ޚަބަރު / ރައީސް އަބްދުﷲ ޔާމީން

އައްޑޫ ހިތަދޫގެ ބޮޑު ތާއީދެއް ނަޝީދަށް އޮންނާތީ ހައިރާންވޭ: ރައީސް ޔާމީން

ސ. ފޭދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ރައީސް ޔާމީން، ކުޑަކުދިންތަކަކާ އެކު ފޮޓޯފުޅެއް ނަންގަވަނީ.

އައްޑޫ ހިތަދޫގެ ބޮޑު ތާއީދެއް ކުރީގެ ރައީސް މުހައްމަދު ނަޝީދަށާއި އިދިކޮޅު އެމްޑީޕީއަށް އޮންނާތީ ހައިރާންވެވަޑައިގަންނަވާ ކަމަށާއި އެހެންވެ، އެ ސިޓީގެ ފޭދޫގެ ޕީޕީއެމްގެ ސަޕޯޓަރުން ހިތަދު އަށް ގޮސް "ވެކްސިން" ޖަހަންޖެހޭ ކަމަަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ ސަރުކާރުން މަރަދު އާއި މަރަދޫފޭދޫ އަދި ފޭދޫގައި ކުރިއަށް ގެންދިޔަ މަޝްރޫއުތަކެއްގެ ނިމުން ފާހަގަ ކުރުމަށް ފޭދޫގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ ތާއީދު ހިތަދޫގައި ދަށްވެފައިވާތީ އެކަން ވަރަށް ބޮޑަށް ފާހަގަކުރައްވައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ވެސް ހިތަދޫގެ އެއްވެސް ދާއިރާއެެއްގެ މެމްބަރަކު ނުހުންނަވަ އެވެ. އަދި އައްޑޫ ސިޓީގެ ކައުންސިލްގެ އަޣުލަބިއްޔަތު އެމްޑީޕީ އަށް މިދިޔަ ދެ ދައުރުގައި ލިބިފައިވާއިރު، އެ ދެ ދައުރުގައި ވެސް އައްޑޫ މޭޔަރަކީ ހިތަދޫގެ ބޭފުޅެކެވެ. ރައްޔިތުންގެ މަޖިލީހުގައި އައްޑޫ ތަމްސީލް ކުރައްވާ ހަތް މެމްބަރުންގެ ތެރެއިން ޕީޕީއެމަށް ނިސްބަތް ވަނީ ދެ ބޭފުޅެކެވެ. އެއީ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ އާއި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދެވެ. ދެން މުޅިން ވެސް ތިއްބަވަނީ އެމްޑީޕީގެ މެމްބަރުންނެވެ.

އެމްޑީޕީ އުފެދުނީއްސުރެ އެ ޕާޓީގެ ބޮޑު ތާއީދެއް އޮންނަ އައްޑޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ހިތަދު އާއި މީދުއާ ދޭތެރޭ ބްރިޖެއް އެޅުމާއި އެ ނޫން ވެސް ތަރައްގީގެ ބޮޑެތި ކަންކަން ބޭނުންވާ ނަމަ އެކަން ކުރެވޭނީ މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އައްޑޫގެ އަޣުލަބިއްޔަތު އެ މަނިކުފާނަށް ދީގެން ކަމަށް ވިދާޅުވި އެވެ.

ސ. ފޭދޫގައި މިއަދު ބޭއްވި ޖަލްސާއަށް ދިޔަ، އުމުރުން ދުވަސްވީ މީހަކާ ރައީސް ޔާމީން ސަލާމް ކުރައްވަނީ.

