"އަސްތާ" ގެ ނަމުގައި ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީނާއި ސަރުކާރު އަދި ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ގައުމީ ސަލާމް ވިދާޅުވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
27 އޯގަސްޓް 2018 - 18:54
ކުރިއަށް އޮތް ފަސް އަހަރަށް އަނެއްކާ ވެސް ޕީޕީއެމަށް ވެރިކަން ލިބިއްޖެ ނަމަ، ރައްޔިތުންނަށް ފުއްދައިދޭނެ ވައުދުތައް ހާމަކުރުމަށް އެ ޕާޓީގެ ބޮޑު ޖަލްސާއެއް އަންނަ މަހު މާލޭގައި ބާއްވަން ނިންމައިފި އެވެ.
މި ފަސް އަހަރު ވެސް ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އަހުމަދު ނިހާން ވިދާޅުވީ އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ބޮޑު ޖަލްސާ އޮންނާނީ ކާނިވާ ސަރަހައްދުގައި ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ވައުދުތައް ހިއްސާކޮށް ދެއްވާނީ އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބަށް، އެ ޕާޓީގެ ޓިކެޓުގައި ދެވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނެވެ.
ނިހާން ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދާދި ފަހުން، ރައީސް ޔާމީން ކުރެއްވި ދަތުރުފުޅުތަކުގައި ބައެއް ވައުދުތައް ވަނީ ވެވަޑައިގެންފައި ކަމަށެވެ. އެކަމަކު، މާލޭގައި ޖަލްސާ އޮންނަ ރެއަކީ ޚާއްސަ ރެއަކަށް ވާނެ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލިހުގެ ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ ބޮޑު ޖަލްސާގައި ރައީސް ޔާމީންގެ ޚާއްސަ މެސެޖްތަކެއް އިވިގެންދާނެ ކަމަށެވެ. ރައީސް ޔާމީނަކީ، ރައްޔިތުންނާ ވަރަށް ގާތުން ގުޅުން ބާއްވަމުން އަންނަ ބޭފުޅެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޖަލްސާ ވެގެން ދާނީ އެމަނިކުފާނު [ރައީސް ޔާމީން] ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއި ކުރިއަށް އޮތް ފަސް އަހަރަށް ކުރިމަތިލައްވައިގެން މި ކުރައްވާ މަސައްކަތްޕުޅުގެ ތެރޭގައި މުޅިން އާ ހަރުފަތަކަށް މައުލޫމާތުތައް ރައްޔިތުންނަށް ލިބިގެންދާނެ ރެއަކަށް ކަން ޔަގީން،" ޚަލީލް ވިދާޅުވި އެވެ.
ޚަލީލް ވިދާޅުވީ ބޮޑު ޖަލްސާގައި ސަރުކާރާއި ޕީޕީއެމަށް ތާއީދު ކުރާ މީހުންނާއި އިދިކޮޅު ފިކުރަށް ތާއީދު ކުރާ މީހުން ވެސް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ރައީސް ޔާމީން ރަސްމީ ދަތުރުފުޅެއްގައި ރ. ދުވާފަރުގައި މިވަގުތު ހުންނެވިއިރު، ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ، ޕީޕީއެމްގެ ކެންޑިޑޭޓުގެ ހައިސިއްޔަތުން މި ހަފުތާގައި އެމަނިކުފާނު ވަނީ ރަސްމީކޮށް ކެމްޕެއިން ފައްޓަވައިފަ އެވެ. ކެމްޕެއިނަށް އެންމެ ފުރަތަމަ ރައީސް ޔާމީން ވަޑައިގަތީ ފ. އަތޮޅުގެ ބައެެއް ރަށްތަކަށާއި ތ. ގުރައިދު އަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަން ޒަކީ
28 August 2018
ތަރައްޤީ މެކުހައްޖެހީމަ އިދިކޮޅުންވެސް ރަޢިސް ޔާމީން އާއި ގުޅެން ފަށާނެ!
އަންވަރު
28 August 2018
ވައުދު ނުފުއްދާ މަތިމައްޗަށް ވައުދު ވަނީ ޔާމީން.
