އިދިކޮޅު ކެންޑިޑޭޓް އިބޫ އާއި އޭނާގެ ރަނިންމޭޓް ފައިސަލްގެ ކެންޑިޑެސީ ފޯމު އީސީ އަށް ހުށަހެޅުއްވުމަށް ފަހު، އެ ކޮމިޝަންގެ ރައީސް ޝަރީފާއި އިބޫ މީޑިއާއާ ވާހަކަ ދައްކަވަނީ.---ފޮޓޯ: އިލެކްޝަންސް ކޮމިޝަން
26 ޖުލައި 2018 - 13:51
މި އަހަރުގެ ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް މިހާތަނަށް ހަތް މީހަކު ފޯމު ނަގާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި އޭނާގެ ރަނިންމޭޓު ފައިސަލް ނަސީމް އިންތިޚާބުގައި ވާދަކުރެއްވުމަށް އީސީ އަށް ފޯމު ހުށަހެޅުއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ، އިދިކޮޅު އެމްޑީޕީ އާއި ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން އިންތިޚާބުގައި ވާދަކުރާނެ ކަން މީޑިއާތަކުގެ ޒަރިއްޔާ އިން އެނގުމާ ގުޅިގެން އެ ދެ ޕާޓީ އަށް ކޮމިޝަނުން ފޯމެއް ހަވާލުކޮށްފައި ވާނެ ކަމަށެވެ.
އޭގެ އިތުރުން، އިންތިޚާބުގައި ވާދަކުރުމަށް ހަތް މީހަކު ފޯމު ނަގާފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ. ނަމަވެސް، އެއީ ކޮން ބައެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
ޝަރީފް ވިދާޅުވީ އިންތިޚާބުގައި ވާދަކުރުމަށް ދޫކުރާ ފޯމު ހަތް މީހަކު ނެގި ނަމަވެސް މިހާތަނަށް އެ ހުށަހެޅުއްވީ އިބޫ އެކަނި ކަމަށެވެ.
އިދިކޮޅު ކެންޑިޑޭޓް އިބޫގެ ކެންޑިޑެސީ ފޯމް އީސީ އަށް މިއަދު ހުށަހެޅިއިރު، އިންތިޚާބު ގައި ވާދަކުރައްވާނެ ކަމަށް ދެން އިއުލާން ކުރައްވާފައި ވަނީ ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަދި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ކުރީގެ ނައިބު ރައީސް ޝުޖާއު ހުސެއިން އެވެ.
އިދިކޮޅު ކެންޑިޑޭޓް އިބޫ އާއި އޭނާގެ ރަނިންމޭޓް ފައިސަލްގެ ކެންޑިޑެސީ ފޯމު އީސީ އަށް ހުށަހެޅުއްވުމަށް އެ ކޮމިޝަން ގައި ބޭއްވި ރަސްމިއްޔާތުގައި އެ ދެބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަނުން އިއްޔެ ވަނީ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު އަންނަ މަހުގެ 10 އާ ހަމައަށް އިތުރު ކޮށްފަ އެވެ. އީސީން ބުނީ އިންތިޚާބަށް ކުރިމަތިލާން ބޭނުންވާ މީހުންގެ އެޕްލިކޭޝަން ފޯމު ބަލައިގަންނާނީ އެ ކޮމިޝަނަށް ކަމަށެވެ.
ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން، އުމުރުން 30 އަހަރާއި 65 އަހަރާ ދެމެދުގެ، ޝަރުތު ހަމަވާ ކޮންމެ މީހަކަށް ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އިދާރީ ފީގެ ގޮތުގައި 100،000ރ. ހުށަހަޅަން ޖެހެ އެވެ. އީސީން ބުނީ ނަގުދު ފައިސާ ނުވަތަ ބޭންކް ގެރެންޓީ ޗެކަކުން ވެސް ބަލައިގަންނާނެ ކަމަށެވެ.
އިންތިޚާބަށް އަމިއްލަ ގޮތުން ކުރިމަތިލާ މީހެއް ނަމަ، އުމުރުން 18 އަހަރު ވެފައިވާ މީހުންގެ ތެރެއިން، މަދުވެގެން 1،500 މީހުންގެ ތާއީދު އޮތްކަން އަންގައިދޭ ލިޔުން އީސީ އަށް ހުށަހަޅަން ޖެހެ އެވެ.
ރިޔާސީ އިންތިޚާބުގެ ވޯޓުލުމަށް އީސީން ހަމަޖައްސާފައި ވަނީ ސެޕްޓެމްބަރު 23 ވާ އާދިއްތަ ދުވަހުގެ ހެނދުނު 8 އިން ހަވީރު 4 ޖަހަންދެންނެވެ. ވޯޓު ގުނަން ފަށާނީ ވޯޓު ނަގައި ނިމޭތާ 30 މިނިޓު ފަހުންނެވެ. އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް އީސީން ނިންމާފައި ވަނީ ސެޕްޓެމްބަރު 30 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 3 ޖެހުމުގެ ކުރިންނެވެ.
