ކުރީގެ ހޯމް މިނިސްޓަރު އުމަރު ދައްކަވަނީ: އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވަން އޭނާ ވަނީ ނިންމަވާފައި. --ފޮޓޯ/މިހާރު
06 އޯގަސްޓް 2018 - 14:50
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް 1،500 މީހުންގެ ސޮއި ހަމަ ކުރައްވައިފި އެވެ.
ރިޔާސީ އިންތިޚާބާ ބެހޭ ގާނޫނުގެ ނުވަ ވަނަ މާއްދާގައި ބުނެފައި ވަނީ، އަމިއްލަ ގޮތުން އިންތިޚާބަށް ކުރިމަތިލާ މީހެއް ނަމަ، އެ މީހަކަށް ތާއީދު އޮތް ކަން އަންގައިދިނުމުގެ ގޮތުން މަދުވެގެން 1،500 މީހުންގެ ސޮއި ހުށަހަޅަން ޖެހޭނެ ކަމަށެވެ.
މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވަން ނިންމަވާފައިވާ އުމަރު، ފޭސްބުކްގައި މިއަދު ވިދާޅުވީ އޭނާ އަށް ތާއީދުކޮށް، 2،200 އަށް ވުރެ ގިނަ މީހުންގެ ސޮއި ލިބިފައިވާ ކަމަށެވެ. އެ ސޮއި ދެއްވި މީހުންނާއި ސޮއި ހޯދަން ވޮލަންޓިއަރުން ކޮށްދިން މަސައްކަތަށް އުމަރު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އިންތިޚާބުގައި ވާދަކުރެއްވުމުގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމާ މެދު މި ހަފުތާގައި ގޮތެއް ނިންމަވާނެ އެވެ.
އުމަރު މިގޮތަށް ވިދާޅުވި އިރު، އޭނާ އަށް އިންތިޚާބުގައި ވާދަކުރައްވަން ޝަރުތު ހަމަވޭތޯ މި ދޭތެރެ އިން ޝައްކު އުފެއްދި އެވެ.
އެއީ، ޕެންޝަން އޮފީހަށް 1.8 މިލިއަން ރުފިޔާ ދެއްކުމަށް އޭނާގެ ވޭލްސް ސަބްމެރީންގެ މައްޗަށް ހުކުމް ކޮށްފައި ވަނިކޮށް ކުންފުނީގައި އޮތް އޭނާގެ ހިއްސާ އަނބިދަރިންގެ މައްޗަށް ބަދަލު ކޮށްފައިވާތީ އެވެ. އެކަމަކު ގާނޫނީ ވަކީލުން ވިދާޅުވަނީ، އިންތިޚާބުގައި ވާދަކުރައްވަން ގާނޫނީ ހުރަހެއް އުމަރަށް ނެތް ކަމަށެވެ.
ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުން ސާބިތު ދަރަންޏެއް އޮތް މީހަކަށް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ.
އުމަރު ނަސީރު ވަނީ 2008 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި ނާކާމިޔާބުވެފަ އެވެ. އަދި 2013 ގެ ރިޔާސީ އިންތިހާބުގެ ޓިކެޓް ހޯދެއްވުމަށް ޕީޕީއެމްގެ ޕްރައިމަރީގައި އޭނާ ވާދަކުރެއްވި އެވެ. އެކަމަކު، އެ އިންތިޚާބުގައި ކުރި ހޯއްދެވީ ރައީސް އަބްދުﷲ ޔާމީނެވެ.
އުމަރު ވަނީ އޭނާގެ ވެރިކަމެއްގައި ރައްޔިތުންނަށް ކަންކަން ކޮށްދެއްވާނެ ގޮތުގެ ސިޔާސަތުތަކެއް ހުށަހަޅުއްވައިފަ އެވެ. އޭގެ ތެރޭގައި މީހުން މެރުން ހުއްޓުވުމާއި މަސްތުވާތަކެތީގެ ވަބާގެ އިތުރުން ކޮރަޕްޝަން ހުއްޓުވައި ގައުމު އަމާންކުރުން ހިމެނެ އެވެ.
