ސަމާ އައިލެންޑް ރިސޯޓުގައި ތްރީޑީ ޕްރިންޓް ކޮށްފައިވާ ފަރުތަކެއް -- ފޮޓޯ: ސަމާ އައިލެންޑް ރިސޯޓް
12 އޯގަސްޓް 2018 - 17:19
ދުނިޔޭގައި މިހާތަނަށް ހެދި އެންމެ ބޮޑު މަސްނޫއީ ފަރު ރާއްޖޭގެ ސަމާ އައިލެންޑް ރިސޯޓުގައި އިއްޔެ ހަދައިފި އެވެ.
މިއީ މޫސުމަށް އަންނަ ބަދަލުތަކާ އެކު ފަރުތަކަށް ލިބޭ ގެއްލުންތަކަށް ހައްލެއް ހޯދުމަށްޓަކައި ޓެކްނޮލޮޖީ ބޭނުން ކޮށްގެން މިހާރު ހުރި ނިޒާމްތަކަށް ވުރެ ރަނގަޅު ނިޒާމެއް ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން ހެދި ފަރެކެވެ.
މި ފަރު ހެދުމަށްޓަކައި އޮސްޓްރޭލިއާގެ މެލްބަންގެ "ރީފް ޑިސައިން ލެބް"ގައި ބިޔަ ތްރީޑީ ޕްރިންޓަރެއްގެ އެހީގައި ފަރުގެ އޮނިގަނޑު އޮންނާނޭ ގޮތުގެ ތައްގަނޑެއް ހެދި އެވެ. އަދި އެ ތައްގަނޑަށް ސެރަމިކް އާއި މެރީން ކޮންކްރީޓް އަޅައިގެން ފަރުގެ އޮނިގަނޑު ތައްޔާރުކޮށް ސަމާ އައިލޭންޑް ރިސޯޓްގެ ފަޅުތެރޭގައި މިހާރު ވަނީ ބަހައްޓައިފަ އެވެ.
ފަޅުތެރޭގައި މި ފަރު ރާވާލާފައިވާ އިރު، އެ ފަރުގައި ގުދުރަތީ ގޮތުން މުރަކަ އުފެދިގެންދާނެ އެވެ. ފަޅުގެ ތެރޭގައި ފަރު ބަހައްޓާފައި ހުރީ އެ ރިސޯޓްގައި މިހާރު ވެސް މުރަކަ އާލާކުރުމަށް ހަދާފައިވާ ނާސަރީއާ ވަރަށް ކައިރީގައި، ފަޅުގެ ހަތް މީޓަރު ފުނުގަ އެވެ. އަދި އެ ނާސަރީގައި އާލާކޮށްފައިވާ ކުދިކުދި މުރަކަކޮޅުތަކެއް ވެސް މިހާރު ވަނީ މަސްނޫއީ ފަރުގައި ހަރުކޮށްފަ އެވެ.
މި ގޮތަށް ހެދުމުން، އެ ގުދުރަތީ މުރަކަތައް އިތުރަށް ގިނަވެ، މަސްނޫއީ ފަރުގައި މުރަކަ އާލާވެގެންދާނެ އެވެ.
އެ ރިސޯޓުން އުންމީދު ކުރާ ގޮތުގައި އަހަރު ދެ އަހަރުގެ ތެރޭގައި މި ފަރުގައި މުރަކަތައް އާލާވެ ގިނަވުމުން މަސްމަހާމެއްސާއި ކަނޑުގެ ދިރުންތައް އެ ފަރަށް ޖަމާވެ ގުދުރަތީ ފަރެއްގެ ސިފަ ޖެހިގެންދާނެ އެވެ.
މި މަޝްރޫއުގައި އިސްވެ މަސައްކަތް ކުރާ އެލެކްސް ގޯޑް ބުނެފައި ވަނީ މިއީ ދުނިޔޭގެ ފަރުތަކަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދުމަށް ކުރާ އާ މަސައްކަތެއް ކަމެވެ.
"މި ޓެކްނޮލޮޖީގެ އެހީގައި ކަނޑުގެ ފަރުތަކާއި އެއްގޮތަށް އަހަރުމެން މަސްނޫއީ ފަރުތައް ހެދިން. އަޅުގަނޑުމެން އުންމީދު ކުރަނީ ފަރުތައް ހިމާޔަތް ކުރަން މިހާރު ބޭނުންކުރާ އެހެން ނިޒާމްތަކަށް ވުރެ ކާމިޔާބު ނިޒާމަކަށް މި ކަހަލަ ފަރުތައް ވާނެ ކަމަށް،" އެލެކްސް ބުންޏެވެ.
