ކުޅުދުއްފުށީގައި މިރޭ ބޭއްވި ޖަލްސާގައި މެމްބަރު ނަޝީދު ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
22 އޯގަސްޓް 2018 - 22:03
ރައީސް އަބްދުﷲ ޔާމީން ހިންގަވާ ތަރައްގީގެ މަޝްރޫއުތަކަށް ހދ. ކުޅުދުއްފުށްޓާއި ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް ތާއީދު ކުރާ ކަމަށާއި ތަރައްގީގެ ކަންކަން ކުރިއަށް ގެންދިއުމުގެ އާދަ މި ސަރުކާރުގެ ދައުރުގައި އަށަގެންފައިވާ ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
އެ ރަށުގެ 16 މަގެއްގައި ތާރު އަޅައިގެން ހެދުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަ ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ ތަރައްގީއާ ދެކޮޅު އެއްވެސް ރައްޔިތަކު ކުޅުދުއްފުށީގައި ދިރިނޫޅޭ ކަމަށެވެެ.
އެގޮތުން މަގުތަކާއި ގޮނޑުދޮށް ހިޔާމަތް ކުރުމުގެ މަޝްރޫއު ނިމިގެން ދިޔަ ގޮތަށް، އެ ރަށުގެ އެއާޕޯޓާއި އާ ބަނދަރު ވެސް މާ ލަސްތަކެއް ނުވެ ނިމިގެން ދާ ތަން ފެންނާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައީސްގެ ޔާމީންގެ ތަރައްގީގެ މަޝްރޫއުތަކަކީ ހުއްޓުމެއް ނެތި، ކުރިއަށްދާ މަސައްކަތްތަކެއް ކަމަށެވެ. އެގޮތުން ކުދި ބޮޑު އާބާދީތަކުގައި ތަރައްގީގެ އެކި ކަހަލަ މަޝްރޫއުތައް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.
މިރޭގެ ހަފުލާގައި، ރައީސް ޔާމީނާއި މެމްބަރު ނަޝީދު ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
"އަޅުގަނޑުމެން މި ދެކޭ ތަރައްގީ އާއި ކުރިއެރުން އެއް މަންޒަރަކުން ސިފަވާ ނަމަ އަޅުގަނޑުމެންނަކީ އެއްފަސްވެފައިވާ ބަޔަކަށްވެފައި ދުއްވާލާފައި އެއްގަމުން އެއް ރަށުން އަނެއް ރަށަށް ގޮސް މި ހުރިހާ ތަރައްގީގެ މަޝްރޫއުތަކެއްގެ މަންޒަރުތަކެއް ފެންނަ ނަމަ އިހުސާސް ކުރެވޭނެ ކިހާ ވަރެއްގެ ގިނަ މަޝްރޫތަކެއްކަން ރަށްރަށުގައި އެއްފަހަރާ ހިނގާ ކަމާއި އޭގެ ސަބަބުން ރާއްޖެ އަށް އަންނަ ކުއެރުމާއި ތަރައްގީއަކީ ކޮބައިކަން،" ނަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި "ދިގު ފުންމުމުގައި ފުންމާހެން ތަރައްގީގައި މިހާރު ނަގަނީ ލީޕް ފޯވާޑެއް" ކަމަށެވެ.
"މިއީ ހަގީގަތުގައި އިގުތިސާދީ ގޮތުން އަންނަ ހަމައެކަނި އިސްލާހީ ބަދަލެއް ނޫން. މިއީ ޓްރާންފޮމޭޝަނަލް ބަދަލެއް. އެހެންވީމާ އަޅުގަނޑު ދެކޭ ގޮތުގައި ރައީސްގެ ސިޔާސަތަކީ ރާއްޖޭގައި މިހާތަނަށް ހިނގައި ދިޔަ އެންމެ ވަރުގަދަ އެންމެ ބާރު ގަދަ އެންމެ ބޮޑަށް ދުރަށް ފެތުރިގެންދާ ސިޔާސަތު،" ނަޝީދު ވިދާޅުވި އެވެ. "...ރައީސްގެ ސިޔާސަތަކީ ކޮންމެ ރަށަކީ ވެސް މުހިއްމު ރަށެއްކަން. އޭގައި އާބާދީ ބޮޑެއް ކުޑައެއް ތަފާތެއް ނެތް."
