މިރޭގެ ނިއުސް ކޮންފަރެންސްގައި އިދިކޮޅު ކެންޑިޑޭޓް އިބޫ (ކ) އާއި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު މަޝްވަރާ ކުރައްވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
06 ޖުލައި 2018 - 23:53
މި އަހަރުގެ ރިޔާސީ އިންތިޚާބަށް އިދިކޮޅުން އެއްބަސްވި ކެންޑިޑޭޓް، އެމްޑީޕީގެ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ރަނިން މޭޓަކަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ން އަންހެން ބޭފުޅަކު ކަނޑައަޅައިފި ނަމަ، އެ ބޭފުޅަކު ބަލައިގަންނަން ދަތިވާނެ ކަމަށް އަދާލަތު ޕާޓީން މިރޭ ބުނެފި އެވެ.
އިދިކޮޅު ކެންޑިޑޭޓް، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިބޫއާ އެކު އަދާލަތު ޕާޓީން މިރޭ ބޭއްވި ބައްދަލުވުމަށް ފަހު އޮތް ނިއުސް ކޮންފަރެންސްގައި އެ ޕާޓީގެ ނައިބު ރައީސް ޝޭހް އަލީ ޒާހިރު އެހެން ވިދާޅުވިއިރު، ޖުމްހޫރީ ޕާޓީގެ ފައުންޑަރު ގާސިމް އިބްރާހީމްގެ ހަގު އަނބިކަނބަލުން އާއިޝަތު ނަހުލާ (އާއިޝާ) ރަނިން މޭޓަކަށް ހަމަޖެއްސުމަށް އެ ޕާޓީގެ ތެރޭގައި އަންނަނީ ކެމްޕެއިނެއް ހިންގަމުންނެވެ. އަދި އެ މައްސަލާގައި ވެސް ތަފާތު ހިޔާލުތައް ޖޭޕީ އާއި އެމްޑީޕީގެ މެމްބަރުންގެ މެދުގައި ވެސް އެބަހުއްޓެވެ.
މި އަހަރުގެ ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިޚާބަށް އިދިކޮޅުން އެއްބަސްވާ އެއް ކެންޑިޑޭޓަކަށް އިބޫ ކަނޑައަޅާފައިވާއިރު، ރަނިން މޭޓަކު ނިންމަން ޖެހެނީ ޖޭޕީންނެވެ. އަދި އެކަން އަންނަ އަންގާރަ ދުވަހު ނިންމާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.
ޖޭޕީގެ ކޮންގްރެސް ނިންމުމުގެ ހަފުލާ އަށް ފަހު، އެ ޕާޓީގެ ބައެއް އިސް އަންހެން ބޭފުޅުންނާ އެކު، ގާސިމްގެ ހަގު އަނބިކަނބަލުން އާއިޝާ (ކ-4) ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު މިރޭ ވިދާޅުވީ، ގައުމެއްގެ އެންމެ އިސްވެރިއަކަށް އަންހެން ބޭފުޅަކު އިސް ކުރުމަކީ ދީނީ ގޮތުން ގިނަ އިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތެއް ނޫން ކަމަށެވެ. އަދި އަދާލަތު ޕާޓީގެ، ދީނީ އިލްމުވެރިންގެ މަޖިލީހުގެ ގިނަ ބޭފުޅުން އެގޮތަށް ލަފާ ދިނުމާ ގުޅިގެން ނުރަސްމީ ސިފައެއްގައި ޖޭޕީއާ ވެސް އެކަން ހިއްސާ ކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަލީ ޒާހިރު ވިދާޅުވި ގޮތުގައި، ޖޭޕީން ކަނޑައަޅާ ރަނިން މޭޓުގެ ނަން ހުށަހެޅުމުން އެކަމާ މެދު އަދާލަތު ޕާޓީން ވަކިން ގޮތެއް ނިންމާނެ އެވެ. އެކަން ނިންމާނީ އެ ޕާޓީގެ މަޝްވަރާގެ މަޖިލީހުންނެވެ.
