ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް އިއުލާން ކުރެއްވުމަށްފަހު އުމަރު މީޑީޔާއާ ވާހަކަ ދައްކަވަނީ: ވޭލްސް ސަބްމެރީންގެ މައްޗަށް ހުކުމް ކުރީ މުވައްޒަފުންގެ ޕެންޝަންގެ ގޮތުގައި ނުދައްކާ ހުރި 1.8 މިލިއަން ރުފިޔާ ދިނުމަށް -- މިހާރު ފައިލް ފޮޓޯ
26 ޖުލައި 2018 - 14:02
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވާދަ ކުރެއްވުމަށް ގާނޫނީ ގޮތުން މިހާތަނަށް އެއްވެސް ހުރަހެއް ނެތް ކަމަށް ގާނޫނީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއްޖެ އެވެ.
އުމަރަށް އިންތިހާބުގައި ވާދަ ކުރެއްވޭނެ ކަމާ މެދު ޝައްކު އުފެދިފައި މި ވަނީ ޕެންޝަން އޮފީހަށް 1.8 މިލިއަން ރުފިޔާ ދެއްކުމަށް އޭނާގެ ވޭލްސް ސަބްމެރީންގެ މައްޗަށް ހުކުމް ކޮށްފައި ވަނިކޮށް ކުންފުނީގައި އޮތް އޭނާގެ ހިއްސާ އަނބިދަރިންގެ މައްޗަށް ބަދަލުކޮށްފައިވާތީ އެވެ.
މި މައްސަލައިގައި އުމަރު ނަސީރުގެ ޕާސްޕޯޓު ވެސް ސިވިލް ކޯޓުން ވަނީ މިދިޔަ އާދިއްތަ ދުވަހު ހިފަހައްޓައިފަ އެވެ.
ގާނޫނު އަސާސީގައި ބުނެފައިވާ ގޮތުން ސާބިތު ދަރަންޏެއް އޮތް މީހަކަށް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ. އެހެންވެ ބައެއް ފަރާތްތަކުން ބުނަމުން އަންނަނީ ސެޕްޓެމްބަރު 23ގައި، ބާއްވާ ރިޔާސީ އިންތިހާބުގައި އުމަރަށް ވާދަ ނުކުރެއްވޭނެ ކަމަށެވެ.
"މިހާރު"އާ ވާހަކަ ދެއްކެވި ބައެއް ވަކީލުން ވިދާޅުވީ ޕެންޝަން އޮފީހަށް ދައްކަންޖެހޭ ކަމަށް 2016 ވަނަ އަހަރުގައި ހުކުމް ކޮށްފައިވާތީ އެކަމަށް ކުންފުނީގެ ޑިރެކްޓަރެއްގެ ހައިސިއްޔަތުން އުމަރު ސީދާ ޒިންމާ އުފުއްލަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. ބައެއް ވަކީލުން ވިދާޅުވަނީ ކުންފުނީގެ މައްޗަށް ކޮށްފައިވާ ހުކުމެއްގައި އުމަރު އަމިއްލަ އަށް ޒިންމާ އުފުއްލަވަން ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.
ނަމަވެސް ހުރިހާ ވަކީލުން ވެސް ވިދާޅުވީ ރިޔާސީ އިންތިހާބަށް ވާދަ ކުރުމަށް އުމަރު ނަސީރަށް މިހާތަނަށް ގާނޫނީ ގޮތުން ހުރަހެއް ނެތް ކަމަށެވެ.
"މައްސަލައިގެ އަސްލަކީ ހުކުމް ކޮށްފައި ވަނީ ކުންފުނީގެ މައްޗަށް ކަން. އުމަރު ނަސީރުގެ މައްޗަށް ކޮށްފައި އޮތް ހުކުމެއް ނެތް. އެހެންވީމަ ގާނޫނީ ގޮތުން އުމަރު ޒިންމާވެވަޑައިގަންނަވާކަށް ނުޖެހޭނެ،" އުޅޭ ވަޒީފާގެ ގޮތުން ނޫހުގައި ނަން ނުޖެހުމަށް އެދި ވަކީލަކު ވިދާޅުވި އެވެ.
އެހެން ނަމަވެސް އެހެން ވަކީލަކު ވިދާޅުވީ ރާއްޖޭގައި އަމަލު ކުރާ އުސޫލަކީ ޑިރެކްޓަރުން ޒިންމާ ކުރުވުން ކަމަށެވެ.
