ހުޅުމާލޭގައި އިދިކޮޅު ކޯލިޝަނުން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ކޯލިޝަނުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގަންނަވަނީ
03 ސެޕްޓެމްބަރ 2018 - 22:15
ހުޅުމާލޭގައި އިދިކޮޅު ކޯލިޝަނުން ޖަގަހައެއް ހުޅުވުމުގެ ހުއްދައަށް އެދުމުން، އެތަނުގެ ވަށައިގެން ހުރި ގެތަކުގެ މީހުންގެ ޕެޓިޝަނެއް ހުށަހަޅަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އެންގި ކަމަށް އިދިކޮޅު ކޯލިޝަނުން މިރޭ ބުނެފި އެވެ.
ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމަށް، އިދިކޮޅު ކޯލިޝަނުން މިރޭ ވަނީ ހުޅުމާލޭގައި އާ ޖަގަހައެއް ހުޅުވާފަ އެވެ. ކުރިން އެ އަވަށުގައި ހުރި، ކޯލިޝަންގެ ޖަގަހަތައް އެޗްޑީސީން ވަނީ ބަންދުކޮށްފަ އެވެ.
ހުޅުމާލޭގައި އިދިކޮޅު ކޯލިޝަނުން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ނިޔާޒް މިރޭ ވާހަކަ ދައްކަވަނީ
ހުޅުމާލޭގެ 57 ވަނަ ފްލެޓް ކުރިމަތީގައި، "އިއްތިހާދު ހަރުގެ" ނަމުގައި މިރޭ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް ވިދާޅުވީ، ޖަގަހަ ހެދުމުގެ ހުއްދައަށް އެދުމުން، އެތަނުގެ ސަބަބުން ކައިރި އަވަށްޓެރިންނަށް އުނދަގޫ ނުވާނެ ކަމަށް އަވަށްޓެރިން އެއްބަސްވާ ޕެޓިޝަނެއް ހުށަހެޅުމަށް (ޖަގަހަ ހުރި) ގޭގެ ވެރިފަރާތަށް އެޗްޑީސީން އެންގި ކަމަށެވެ.
"މި މިންވަރަށް ކަންތައްތައް ދިޔުމަކީ ވަރަށް ހެއްވާ ކަމެއް. ހަގީގަތުގައި އެޗްޑީސީގެ ކިބައިން އަޅުގަނޑުމެން އެއްވެސް ހުއްދައެއް ނަގާކަށް ނުޖެހޭނެ. އަޅުގަނޑުމެންނަށް ލިބިފައިވާ ހުއްދަ އަކީ ކެންޑިޑޭޓް ނަމްބަރު ދޭއް،" ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އެ ރަސްމިއްޔާތުގައި ނިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އެ ކެންޑިޑޭޓަށް ކެމްޕޭން ކުރުމުގެ ހުއްދަ، އިންތިހާބާ ބެހޭ ގާނޫނުތަކުގެ ދަށުން ލިބިދޭ ކަމަށާއި އެޗްޑީސީ ކިޔާ ކުންފުންޏަކަށް އެކަން ނުހުއްޓުވޭނެ ކަމަށެވެ. އަދި އެގޮތަށް އަމަލު ކުރާނަމަ، އެތަން "ހަމަބިމަށް ތިރިކުރަން ޖެހޭ" ކަމަށް ވިދާޅުވި އެވެ.
ނިޔާޒު ވިދާޅުވީ ހުޅުމާލޭގައި އިދިކޮޅު ފަރާތްތަކުން ކެމްޕޭން ކުރުމުގެ ފުރުސަތު އެޗްޑީސީން ނުދޭތީ، އެކަން އޭނާ އަމިއްލަ ގޮތުން ވެސް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ކެމްޕޭންތަކަށް ހުރަސް އެޅުން ހުއްޓާލުމަށް، އެމްޑީޕީގެ ފަރާތުން އެޗްޑީސީއަށް ހުށަހަޅާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ހުޅުމާލޭގައި އިދިކޮޅު ކޯލިޝަނުން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވަނީ
"ހުޅުމާލެއަކީ މާލެ ސިޓީގެ އަވަށެއް. އެތަނުގެ މޭޔަރު ހުންނެވި އިރު، މިއީ އެތަނުގެ އިހްތިސޯސްގެ ތެރޭގައި ހިމެނޭ ތަނެއް. މި ތަނަށް ކުންފުންޏެއްގެ ބާރެއް ނުހިނގާނެ. އެ ކުންފުނީގެ ބާރު ހިނގަނީ ކީއްވެތޯ ބަލައި، އެކަން ނެތިކޮށްލުމަށް ފަހު، އިންތިހާބާ ބެހޭ ގާނޫނުގެ ދަށުން ލިބިފައިވާ ކެމްޕޭން ކުރުމުގެ ބާރު ހުޅުވައިދިނުމަށް އަޅުގަނޑުމެން ފުލުހުން ގާތު ވާނީ އެދިފައި،" އެ ގާނޫނާ ހިލާފަށް، ކެމްޕޭނަށް ހުރަސް އެޅުމަކީ ކުށެއް ކަމަށް ސިފަ ކުރައްވަމުން ނިޔާޒް ވިދާޅުވި އެވެ.