އަދާލަތު ޕާޓީގެ ދައުވަތަކަށް އެ ޕާޓީގެ އިސް ބޭފުޅުންނާ އެކު، އިބޫ މިރޭ ބޭއްވި ބައްދަލުވުމަށް ފަހު، ގުރޫޕް ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
"ރައީސް ނެތް ހާލަތެއްގައި ކޮންމެ ގޮތެއް ވިޔަސް ނައިބު ރައީސަކީ، ރައީސްގެ މަގާމުން އަދާކުރައްވާނެ ބޭފުޅެއް،" އަދާލަތު ޕާޓީގެ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި އަލީ ޒާހިރު ވިދާޅުވި އެވެ.
ޖޭޕީގެ ފަރާތުން ރަނިން މޭޓަކަށް ވުމަށް މިހާތަނަށް ޝައުގުވެރިވާ ކަމަށް ބުނެ އެކި ގޮތްގޮތުން ނަންތައް އާންމު ވެފައި ވަނީ އާއިޝާގެ އިތުރުން ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމާއި ގާނޫނީ ވަކީލް އަދި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިނާއި ޖޭޕީގެ ނައިބު ރައީސް ޑރ. އަބްދުﷲ މައުސޫމާއި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރުންގެ ގޮތުގައި ތިއްބެވި ޑރ. ހުސެއިން ރަޝީދު ހަސަނާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީނާއި ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އަދި ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ފަޔާޒް (އެފްއޭ) ގެ އެވެ.
އިބޫ ވިދާޅުވި ގޮތުގައި، ރަނިން މޭޓަކަށް ކަނޑައަޅާނީ އިދިކޮޅު ހަތަރު ޕާޓީ އަށް އެއްބަސްވެވޭ ބޭފުޅެކެވެ. އަދި ރަނިން މޭޓެއްގެ ގޮތުގައި ޖޭޕީން ކަނޑައަޅާނީ ވެސް ކޯލިޝަންގެ އެހެން ޕާޓީތަކަށް އެއްބަސްވެވޭ ނަމަކަށް ވާނެ ކަމަށް ގަބޫލު ކުރެއްވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"[ކޯލިޝަނުން ބޭރުގައި] ކިތަންމެ ވާހަކަތަކެއް ދެއްކެވުމުން ދިޔަޔަސް ފަރުދާގެ އަނެއް ފަރާތުގައި ދެއްކެވޭ ވާހަކަތަކެއް ހުންނާނެ ކޮންމެ ކަމެއް ކުރެވިގެން ދާއިރު. ރިޔާސީ ކެންޑިޑޭޓު ކަނޑައެޅިގެން ދިޔައިރު ވެސް އެ ވާހަކަތައް އެހެން ދެއްކެވިފައި ހުންނާނެ ކަމަށް ތިޔަބޭފުޅުން ގަބޫލު ކުރައްވާ،" އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް އެ ޕާޓީގެ އާދަޔާ ޚިލާފު ކޮންގްރެސް އިން މިދިޔަ ހޮނިހިރު ދުވަހު އިބޫ ކަނޑައެޅި ފަހުން ބޭއްވި ފުރަތަމަ ޕްރެސް ކޮންފަރެންސްގައި އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ ރަނިން މޭޓެއްގެ ކަންތައް ނިމިގެންދާއިރު، ހާމަވެގެން ދާއިރު އަޅުގަނޑު ގަބޫލު ކުރަނީ އޮންނާނީ އަޅުގަނޑުމެންނަށް މި ވާހަކަ ދެއްކެވޭ ގޮތަށް އެންމެން އެއްބަސްވެވޭ ހިސާބަށް އައިސްފައި ހެން."
އިބޫ އާއި އަލީ ޒާހިރު މިރޭ ބޭއްވި ނިއުސް ކޮންފަރެންސް ކަވަރު ކުރި ބައެއް މީޑިއާތައް: ހުރިހާ ނޫސްވެރިން ވެސް ސުވާލު އަމާޒު ކުރީ ރަނިން މޭޓުގެ މައްސަލާގައި.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
ރިޔާސީ ކެންޑިޑޭޓަކަށް ވި ފަހުން، މިރޭ ބޭއްވީ އިބޫގެ ފުރަތަމަ ނިއުސް ކޮންފަރެންސް ކަމަށް ވުމުން މީޑިއާތަކުގެ ޝައުގުވެރިކަން އެކަމަށް ވަރަށް ބޮޑަށް އޮތެވެ. އަދި ހުރިހާ ނޫސްވެރިން ވެސް އިބޫ އަށާއި އަލީ ޒާހިރަށް މައިގަނޑު ގޮތެއްގައި ކުރިމަތިކުރީ ރަނިން މޭޓުގެ މައްސަލާގައި އުފެދިފައިވާ ސުވާލުތަކެވެ.
