10 ސެޕްޓެމްބަރ 2018 - 08:06
އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) ރަށްރަށަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވަމުން ގެންދަވާއިރު އެކި މީހުން އެކި ގޮތްގޮތަށް އެމީހުންގެ ޝަކުވާ، ދިމާވަ މައްސަލަތައް ކިޔައިދެ އެވެ. އެއްބަޔަކު އެ ވާހަކަތައް ބުނަނީ އެހެން މީހަކަށް އަޑުނީވޭހާ މަޑުންނެވެ. އަނެއް ބަޔަކު ހަވާލުކުރަނީ ނޯޓުތަކެވެ.
މިދިޔަ ހަފްތާގައި ހއ. އަތޮޅަށް އިބޫ ވަޑައިގެން ހޯރަފުށީގައި ބޭއްވި ޖަލްސާގައި އޭގެ ތެރެއިން އެއް ނޯޓެއްގެ ވާހަކަ ހާމަކުރެއްވި އެވެ. އެއީ ހއ. ގެ ޒުވާނަކު އޭނާއަށް ދިން ނޯޓެކެވެ. އެޒުވާނާ އެދުނީ އޭނާ ނިސްބަތްވާ ރަށް ނޫން އެހެން ރަށަކަށް ވަޑައިގެން، އެ ނޯޓުގައި އޮތް އެއްޗެއް ވިދާޅުވިޔަސް މައްސަލައެއް ނެތް ކަމަށެވެ.
"އޭގައި މިއޮންނަނީ އަޅުގަނޑު އިބޫއަށް ތާއީދުކުރަން އައުމުން އަޅުގަނޑުގެ ބައްޕަގެ ވަޒީފާ އެހެން ރަށަކަށް ބަދަލުކުރާނޭ. އިބޫގެ ވެރިކަމެއްގައި ބައްޕަ އަނބުރާ ގެނެސް ދެއްވާށޭ،" ކުރު އެ ނޯޓު އިބޫ ކިޔައިދެއްވި އެވެ.
އެއީ ހަގީގަތެކެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ކަވަރޭޖަށް، އިބޫއާ އެކު އަޅުގަނޑު 47 ރަށަށް ދެވުނު އިރު ކޮންމެ ރަށަކުން ވެސް އެޝަކުވާ އަޑުއަހަން ޖެހެ އެވެ. ސަރުކާރުގެ ވަޒީފާތަކުގައި އުޅޭ މީހުން އިދިކޮޅު ކޯލިޝަނަށް ތާއީދުކުރާކަން ހާމަކުރާ ހިސާބުން މާ ދުރު ރަށްރަށަށް ވަޒީފާ ބަދަލުކޮށް ދަތިތައް ކުރިމަތި ކުރުވަނީ އެވެ. ހާއްސަކޮށް ފެނަކަ ކުންފުނީގެ މުވައްޒަފުންނެވެ.
އެކަމަކު ރިޔާސީ އިންތިހާބު ބޯމަތިވެފައިވުމާ އެކު ބައެއް މުވައްޒަފުންގެ ބިރު ވެސް ވަނީ ފަހަނައަޅާފަ އެވެ. އިދިކޮޅު ކޯލިޝަނަށް ފާޅުގައި ގެންދަނީ ތާއީދުކުރަމުންނެވެ. އެކަމަކު ވަޒީފާ އިން ވަކިކުރުމާއި ދުރު ރަށްރަށަށް ވަޒީފާ ބަދަލުކުރުމާއި އުޅޭ ސެކްޝަން ނޫން އެހެން ތަންތަނަށް ބަދަލުކުރުން ފަދަ ފިޔަވަޅުތައް ކުންފުނިތަކުން ދަނީ އަޅަމުންނެވެ.
މާލޭގައި ހުންނަ ސަރުކާރުގެ ބޮޑެތި ކުންފުނިތަކުގެ ވާހަކަ އިހަށް ބާއްވާށެވެ. އެ ކުންފުނިތަކުގެ އެތައް މުވައްޒަފުންނަކަށް ވެސް، މެނޭޖްމަންޓުން ތަފާތު ފިއްތުންތައް ކުރިމަތިކުރުވަ އެވެ. އެމީހަކު ބޭނުންވާ ސިޔާސީ ފިކުރަކަށް ތާއީދުކުރުމަކީ އަސާސީ ހައްގެއް ނަމަވެސް، ހައްގުތައް ހަނިކޮށްފައިވާ ސަރުކާރުން، އާންމުންނާ މެދު އެ ވިސްނުމަކުން ނުވިސްނަ އެވެ.