ސިޔާސީ މަސްރަހުގައި ރައްޔިތުންގެ ފިކުރު ޕީޕީއެމާއި އިދިކޮޅު ޕާޓީތަކަށް ބެހިފައި އޮތް އިރު، ވަކިން ވާދަކުރައްވައި އިންތިޚާބު ކާމިޔާބު ވެދާނެތޯ ދެންނެވުމުން، އުމަރު ވިދާޅުވެފައި ވަނީ، ސިޔާސީ މަސްރަހު ކޮންމެ ގޮތަކަށް ވެސް އަދި ބަދަލުވެދާނެ ކަމަށެވެ. އެހެންކަމުން، އެކަން އެނގޭނީ އިންތިޚާބުގައި ވޯޓު ނަގާ ދުވަހު ކަމަށް ވިދާޅުވި އެވެ.
އަނެއްކާވެސް ރައްޔިތުންނަށް ސިޔާސަތުތަކެއް ހުށަހެޅުއްވީ، އޭނާ ވިދާޅުވި ގޮތުގައި، ރައްޔިތުންނަށް ހިތްހަމަޖެހުން ގެނެސްދެއްވަން ބޭނުންވާތީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަލީ ނަސީމް
07 August 2018
އުމަރު ހޮވުން ވަރައް ގާތް. މިހާރު ފިޔާތޮށި ކުދިން ވަނީ އިބޫ، ބޭރުކޮއްލާނެ ގޮތް ރާވާފަ! ދެން މަޖުބޫރު ވާނެ، އުމަރު ހޮވަން! އެކަމަކު ކުއްލިއަކައް ސަބްމެރިން ގެ ބުރަފަތި ބަދަލު ނުކުރެޔޭ ކިޔާފަ، އެއީ ޖިނާއީ ކުށަކައް ހަދާފަ، އުމަރުގެ ޖަލައް ނުލާފިއްޔާ، ރަގަޅު!
މަށޭމީ
07 August 2018
އުމަރަށް މަގޭ ތާއީދު. އެކަމަކު މިފަހަރު ވޯޓު ލެވޭ ލިސާބެއްގަ އެއްނޫން އެ ދުވަސްވަރު ހުރެވޭނީ ކީ. ވަރަށް ތާއީދު. އުމަރު ހޮވޭނެ ގޮތެއް ވޭތޯ ދުއާ ކުރާނަން.
ސޮރީ
07 August 2018
ސޮރީ މަޗާ ނޯވޯޓް!
ފޭކު ސޮއިން ވެރިކަމަށް؟
06 August 2018
1500 ފޭކު ސޮއިން ވެރިކަމަށް؟
ލޮކިމަސް
06 August 2018
ވޯޓް ނުދިނަސް ސޮއި ދެވިދާނެތާ!
ައާދަނުގެލޮތާރި
06 August 2018
އުމަރާ މާފަހަތަކު ތިޔައުޅެނީ ތަންކޮޅެއްބާރަށް އާދޭ ކަންވެނުނިމެނީސް
ކިޔުންތެރިއެއް
06 August 2018
ހުދުވަލަކާއި ހަރުގަނޑެއް ހިފައިގެން ނުކުމޭ
ޢަބްދުﷲނާފިޒް
06 August 2018
އުމަރާ، 2008ގަ ކަލެއަށް ލިބުނު ވޯޓުގެ އަދަދު ހަނދާން އެބަހުރިތޯ، ދެން ގޯހެއް ނޫން، އިންތިޚާބެއްގަ އަނެއްކާވެސް ވާދަކޮށްލީމަ އިނގޭނީ ލިބެނީ ކިތައް ވޯޓުކަންވެސް ދެއްތޮ އުމަރާ.
ހައިދަރު މޫސާ
06 August 2018
އުމަރު ކުރާ ހިއްވަރަށް ހަަމަ ސާބަސް، އަދި ފުރުސަތު އެބައޮތް، އުމުރުގައިވެސް ތަން އެބައޮތް، ސިޔާސީ ޕްރެޝަރު ގޮސް ޑިމޮކްރަސީ އާލާވީމަ ރަނގަޅުވާނެ،
ކޮތަރުގެ އަސަރު
06 August 2018
އިދި ކޮޅު ކެންޑިޑޭޓް މިހުރީއޭ ކިޔާފައި އަވަހަށް އިބޫ އާއި ފައިސަލް ހައްޔަރުކޮށްލާށެވެ. ރައީސް ޔާމީނުއަށް ދެން އަންނާނެ ރަންބުއްދިއަކީ ސިއްރެއް ނޫނެވެ.