އެމްޕީއެލުން މާލޭ ވިޔަފާރި ބަނދަރުގައި ބޭނުންކުރާ ރިޗް ސްޓިކާ ވެހިކަލެއް.-- ފޮޓޯ: ނިޝާން އަލީ/މިހާރު
28 ޖޫން 2018 - 14:00
މާލޭގެ ވިޔަފާރި ބަނދަރުން މުދާ ނެރުމުގައި ދިމާވާ މައްސަލަތައް ހައްލުކޮށް، އެމްޕީއެލްގެ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް އަލަށް ގަންނަން ހަމަޖެހިފައިވަނީ އެ ތަނުން ކުރިން ގަތް ސާމާނާ ތަފާތު އެއްޗެހިތަކެއް ކަމަށް ބުނެފި އެވެ.
މީގެ ކުރިން 2016 ވަނަ އަހަރު، ޗައިނާގެ ސަނީ ހެވީ އިންޑަސްޓްރީއާ ހަވާލުކޮށްގެން 140 މިލިޔަން ރުފިޔާގެ ސާމާނު އެމްޕީއެލް އިން ގަތެވެ. އެ ފަހަރު ގަތީ 22 ހެވީ ވެހިކަލް ކަމަށް އެމްޕީއެލް އިން ބުންޏެވެ. އެއީ ހަ ރިޗް ސްޓިކާ އާއި 10 ޓްރެއިން ކްރޭނާއި ދެ ފޯކްލިފްޓް ޓްރަކު އަދި ހަތަރު އެމްޓީ ކޮންޓެއިނަރު ހޭންޑްލާ އެވެ.
އެމްޕީއެލްގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ސީއީއޯ އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ މި ފަހަރު އަލަށް ގަންނަން ހަމަޖެހިިފައިވަނީ ހުޅުމާލެ އާއި މާލޭ ބަނދަރުން ބާޖުތަކަށް މުދާ އަރުވަން ޕެޑެސްޓަލް ކެރޭނާއި ކޮންޓެއިނަރުތައް އުފުލަން އިތުރު އާރުޓީޖީ ކެރޭނަކާއި އިތުރު ތިން ބާޖާއި ޓަގެއްގެ އިތުރުން ޕައިލެޓް ލޯންޗެއް ކަމަށެވެ.
ވިޔަފާރި ބަނދަރުން ބާޖުތަކަށް މިހާރު މުދާ އަރުވަނީ މެނުއަލްކޮށެވެ. ނަމަވެސް ބަނދަރުގައި ޕެޑެސްޓަލް ކެރޭނު ހަރުކުރުމުން އެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށް ދާނެ ކަމަށް އެމްޕީއެލް އިން ބުނެ އެވެ.
އެމްޕީއެލުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީއީއޯ އަލީމް ވާހަކަ ދައްކަވަނީ.-- ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
"ރާއްޖޭގަ ނުހުރޭ ޕެޑެސްޓަލް ކެރޭނު ހަރުކޮށްފައެއް. މިފަހަރު މާލޭ ކޮޅުގަ ކެރޭނެއް އަދި ހުޅުމާލޭ ބަނދަރުގަ ކެރޭނެއް ހަރުކުރަން ހަމަޖެހިފަ ވަނީ،" އެމްޕީއެލްގެ އޮފިޝަލަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރިން ގެނައި ވެހިކަލްތައް މިހާރު ވެސް ބޭނުން ކުރަމުން އަންނަ ކަމަށެވެ. އަދި އަލަށް ސާމާނުތައް ގަންނަން ނިންމީ ބަނދަރުގެ މަސައްކަތް ދުވަހުން ދުވަހަށް އިތުރުވަމުން އަންނާތީ، ކެޕޭސިޓީ އިތުރުކޮށް ޚިދުމަތްތައް ވީހާ ވެސް އަވަސް ކުރުމަށް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެމްޕީއެލްގައި މިހާރު ފަސް ބާޖުގެ އިތުރުން ހަތަރު ޓަގު އަދި ދެ އާރުޓީޖީ ކެރޭނު ބޭނުން ކުރެ އެވެ. އެނގިފައިވާ ގޮތުގައި އަލަށް ގެންނަ އާރުޓީޖީ ކެރޭނަކީ ހުޅުމާލޭ ބަނދަރުގައި ބޭނުން ކުރަން ގަންނަ އެއްޗެކެވެ.