ރަނިން މޭޓަކީ އަންހެން ބޭފުޅަކަށް ނުވަތަ ފިރިހެން ބޭފުޅަކަށް ވުމަކީ އިބޫގެ ޝަރުތެއް ތޯ ނޫސްވެރިއަކު ސުވާލު ކުރުމުން އޭނާ ވިދާޅުވީ އެ އަށް އަދި ގޮތެއް ނުނިންމާ ކަމަށެވެ.
ރަނިން މޭޓަކަށް ކަނޑައަޅާނީ އިދިކޮޅު ޕާޓީތަކަށް އެއްބަސްވެވޭ ކެންޑިޑޭޓެއް ކަމަށް ބުނާއިރު، އެއީ ވަކި ކަހަލަ ޝަރުތުތަކެއް ހަމަވާ ބޭފުޅަކަށް ވާންޖެހޭތޯ ނޫސްވެރިއަކު ސުވާލު ކުރުމުން އިބޫ ވިދާޅުވީ "ވަކި އެހެނެއް ވެސް ނޫން" ކަމަށެވެ.
"ހުރެދާނެ އެއްބަސް ނުވެވޭ ކެންޑިޑޭޓެއް،" އޭނާ ވިދާޅުވި އެވެ.
އަދާލަތު ޕާޓީގެ އިސް ބޭފުޅުންނާ އިބޫ މިރޭ ބައްދަލު ކުރައްވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
ކޯލިޝަނަށް އެއްބަސްވެވޭ ރަނިން މޭޓުންނަކީ ކޮބައިތޯ ދެންނެވުމުން އިބޫ ވިދާޅުވީ އެކަން އެނގޭނީ ނަންތައް ލިބިވަޑައިގަތުމުން ކަމަށެވެ. އަދި ވިދާޅުވީ، ރަނިން މޭޓަކަށް ހަމަޖެއްސުމަށް ޖޭޕީން ފާސްކުރާ ނަމަކާ ގުޅޭ ގޮތުން އެމްޑީޕީގެ ގުނަވަނަކުން ވެސް ގޮތެއް ނިންމާނެ ކަމަށެވެ.
ވަކި ބޭފުޅަކު ރަނިން މޭޓަކަށް ހަމަޖެއްސުމަށް ޖޭޕީ އަށް ހުށަހަޅާފައިވާނެތޯ ނޫސްވެރިއަކު ސުވާލު ކުރުމުން އިބޫ ވިދާޅުވީ އެކަން ކޮށްފައި ނޯންނާނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެޔޮބަސް
08 July 2018
އަންހެނަކަސް،، ފިރިހެނަކަސް ގޯސްކަމެއް ކުރައްވައިފިނަމަގޯސްވާނެ ގޯހާ.\،ރަގަޅު އެއީ ޖިންސުގެ ތަފާތަކުން ވާކަމެއްނޫން ގައުމުތަކުގެވެރިކަން އަންހެނުންވެސް ކުރައްވާފައިވޭ ޖިންސުގެތަފާތު ގެންގުޅުމަކީ ރަގަޅުކަމެއްނޫން
މުހައްމަދު އަލީ
08 July 2018
އެމްޑީޕީ އާ އަދާލަތުން ބޭނުންވަނީ އަލީ ހުސައިނު.. ޤާސިމު ބޭނުންވަނީ އައިޝާ.. އެހެންވީމާ އެންމެ ބުއްދިވެރި ގޮތަކީ ޑރ. މައުސޫމު ނުވަތަ ޑރ. ހުސައިން ރަޝީދު ނެންގެވުން.. ތައުލީމާ ތަޖްރިބާ އަށް ބަލާއިރު އެންމެ ރަނގަޅު ގޮތަކީ އެއީ..