"އަޅުގަނޑު މިހުރީ ބަލަން މި މަހުގެ 23 ގައި މި ނަގާ ވޯޓުގައި ނަތީޖާ ދައްކާ އިރު އައްޑޫ ރައްޔިތުން ކިހާ ވަރަކަށް އެކަން ކަމާ ދޭތެރޭ ވިސްނާވަޑައިގަންނަވާތޯ. އަޅުގަނޑު ޔަގީން ކުރަން އައްޑޫން ބޮޑު ތާއީދެއް ލިބޭނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ފާހަަގަ ކުރެއްވި ގޮތުގައި ރިޔާސީ އިންތިހާބަށް ހަފުތާއެއްހާ ދުވަހަށް ވެފައިވާއިރު، 15،000 އަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮތް ހިތަދު އަކީ ޕީޕީއެމްގެ ކެމްޕޭން ހަރަކާތްތައް ވަރަށް ބޮޑަށް ކުރިއަށް ގެންދަން ޖެހޭ އަވަށެކެވެ. ނަމަވެސް ހިތްހަމަނުޖެހޭ ބަޔަކު ކެމްޕޭންގެ ތެރޭގައި އުޅޭތީ، ބައެއް މީހުން ކެމްޕޭނާ ދުރުވެގެން އުޅުމަކީ ގަބޫލުފުޅު ކުރެއްވޭ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

އެހެންވެ، އައްޑޫގެ ފޭދޫ ފަދަ އަވަށްތަކުން ދައްކާ ނަމޫނާއާ އެއްގޮތަށް، އައްޑޫގެ އެހެން އަވަށްތަކުން ޕީޕީއެމްގެ ސަޕޯޓަރުން ހިތަދު އަށް ގޮސް، ކެމްޕޭން ވަރުގަދަ ކުރަން ޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމަށް ހިތަދޫން އެންމެ ގޮނޑިއެއް ވެސް ނުދޭ ކަމަށާއި އެމްޑީޕީ އަށް ނުވަތަ ކުރީގެ ރައީސް ނަޝީދަށް އެ އަވަށުން މާ ބޮޑު ޝައުގުވެރި ކަމެއް އޮންނާތީ ހައިރާން ވެސް ވެވަޑައިގަންނަވާ ކަމަށެވެ.

ނަމަވެސް ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ތަފާތު ކުރުންތަކެއް ނުގެންގުޅުއްވާ ކަމަށާއި ބޭނުންފުޅު ވަނީ ރައްޔިތުންނަށް އިހުލާސްތެރިކަމާ އެކު ހިދުމަތް ކުރައްވުން ކަމަށް ރައީސް ވިދާޅުވި އެވެ.

"ތާއީދު ހޯދުމަށް އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހޭނެ. އަޅުގަނޑު ބަލަން މިހިރީ ހަމަ ހަގީގަތުގައި ވެސް އަޅުގަނޑަށް އައްޑޫ ރައްޔިތުން ހާއްސަކޮށް ހިތަދޫގެ ރައްޔިތުން ފުރުސަތު ދެއްވާތޯ. ހިތަދު އާއި މީދުއާ ބްރިޖަކުން ގުޅާލަން ފުރުސަތު ދެއްވާތޯ މިހިރީ ބަލަން." ރައީސް ވިދާޅުވި އެވެ.

"އަދި މީގެ އެންމެ ބޮޑު ފައިދާއެއް ވެސް ލިބޭނީ ހިތަދު އަށް. އެހެންވީމާ ހިތަދޫ އެބަޖެހޭ ނޫންތޯ މި ބްރިޖް ހާސިލު ކުރުމަށްޓަކައި ވެސް މަސައްކަތް ކުރަން. އެ ފުރުސަތު ހިތަދޫން އަޅުގަނޑަށް ދެއްވިއްޔާ އެ މަސައްކަތް ކުރެވޭނީ. އެ ފުރުސަތު ހިތަދޫން އަޅުގަނޑަށް ދެއްވަން އެބަ ޖެހޭ."

