސް ދޮގު ވާހަކަތަކެއް ކަމަށް އަލީ ހަމީދު ވިދާޅުވި އެވެ.

އެގޮތަށް އަލީ ހަމީދު ވިދާޅުވުމުން ދައުލަތުން ވަނީ އެ ހެކިވެރިޔާއާ އިތުރަށް ސުވާލުކޮށް، ޕީޕީއެމްގެ ލީޑަޝިޕާ ގުޅޭ މައްސަލަ އަކީ ކޮން އަހަރެއްގެ މައްސަލައެއްތޯ ސުވާލުކޮށްފަ އެވެ. ޖަވާބުގައި އޭނާ ބުނިގޮތުގައި ހަނދާންވާ ގޮތުން އެއީ 2016 ގެ މައްސަލަ އެކެވެ.

އެގޮތަށް ހެކިވެރިޔާ ބުނުމުން ފަނޑިޔާރު އަލީ ހަމީދު ވަނީ ޕީޕީއެމްގެ ލީޑަޝިޕްއޭ ހެކިވެރިޔާ ބުނަނީ ކޮން ކަމެއްގެ ވާހަކައެއްތޯ ވިދާޅުވެ ސުވާލު ކުރައްވައިފަ އެވެ. އެ ސުވާލު ތަކުރާރުކޮށް ހެކިވެރިޔާއާ ކުރެއްވުމަށް ފަހު، ފަނޑިޔާރު އަލީ ހަމީދު ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގު ކަމަށާއި އަދި "ދޮގު ހެކިބަސް ދޭ މީހުންނަށް އޮންނާނީ ނަރަކައިގެ އަލިފާން" ކަމަށެވެ.

ސުޕްރީމް ކޯޓުގެ މުވައްޒަފެއްގެ ހެކިބަސް

ތިން ވަނައަށް މިރޭ ހެކިބަސް ދިނީ ސުޕްރީމް ކޯޓުގެ މުވައްޒަފެކެވެ. ސިއްރުން ހެކިބަސް ދިން އެ މުވައްޒަފު ދައުލަތުން ހުށަހަޅާފައި ވަނީ ސުޕްރީމް ކޯޓުގައި ފޯނު ގެންގުޅުން މަނާ އެއްވެސް ތަނެއް ނޯންނާނެ ކަން ސާބިތު ކުރުމަށެވެ. ހެކިބަސް ދެމުން އޭނާ ބުނީ މުވައްޒަފުން ވަކި ސަރަހައްދުތަކެއްގައި ފޯނު ގެންގުޅުން މަނާ ކަމަށާއި އެކަމަކު ފަނޑިޔާރުން ފޯނު ގެންގުޅުން މަނާ ތަނެއް ހުންނަ ކަން ނޭނގޭ ކަމަށެވެ. އަދި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދަކީ ވެސް ފޯނު ގެންގުޅުއްވާ ބޭފުޅުން ކަމަށް އޭނާ ބުންޏެވެ.

އެ ހެކިވެރިޔާގެ ހެކިބަހާ ގުޅިގެން އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ވެސް ގިނަ ސުވާލުތަކެއް ހެކިވެރިޔާއާ އަމާޒުކުރި އެވެ. އެގޮތުން ކޯޓުގައި ފޯނު ގެންގުޅުމުގެ އިޖްރާއާތުތަކެއް އޮންނަ ކަން އެނގޭތޯ އާއި ޝަރީއަތުގެ މަޖިލީހުުގައި ފަނޑިޔާރުން ފޯނު ގެންގުޅޭތޯ އާއި ފަނޑިޔާރުންގެ ޑެލިބަރޭޝަން ކޮޓަރީގައި ފޯނު ގެންގުޅޭތޯ އާއި ދެ ފަނޑިޔާރުން ހައްޔަރު ކުރި ރޭ ފަނޑިޔާރު އަލީ ހަމީދަށް ގުޅުނުތޯ ވިދާޅުވެ ވެސް އެ ހެކިވެރިޔާއާ އެ ދެ ބޭފުޅުން ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި ހެކިވެރިޔާ ބުނީ ޝަރީއަތުގެ މަޖިލީހުގައި ފޯނު ގެންގުޅޭ މަންޒަރެއް އޭނާ އަށް ފެނިފައި ނުވާ ކަމަށާއި އަދި ފޯނު ގެންގުޅުމާ ބެހޭ އިޖްރާއާތެއް ކޯޓުގައި އޮންނަ ކަން ވެސް ނޭނގޭ ކަމަށެވެ. އަދި ޑެލިބަރޭޝަން ކޮޓަރީގައި ބައެއް ފަހަރު ފަނޑިޔާރުން ފޯނު ގެންގުޅުއްވާ މަންޒަރު ފެނިފައި ވިޔަސް، ޑެލިބަރޭޝަން ހިނގަމުންދާ ވަގުތެއްގައި ފަނޑިޔާރުން ފޯނު ގެންގުޅުއްވާ ތަނެއް ފެނިފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނިގޮތުގައި، ފަނޑިޔާރުން ހައްޔަރުކުރި ރޭ އަލީ ހަމީދު ގެ އަށް ވަޑައިގަތުން ލަސްވެގެން އެ ގެއިން އެ ހެކިވެރިޔާ އަށް ގުޅި އެވެ. އެކަމާ ގުޅިގެން، އަލީ ހަމީދަށް ގުޅަން އެ ހެކިވެރިޔާ ވެސް މަސައްކަތް ކުރި ކަމަށާއި އެކަމަކު އަލީ ހަމީދުގެ ފޯނަށް އެރޭ ނުގުޅޭ ކަމަށް ވެސް އޭނާ ބުންޏެވެ.