ހޯރަފުށިން ދިމާވި ސަރުކާރު ކުންފުންޏެއްގެ ޑްރައިވަރަކީ ފުވައްމުލަކު މީހެކެވެ. ރާއްޖޭގެ އެންމެ ދެކުނުން އެންމެ އުތުރަށް އޭނާގެ ވަޒީފާ ބައްދަލުކުރީ އަމިއްލަ ރަށަށް ނިސްބަވެވަޑައިގަންނަވާ އިދިކޮޅު ރަނިން މޭޓް ފައިސަލް ނަސީމަށް، ފާޅުގައި ތާއީދުކުރުމުންނެވެ. މެދު އުމުރުގެ އެ މުވައްޒަފުގެ ޝަކުވާތައް ބައިވަރެވެ.
ރައީސް އަބްދުﷲ ޔާމީނަށް، ސިވިލް ސާވިސްގެ މުވައްޒަފުންނާއި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ފާޅުގައި ތާއީދުކުރުން މައްސަލައަކަށް ނުވެ އެވެ. ބައެއް މުވައްޒަފުން އެ މީހުންގެ ރަސްމީ މަސައްކަތް ނުކޮށް ރައީސް ޔާމީންގެ ކެމްޕޭނުގައި ގެންދަނީ ހަރަކާތްތެރިވަމުންނެވެ. އެ މީހުންނަށް ޕްރޮމޯޝަން ލިބެ އެވެ. އެ މީހުންނަށް އެހެން ފަސޭހަތައް ވެސް ތަނަވަސްކޮށްދެ އެވެ.
މި ހަގީގަތް މިހެން ހުއްޓަސް، ރައީސް ޔާމީނަކީ "ގައުމީވަންތަ" ބޭފުޅެއް ކަމަށް ބަލައި، އެމަނިކުފާނު ސަރުކާރުގެ އެ އަމަލްތަކަށް ބައެއް މީހުން ތާއީދުކުރެ އެވެ. އެކަމަކު އިދިކޮޅު މީހުން ތަކުރާރުކޮށް ގޮވަމުން ދަނީ، ސަރުކާރުގެ މުވައްޒަފުންނަށް ނުހައްގުން ދޭ އަނިޔާތައް، އެހެން އެއްވެސް ސަރުކާރެއްގައި މި ފެންވަރަށް ނުދާ ކަމަށެވެ.
އިދިކޮޅަށް ތާއީދުކުރާ ގިނަ މުވައްޒަފުން އަދިވެސް ތިބީ ބިރުވެރިކަމެއްގެ ތެރޭގަ އެވެ. ތިން އަހަރަށް ފަހު މާލޭގައި ބޭއްވި އިދިކޮޅު ފުރަތަމަ ޖަލްސާ ބަލަން ދިޔަ މީހުންތަކުން ކާނިވާ ސަރަހައްދު ފުރި ބަންޑުންވެ، ކައިރި އިމާރާތްތަކުގެ ބެލްކަނީތަކަށް ވެސް މީހުން އަރައި އުޅުނު އިރު، އޭގެ ތެރޭގައި ސަރުކާރުގެ އެތައް ސަތޭކަ މުވައްޒަފުން ވެސް ހިމެނެ އެވެ. އެ ޖަލްސާ އިން ޒުވާނުން ނުފެންނަ ކަމަށް ރައީސް ޔާމީން ވިދާޅުވިޔަސް، ޒުވާނުންގެ ހިނިތުންވުމާއި ކެރުމުގެ ނިޝާންތައް ފޮޓޯތަކުންނާއި ވީޑިއޯތަކުން އެހެރީ ފެންނާށެވެ.
ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގު ނިގުޅައިގަތުމަށް ޕީޕީއެމްގެ އާންމު މެމްބަރުން ވެސް ހަރަކާތްތެރިވެ އެވެ. އެގޮތުން ރަށްރަށުގައި، ސަރުކާރު ކުންފުނިތަކުގައި އުޅޭ އިދިކޮޅަށް ސަޕޯޓްކުރާ މުވައްޒަފުންގެ ހަރަކާތްތަކަށް "ޖާސޫސްކޮށް" ހަދަ އެވެ.