ބޮޑުރިޔާ
28 August 2018
މަށައްފެންނަނީ ތިޔަޖަލްސާ ބުރިޖުމަތީގައި ބާއްވާން އޭރުންނޭނުންދޯ ހަވާއަރުވާލާ ފަޓާސްޖަހާލާ މަޖާކޮށްލެވޭނީ އެކަމަކު ވޯޓް އެއީ މަލާނެމީީހަކަށް ލާން މަށަށް އިޚްތިޔާރު އޮތް ސިއްރު އެއްޗެއް
މަސްލަހަތު
28 August 2018
ކާނިވާ ސަރަހައްދު ކުއްޔަށް ދޭން ފެށީތަ? އެހެން ބަޔަކަށް ނުލިބެޔޯ ކިޔާތީ އިވޭ
މެޑަމް އައިޝާ
28 August 2018
ކޯޅިސަނަށް ޅިބުނަސް ތި މީހުން ކޯޅިގަނެ އަހަރެއް ނުވަނިސް ވައްޓާޅާނެ ހީވަނީ ފެންނަހެން
ލިން
28 August 2018
އެއްކަލަ ހަވާ ޕަޓާސް ޖަހާފަ ދެއްކި ޝެޒަށް ވީގޮތް ނުވަތަ އެ ޤާނޫނުގެ ދަށުން ކުރާނެ ކަމެއް ބުނެލަދޭނެކަމަށް އުއްމީދުކުރަން
އިބްޝާ
28 August 2018
ތި ބާއްވާ ބޮޑު ޖަލްސާއިންވެސް ޔާމީނު ފަލީހަތްވުން ނޫންކަމެއް ނުވާނެ .. ދެން ލިބެއޮތް ވޯޓުކޮޅުންވެސް ބައެއް މަދުވުން އެއީ އެހެން ކަމެއތާ ..
އަސްލުހާލަތު
28 August 2018
ބޮޑެތި މެގަ ވައުދުތައް ހުންނާނި މުޅިންވެސް މާލޭ އޭރިއާއަށް.. އެންމެ ބޮޑުކަމަކަށް މާލޭ ފުލެޓުތަކުގެ ވާހަކަޔާ މާލޭ އެމްޕީއެލް ޕޯޓް ރިލޮކޭޝަންގެ ވާހަކަ އޮންނާނި.. އަތޮޅުތަކަށް ވައުދުވި އެސްއީޒެޑްތައް މަތީން ހަނދާންވެސް ނުހުންނާނެ..
ގޭންގުޔާނު
28 August 2018
ތިޔަ ފަދަ ވައުދުތައް ވަނީ ރުކަށް އެރިމީހަގެ ނަދުރަށް. އޭނާވެސް ރުކުން ނުފޭބިގެން ވަރަށް ނަދުރު ބުނި، ފޭބުނިމާ އެނަދުރުތައް މަތިން ހަނދާންވެސް ނެތް. ހޯޕްލެސް. ޔާމީން އަކީ ދެން އޮންނަ 5 އަހަރުގެ ދައުރަކަށް ގިނަ ދިވެހި ރައްޔިތުންގެ އިހްތިޔާރުކުާ މީހެއްނޫން. ތިޔަކަމަށް ޝައުގުވެރިކަމެއްނެތް. އިތުރު އެންމެ ވޯޓެއްވެސް ނުލިބޭނެ. 30 ޕަސެންޓް އިން ހިތަހަމަ ޖައްސާލަ. ފޮށި ތަންމަތި ބަނދެފަ ހިލާލީގޭން ނެރެފަ ބަހައްޓާ.
ފޫހި
28 August 2018
2013 ގެ ވެރިކަން ލިބުނީއްސުރެ ކުރައްވަނީ ކެމްޕޭން. އަބަދުވެސް އިވެމުންދިޔައީ ޔާމީން 2018 ގެ ޝިޢާރުތައް. އެކަމަކު އެ ހުރިހާ ކެމްޕޭނެއްކުރީ ސީދާ ދައުލަތުގެ މުދަލާއި ވަސީލަތްތައް ބޭނުންކޮށްގެން ދެން ތިޔަ ބުނާ ބޮޑު ޖަލްސާގައިވެސް ކެމްޕޭންވިއަސް ކުންފުނިތަކާއި ސަރުކާރުގެ މުވައްޒަފުންނަށް މަޖްބޫރުކުރާނެދާން. ތިއީ ލަދުގަންނަ ބައެއްނޫން. ދެން އޮތީ އިދިކޮޅު ކޯލިޝަނަށް ޖަލްސާއެއް ބާއްވަން ތިޔަ ކާނިވާ ނުދޭނެ. އެއީ މުއިއްޒު ކޮންމެވެސް ބަހަނާއެއް ދައްކައިގެން. ތިޔަ ޕާޓީން 7 ސެޕްޓެމްބަރަށް ކާނިވާ ލިބޭކަން މިހާރުކުރިން ތިޔަ ކަށަވަރުވީ. އެމްޑީޕީއަށް ދިނަސް ދޭނީ ބާއްވަން އޮންނަރޭގެ ކުރީ ދުވަހު. އެއީ އެމީހުން ތައްޔާރުވާން ފުރުޞަތު ނުދެންވެގެން. ކަލޭމެންގެ މަކަރު ރައްޔިތުންނަށް އެނގޭ. އެކަމަކު ޤައުމާއި ދީނަށް ވިސްނާފައި ކެތްތެރިވެގެންތިބެނީ.