އޭނާ ވިދާޅުވީ ކޮންމެ ރަށެއްގައި ވެސް ތަރައްގީގެ ކަންކަން ކުރިއަށް ދަނީ ކުރަން ޖެހޭ ކަންކަމުގެ މުހިއްމު ކަމުގެ ތަރުތީބުންނެވެ. އެގޮތުން ލަހުން ވިޔަސް، ކަންކަން ވާނެ ކަމުގެ އުންމީދު މިހާރު އެބަ އޮތް ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނައޭ
23 August 2018
ތިހެން ތި ވިދާޅުވަނީ މަޖުބޫރުން
ކޮލަމާ
23 August 2018
އައި ނީޑް ސަމް މޯ! ގައުމު މިހާލަތަށް ދިއުމުގެ އެއް ހިއްސާދާރު
ފޫހި
23 August 2018
މީނާ އެބައުޅޭތަ? ގައުމު މިހާލަތަށް ވައްޓާލުމުގެ ބޮޑުބައިވެރިއެއް. ދެން ސިޔާސީ މަގާމަކަށް ނުހޮވުމަށް ރައްޔިތުންނަށް ގޮވާލަން.
ތިބުނާ ތަރައްގީ
23 August 2018
ތިބުނާ ތަރައްގީ ވީމަ ރާއްޖެ ރާއްޖެއަކަށް ނުވާނެ، ތިބަލާކަށްނޫން ފަތުރުވެރިން އަންނަނީކީ! ކޯޗެއްތަ ކިޔެވީ؟
މައިމޫ
23 August 2018
ކޮރެކްސް ފާމަސީ ތަކުން ފަސޭހައިން ނުލިބޭ.
ޢިބަ
23 August 2018
ތިޔަކަހަލަ ތަރައްގީ ގެނެސްދިންވެރިންގެ ނިމުން އިގޮތް ބައެއް ގައުމު ތަކުގެ އިލެކްސަނުން ފެނުނު.ލަންކާގެ ރާޖަޕަކްސާ މެލޭސިއާގެ ބޮޑުވަޒީރުދެން އޮތީ ދިވެހި ރާއްޖެ.ރައްޔިތުންގެ ތާއީދު ފެންނާނެ
މުރާސިލު
23 August 2018
އެއްވެސް ރައްޔިތަކު ތަރައްޤީއާ ދެކޮޅެއް ނަހަދާނެއެވެ. ރައްޔިތުން ދެކޮޅު ހަދަނީ އަނިޔާވެރިކަމާ، ކޮރަޕްޝަނާ، ޢަދުލު އިންސާފު ނަގާލުމާއެވެ.
ބެއްޔާ
23 August 2018
އައިނީޑް ސަމް ކޭސް! ކޮންކަހަލަ ވާހަކައެއްބާ މިދައްކަނީ؟
އަލް ޙަލާލް
23 August 2018
ތަރައްޤީ އެއްކަމުގައި މިގައުމުގެ ރައްޔިތުން ގަބޫލުކުރާނީ ދެމެހެއްޓެނިވި ތަރައްޤީ އެވެ. އެއީ ކޮރަޕްޝަނުން ރައްކާތެރި ހަލާލު ގޮތުގައި ހޯދާ ފައިސާއިން އަންނަން އޮތް ޖީލު ތަކަށް ނޭދެވޭ އަސަރު ފުފޯރާ ގޮތަށް ހޯދާ ކުރިއެރުމެވެ. ހަލާލު ގޮތުގައި ލިބޭ ކުރިއެރުމެވެ.
އީމަން
23 August 2018
ރައީސް ޔާމީންގެ އަދުލްއަށް އެއްވެސް ރައްޔިތަކު ތާއީދު ނުކުރެއެވެ.