"އެމީހުންގެ މީހުން [ސަރުކާރު ވަޒީފާތަކުގައި ތިބި ޕީޕީއެމް މީހުން] އައިސް ބަލާ ހަދައި، ފޮޓޯ ނަގާފައި އެދަނީ. އެބަލަނީ ކޮން ބައެއްތޯ އައިސް ތިބީ. އެހެންވެ މީހުންނަށް ނުކެރެނީ ނުކުންނަން،" ލ. މާބައިދޫން ދިމާވި އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރަކު ބުންޏެވެ.
ބައެއް މީހުން ބުނި ގޮތުގައި ސިޔާސީ ވާދަވެރިކަން ބޮޑުވެ، ވަޒީފާ ގެއްލުމުގެ އިތުރުން ރަށުގައި އުޅެން ވެސް އުނދަގޫވާ ހިސާބަށް ޕީޕީއެމްގެ ސިޔާސަތު ވަނީ ގޮސްފަ އެވެ. އިދިކޮޅަށް ތާއީދުނުކުރުމަކުން އަދި ސަލާމަތެއް ނެތެވެ. ސަރުކާރު ދިފާއުކުރަން ނުނިކުތަސް، ނުވަތަ ޕީޕީއެމްގެ ހަރަކާތްތަކުގައި ބައިވެރިނުވިޔަސް ބައެއް މުވައްޒަފުންނަށް މައްސަލަތައް ދިމާވެ އެވެ.
"ރަށުގައި ހުރެ ރަނގަޅު އާމްދަނީއެއް ލިބޭނެ ގޮތަކީ ސަރުކާރުގެ ވަޒީފާއެއް. އެއީ އެހާ ގިނަ ވަޒީފާއެއް ނޫން. ދެން ވަރަށް ވާދަވެރިކަން ބޮޑުވާނެތާ. އެ ވަޒީފާ ގެއްލިއްޖެއްޔާ ދެން ފަސޭހައަކުން ވަޒީފާއެއް ނުލިބޭނެ،" ކުރިން ޕީޕީއެމަށް ގޮސް ހުސްވެފައި އޮތް އެކަމަކު މިހާރު އިދިކޮޅު ސަޕޯޓަރުން ގިނަ ތ. ގުރައިދޫން ވާހަކަ ދެއްކި ޒުވާނަކު ބުންޏެވެ.
އިބޫ ވިދާޅުވީ ކޯލިޝަންގެ ވެރިކަމެއްގައި އެފަދަ ފަރާތްތަކުގެ ވަޒީފާތައް އިޔާދަކޮށް ލިބުނު ގެއްލުމުގެ ބަދަލު ހޯދައިދެއްވާނެ ކަމަށެވެ. އަދި ސިޔާސީ އެކި ފިކުރުގެ މީހުންނަށް ވެސް އޭނާގެ ސަރުކާރުގައި ވަޒީފާ އަދާކުރެވޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އިދިކޮޅު ބޮޑު ޖަލްސާގައި، ކޮންމެ ބޭފުޅަކުހެން އެ މައުލޫއުގައި ވާހަކަ ދެއްކެވި އެވެ. ސިޔާސީ ފިކުރު ތަފާތުވެގެން ސަރުކާރު މުވައްޒަފުންގެ ވަޒީފާ އަދާކުރުމުގެ ހައްގަށް އުނިކަން ނާންނާނެކަމުގެ ޔަގީންކަން ދެއްވި އެވެ.
އެމީހެއްގެ ސިޔާސީ ފިކުރު ހާމަކުރަން ޖެހިލުންވުމަކީ މިނިވަންކަން ނެތުމުގެ ނިޝާނެކެވެ. ބިރުވެރިކަން އުފެދިފައި އޮތްކަމުގެ ނިޝާނެކެވެ. ވަކި ފަރާތަކަށް ވޯޓު ލާން މަޖުބޫރެއް ނުކުރެވޭނެ އެވެ. އެއީ މިހާރު ރާއްޖޭގެ މާޒީއެކެވެ. އެހެންކަމުން އެކަން އިއާދަކުރަން މަސައްކަތްކުރިޔަސް، އިންތިހާބުގައި އެކަން ކާމިޔާބުވާނެކަމާ މެދު ޝައްކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނބިލި
12 September 2018
ވަރަށް ހެއްވާ ވާހަކައެއް! އެމްޑީޕީ ވެރިކަމަށް އައިސް ޕާޓީ މީހުންނަށް ނުވާތީ ކިތައް މީހުން ވަޒީފާއިން ކަނޑާލާ ގެއަށް ފޮނުވާލިންތޯ؟ ކިތައް ޢާއިލާ ބިކަ ހާލުގައި ޖެހުނުތޯ؟ ހަނދާން ނެތުނީތޯ؟ މާ ޑިމޮކްރަސީވެގެން އުޅުނަސް ތިޔައީ ވެސް ހަމަ ޕާޓީ މީހުން ނޫން ބަޔަކާ ގުޅޭ ބައެއް ނޫން.
