ހުޅުމާލޭގައި ރޭ ބޭއްވި ޖަލްސާގައި ކާނަލް ނަޝީދު (ވ-2) އަދި މެމްބަރު ޔާމީން (ކ-2) އަދި އެޗްޑީސީގެ ސީއޯއޯ ބުންޔާމީން (ކ) ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: ޕީޕީއެމް
11 އޯގަސްޓް 2018 - 11:51
ދޮޅު އަހަރުގެ ވެރިކަމެއް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)އަށް ނުހިންގޭނެ ކަމަށް ޑީއާރުޕީގެ ލީޑަރު އަދި ރާއްޖެ އިން ތައިލެންޑަށް ކަނޑައަޅާފައިވާ ސަފީރު، މުހައްމަދު ނަޝީދު (ކާނަލް) ރޭ ވިދާޅުވެއްޖެ އެވެ.
ވެރިކަން ކުރާ ޕީޕީއެމުން ހުޅުމާލޭގައި ބޭއްވި ޖަލްސާގައި، އިދިކޮޅު ކެންޑިޑޭޓަށް ފާޑުވިދާޅުވަމުން، ދޮޅު އަހަރެއްގެ ސަރުކާރަކަށް ނަޝީދު އިޝާރާތް ކުރެއްވީ، އިދިކޮޅު ސިޔާސީ ޕާޓީތައް ތަމްސީލު ކުރާ ގޮތަށް، މި އަހަރުގެ ރިޔާސީ އިންތިޚާބަށް ފަހު ދޮޅު އަހަރުގެ މުއްދަތަކަށް އެއްބައިވަންތަ ކަމުގެ ސަރުކާރެއް އުފެއްދުމަށް އެމްޑީޕީގެ މެނިފެސްޓޯ ގައި ހިމަނާފައިވާތީ އެވެ.
އެ މެނިފެސްޓޯގައި ބުނެފައި ވަނީ އެއްބައިވަންތަ ކަމުގެ ސަރުކާރުގެ ދޮޅު އަހަރު ވާނީ ރައްޔިތުން އިތުބާރު ކުރާ، މިނިވަން މުއައްސަސާތަކެއް ބިނާ ކުރާނެ ދުވަސްތަކަކަށް ކަމަށެވެ. އަދި އެއީ، ގިނަ ސިޔާސީ ޕާޓީތަކަކަށް ގާނޫނީ ހައިސިއްޔަތު ލިބޭނެ ދުވަސްތަކަކަށް ވާނެ ކަމަށް ވެސް މެނިފެސްޓޯގައި ވެ އެވެ. އެކަމަކު، ރިޔާސީ އިންތިޚާބަށް އެމްޑީޕީން އިދިކޮޅު އެހެން ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރާއިރު، ދޮޅު އަހަރުގެ ސަރުކާރެއް އެކުލަވައިލުމާ މެދު އެ ކޯލިޝަންގެ ބައެއް އިސްވެރިންގެ ހިޔާލު ތަފާތެވެ.
ހުޅުމާލޭގައި ޕީޕީއެމުން ރޭ ބޭއްވި ކެމްޕެއިން ޖަލްސާ. - ފޮޓޯ: ޕީޕީއެމް
އެމްޑީޕީގެ މެނިފެސްޓޯއަށް ފާޑު ކިޔައި، ނަޝީދު ވިދާޅުވީ އިބޫ އަށް ފަސް އަހަރުގެ ދައުރެއް ލިބިވަޑައިނުގަތުމަކީ މައްސަލައެއް ކަމަށެވެ. އަދި އިބޫ ވެރިކަމަށް ވަޑައިގެންފިނަމަ، "ބޯކިބާ ބަހާހެން" އެކި ޕާޓީތަކަށް ބައި އަޅަން ޖެހޭނެ ކަމަށް ވެސް ކާނަލް ނަޝީދު ވިދާޅުވި އެވެ.
"އަނެއްކާ ދޮޅު އަހަރު ފަހުން އިންތިހާބު ބާއްވަން ރައްޔިތުންގެ ޓެކްސް ފައިސާއިން އެތައް މިލިއަން ރުފިޔާއެއް ހަރަދު ކުރަން ޖެހޭ. އިބޫ އަށް އާއެކޭ ބުނެވޭކަށް ނެތް ދޮޅު އަހަރު ފަހުން ހޭދަކުރަން ޖެހޭ ހޭދަ ބޮޑުކަމުން...ރައީސުލްޖުމްހޫރިއްޔާއަކު، ހޮވަނީ ދޮޅު އަހަރަށް ސޮދަގާތް ކުރާކަށް ނޫން،" ނަޝީދު ވިދާޅުވި އެވެ.