ޝަރީއަތް ހިނގާ ގޮތާ މެދު މައުމޫނާއި އުއްތަމަ ފަނޑިޔާރުގެ ކަންބޮޑުވުން

މިރޭގެ އަޑުއެހުމުގައި މައުމޫނާއި އުއްތަމަ ފަނޑިޔާރު ވެސް ވަނީ އެ ޝަރީއަތް ކުރިއަށް ގެންދާ ގޮތާ މެދު ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.

މައުމޫން ވިދާޅުވީ، އެމަނިކުފާނުގެ ސިއްހީ ހާލަތު ހުރިގޮތުން ރޭގަނޑު ދަތުރުފުޅު ކުރެއްވުމާއި ކޯޓުގައި ގިނައިރު ވަންދެން ހުންނެވުމަށް ދަތިވާ ކަމަށާއި މިރޭގެ އަޑުއެހުމަށް ވެސް ވަޑައިގަތީ "މަޖުބޫރުވެގެން" ކަމަށެވެ. ސަބަބެއްގެ ގޮތުގައި އެމަނިކުފާނު ވިދާޅުވީ ކޯޓަށް ހާޒިރު ނުވެއްޖެ ނަމަ، އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ބައެއް އިނާޔަތްތައް ކަނޑާލަފާނެތީ އެވެ. އަދި އެ މައްސަލައިގެ ރޭގެ އަޑުއެހުން ވެސް ނިމުނީ ވަރަށް ލަސްވި ފަހުން ކަމަށް ވާތީ އެމަނިކުފާނު މިއަދު ރޯދަ އަށް ހުންނެވުމުގައި ވަރަށް ބޮޑަށް ދަތިފުޅުވި ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

"ހިތްވަރު ކޮށްލައިގެން ވެސް މިއަދު ރޯދަ އަށް ހުރެވުނީ ވެސް ހަމަ ކިރިޔާ،" ކޯޓުގައި އޮންނަ އާންމު އުސޫލުން ތެދުވެ ހުންނަވައިގެން މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ އުމުރުފުޅުން ދުވަސްވެފައި ހުންނެވުމުން ދަތުރުފުޅު ކުރެއްވުމާއި ކޯޓުގައި އިންނެވުމަށް ގިނަ ދަތިތަކެއް ކުރިމަތިވެވަޑައިގަންނަވަ އެވެ. އެ ކަންކަމަށް ރިއާޔަތް ކުރެއްވުމަށް ގާޒީ އާއި ދައުލަތުގެ ކިބައިން އެމަނިކުފާނު އެދިވަޑައިގަތެވެ.