މަރީ
08 July 2018
ފިރިހެނުން ތިބެގެން ދޯ މިޤައުމު މިހާލަތައް އިއިއްސަ މިއޮތީ؟ ދެން އަންހެނުންނަން ވެރިކަމެއް ނުކުރެވޭނޭ މިކިޔަނީ ކޮން ގޮތަކުންބާ؟ ފިރިހެން ކިޔަށްކަމަކު ކޮންމެ ފިރިހެނަކީ ވެރިކަމަށް ކުފޫހަމަވާ މީހެއް ނޫން. ދެން އަންހެން ވިޕީއެއް އެއީ ރަނގަޅު ތަޖްރިބާ ހުރި އަދި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާނެ މީހެއްވީއްޔާ ކޮބާބާ މައްސަލައަކީ؟
ދީމާހު
08 July 2018
ޢަދާލަތަކީ 21 ގަރުނުގައި އުޅޭ ބައެއް ނޫން. ބާރެއް ލިބިއްޖިއްޔާ އިގުސޯދު ފުނޑުފުނޑުވެ، އިޖުމާޢީ ޙާލަތު ވެއްޓި އަފްޣާނިސްތާނުގެ ތޯލިބާނުން އުފެއްދި ކަހަލަ ސަރުކާރެއް އޮންނާނީ
ޙަޖާމު
07 July 2018
އިސްލާމްދީނުގެ ޙުކުމްތަކާ ދެކޮޅަށް ވާހަކަދައްކައި، ރަސޫލާއަށް ފުރައްސާރަކޮށް އުޅޭ މީހެއްގެ ފަހަތުގައި އުޅޭ ބަޔަކަށް އަންހެނެކޭ ފިރިހެނެކޭ ކޮބާ ތަފާތަކީ؟
ކޯލިޝަންގެ ރަނިންގ މޭޓް
07 July 2018
ކޯލިޝަންގެ ރަނިންގ މޭޓަކަށް އެއްމެ ރަނގަޅީ ޝޭޚު އިލިޔާސް
ޔުނައިޓެޑް އައްޑޫ
07 July 2018
ކީއްވެހެއްޔޭ އަންހެނަކަށް ގައުމުގެ އެންމެ މަތީ މަޤާމް އަދާނުކުރެވެންވީ؟
ދަތްނެތްކުއްޖާ
07 July 2018
މަމެން ދެކޭ ގޮތުގައި ނައިބު ރަޢީސަކަށް އަންހެން ކަނބަލެއް ގެންނަން ބަޔަކު މަސައްކަތް ކުރަނީ ގުލިފައިވާ ކޯލިޝަން ތެރޭގައި ކޯޅު ވުމަށެވެ. މީގެ ނާޖާއިޒް އިދިކޮލުން ނެގުމުގެ ބޭނުމުގައެވެ. ބަޔަކު ރާއްޖޭން ބޭރުގައި ތިބެ އެގޮތައް މަސްވަރާ ކުރި އަކަސް ﷲ ގެ ރަޙުމަތުން ނައިބަކަށް އެބުނާ ކަނބަލެއްވެސް މަމެން ނުލާ މި ގުލިފައިވާ ކޯލިޝަނުން 2018 ގެ އިންތިޙާބު ރައްޔިތުން ޖަހާ ބޮޑު އެއްލަކިން މުޅުން ލުހިގެން އަންނާނެ ކަމާއި މެދަކު އެއްވެސް ރައްޔިތަކު ޝައްކެތް ނުކުރެއެވެ.
އެޑްމުންޑޯ
07 July 2018
ހީވަނީ މި އަހްމަދުގެ ނަމުގައި ކޮމެންޓް ކުރި މީހާ މިހިރީ ހަމަހޭގައި ނޫންހެން ، އެއްވެސް އިލްމު ވެރިއަކު ފޮޓޯ ނެގުމަކީ ހަރާންކަމަކޭ ނުބުނާނެ ، ސޫރަކުރެހުމާއި ސޫރަހެދުން ހަރާންވަނީ ، ހޭބަހައްޓާގެން ކޮމެންޓް ކުރާތި
Aseyla
08 July 2018
ސްކޫލް ތަކުގެ އިސްލާމް ފޮތުގަ ސޫރަކު ނޫން ދެންކޯންޗެއްތޯ އެހެރީ
އަހްމަދު
07 July 2018
އެއް އިރެއްގަ ފޮޓޯނެގުމަކީ ހަރާމް ކަމެކޭ ކީ މީހުން މިހާރު ހޭވައްޓާފަ ސެލްފީ ނަގަން. މިމީހުން މިތިބެނީ ވާނުވާވެސް ނޭންގޭ ހިސާބުގަ،