"ގަވާއިދުގައި އެބަހުރި އެގޮތަށް ފަނޑިޔާރަށް މަގު ފަހި ކޮށްދީފަ. ޑިރެކްޓަރުންގެ ޕާސްޕޯޓް ވެސް ހިފެހެއްޓޭނެ. ޝެއާ ބަދަލުކޮށްފައިވާ ނަމަ އެ މުއާމަލާތް ބާތިލް ކުރުމުގެ އިހްތިޔާރު ވެސް ފަނޑިޔާރަށް ލިބޭ. އެހެންވީމަ ރާއްޖޭގައި ކަންކުރާ އުސޫލަށް ބަލާއިރު އުމަރު ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނެ،" ދައުލަތުގެ ކުރީގެ ވަކީލެއް ވިދާޅުވި އެވެ.
އުމަރު ނަސީރުގެ ޕާސްޕޯޓް ކޯޓުން ހިފަހައްޓާފައި ވަނީ ސާބިތު ދަރަނީގެ މުއާމަލާތްތަކުގައި އަމަލު ކުރަންޖެހޭ ގޮތުގެ ގަވާއިދުގެ ދަށުންނެވެ. ޕާސްޕޯޓް ހިފަހައްޓަން އަމުރު ކުރި މާއްދާގެ ހަތަރު ވަނަ ނަންބަރުގައި ބުނެފައި ވަނީ ދަރަނި ސާބިތުވި ފަހުން ހިއްސާދާރަކު އެ މީހެއްގެ ހިއްސާ ބަދަލުކޮށްފައިވާ ނަމަ އެ މުއާމަލާތް ބާތިލު ކުރެވިދާނެ ކަމަށެވެ. މައްސަލަ ކޯޓުގައި އޮއްވާ ހިއްސާ ބަދަލުކޮށްފައިވާ ނަމަ އެ މުއާމަލާތް ބާތިލް ކުރެވިދާނެ ކަމަށް ހަމަ އެ މާއްދާގައި ބުނެފައިވެ އެވެ.
ވޭލްސް ސަބްމެރީންގެ މައްޗަށް 1.8 މިލިއަން ރުފިޔާ ދެއްކުމަށް ހުކުމްކޮށްފައި ވަނީ 2016 ވަނަ އަހަރެވެ. ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށްޓަކައި، ވިޔަފާރިތަކުގައި ހުރި އޭނާގެ ހިއްސާތައް ދޫކޮށްލާފައިވާ ކަމަށް އުމަރު ވިދާޅުވެފައިވާ އިރު ވޭލްސް ސަބްމެރީންގައި އޮތް އޭނާގެ ހިއްސާތައް ބަދަލުކޮށްފައި ވަނީ ޖުލައި، 3ގައި، ދަރަނި ސާބިތު ކުރުމުގެ މައްސަލަ ކޯޓުގައި ހިނގަމުން ދަނިކޮށެވެ.
ރާއްޖޭގައި ބޭއްވި ގިނަ ޕާޓީތައް އެކުލެވޭ އެންމެ ފުރަތަމަ ރިޔާސީ އިންތިހާބުގައި 2008 ގައި ވާދަ ކުރައްވައި އުމަރަށް ލިބިވަޑައިގަތީ 2،472 (ވޯޓުލީ އާބާދީގެ 1.4 ޕަސެންޓް) ވޯޓެވެ. މިދިޔަ ރިޔާސީ އިންތިހާބުގައި ވެސް ވާދަ ކުރެއްވުމަށް އުމަރު މަސައްކަތް ކުރެއްވި އެވެ. ނަމަވެސް ޕީޕީއެމްގެ ޕްރައިމަރީގައި ރައީސް އަބްދުﷲ ޔާމީނާ ވާދަ ކުރައްވައި ބަލިވުމުން 2013ގެ ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރައްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އީމަން
27 July 2018
އުމަރަކީ ފިތުނައެއް! އިތުބާރު ނުކުތާތި.