ގައުމުގެ އިގްތިސާދަށް ބަލާއިރު، އިރުއިރުކޮޅާ އިންތިހާބެއް ބޭއްވުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ކުރިން، އެމްޑީޕީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ކާނަލް ނަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިހާތަނަށް ޖެހި ހިސާބުތަކުން، އަންނަ މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިހާބު ރައީސް އަބްދުﷲ ޔާމީނަށް ނާކާމިޔާބުވެވަޑައިގަންނަވާ ގޮތަކަށް އެއްވެސް ހިސާބެއް ނުފެނުނެވެ. އަދި ހަމަޖެހުން ގާއިމު ކުރެވޭނީ މިހާރު ވެރިކަން ކުރައްވަން ތިއްބެވި އިލްމީ، ގާބިލް ބޭފުޅުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އިދިކޮޅު ވެރިކަމެއްގައި އަބަދު އޮންނާނީ ކޯޅުން ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ބޭނުންވަނީ ގައުމަށް ހިދުމަތް ކުރުމުގެ ބަދަލުގައި އާރާއި ބާރު ކަމަށް އޭނާ ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ރައްޔިތުންގެ މަޖިލިހުގެ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދު ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް ވެރިކަމަށް އައިސް، ޖަޒީރާ ރާއްޖެއެއް ނުހިންގޭނެ ކަމަށާއި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު އިބޫއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޕަޕެޓެއް ކަމަށެވެ.
އިބޫ އިއްޔެ، މާލޭގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރައްވަނީ. - ފޮޓޯ: މިހާރު
ޔާމީން ވިދާޅުވީ އެމްޑީޕީގެ ތިން އަހަރުގެ ވެރިކަމަށް "އަތް ޖައްސަވަން" އިބޫ ހުންނެވި އިރު، ޒުވާނުންނަށް ކޮށްދިން އެއްވެސް ކަމެއް ނެތް ކަމަށެވެ. އެހެންކަމުން، އިދިކޮޅު ވެރިކަމެއްގައި ޒުވާނުންނަށް ކަންކަން ކޮށްދޭނެ ކަމަށް ވައުދުވިޔަސް އެއްވެސް ކަމެއް ކޮށްނުދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އިދިކޮޅު ކޯލިޝަންގެ މެނިފެސްޓޯއަކީ "ލާދީނީ މެނިފެސްޓޯ" އެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވި އެވެ.
"ޒުވާނުންގެ މެނިފެސްޓޯއެއް ގެނެސްދީ ޒުވާނުންނަށްޓަކައި ކަންކަން ފަހިކޮށްދީ ޒުވާނުންގެ ސަހަރުގެ ގޮތުގައި ތަރައްގީވެގެން ދިޔައީ ރައީސް ޔާމީންގެ ސަރުކާރުގައި. ދެން މީގެ ކްރެޑިޓް އިބްރާހިމް މުހައްމަދު ސޯލިހް ނަންގަވަން އުޅޭނެ ކަމެއް ނެތް،" ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވައިގެން، އިންތިހާބު ކާމިޔާބު ކުރައްވައި ފަހުން، ޕީޕީއެމާ ގުޅިވަޑައިގެންނެވި ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ތިން އަހަރު ދުވަހުގެ ވެރިކަމުގައި ނުކޮށްދެވުނު ކަމެއް ކުރަން، އިދިކޮޅު ފަރާތްތަކަށް ފުރުސަތު ނޯންނާނެ އެވެ. ރައްޔިތުން ތިބީ "ބްރޭންޑަޑް" ދިރިއުޅުމެއް އުޅުމަށް ބޭނުންވެފައި ކަމަށާއި އެމީހުން ތިބީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
ހުޅުމާލޭގައި ރޭ ބޭއްވި ޖަލްސާގައި އެ އަވަށުގައި ދިރިއުޅޭ މީހުން ބައިވެރިވަނީ. - ފޮޓޯ: ޕީޕީއެމް
ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފިނަމަ، ޒުވާނުންނަކީ "ފުޓްބޯޅަ ކުޅެލައިގެން، އަމިއްލަވަންތަކަމާއެކު"، ރަނގަޅު ވަޒީފާއެއްގައި އުޅޭ ބަޔަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޒުވާނުން މަގުމައްޗަށް ބިތްޖެހިފައި ތިބޭތަން ދެކެން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އެމްޑީޕީއަކީ އިސްލާމް ދީނަށް ފުރައްސާރަ ކުރާ ފިކުރުގެ ބައެއް ކަމަށާއި އެ ފަލްސަފާއަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށެވެ. އެމްޑީޕީން ފަހުރުވެރިކަމާއެކު "ދިވެހިރާއްޖެ" ކިޔުމުގެ ބަދަލުގައި "އަނެއް ދިވެހިރާއްޖެ" އާއި "ޖަޒީރާ ރާއްޖެ" ކިޔާތީ ޔާމީން ފާޑު ވިދާޅުވި އެވެ.