"އަޅުގަނޑަކީ ޕްރޮސެކިއުޓާ ޖެނެރަލް ތަމްސީލު ކުރަން ތިއްބެވި ބޭފުޅުންގެ އުމުރުގެ މީހެއް ނޫން. އެ ބޭފުޅުންގެ ބައްޕަ ނުވަތަ ކާފަމެންގެ އުމުރުގެ މީހެއް އަޅުގަނޑަކީ،" އެމަނިކުފާނުުގެ އުމުރުފުޅާއި ސިއްހީ ހާލަތަށް ރިއާޔަތް ކުރެއްވުމަށް އެދިވަޑައިގަންނަވަމުން މައުމޫން ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ވެސް ވިދާޅުވީ ރޭގެ އަޑުއެހުން ނިމުމަކަށް ފަހު އެމަނިކުފާނު ރޯދަަ އަށް ހުންނަވަން ޖެހުނީ އިތުރު އެއްޗެއް ފަރިއްކުޅުއްވުމެއް ނެތި ކަމަށެވެ. ޝަރީއަތް ކުރިއަށް ގެންދާ ގޮތާ މެދު ކަންބޮޑުވުން ފާޅު ކުރައްވައި، އެމަނިކުފާނު ވިދާޅުވީ އެ ބޭފުޅުންނާ މެދު އަމަލު ކުރަނީ ވަރަށް ލާއިންސާނީ ގޮތަކަށް ކަމަށެވެ.

އެ މައްސަލާގައި މާދަމާ ރޭ ވެސް އަޑުއެހުމެއް ބާއްވާނެ އެވެ. މާދަމާ ވެސް އޮންނާނީ ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް ނެގުމެވެ.

7 ކޮމެންޓް, 29 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 14%
icon angry icon angry 86%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖޯރޭ

31 May 2018

ރޯދަމަހުގެ ރޭގަނޑުގެ އަޅުކަމުން މަހުރޫމުވާގޮތަށް ޝަރީއަތްތައް ކުރިއަށް ގެންދިއުމަކީ ވަރަށް ދެރަކަމެކެވެ. ފަހުދިޔައިގެ ދުވަސްތަކުގައި މުސްލިމު އަޚުން ރޭ އަޅުކަމުން މަހުރޫމް ކުރުމަށް މަޖުބޫރު ކުރަނީ ކޮންފަރާތަކުން އަންގަވައިގެންތޯއެވެ. މިއީ ފެންކައްކާ ބޮލީގެ އިއްޒަތްދޭ ސަރުކާރެއްކަން ހަދުމަފުޅު ނެތީތޯއެވެ.

The name is already taken The name is available. Register?

ފޫޅު ދިގު ހަންޑި

31 May 2018

ސާބަހޭ ގައުމުގެ އަދުލު އިންސާފު ނަގާލައިފި. ހިތުހުރި ގޮތަކަށް ޤާނޫނު ބަދަލު ކޮއްލަމުން ތި ގެންދަވަނީ. ޝުކުރިއްޔާ ޔާމީން.

The name is already taken The name is available. Register?

އަނިޔާއަށް ބޯނުލަނބާނަން

31 May 2018

މި ޝަރީޢަތްތައް މިހިނގަނީ އިސްލާމްދީނުގައި ޝަރީއަތް ކުރުމުގަ އޮންނަ އުޞޫލުންތޯ ސުވާލު އުފެދޭ؟

The name is already taken The name is available. Register?

ކޮރި ބޯށި

31 May 2018

ވެރިކަން ބަދަލްވެ ޔާމިންގެ ބާރު ކެނޑުމުން ނާއިންސާފުން ހުކުމް ކުރާ ހައިލަމް ކަހަލަ ފަނޑިޔާރުންނާ ދެކޮޅަށް ޖިނާއީ ދައުވާ ކުރެވެން ޖެހޭނެ. ނާއިންސާފުން ހުކުމް ކުރާ ފަނޑިޔާރުން މަތީން ހަދާން ނައްތާލައިގެން ނުވާނެ.

The name is already taken The name is available. Register?

ވެލިދޫ މީހާ

31 May 2018

ވަރަށް ރަނގަޅު ވާހަކަ އެއް ތީ؟ މި ފަނޑިޔާރުން ނަށް ރަނގަޅު ފިލާވަޅެއް ދޭން އެބަ ޖޭހޭ، ބޭއިންސާފުން ހުކުމް ކުރާ ފަނޑިޔާރުން

The name is already taken The name is available. Register?

ޒައިދު

31 May 2018

ފަނޑިޔާރުން ނަށް ހެއުވިސްނުންދެއްވާ ފަނޑިޔާރުން ނަށް އޮތް އިންޒާރު ހަނދުމަކުރައްވާށި

The name is already taken The name is available. Register?

ކެވެލި

31 May 2018

ތި ޙުކުމް އޮތީ މިހާރު ލިއެ ނިމިފައި. ދެން ޑްރާމާ ނުކުޅެ ޙުކުމް ކުރީމަ ނިމުނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454