ހުޅުމާލޭގައި އިދިކޮޅު ކޯލިޝަނުން ހިންގި ދެ ޖަގަހައިގެ ތެރެއިން އެއް ތަން، އެޗްޑީސީން ބަންދު ކުރީ 10،000 ރުފިޔާ އަށް ޖޫރިމަނާ ކުރުމަށް ފަހު އެވެ. ނިރޮޅުމަގުގައި ހުރި އަމިއްލަ މީހެއްގެ އެ އިމާރާތް، ޖޫރިމަނާ ކުރީ، އެ ކުންފުނިން ނަގަން ޖެހޭ ''އިމާރާތް ބޭނުން ކުރުމުގެ ހުއްދަ'' ނުނަގާ ކަމަށް ބުނެ އެވެ.
އަދި އަނެއް ތަން ވެސް، ބަންދު ކުރީ ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރާއެކުގަ އެވެ.
އެޗްޑީސީން އޭރު ބުނިގޮތުގައި ހުޅުމާލޭގައި ހުންނަ ބިންތަކަށް ވަންނަ ނަމަ، އެޗްޑީސީގެ ގަވައިދާ އެއްގޮތަށް ހުއްދަ ނަގަން ޖެހޭނެ އެވެ. އެކަމަކު އަމިއްލަ ބައެއްގެ ބިންތަކެއްގައި އިދިކޮޅު ކޯލިޝަންގެ ޖަގަހަތައް ހެދީ އެ ހުއްދަ ނެތި ކަމަށާއި ހުއްދަ ނުހޯދައި އެއްވެސް ފަރާތަކުން ޖަގަހައެއް ހިންގާ ނަމަ، އެ ކުންފުންޏަށް އެޅެން އޮތް ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށް އެތަނުން ބުނެފައި ވެ އެވެ.
އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ހުޅުމާލޭގައި ޕީޕީއެމްގެ ޖަގަހަތައް ހިންގަނީ ވެސް އެޗްޑީސީގެ ހުއްދަ ހޯދުމަކާ ނުލަ އެވެ. އެކަމަކު އެޗްޑީސީން އެކަން ދޮގު ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަލޯގަޔާ
04 September 2018
އެޗްޑީސީ އިން ކުރި ވަރަށް ތަހުޒީބީ ރަގަޅު ކަމެއް.
ނިޔަސާ
04 September 2018
ﷲ ވާގި ފުޅާއެކު ހޮވާނީ އިބޫ.
ހޫތު
04 September 2018
ހަމަ އުވާލާނީ އެގިއްޖެ؟
ސަދމު
04 September 2018
އިންސާފުގެ ކުޑަ މިންވަރެއް
ހަސަން ޒަކީ
04 September 2018
ހެޔޮނުވާނެ، މޑޕ ގެ ވެރިކަމުގައި ނޫންތޯ ތިފަދަ ގޮތްގޮތަށް ބާރުފޯރުވައިގެން ތަންތަން ހޯދީ؟ ތިޢާދަތައް މިޤަޢުމުގައި އަށަގަންނުވާފައި ދެން ތިހެން ކިޔާ ރުޅިވެސް އަރުވާ ހަމަނުޖެހުން އުފެއްދުމަކީ ރޭވިގެން ދޭ ހަމަލާތައް!