"ޖަޒީރާ ކޮންސެޕްޓަކީ ދިވެހިން އަޑު އެހި ކޮންސެޕްޓެއް ނޫން. މިއީ ރާއްޖެ ހިންގޭނެ ކޮންސެޕްޓެއް ނޫން. އެކަމަކު، ދޮން މީހުން އުޅޭ ގޮތަށް އުޅެންވެގެން އެހެން ކިޔަނީ،" ހުޅުމާލޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ޖަލްސާގައި ޔާމީން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޖުވަދު އަހުމަދު
12 August 2018
ރާއްޖޭގެ ވެރިކަން ކުރަން އޮންނަ މުއްދަތަކީ 5 އަހަރު. އެންމެ ފަހުން އޮތް އިންތިހާބުގަ ނަޝީދުވެސ ބުނި ދޮޅު އަހަރޭ. އަނެއްކާ މިހާރު ކިހިނެއްތޯ. އޭރު ނުކުރެވުނު ކަމެއް މިހާރު ވަކި ނުވާނެ، އިބޫއަކަށް.
Mohamed Abdul Rahman
12 August 2018
ދޮޅު އަހަރުގެ ވެރިކަމެއް ކުރާކަށްނޫން މިރައްޔިތުން ވެރިކަން ހަވާލު ކުރަނީކީ! އެވަރުވެސް ނޭންގޭތަ؟
އަންތަރީސް77
11 August 2018
މި ކޮންތާކުން ފުންމާލި މީހެއް؟ ވެރިކަން ވެއްޓުނީމަ ޓީވީއަށް އަރާ ރުއި ހަނދާންނެތުނީތަ؟ އެހާވެސް ހިއްވަރެއް ނެތޭ! ވެއްޓުނީމަ ތެދުވަން އެނގޭ މީހުންނަށް ސިޔާސީ ކަންކަމުގަ އުޅެވޭނީ. މީ ހިތާ ހިތުގެ ގުޅުމެއް.
ފެއިލިއާ
11 August 2018
"ޖަޒީރާ ކޮންސެޕްޓަކީ ދިވެހިން އަޑު އެހި ކޮންސެޕްޓެއް ނޫން". ކަލޯ މެންބަރު ޔާމީނު. އަހަރެމެން މިއުޅެނީ ޖަޒީރާތަކެއްގަ ކަން ނޭނގޭ ފެންވަރުގެ މީހަކު ޖެހެނީ ކަރުދާހުގެ ބޭރުގައި ކަރުދާސްލާން އިންނަން.