ސަމާ އައިލެންޑް ރިސޯޓްގެ މެނޭޖަރު މާރިއާ ޝަރީފް ވިދާޅުވީ ތިމާވެށި ހިމާޔަތް ކުރުމަށް އެ ރިސޯޓުން ކުރިއަށް ގެންދާ މަޝްރޫއުތަކަށް ޓުއަރިސްޓުންނާއި ދިވެހި މަސައްކަތްތެރިންގެ މެދުގައި ވެސް ވަރަށް މަޝްހޫރު ކަމަށެވެ.
"މި ފަރު ކަހަލަ، ތިމާވެށި ހިމާޔަތް ކުރުމަށް ކުރާ މަސައްކަތްތައް ޓުއަރިސްޓުންގެ ތެރޭގައި ވަރަށް މަޝްހޫރު. މީގެ އިތުރުން މި ތަނުގައި މަސައްކަތް ކުރާ ދިވެހިންގެ މެދުގައި ވެސް މި ކަހަލަ މަޝްރޫއުތައް ވަރަށް ކަމުދޭ. އެ މީހުން ވެސް ބޭނުން ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރަން،" މާރިއާ ވިދާޅުވި އެވެ.
ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި ސަމާ އައިލެންޑް ރިސޯޓުން ކުރާ މަސައްކަތުގެ ތެރޭގައި މަސްނޫއީ ފަރުގެ އިތުރުން، އެކިއެކި ބުއިންތަކަށް ބޭނުން ކުރާ ޕްލާސްޓިކް ހޮޅި ބޭނުން ނުކުރުމާއި، ރިސޯޓްގައި ބޭނުންކުރުމަށް ބޯފެން އިމްޕޯޓްކުރުން މަދުކުރުމާއި މުރަކަ ހިމާޔަތް ކުރުމުގެ މަޝްރޫއުތައް ހިންގުން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލިދީދީއައްޑޫސިޓީ
13 August 2018
މަސްނޫއީ ފަރު، މަސްނޫއީ މާގަސް، މިވަރުން ދަންޏާ މަސްނޫއީ ރައްޔަތުން ވެސް ތައްޔާރުކޮށް އަހަރުމެން ބާކީކޮށްލާނެ!
ފަރު
13 August 2018
މިކަން ކުރަން ހުއްދަ ދިން ބަޔަކާމެދު ވެސް ފިޔަވަޅު އަޅަންޖެހޭ. ގުދުރަތުގެ ރީތިކަން ގެއްލުވާލާ ކަނޑުއަޑިޔަށް ސިމެންތި އަޅާ މި ބޮޑުވަރު. އީ.ޕީ.އޭ ހޭލާ
އުނބުށެން
13 August 2018
ހުރިހާ ފަރުތައް ހަލާކުކޮށްފައި ތަރައްގީގެ ނަމުގައި ޕްލާސްޓިކް މަސް މޫދަށްލާށޭ މީހަކު ކޮމެންޓެއްގައި ބުނެފައިއޮއްވައި ފެނިގެން އެއީދެން ބަޔަކު ކުރާނެ ކަމެއްނޫނޭ ހިތަށް އެރިއެވެ. އެކަމަކު މިހާރު ދެން އެއީވެސް ކޮށްފާނެ ކަމެއްކަން ޔަގީންވެއްޖެއެވެ.
ފަތިމަ
13 August 2018
ރީތި ފަރު ތަކާއި ކުލަރީތި މުރަކަތަކުން މުއްސަދިކަން ގުދްރަތުން ލިބިފައިވާ މިރީތި ޖަޒީރާ ގައި މަސްނޫޢީ ފަރު ، މުރަކަގަޑު ހަދަނީ މާ މޮޅުކަން ދައްކަންތަ. ފަޅުތަކުގެ އަޑިއަށް ފާޑުފާޑުގެ ކެމިކަލްސް އާއި އެއްޗެހި ބޭނުންކޮށްގެން މަސްނޫޢީ މުރަކަ ގަޑު މޮޅުކަން ދައްކަން ނުލިޔަސް އެގްޒިބިޝަން އެއް ބޭއްވިދާނެ. ކަޑުއަޑި ދައްކުވައިދޭ.
