އިބޫ ފުވައްމުލަކަށް ކުރެއްވި ދަތުރުގައި އެރަށުގެ މީހަކު ދައްކާ ވާހަކައެއް އަޑު އައްސަވަނީ. --ފޮޓޯ: އެމްޑީޕީ
15 ޖުލައި 2018 - 19:24
ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން، މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ފަހު، ޖަލު ހުކުމުގައި ތިއްބެވި ސިޔާސީ ހުރިހާ ލީޑަރުން މިނިވަން ކުރާނެ ކަމަށް އިދިކޮޅު ކެންޑިޑޭޓު، ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވި ފަހުން، އެމަނިކުފާނުގެ އެއްބަފާ ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ފައުންޑަރު ގާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އަށް ވަނީ ބޮޑެތި ޖަލު ހުކުމްތަކެއް އައިސްފަ އެވެ.
އިދިކޮޅު ހަތަރު ލީޑަރުންގެ ތެރެއިން، ރާއްޖެ އިން ބޭރުގައި މިވަގުތު ތިއްބެވީ ނަޝީދާއި ގާސިމް އެކަންޏެވެ. ދެ ބޭފުޅުން، ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ގޮތަށް، ދިރިއުޅުއްވަނީ ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ރާއްޖެ އިން ބޭރުގަ އެވެ. މައުމޫން ޖަލުގައި ހުކުމް ތަންފީޒު ކުރައްވާއިރު، އިމްރާން މިވަގުތު ވަނީ ޖަލުން ގެ އަށް ބަދަލުކޮށްފަ އެވެ.
އައްޑޫ މަރަދޫ ޖަގަހަ ހުޅުވުމަށް އެ ރަށުގައި ބޭއްވި ޖަލްސާގައި އިބޫ ވިދާޅުވީ، ސެޕްޓެމްބަރު 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބަށް އިދިކޮޅު ސިޔާސީ ލީޑަރުންނަށް ކުރިމަތި ނުލެއްވޭ ގޮތަށް ހެދީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ. އެހެންވެ، ޖަލުގައި ތިބި ސިޔާސީ ލީޑަރުން މިނިވަންކޮށް ދިނުމަށް އިބޫ ވަނީ ރައީސް ޔާމީނަށް ގޮވާލައްވައިފަ އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބޫ ވިދާޅުވި ގޮތުގައި، ސިޔާސީ އިދިކޮޅު ލީޑަރުންނަށް ބައިވެރި ނުވެވޭ ރިޔާސީ އިންތިޚާބަކީ މިނިވަން، އިންސާފުވެރި އިންތިޚާބެކޭ ބުނެވޭނެ އެއްވެސް ޖާގައެއް ނެތެވެ.
އިދިކޮޅު ސިޔާސީ ހަތަރު ލީޑަރުން: މި ހުރިހާ ބޭފުޅުންނަށް ވެސް ތަފާތު މައްސަލަތަކުގައި ވަނީ ޖަލު ހުކުމް އައިސްފައި.
"ރައީސް މައުމޫން ޖަލުގައި އިންނަވަން ވީ ސަބަބެއް ނެތް. ނަޝީދާއި ގާސިމަށް ރާއްޖެ ނާދެވެން ވީ ސަބަބެއް ނެތް. އިމްރާން ޖަލުގައި އިންނެވި ސަބަބެއް ނެތް. އެއީ ކުށްވެރިންނެއް ނޫން. އޭގެ އިތުރުން، އިސްލާހީ މަސައްކަތުގައި ހަރަކާތްތެރިވި އެތައް ބައެއް ވަނީ ނުހައްގުން ހުކުމްކޮށް ޖަލަށް ލެވިފައި. އެއީ އަޅުގަނޑުމެން ގަބޫލު ކުރާނެ ކަމެއް ނޫން،" އިބޫ ވިދާޅުވި އެވެ.
"ތިޔަ ބޭފުޅުން ކުރައްވާ މަސައްކަތާ އެކު، ނޮވެމްބަރު 17 ވަނަ ދުވަހު އެކުލަވައިލާ ސަރުކާރުގެ ފުރަތަމަ ދުވަހު އެ ހުރިހާ ބޭފުޅުން [ސިޔާސީ ހުރިހާ ލީޑަރުން] މިނިވަން ވެގެން ދާނެ."
މި އަހަރުގެ ނޮވެމްބަރު 17 އަކީ އިލެކްޝަންސް ކޮމިޝަނުން މިހާރު ނިންމާފައިވާ ގޮތުން ނަމަ، ރައީސް ޔާމީންގެ ރިޔާސީ ދައުރު ހަމަވާ ދުވަހެވެ. އެހެންވެ، މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާ ބޭފުޅެއްގެ ދައުރު ފެށޭނީ އެ ދުވަހު އެވެ.