ާއާންތު
11 August 2018
ވަޒީފާ ގަނޑުގެ ބޭނުމުގައި ޔާމީން ހައްދާފައި ބަހައްޓާ އިންޝާ ﷲ މިފަހަރު އިބޫ އާައި ފައިސަލް ތެޅިތެޅިހުރޭ އަމިއްލަ ޕާޓީ ނުހިންގުނު މީހަކަށް ދެންކޮން އެހެންމީހަކަށް ފާޑް ކިޔޭނީ ތިޔައުޅެނީ ވަޒީފާ ގެ ބޭނުމުގައި
ސުލްޠާން
11 August 2018
އަހަރެމެންގެ ޓެކްސް ފައިސާއިން މާލޭގައި 50ބުރީގެ ހަސްފަތާލް، ހުޅުމާލެ/މާލެ/ވިލިމާލެ/ގުޅީފަޅުމާލެ/ތިލަފުށިމާލެ ބްރިޖް، މާލެ ސަރަހައްދުގައި ފްލެޓްތައް ހެދުމަށްވުރެ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވަސީލަތްތައް ގާއިމް ކުރުން މާ މުހިއްމު. ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި ބަންގާޅު އެއްލައްކަމިހުނާއި އަދި އެހެނިހެން ގައުމުތަކުން އެއްލައްކަ މީހުން މާލެ ސަރަހައްދަށް ޖަމާކުރުމް މާލޭގެ ރައްޔިތުންވަނީ ސާފްވައިނުލިބި ހަމަނޭވާވެސް ނުލެވި. މިބުނީ މާލޭގެ ލާރިއޮހޭ މަދު މީހުންކޮޅު ފިޔަވައި ދެންތިބި މީހުންގެ ވާހަކަ. މާލޭގެ ރައްޔިތުންގެ ތެރެއިން ލާރިއޮހޭ މީހުން ތިބީ ސިންގަޕޯރ، މެލޭޝިއާ، އިންޑިއާ، ސިރިލަންކާ، އޮސްޓްރޭލިއާ، ޔޫކޭ މިގައުމުތަކުަ. އެމީހުންގެ އެކައުންޓްތަކަށް ކޮންމެ މަހަކުވެސް މިލިއަނުން ޖަމާވޭވެ ހުންނަނީ.
ާަނީނާ
11 August 2018
މީނައަށް ނުފެންނަނީބާ މި ސަރުކާުން ރާއްޖެތެރެ ތަރަގީ ކުރަމުން ދާވަރު. ??
އަލިފް
11 August 2018
ބޮޑު ފައިދާ ނަގާ ސިޔާސީ މީހުންގެ އަޑު ގަދަ ވަނީއެވެ. އަމިއްލަ އަށް ގޮތް ނިންމާށެވެ.
ރަދީފް
11 August 2018
ރޭގެ ޖަލްސާގަ ވާހަކަ ދައްކަމުން ކާނަލް ބުނީ ރާއްޖޭގަ މުގު،ފިޔާ އަދި އަލުވި ހައްދާނެކަމަށް.އޭރުން އިންޑިޔާގެ އަޅުވެތިކަމުން ސަލާމަތް ވެވިދާނެއޭ.ސުވާލަކީ ކޮމާޝަލް ސްކޭލްގަ ރާއްޖޭގަ ފިޔާ އަލުވި،ފިޔާ އަދ މުގު ހެއްދިދާނެހޭ؟؟؟ ކޮންމެ ވެސް ކުއްޖަކު މިސުވާލުގެ ޖަވާބު ދީބަލަ.ވ.ވެދުން
މަރީ
11 August 2018
މީހަކު ނޫޅޭ ދޮޅުއަހަރު ވެރިކަމެއް ހިންގާކަށް. ތީ މިހާރު މިގައުމުގަ އޮތް އެންމެ ކުޑަކުޑަ އަދި އެއްވެސް ސަޕީޓެއްނެތް ސިޔާސީ ޕާޓީން ރައީސް ޔާމީން އެދޭގޮތަށް ދައްކާ ވާހަކައެއް.
ދެކޭމީހާކިޔާމީހާ
11 August 2018
ހަމަގައިމުވެސް އިބޫއަކީ ބޮލުރޮދިކެނޑިފަވާ ކަނޑައިގެންދާމަޑިއެއްފަދައިން އޮޔާދާބޭފުޅެއްނޫނެވެ. އިބޫއަކީ ފިސާރި އަބުރުވެރި، އިޚުލާޞްތެރި، ތެދުވެރި، ރައްޔިތެއްގެ ލޯތްބާއި އިޙްތިރާމް ލިބިގެންވާ ތެދުވެރި ކަހަންޖެހޭ ކުރައެއްނެތް އަމާނާތްތެރިއެއްކަން އިދިކޮޅު ލީޑަރުންނާއި އެބޭފުޅުންފަހަތުގައިތިބި ރައްޔިތުން ދަންނާނެކަމުގައި ޤަބޫލުކުރެވެއެވެ. ކާނަލް އިބޫއޭކިޔައިގެން ވާހަކަދައްކަން ލަދުގަންނަންޖެހޭނެކަމުގައިދެކެމެވެ. ތިމާގެފެންވަރުން އެހެންމީހުން ވަޒަންކުރުމަކީ ވަރަށް ފެންވަރުދަށް މޮޔަކަމެއްކަން ނުދަންނާނީ ސިޔާސީގޮތުން ވަރަށް ދަށްވީމަ!