ގަހާގުއިފޮޑިދޮންތި/ފެދޫ
13 August 2018
ހީވާގޮތުގައި ބަޔަކު އަޑީގައި ތިބެ ރޭވުމެއްގެ ތެރޭގައި ދިވެހިރާއްޖޭގައި މިއޮތް ގުދުރަތީ މުއްސަނދިކަން އާރޓިފިޝަލް ރީތިކަމަކަށް ބަދަލުކޮށް އެމެސެޖު މުޅިދުނިޔެއަށް ފޮނުވުމުގެ ބޭނުމުގައި ކުރާ ވިޔާނުދާކަމެއް... ދާދި ފަހުން ދިވެހި މެރީން ބަޔޮލިސްޓުންނާއި ދިވެހިޑައިވަރުން ރާއްޖޭގެ 4 ސަރަހައްދެއްގައި އަންޑަރވޯޓަރ ސާރވޭއް ކުރި އަދި ފަރުގެ ބޮޑު ސަރަހައްދެއްގެ ގުދުރަތީ ދިރުން އެނަލައިޒް ކުރުމައްފަހު އޮންލައިނު ނިއުސްތަކުގައި ސާރވޭގެ ފޮޓޯތަކާއި ވީ ޑި އޯ އަޕްލޯޑު ކޮށްފައިވޭ... އާދެ! އެބޭފުޅުންގެ ސާރވޭއިން ދައްކާގޮތުގައި މުރަކަ އަދި މަސްމަހާމެހި ގުދުރަތީ ދިރުން ތަކައް އެއްވެސް ބަދަލެއް އައިސްފައިވާކަމަކައް ނުދައްކާ... ކައިރީގައި ހުންނަ މުރަކަ ބުރާންޗެއް މަރުވެފައިވާ އިރު އޭގެ ބަދަލުގައި ޖެހިގެން 10 ވަރަކައް މުރަކަ ބުރާންޗް ގުރޯވް ވާކަމައްވޭ... ތިހިންގާ އާރޓިފިޝަލް ކަންތައް މުޅިދުނިޔެއަށް އެނގި ރާއްޖޭގެ ގުދުރަތީ ރިތިކަމައް ލިބެމުންދާ ލޯބި ގެއްލޭނެކަމައް އަޅުގަނޑު ދެކެން.....
ގަހާފޮޑިޖަމަލުދޮންތިފޭދޫ
13 August 2018
އަހަރެން ގަވޫލުނުކުރަން ތިޔަ ޕުލާސްޓިކު މަސްހުނި ފަރު މިރާއްޖޭގެ ފުދުތަކުގައި ދަގަނޑު ބޯލްޓުކޮށްގެ ހަރުކުރާކަށެއް.. ތިކަން ތިކުރާބަޔަކު ތިވަނީ މިގައުމުގެ ރީތިކަމާއި މަޝްހޫރުކަން ތައް ތަކަށް ހަމަލާދޭންވެގެން
ސުލެއިމާނު
13 August 2018
އަހަރުމެންގޯތީ ހުރިބާދަނގަޑާއި ގާކުންޑި ރީތީފަޅަކަށްހުސްކޮށްލަންދާންވީ. ދެންބުނާނަށް މަސްނޫއީ ގެދޮރުވެހިކަމެއް ކަނޑުއަޑީ ހަދައިފީމޭ.
ސުލްޠާން
12 August 2018
މިއީ ވަރަށް ސޭކް ކަމެއް. ގުދުރަތީ ރީތިކަމަށް މުޅިދުނިޔޭގަައި މަޝްހޫރު މިދިވެހިރާއްޖޭގަައި ތިކަހަލަ ކަންތައް ކުރުމުން ދުވަސްކޮޅަކުން ދިވެހިރާއްޖޭގެ ގުދުރަތީ މުއްސަނދިކަމަކީ މަސްނޭއީ މުއްސަނދި ކަމަކަށްވެދާނެ.
އިންމަބޭ
12 August 2018
ތީއީ ފަރެއް ނޫން! ތިއީ މުރަކަ ގަންޑެއް .. ފަރަކީ ކޯޗެއްކަން ދަސްކޮއްބަލަ
ފަރުކޮއި
12 August 2018
މިއީ ރާއްޖޭގެ ގުދުރަތީ ރީތި ފަރުަތަކާ އަޅާ ކިޔޭނެ އެއްޗެއް ނޫން މީހަމަ ސުމެއްގެ ކަމެއް މިޒާތުގެ އެރއްޗެތިން ރއްޖޭގެ ގުދުރަތީ ފަރަސްލިބޭނެ ބޮޑެތި ގެއްލުންތރަކާމެދު ފުންކޮށް ފުޅާކޮށް ވިސްނަންޖެހޭ
ރަދީފުލް އައްވަލް
12 August 2018
ދުވަސްކޮޅަކުން ރާއްޖޭގެ ރަށްރަށުގާ އިންދާފައި ހުންނާނީ މަސްނޫއީ ރުއްކަންނޭގެ. އަދި ދިވެހިން ކާނީވެސް މަސްނޫއީ ކާށިކަންނޭގެ. އޭރުން ވަރަށް މަޖާވާނެ.