ހަލީމް ވިދާޅުވީ އެ އެއްޗެހި ގަތުމަށް، އަންނަ މަހުގެ ކުރީކޮޅު އޯޑަރު ދޭނެ ކަމަށެވެ. އަދި އެ އެއްޗެހި ގަންނާނީ ފައިނޭންޝަލް ސްކީމެއްގެ ތެރެއިން ކަމަށް ހަލީމް ވިދާޅުވި އެވެ.
"އަގުތައް އަޅުގަނޑުމެންނަށް ލިބިގެން އެބަދޭ. ޓޯޓަލް އަގެއް އަޅުގަނޑަށް ދެންނެވޭނީ ހުރިހާ އަގުތަކެއް ލިބިގެން،" އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހަލީމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒާދީ
28 June 2018
140 މިލިޔަން ރުފިޔާ އަށް 22 ވެހިކަލް ގަތީމަ ވެހިކަލަކަށް އެޖެހެނީ 6 މިލިޔަނަށްވުރެ ގިނަ ރުފިޔާ. އޯމައިގޯޑް. އަޅެދޯ. ތިވާގޮތް އެންމެނަށްވެސް އެނގޭ. މީވަރަށް ވާހަކަ. ހައްޕު.
ސަމާސާ
28 June 2018
އަނެއްކާ އަނެއް ލާރިގަނޑު. އެއްވެސް ކަމެއް ދެފުށް ފެންނަގޮތަށް ކުރާތަނެއް ނުފެނޭ. ދިވެހި ރައްޔިތުން މިހާރު ގަބޫލުކުރާ "ހަމަ" އަކީ ސަރުކާރުގެ ކޮންމެ އިދާރާ އަކުން ފައިސާ ފޮއްޗެއް ޚަރަދު ކުރިއަސް (ޚާއްސަކޮށް ކެޕިޓަލް ޚަރަދު) ސާފުކޮށް ރައްޔިތުންނަށް އެނގިގެންދާފަދަ ނިޒާމެއް އޮތުން. އެކަން އެގޮތަށް ކުރަން ނުކެރޭ ބަޔަކު އިސް މަގާމުތަކުގައި ތިބުމަށް ދިވެހިން މިހާރު ނުރުހޭ. އެއީ ރައްޔިތުންނަށް ލިބިގެންވާ ހައްގެއް ކަމުގައި ނޫނީ ގަބޫލުކުރާ ހިތެއް އެކަކުވެސް (ނާޖާއިޒު ފައިދާ ލިބޭ މީހުން ފިޔަވައި) ނުވޭ!
ހަކީމް
28 June 2018
ވެހިކަލް ތައް އަދި އެހެން އެއްޗެއް ގެނެސްގެން ވެސް ތިކަން ކުރެވޭތޯ ބަލާބަލަ.
ބެއްޔާ އައްޑޫ
28 June 2018
ޖާގައިގެ ދަތިކަން އެއްމެ ބޮޑީ. ޗައިނާއިން "ޖާގަ" ކޮޅެއް އޯޑަރު ކުރަންވީނު. ވެހިކަލް ދިއްވަން ޖެހޭނީ ބިންމަތީގަ ވިއްޔާ
އަލްމުދިސް
28 June 2018
ބޭނުންވަރަށް ބޭނުން އެއްޗެ ގަނެ ކޭންޕޭނަށް ބޭނުންވާނެ ފައިސާ ހޯދާ އޭރުން ހިދުމަތް ހުންނަނީ ދެވިފަ.
ކަދުރޭ
28 June 2018
އެކްސްޓްރާޓައިމް ކުޅޭއިރު ޖެހުނު ގޮތަކަށް ގޯލް ޖެހޭތޯ އުޅޭނެ.
ސަސި
28 June 2018
ފައިސާތައް ހިތުހުރި ގޮތަކަށް ތަޅާ ބުރުއްސާއިރު ޒިންމާވާނެ މީހަކު އެކަން ބަލާނެ މީހަކު ނޫޅޭވީއްޔަ
އަލީ ނަޒިމް
28 June 2018
ނުޖެހޭ ބަލަކައް. މިފަހަރު ގަންނާނީ ރިޕެއާރ ކުރަން ޖެހިފަހުރި ވެހިކަލް ތަކައް ސްޕެއަރޒް. އެއީ މިދިޔަ އަހަރު ގަތް ހުރިހަ ވެހިކަލް ތައް!