ހަނދާން
11 September 2018
ހަނދާން އަދި ނުނެތޭ ތިމާގެ ޕާޓީ މީހުނަށް ބައި އަޅާފަ ދެނޭ އެހެން މީހުނަށް ފްލެޓްލިބޭނީ ގޮވި ދުވަސް. ހަމަ ގުދޯ ގުދޯ ގޮވުން ދެބައި މީހުންގެ ގޮތަކީވެސް.
ީރާއްޖެ
11 September 2018
ޚުށެއްނުކުރާ ޞަލީބީންގެ ޞަލީބު ފަދަ ޢެމްޑީޕީ މަކަރު ރަމްޒު ތިލަފަތް ދައްކައިގެން ދުނިޔޭގެ އެއްވެސްރާކު އެއްވެސް ޒަމާނެއްގަ ނުދެކޭފަދަ އޯގާތެރި ވެރިކަން ކުރި ހަޔާތްކުޑަ ޤައުމެއްކުޑަވެސް ލޯތްބެއްނެތް ހަތުރު ބައިގަނޑު ދައްކާ ދެކޮޅު ނުޖެހޭ ވާހަކަ؟ ޙާސް ގުދު އޮވެ ތިދައްއަނެކާގެ އެއްގުދު ކަމެއްނޭގޭވަރަށް ކަނުވީ ތިޔައީ އާކަމެއްނޫން.
ހާމަ333
10 September 2018
ވަޒީފާގެ ބިރުދެއްކުން ފެށިގެން އައީ ގައުމު އިސްލާހްކުރަން ބަދަލަކަށް އޭރު ގެނައި އެމްޑީޕީ ވެރިކަމުގަ......ތިމާމެން މުވައްޒަފުންނަށް ބިރުނުދައްކާކަމަށް ބުނާއިރު ޕާލަމެންޓު މެންބަރުން އޮފީސްތަކަށްވަދެ އަމުރުކޮށް ޤަވާއިދުގެ ބޭރުން އަމަލުކުރަން އެންގި ދުވަސްތައްވެސް އަހަރުމެނަށް ފެނިއްޖެ...އެކްޓިވިސްޓުންނަށް އޮންނަ އުސޫލް ބައިޕާސްކޮށް ވަގުތުން ވަގުތަށް ހިދުމަތްދިނުމަށް އަންގައި ބިރުދެއްކި ޒަމަންވެސް ފެނިއްޖެ....މިއަދު އެމްޑީޕީ މިކިޔަނީ ކީކޭތޯ...މާދަމާ ވެރިކަމަށް އަޔަސް ބިރުދައްކާނެ މިމީހުން ފިކުރު ނޫން މީހުނަށް...ނުވީތާކަށް ކޮޅަކަށް ނުޖެހި ސޯލިހުވެފަ ހުންނަ މުވައްޒަފަށްވެސް....
ގަލަން
10 September 2018
ހަމަ ތިކަންތައް އޮވެ ކޯލިސަން ފަޅީގަވެސް. މިރަށުގަ ތިބި އެމް ޑީ ޕީ ކައުންސިލަރުންވެސް ދަނީ ވަޒީފާގެ ބިރު ދައްކަމުން. ޥެރިކަން ލިބިއްޖެނަމަ ވަޒީފާ ގެއްލޭނެކަމައްބުނެ.