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ކާމިޔާބު ވާނީ އެންމެ ގުޅިގެން ކުރާ މަސައްކަތުންނެވެ. އެހެންވެ މިއަދުން ފެށިގެން ކެމްޕޭންގެ ފޯރި ވަރުގަދަ ކުރުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެންވެ ދަންނަވާލަން ފޭދޫން ގްރޫޕް ހަދައިގެން ހިތަދު އަށް ގޮސް އަޅުގަނޑަށް [ތާއީދު ހޯދުމަށް] މަސައްކަތްކޮށް ދެއްވާށޭ. ހިތަދޫގައި އެބަ ޖެހޭ މި ބޫސްޓް [ފޯރި] ނެރެން. ހިތަދޫގައި އެބަ ޖެހޭ މި ވެކްސިން ޖަހަން،" ރައީސް ވިދާޅުވި އެވެ.

"އައްޑު އަށް އަންނަން އޮތް ތަރައްގީއަކުން ވަކި ދާއިރާއެއްގެ ބަޔަކު ތަރައްގީން މަހުރޫމް ކުރަން ޖާގަ ދީގެން ނުވާނެ. [އެހެންވީމާ] ހުރިހާ އެންމެން އެބަ ޖެހޭ މި މަސައްކަތް ކުރަން."

ރައީސް ވިދާޅުވީ، އައްޑު އަކީ ވަރުގަދަ އަދި ކުރިއެރުމާއި ތަހުޒީބުގެ ގޮތުން ނަމޫނާ ތަނަކަށް ހަދަން ބޭނުން ނަމަ އެމަނިކުފާނު ރިޔާސީ ދެވަނަ ދައުރަކަށް އިންތިހާބުކޮށް ދޭން ޖެހޭ ކަމަށެވެ. އަދި ފުރިހަމަ ސިޓީއަކަށް އައްޑޫ ހެދޭނީ އެ ފުރުސަތު ދީގެން ކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި، އިދިކޮޅު އެމްޑީޕީގެ ވެރިކަމުގައި އައްޑު އަށް ހަމައެކަނި ނަމަކުން ސިޓީގެ ދަރަޖަ ދިން ނަމަވެސް، ފުރިހަމަ ސިޓީއަކަށް ހަދަން އެ ޕާޓީ ވަނީ ނުކުޅެދިފަ އެވެ. ނަމަވެސް މި ސަރުކާރުން އައްޑޫގައި އެތަކެއް މިލިއަން ރުފިޔާގެ މަޝްރޫއުތަކެއް މިހާތަނަށް ހިންގާފައިވާ ކަމަށާއި އެކަންކަން ރައްޔިތުން ދަންނާނެ ކަމަށް ވިދާޅުވި އެވެ.

ފޭދޫގައި މިއަދު ބޭއްވި ޖަލްސާގެ ތެރެއިން.

ރައީސް ޔާމީން ވިދާޅިުވީ ހިތަދު އާއި މީދުއާ ދޭތެރޭ ބްރިޖެއް އެޅުމާއި އެ ނޫން ވެސް ތަރައްގީގެ ބޮޑެތި ކަންކަން ބޭނުންވާ ނަމަ އެކަން ކުރެވޭނީ މި ރިޔާސީ އިންތިހާބުގައި އައްޑޫން އަޣުލަބިއްޔަތު އެ މަނިކުފާނަށް ދީގެން ކަމަށް ވިދާޅުވި އެވެ

"އަޅުގަނޑު ބަލަން މިހިރީ ހަމަ ހަގީގަތުގައި ވެސް އަޅުގަނޑަށް އައްޑޫ ރައްޔިތުން ހާއްސަކޮށް ހިތަދޫގެ ރައްޔިތުން ފުރުސަތު ދެއްވާތޯ،"

އައްޑޫން ބޮޑު ތާއީދެއް ލިބޭނެކަން ޔަގީން: ރައީސް ޔާމީން

ރައީސް ވިދާޅުވީ އެ މަނިކުފާނަށް ވޯޓު ދީ، އިންތިހާބުކޮށް ދިނުމަކީ ފަރުދީ އަދި ގައުމީ ޒިންމާއެއްގެ ކަމަށް ވެސް ދެކެން ޖެހޭ ކަމަށެވެ.