ހައިރާން
27 July 2018
އަތްފުނާ އަޅައިގެންވެސް ބަލާބަލަ ވޯޓެއް ދޭނެ މީހަކު ހުރިތޯ. ޕެންޝަން އޮފީހަށް ދައްކަންޖެހޭ ފައިސާއަކީ ރައްޔިތުންގެ ފައިސާ. ރައްޔިތުންގެ ޙައްޤެއް. އެ ނުދައްކާ އަދި ރައްޔިތުންގެ ޙައްޤަށް އިޙުތިރާމު ނުކޮށް ވޯޓު ހޯދަން ރައްޔިތުން ގާތަށް ދިއުމަކީ ހަމަޖެހޭ ކަމެއް ނޫން
ބުރުގާ
27 July 2018
ނޯތު ކޮރެޔާއައް އުފަންވާންވީ މީހަކު ރާއްޖެއައް އުފަންވީމަ ވާގޮތް މިފެންނަނީ.
ދަރަނިބޯމަރު
27 July 2018
މަވެސް މިލިއަނުން ދަރަނިވީމަ ނުވިހާ ދަރިޔަށް ހިއްސާބަދަލުކޮށްފަ ރައީސްކަމަށް ކުރިމަތިލާނީ
ނެކްސްޓް
27 July 2018
ހެޔޮކޮށް ތިބުނީ
ނެޝަނަލިސްޓް
27 July 2018
ކުރިމަތި ލެވުނަސް ނުލެވުނަސް ވަރިހަމަ!
މަންޑޭލާ
26 July 2018
މީނާ އަބަދުވެސް އުޅެނީ މީނަވަރުގެމީހެއް ނެކަމަ.
ޢުނދަގުލެއް
26 July 2018
މާގިނަ އަނގަތައް ނުތަޅުވާ ކުރިމަތިިލަންޏާ ލާންވީނު! ނިންމާނީ ރައިއްޔަތުން ވޯޓުން..
ރިހާނު
26 July 2018
ކިތަންމެ ގިނަ ފޮތްތަކެއް މޭޒުމަތީގައި ހުއްޓަކަސް އެދުރެއްނުވާނެ...މީހުނާއި ގުޅުން އެއްގޮތަކައްވެސް ނުހުންނަ މިހަކު ކަމުން އަތުގެ ސޭވްގައި ހުރިއެތިކޮޅު ތަޅާބުރުވައިނުލުން ބުއްދިވެރީ..އެމް ޑީ ޕީ ކެންޑިޑޭޓު ވެރިކަމައް އަތުވެއްޖެއްޔާ އެއްކަލަ ކޮމާންޑުސެމްޓަރ އަދި ހަރުގަނޑު މައްސަލާ އޮތީ ބާއްވައިފައި...ވީމާ
ސަރުކާނު
26 July 2018
ކުންފުނީގެ މަށްޗަށް ހުކުމް ކުރީމަ އެކުރެވުނީ ހިނަގަންތިބި އެންމެ އިސް ފަރާތްތަކުގެ މަށްޗަށްދޯ؟ ދެން އެހެންނޫނީ ކުންފުންޏަށް ހުކުމް ކުރުމުގެ ބޭނުމެއް ނެތް ދޯ؟ ކުންފުނޏަކީ އޭގެ ޒާތުގައި ފުރާނަހުރި އެްޗެްނޫން. ކޮންކަހަލަ ވަކީލުންނެއްބާމީ؟ ތިވާގޮތުން އެއްވެސް ވަޒީފާއެއްގަ ހުންނަމީހަކަށް އޭނަ ހުންނަ ވަޒީފާގެ މައްސްަލައެއްގައި ހުކުމެއް ނުކުރެވޭނެ، އެ ވަޒީފާގެ ނަމާ ކުރވޭނީ. މޮޔަ
ސަރީފާ
26 July 2018
އުމަރުވެސް ބުމަރުވެސް ލާންވީ. ތިޔަޢީ ސްޓަންޓެއް ވޯޓް ގެ ވަރަށް މަދު އިން ސައްތައެއްލިބޭނީ ތިޔަބުނާ ޢުމަރަށް. ޕާރސަނަލް ބޮދީގާޑުން ގޮވައިގެން އުޅެނީ ކުރިން ކުރެިވަފައި ހުރި ނުރަނގަލު ކަންތައް ގިނަވީމަ. ރިޔާސީ ކެންޑިޑޭތަކަށްކުރާ އިހްތިރާމް އުމަރަށްކުރާ މީހުން މަދުވެދާނެ.