ރީނާ
11 September 2018
މިރަށު އެމްޑީޕީ މީހުންދަނީ ޕީޕީއެމް މީހުންނަށް ބިރު ދައްކަމުން... ކޮންމެ މުއައްސަސާއަކުން ލިސްޓެއްހަދައިގެން އެމްޑީޕީ ވެރިކަމެއްގައި އެމީހުން ކަނޑާލާނޭ ކަމަށް ތަކުރާރު ކޮށް ގޮވާ....... އެއްކޮޅަށް ވާހަކަ ނުދައްކާ... ދެންމާޒީ އަށް ނިކަންބަލާ އެމްޑީޕީ ވެރިކަމުގައި ވަޒީފާއިން ކަނޑާލީ ކިތައް ޒުވާނުންތޯ؟؟؟
އެދުރު
10 September 2018
ތި ބިރު ދެކޮޅުންވެސް ދައްކާ... ޔާމީނަށް ތާއީދުކުރާ މުވައްޒަފުން އެމްޑީޕީ ސަރުކާރެއްގައި ވަކިކުރާނެކަމަށް ބުނެ ގެންދަނީ ބިރު ދައްކަމުން ، އިންސާފުން ހަބަރު ލިޔޭ ، މިހާރު ނޫހެކޭ ރާއްޖެ ޓީވީ އެކޭ މިހާރު ތަފާތެއްނެތް ، މިނިވަން ނޫސްވެރިކަމޯ، ދެން ކޮމެންޓް ނުޖަހާތި، އޭރުން އަސްލު މިނިވަން ވާނީ އަދި
ނަހު
10 September 2018
އެމްޑީޕީ މީހުން ވެސް ޔާމީނަށް މަރުޚަބާ ދަންނަވަން ނިކުންނަ މީހުންގެ ވަނަވަރު ބަލާ ފޮޓޯ ނަގާ.
ހަގީގަތް
10 September 2018
ތާއީދު ނެތް ވެރިން ވެރިކަމަށް އެރުވީމަ ދިމާވާގޮތް. ގަދަބާރުން ނޫނީ ކޮރަޕްޝަނުން ނޫންގޮތަކަށް ވެރިކަަން ދަމަހައްޓައެއް ނުލެވޭނެ. މިއީ ވޯޓްލާއިރު މިގައުމަށް ހެޔޮއެދޭ އެންމެންވެސް ވިސްނަންވީ ކަމެއް.
މައްސަލަ
10 September 2018
ތިބުނާ ތާޢީދު އޮތް މީހުން ހަމަ ތި ޔާމީނު ހުރިމަޤާމުގަ ހުރެފަ ވެރިކަން ކުރާނެ ހިއްވަރެއް، ޤާބިލްކަމެއް، ބުއްދިއެއް (އެހިނދުކޮޅުގައި ނަމަވެސް) ނެތުމުން މަޤާމުދޫކޮށް ދިޔައީ. ވެރިއަކަށް ވުމުގެ މާނަ އެގޭތަ؟ އެމީހަކަށް އެމީހާ އަދި ވަށައިގެނަ ތިބޭ ބައެއް ކޮންޓްރޯލް ވާންޖެހޭނެ. ތިމީހުން ހޮވީ އެކުވެރިއެއް. ޤާބިލް ވެރިއެއް ނޫން.
އަޒި
10 September 2018
ވަޒީފާގެ ބިރުގެ ވާހަކަދައްކާއިރު އެމް.ޑީ.ޕީ.ސަރުކާރުގައި ވަޒީފާއިން ކަނޑާލިމީހުނގެ ވާހަކަވެސް ދައްކަބަލަ
ހުސޭން
10 September 2018
ބަލަ އިބޫ އެކަނި މައިއެކަނި ފަޅުތަނެއްގަ ހުއްޓަތަ ތިރުދާސް ކޮޅުދިނީ؟؟؟ މޑޕ މީހުން ހަގީގަތުގަވެސް ދެކެނެނީ މޑޕ އައްތާއީދުނުކުރާ އެންމެނަކީ ވަރައްމޮޔަބައެއް ކަމައްތަ. ރ.ޔާމިން މިއަދު ޅިއަނުގެ ކަށިނަމާދައް ދިޔައީމަ މީހަކު ދިން ކަރުދާސް ކޮޅުގަ އޮތީވެސް މޑޕގެ ވެރިކަމުގަ ކުރި ވައްކަމާ ސިވިލްސާރވިސް މުއައްޒަފުންގެ މުސާރަ ކަންޑާލިވާހަކަ. ޖމރ އަތުން އެތައްމިލަން ޑޮލަރެއް ނެގިވާހަކަ.