އިބޫ ވިދާޅުވީ ރާއްޖޭގައި އަދުލު އިންސާފު ގެއްލި، ބިރުވެރިކަމެއްގެ ތެރޭގައި ރައްޔިތުން މަސައްކަތް ކުރަމުން ދާ ކަމަށެވެ. ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގައި މަސައްކަތް ކުރާ މީހުންނަށް އެ މީހަކު ހިޔާރު ކުރާ ޕާޓީއަކާއި ކުލައަކަށް ތާއީދު ކުރުމުގެ ފުރުސަތެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ވެރިކަން ނިންމުމަށް މަދު ދުވަސްކޮޅަކަށް ވެފައިވާ ކަމަށާއި ސަރުކާރުގެ ވަޒީފާތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ބިރުގަނެ ޖެހިލުން ވެފައި ނުތިބުމަށް ވެސް އިބޫ ވަނީ އެދިވަޑައިގެންފަ އެވެ.
"އަޅުގަނޑު ޔަގީންކޮށް މި އަރުވަނީ އަޅުގަނޑުމެން ނޮވެމްބަރު 17 ވަނަ ދުވަހު އެކުލަވާލާ ސަރުކާރުން، މިއަދު ސިޔާސީ ހަރަކާތްތަކަށް ނުކުމެގެން ވަޒީފާ އިން ވަކިކުރެވޭ އެންމެންނަށް އަނބުރާ ވަޒީފާ ދޭނަން. އަދި ވަޒީފާ އިން ވަކި ކޮށްގެން ލިބޭ ގެއްލުންތަކުގެ ބަދަލު، އެ ހުރިހާ އެންމެންނަށް ދޭނަން. ފަހަތަށް ޖެހިވަޑައިނުގެން އަޅުގަނޑުމެންނާ އެކު، ނުކުމެ މި މަސައްކަތުގައި ބައިވެރިވެވަޑައިގަންނަވާ،" އިބޫ އެދިވަޑައިގަތެވެ.
އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު ޕާޓީތަކުން ނުކުމެ ތިބީ ސިޔާސީ މަސައްކަތެއް ކުރާކަށް ނޫނެވެ. ރާއްޖޭގައި އަދުލު އިންސާފެއް ނެތްއިރު، ކޮރަޕްޝަނާއި ފަސާދަ އިތުރުވެފައިވާ ކަމަށާއި އެހެންވެ އިދިކޮޅު ޕާޓީތަކުން ނުކުމެ ތިބީ އެކަން ކަން ބަދަލު ކުރުމަށް ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުއްލާ
16 July 2018
ނޫސް ބަލާމީހާ ބަލާލަދޭންވީ ގާނޫނުއަސާސީގެ 142 ވަނަ މާއްދާއާ ގާނޫނުއަސާސީގެ 133 ގެ ޅ ކީކޭތޯ އޮތީ ،ގާނޫނީ ކަންކަމުގާ ރައީސަށްޖެހެނީ އޭޖީ ލަފާދޭން އޭޖީގެ ލަފަޔާ ނުލާ އެއްވެސް ކަމެއް ރައީސަކަށް ނުނިންމެވޭނެ . ގާނޫނުއަސާސީ ކިޔާލަބަލަ
ޟަމީރު
16 July 2018
ސްޕްރީމް 5 ފަޑިޔާރުން އިއްތިފާގުވެފައިވާ އަމްރަކުން ދޫކޮށްފައިވާ ސިޔާސީ ލީޑަރުން ދޫކޮށްލާނީ
އަބްދުއްލާ
16 July 2018
އެއްވެސް ގާނޫނަކުވެސް ގާނޫނުއަސާސީ އަކުވެސް ރައީސަށް އެއްވެސް މީހަކު ދޫކޮށްލުމުގެ ބާރު ދީފައެއްނުވޭ . ގާނޫނުއަސާސީން ބުނާގޮތުން ރައިސްއަށް ތަންފީޒު ކުރެވޭނީ މާއާފްދިނުމާ އަދަބަށް ލުއިދިނުމުގެ ގާނޫނުގެ އިޖްރާތުތައް. މިނޫންގޮތަކަށް މީހަކުދޫކުރުމުން ގާނޫނުއްސާސީއާ ހިލާފު ވެވޭނެ. އޭރުން ނަސީދު އާހަމަ ހަމަވީ ދެން އޮންނާނީ އިސްތިއުފާ.
