އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން އެ ޕާޓީގެ ހަރުގޭގައި މިދިޔަ ބުދަ ދުވަހު ކުރިއަށް ގެންދަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
03 ޖޫން 2018 - 14:02
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އިސްކޮށް އުޅުއްވި ބޭފުޅުންގެ މައްސަލަތައް ތަހުގީގުކޮށް އެ ބޭފުޅުންނަށް ފިޔަވަޅު އަޅައި ދިނުމަށް ފުލުހުންގެ ކިބައިން އެދެން އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމައިފި އެވެ.
އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ، މިދިޔަ ބުދަ ދުވަހު ބޭއްވި ޕްރައިމަރީގައި އިސްކޮށް އުޅުއްވި ބޭފުޅުންނަށް ފިޔަވަޅު އަޅައި ދިނުމަށް ފުލުހުންގެ ކިބައިން އެދެން ނިންމީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ހަތް ވަނަ މާއްދާ (ށ) ގެ ދަށުން ކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ހަތް ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ، ޕާޓީގެ މަގާމަކަށް އިންތިޚާބު ކޮށްފައިވާ ނުވަތަ އައްޔަން ކޮށްފައިވާ ނުވަތަ ރާއްޖޭގައި ބާއްވާ އިންތިޚާބަކަށް ޕާޓީގެ ނަމުގައި ކުރިމަތިލާފައިވާ މީހަކު ވެސް އަދި ޕާޓީގެ ނަމުގައި އެ އިންތިޚާބެއް ކާމިޔާބު ކޮށްފައިވާ މީހަކު ވެސް، އެ މާއްދާގެ (ހ) ގައި ބުނާ ކަމެއް ކޮށްގެން ނުވާނެ ކަމަށެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ހަތްވަނަ މާއްދާގެ (ހ) ގައި ވަނީ ސިޔާސީ ޕާޓީތަކުން ކޮށްގެން ނުވާނެ ކަންކަމެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަނި ބައިވެރިވެވަޑައިގެން ބޭއްވި ޕްރައިމަރީ ކުރިއަށް ގެންދިޔައީ ގާނޫނާ ޚިލާފަށް ކަމަށް ވާތީ، އެމްޑީޕީއާ މެދު ވެސް ފިޔަވަޅު އަޅަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ކަމަށް އަކްރަމް ވިދާޅުވި އެވެ.
"އެކަމަކު އަޅާނެ ފިޔަވަޅެއް، ދެން އޮންނަ ބައްދަލުވުމެއްގައި ނިންމަން ކަނޑައެޅީ. އެއީ ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ވެސް ނިންމުމަށް ފަހު،" އޭނާ ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި އެމްޑީޕީއާ މެދު ފިޔަވަޅު އަޅަނީ ސިޔާސީ ޕާޓީގެ ގާނޫނުގެ 31 ވަނަ މާއްދާ އާއި 49 ވަނަ މާއްދާގެ ދަށުންނެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 31 ވަނަ މާއްދާގައި ބުނެފައި ވަނީ، ހައި ކޯޓަށް ހުށަހަޅައިގެން ޕާޓީ އުވާލެވޭނެ ހާލަތްތަކެވެ. އޭގެއިތުރުން ދެން ހަވާލާދީފައިވާ މާއްދާގައި ވަނީ ޕާޓީ ޖޫރިމަނާ ކުރުމެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވީ، ނަޝީދަކީ ޖަލު ހުކުމެއްގައި ހުންނެވި ބޭފުޅަކަށް ވާއިރު، އެމަނިކުފާނު ބައިވެރިވެވަޑައިގެން ބާއްވާ ޕްރައިމަރީއެއް ގަވާއިދާ ޚިލާފު ވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އަންގައި އެކަން އެގޮތަށް ނުކުރުމަށް ސިވިލް ކޯޓުން އަމުރުކޮށްފައި ވަނިކޮށެވެ. އަދި ކޯޓު އަމުރުގައި ފުލުހުންނަށް އަންގާފައިވާ ގޮތުގެ މަތިން، ޕްރައިމަރީ ހުއްޓުވަން ފުލުހުން ހަރަކާތްތެރިވި ނަމަވެސް އެމްޑީޕީން އެ އަށް ތަބާނުވެ، ޕްރައިމަރީ ކުރިއަށް ގެންގޮސް ނަތީޖާ ވެސް އިއުލާން ކުރި އެވެ.