ޝަރީފް މިއަދު ވިދާޅުވީ، މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި ރީ-ރަޖިސްޓަރީ ވުމަށް ހުޅުވައިލުމުން ރަޖިސްޓަރީ ވުމަށް އިއްޔެގެ ނިޔަލަށް 8،000 ފޯމު ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ. މިއީ، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ މި މުއްދަތުގައި ލިބުނު ފޯމުތަކަށް ވުރެ 4،000 ފޯމު އިތުރު އަދަދެއް ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕައްލަމްބެގެ ބުރޯ
26 July 2018
މަތީގަ ހުރި ފޮޓޯއިން ވަރަށް ވާހަކަ އެބަފެނޭ
އައިސް
26 July 2018
ޕީ އޯއަށް ފޯމްދޫކުރޭތަ ފަހުންދެއްކޭނީ ލާރި ފުރަތަމަ ދޭންޖެހޭނީ ރައިސުލްޖުމޫހޫރިއްޔާކަން އެގޮތައް އެހެންކަންމުގައި ސަރުކާރުގައި އޮންނަނީ އެެހެންވެ ދަންނަވާލީ
ހަބީބުއްދީން
26 July 2018
އެއްޗެއް ދައްކަންނުޖެހޭނަމަ މަ ވެސް ފޯމުނެގީސް.
ރިހާނު
26 July 2018
މަ އެބަ ނަގަން ފޯރމެއް އަދި ކާމިޔާބުވެސް ކުރާނަން. ހެޔޮ އެކަކު ސަޕޯރޓުނުކުރިޔަކަސް..
ރިހާނު
26 July 2018
ޕާޓީ ތަކުގެ ތާއިދު ލިބިގެން ކުރިމަތިލާފައިވާ ބޭފުޅުން ނިކަން ރަނގަޅަށް ފޯރމު ނަގައިގެން އެއުޅޭ މީސްމީހުނައް ވިސްނުން ވަރައްމުހިއްމު... އެބޭފުޅުންނަކީ ހަމަ ބޭރުގައި ލެވިފައިވާ ތޮށިގަނޑުތަކެއް.. މިކަމަކީ ހަމަ ވިޔަފާރި ފައިސާ މިލިއަނުން ކައްވާލާނެ ކަމައް ހީކޮށް ކޮށްގެން އުޅޭ ކަމެއް.... ކުޑަ މިސާލެއް އަޅުގަނޑު ދަންނަވާފާނަން... ބަރަކަ އޮބާމާ ކަޅުނަސްލުގެ މީހެއް އޭނާ ވެރިކަމައް ކުރިމަތި ލިއިރު ހުރީ ރައްޔަތުން އައްޔަންކޮށްފައިވާ ޔޫ އެސް ސެނެޓުގެ މެޖޯރެޓީ ލީޑަރަކށް އޭނާގެ ޕުރޮފައިލަށާއި އެވަގުތު އޭނާ ހުރިމަގާމުތަކާއި އެއިގެ އިތުރުން ޕާޓުޓައިމުގައި ކުރައްވަމުންގެންދިޔަ މަސައްކަތުގެ ނަތީޖާއަކަށް ވީ އޮބާމާގެ ތަޢުލީމު އަދި ހިތްވަ އެމެރިކާ މީހުނައް ގަބޫލުކުރެވުނުކަން... ނަމަވެސް ރާއްޖޭގައި ފޯރމުތައް މިނެގިމީހުންގެ ޕުރޮފައިލު ރަނަގޅުނޫން ނަމަވެސް ވިޔަފާރިއަށް އެމީސްމީހުންގެ ކެންޑި ޑެސީ ވިއްކަން ނޫން އެހެން އެއްވެސް މަގުސަދެއް ހާސިލެއްނުކުރެވޭނެއެވެ. މީ ލައްކަ ވާހަކަ ބެއްޔާމެންގެ ސަމާލުކަމައްޓަކައި..
ޑޯރާސް -ޢައިންތު
26 July 2018
އަހަރެން ކައިރީ ބަޔަކު އެބަ ބުނޭ 5000 ރުފިޔާ ދޭނަމޭ އެމީހުނަށް ވޯޓު ދީފިޔާ. ޢަހަރެންގެ ރައްޓެއްސެށް ގާތު އެވާހަކަ ބުނުމުން ބުނީ. ޢެއްކޮޅުގައި އޮތީ ވަގުތީ އުފަލާއި ނިކަމެތިކަމެވެ. ޢަނެއްކޮޅުގައި އޮތީ ދަރިންގެ މުސްގްބަލާއި ޤައުމެވެ. ޢެ ދެކަމުން ކޮންމެސް 1 ކަތި އިހްތިޔާރް ކުރާށޭ ކިޔާފައި އޭނާ ގޮއްސި. ޢެހެން ބުނީމައި ހަދާނެ އެއްޗެށް ނޭނގިފައި މިހިރީ. ފައިސާވެސް ހާދަ ބޭނުން ވެޔޭ.
ތުއްތުނާ
26 July 2018
މަވެސް މިއައީ ތިހެން ބުނިފަހުން ފޯމެއް ނަގައިގެން....... މިހާރު 8 ހަމަވާނެ.........
މަރޭމިތުރާ
26 July 2018
ފީ އިދާރީ ބޮޑުކުރީ ފައިސާކޮޅެއް ބޭނުންވެގެން ކަމަށްހީވޭ!.... ފީތައްނަގައި އެތެރޭގެ ނުފޫޒް ގަދަކުރުމަށް ކަމަށްހީވޭ!
ލޯންސްޓަރ.
26 July 2018
އިދާރީ ފީ ބޮޑުކުރީ ލަޓޯފަޓޯ މީހުންނަށް ފޯމް ނުލެވޭގޮތަށް ހަދަން.އެހެނީ ކޮންމެ ކޮންމެ މީހަކަށް 100000 ރުފިޔާ ނުލިބޭނެ ދޯ.