ގުނބޯލި
16 July 2018
މަށަށް ވަރިހަމަ ކާނަލް ނާޒިމާ އިމްރާނު ދޫކޮށްލައިފިއްޔާ. ދޭ އާރ އިނަސަންޓް
މުކި
16 July 2018
ކުއްވެރިން ވާނީ ކުއްވެރިންނަށް. ތިހެން ކަމަށްވަންޏާ ވޯޓެއް ނުލިބޭނެ. ސޮރީ
ނޫސް ބަލާމީހާ
16 July 2018
އެޤާނޫނުގެ އެއްވެސް މާއްދާއެއްގައި، ސްޕްރީމްކޯޓުންކުރާ ހުކުމެއްތަންފީޒުނުކޮށް ދޫކޮށްލުމުގެ ނުވަތަ އެޙުކުމުގެ މައްޗަށް ބާރުހިންގުމުގެ އެއްވެސްބާރެއް ރައީސުލްޖުމްހޫރިއްޔައަށް ދީފައިވޭތޯ . "ނޫނީ ހަމަ ޤާނޫނު ފުނޑަލާފަ ތިކަން ކުރާނީތޯ؟" ޖަވާބެއް ލިއުއްވާލަދެއްވައްޗޭ އި ބޫބޫ
ޢަލީއަޒުހަރު
12 September 2018
ޤާނޫނު އަސާސީއަކު ނޫން އެއްތާކު ވެސް ނޯންނާނެ ސްޕްރީމް ކޯޓުން ކޮށްފައި އޮތް ހުކުމެއް އޮއްވައި އެ ހުކުމް ބާތިލު ނުކޮށް ކުށްވެރިން ދޫކޮށްލެވޭނެ ހަމަ އެއްވެސް ގޮތެއް. އަނެއް ކޮޅުން އެއީ ބާޠިލު ހުކުމެއްކަމަށް ހަމަ ސުޕްރީމް ކޯޓުން ހުކުމް ކޮށްފައި އޮއްވައި އެކަމެއް ނުކުރެވޭނެ. ގާނޫނާ ޚިލާފަށް އިބޫ އަމަލުކޮށްފިއްޔާ އޭނާ ޖެހޭނީ ފައިސަލް ނަސީމާ ހަވާލުކޮށްފަ އިސްތިއުފާ ދޭން. މީހުން ހައްދާން ދައްކާ ފުލޯކު ވާހަކަތައް ވެސް ގަބޫލުކުރާ ކަނޑުކޮހުން އުޅޭތީ ހައިރާންވޭ.
ޝިހާމް
16 July 2018
އަހަރެން ނިންމައިގެން ހުރީ އަހަރެންގެ ވޯޓު އިބޫއަށް ދިނުމަށެވެ. އެހެންނަމަވެސް، ވަކިބައެއްގެ މުހުތާދެއް ފިލުވަދޭން ވަގުތީގޮތުން އަންނަ ކުފޫހަމަނުވާ ރައީސެއްކަމަށް އިއުލާނުކުރި ހިސާބުން އަހަރެންގެ ނިންމުން ބަދަލުކުރަން މިދަނީ ވިސްނަމުންނެވެ.
އަހުމަދު އިބްރާހިމް
16 July 2018
އޮޅިވަޑައިގެން ނޫޅުއްވާ.. ރައްޔިތުން ގުބޯ ހެއްދުމުގެ ބަދަލުގައި ކަން އޮތްގޮތް ސާފުކޮށްދެއްވާ،... ހަމަ ބޭނުންވާ އިރަށް ކޯޓުން ހުކުމް ކޮށްފައިތިބި ބަޔަކު ދޫކޮށެއް ނުލެވޭނެ... ގާނޫނަށް ކަމޭހިތުމަށާއި ގާނޫނީ ވެރިކަމެއް ކުރާނެ ކަމަށް ބުނެ އަދި ވެރިކަން ނުލިބެނީސް ކޯޓުން ހުކުމް ކޮށްފައިތިބި ބަޔަކު ދޫކޮށްލާ ވާހަކަ....
އަހަނދޭ
16 July 2018
ތިގެއްލުނީ މަގޭ ވޯޓު. މަމީ އެއްވެސް ޕާޓީ މީހެއް ނޫން އެކަމަކު ތިބުނާ "ލީޑަރުން"ގެ ތެރޭގަ އެބަ ތިބި ޤައުމަށް ބޮޑެތި ޚިޔާނާތްތައް ވެފަ ތިބި މީހުން. އެމީހުން މިނިވަން ކުރަން ބުނާ މީހަކަށް މަށެއް މަގޭ އާއިލާއެއް ވޯޓެއް ނުދޭނަން!
ކަލޫބެ
16 July 2018
އަދީބު ދޫކޮއްގެން ނުވާނެ.