ނަޝީދު، ޕްރައިމަރީ ކާމިޔާބު ކުރެއްވީ 43،922 ވޯޓުންނެވެ. ނަމަވެސް އެއީ ގާނޫނާ ޚިލާފަށް ބޭއްވި ޕްރައިމަރީއެއް ކަމަށް ކަނޑައަޅައި، އެ ޕްރައިމަރީ ގަބޫލު ނުކުރަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޑޫ ބެއްޔާ
04 June 2018
ޤާނޫނު އެއްކޮށް ކިޔައިފިން، އެއަކުން ނުފެނުނު އީސީ އަށް ޒިއްމާދާރުވާން ޖެހޭ ވާހަކައެއް އަދި މާފަހުން ހެދި ޕޭރޯލް ބޯޑެއްގެ ޤަވާއިދެއް ތަންފީޒުކޮށްދޭންޖެހޭ ވާހަކައެއްވެސް.
ދަނޑިމަރު
04 June 2018
ކޮންކަމެއް ކުރެވޭނީ. ފިޔަވަޅު އަޅާބަލަ.
ޝީފެންގޔޫ
03 June 2018
ރޯދަމަހެއް ނިމިގެންދަނީ، ނޫސްތަކުގަ މުޅިންވެސް މީހުން ޖަލަށްލާ ވާހަކައާއި ޖަލަށްލާފަ އެވަރުން ނުވެގެން ޖަލުގަދޭ އިނާޔަތް ކަނޑާވާހަކައާއި، ޖަލަށްނުލާތިބިމީހުން ޖަލަށްލާންއުޅޭ ވާހަކައާއި ކޮންމެވެސް ބަޔަކަށް ފިޔަވަޅު އަޅާނެ ވާހަކަ. ރޯދަމަހު އަޅުކަންކުރަން ހިއްވަރުދޭ ވާހަކައެއް ދައްކާލިއްޔާ ކީއްތޯވާނީ.
އިދުރީސް
03 June 2018
ނަމަވެސް އެއީ ގާނޫނާ ޚިލާފަށް ބޭއްވި ޕްރައިމަރީއެއް ކަމަށް ކަނޑައަޅައި، އެ ޕްރައިމަރީ ގަބޫލު ނުކުރަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ. ދެން ފުލުހުން ލައްވައި ކޮން ބޭކާރު ހަކަތަތަކެއް ދުއްވާލީ. އެމީހުން ހަމަޖެހިލައިގެން ތިބިއްޔާ ކީއްތަ ވާނީ.
ޙަައްވަ
03 June 2018
ދެން ޝަރީފޫ މާވަރުގަދަމީހެއްކަމަށް ދެއްކެން ފޮނިވާހަކަ ދައްކަންނޫޅެ އެމްޑީޕީ އުވާލަބަލަ. އޭރަކުންނު ތިޔައީ ކ ހާވަރެއްގެ ބޭކަލެއްކަން އާއްމުންނަށް އިނގޭނީދޯ.
ޙުސެންމަނިކު
03 June 2018
ޢަހަންނަށް މިހާރު ފީލްވާގޮތުން ތި މީހުން ތިހެން އުޅެންޏާ އިންތިހާބުގަ އިދިކޮޅަށް ވޯޓް ހޯދަން އަހަރެމެންކަހަލަ ސިޔާސީ ވާހަކަ ނުދައްކާ މީހުންވެސް ނުކުންނަންޖެހެ، އިންސާފު ނެތްނަމަ ހަމަޖެހުމެއް ނުލިބޭނެ
ޓިނު
03 June 2018
42000 މީހުންނަށް މިއަހަރު ވޯޓް ނުލެވޭގޮތަށް ނިންމަންވީނު؟
އަލިބެއްޔާ
03 June 2018
ކާރި ގެއެއްގައި ޕާޓީއެއް ބޭއްވީތީ ކޭކު ގެންގޮސް އަދި އެވަރުން ނުވެގެން ޕާޓީތައްޔާރުކުރަން އުޅުނު ކުދިންވެސް ގެންދަން؟ ހެއްވާ ވާނީ މިހާވަރަށް ދޯ.
ސަބްނަމް
03 June 2018
ފޫހިގަނޑެއް. ކޮންކަމެއްދެން. 12 މެމބަރުންގެ ކަންތައްކޮބައިތަ؟
÷ަކަޕަކަ
03 June 2018
ވޯޓް އޮޅުވާ ލެވޭވަރުގެ ޤާބިލް ކަމެއް ޝަރީފުގެ ނެތް.ހެހެހެ