ފަރީދާ
04 September 2018
ޕީޕީއެމް މީހުން ބުނަނީ ހުޅުމާލެ %90 ލިބޭނީ އެމީހުންނަށް ކަމަށް. އެހެންވީމާ އިންތިޚާބު ކާމިޔާބުވާނެ ކަމަށް. އެހެންވެ ހުޅުމާލެ އަށް އިދިކޮޅު ޖަގަހަވެސް އަދި ދިދައެއްވެސް ޖެހިޔަނުދީ އެއުޅެނީ. އެހެންވީމާ ވަރަށް ވަރުގަދަ އަށް އިދިކޮޅުން ހުޅުމާލެ ޖައްސަންވީ އެމީހުންނަށް ރާއްޖެތެރެއަކުން މާބޮޑު ތާއީދެއްނެތް ހުޅުމާލެ ލިބޭނެކަމުގެ އުއްމީދުގަ އެތަން ބަންދުކޮށްގެން އެއުޅެނީ
ހުޅުމާލޭމީހާ
04 September 2018
ހުޅުމާލެ ޕޕއމ ޖަގަހަ ހުރީ އަޅުގަނޑުގެ ގޭ ކައިރީ އެވެ. ރޭގަނޑު ލަވަ ޖަހާތީ ދަރި ނިންދަވަން އުނދަގުލެވެ. އަޅުގަނޑަކީ ގޭގެ ވެރިފަރާތެވެ. ޕޕއމ އަކުން ނާދޭ އަޅުގަނޑުގެ ހުއްދަ އަކަށް އެދެން. އެތަން ބަންދު ކުރަން ޕެޓިޝަން އެއް ހަދައިފި ނަމަ އޭގައި އަޅުގަނޑު ސޮއި ކުރާނަން އަޅުގަނޑަށް އުދަގޫވާތީ
ބިމާ
04 September 2018
ހޮވުނީމަ ސައިޒްކުރަން ޖެހޭ ތަނެއް ތީ.
ކަރީންބެ
04 September 2018
ދެން ވައުދު ވޭ.. ހޮވިއްޔާ އެޗްޑީސީ އުވާލަން. މީމި މީހުންގެ ފެން ވަރަކީ..
ސައްޕެބާއި
04 September 2018
އުވާލަން ޖެހޭ ތަނެއް އެއީ. ދިވެހި ދައުލަތުގަ އޮތް އެންމެ ބޮޑު އަދި އެންމެ އަގު ބޮޑު ބިން، ކުންފުންޏަކާއި ހަވާލުކޮށްގެން، އަހަރުގެ މެދާ ހަމަޔަށް ދިޔައިރު 18 ބިލިއަން ރުފިޔާ ހުސްކުރި ގޮތް ބަލަންޖެހޭ. ދިވެހި ބިން، ބޯޑު މެންބަރުން ބޭނުންވާގޮތަކަށް ކަނޑައަޅާ އުޞޫލުން ބޭނުންކުރެވޭ އެއްވެސް ޖާގައެއް ނެތް. ކީއްވެގެންތޯ، ދައުލަތުގެ އެބޮޑު ބިން ސަރުކާރުގެ ބެލުމުގެ ދަށަށް ނުގެނެވިގެން އުޅެންވީ. ފުރަ މާލެ އާއި އަދި ރާއްޖޭގެ އެހެން ރަށްރަށާއި އުޞޫލު ހެދުމުގައި، ހަމަހަމަ ކަން ގެއްލޭގޮތަށް އޮންނަނީ. އަޅުގަނޑުގެ ބައްޕަގެ 5 ބުރީގެ ޢިމާރާތެއް އޮންނަ ބިމެއް އޮވޭ. ދެން އަހަރެން ކާރެއް ގަނެގެން ހުޅުމާލޭގައި ދުއްވަން ހުއްދައަށް އެދުމުން ބުނީ ކާރު ރަޖިސްޓަރީ ކުރެވޭނީ ބިމުގެ ވެރިފަރާތަށޭ. އެކަމަކު، މަގޭ ލާރީގައި ގަނެފައި އޮތް ކާރެއް. މާދަމާވެސް ބައްޕަ ނިޔާވެއްޖެއިޔާ އެކާރުވާނި، ވާރިޡުންގެ ތަރިކަ މުދަލަކަށް. ކޮބާ މަގޭ މުދާހޯދުމުގެ ހައްޤު.
އަފި
04 September 2018
އަަސްލުވެސް އޮއްނާކައްނުޖެހޭ ކޮންމެރަށައްކައް ކުންފުންޔެއްނޫން އޮއްނަނީ..
އަލް އަޚޤ
04 September 2018
ރައްޔިތުންނަށް އާންމު އުނދަގޫވާގޮތަކަށް ސިޔާސީ ހަރަކާތް ހިންގާކަށް ފުރުޞަތެއް ނުދެވޭނެ.