"ވޯޓު ހޯދައި ދިނުމަށް ކޮންމެ މީހަކު ވެސް މަސައްކަތްކޮށް ދޭން ޖެހޭމެ. އެއީ ގައުމުގެ ހަމަޖެހުމަށް ދީނަށް އަޅުގަނޑުމެން ދޭ ބާރެއް، ގަދަފަދަކަން. އެއީ ރާއްޖެ އަމާން ތަނެއްގެ ގޮތުގައި ބާއްވަން ކަށަވަރު ކުރާ ކަމެއް،" ރައީސް ޔާމީން ވިދާޅުވި އެވެ.

"ރައީސް ޔާމީނަކީ އެކަނި މަސައްކަތް ކުރާ މީހަކަށް ނަހައްދަވާ. މަސައްކަތް ކުރެވޭނީ ތި ބޭފުޅުން އަޅުގަނޑަށް ހިތްވަރު ދެއްވީމަ."

ރައީސް މިއަދު އައްޑޫގައި އިފުތިތާހުކޮށް ދެއްވި މަޝްރޫއުތަކަކީ މަރަދޫ، މަރަދޫފޭދު އަދި ފޭދޫގެ ފެނާއި ނަރުދަމާގެ އިތުރުން ފޭދޫ ބިން ހިއްކުމުގެ މަޝްރޫއެވެ. މި މަޝްރޫއުތަކަށް ޖުމްލަ 315 މިލިއަން ހަރަދުވެފައިވާ ކަމަށް ސަރުކާރުން ބުންޏެވެ.

116 ކޮމެންޓް, 439 ރިއެކްޝަންސް

icon happy icon happy 55%
icon sad icon sad 3%
icon angry icon angry 43%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދިލް

16 September 2018

ފޮޓޯއިން އެފެންނަނީ 18 އަހަރު ފުރިފަ ތިބި ހާދަ ތުއްތު ޒުވާނުންކޮޅެކޭ

The name is already taken The name is available. Register?

ބޮން

16 September 2018

ހައިރާން ވާކަމަށްވާނަމަ ހައިރާން ވާން ނުޖެހޭ އެއްވެސް ރަށެއް ނެތޭ ވެސް ބުނެވިދާނެއެވެ. ލީޑަރުންނަކީ އުފަންވާ ބައެއް ނޫނޭ ބުނެއެވެ. ލީޑަރުން ލީޑަރުންނަށްވަނީ އެމީހުންގައިގައި ވަކިކަހަލަ ސިފަތަކެއް ހުރެގެންނެވެ. އެ ސިފަތަކަކީ ތިމާ އަމިއްލައަށް ހޯދަންޖެހޭ އެއްޗެކެވެ. ބޮޑާ ކަމާއި ކިބުރުވެރިކަމާއި "މަނޫން މީހަކު" ނެތިގެން އުޅުމަކީ ރައްޔިތުންގެ ތާއީދު ލިބޭނޭ ކަމެއް ނޫނެވެ.

The name is already taken The name is available. Register?

ކާމިޔާބީ

16 September 2018

ދެޓީމުގެ ވެސް ކުޅުންތެރިން އާކުރަންޖެހޭ. [އަޝްފާގާއި އިމްރާން ބަދަލު ކުރިހެން]

The name is already taken The name is available. Register?

ހެވޭ

15 September 2018

އެންމެ ރަގަޅު. ރައީސް ޔާމީނުގެ އަމިއްލަފައިންސާއިންތޯ ތިކުރެއްވި ކަންކަންކުރެއްވީ. އެއީ ހަމައައްޑޫގެ ރައްޔިތުންނަށް ވެސް ޙިއްސާއޮންނަ ދައުލަތުގެ އާމްދަނީއިން ކުރާކަންކަން. ހިލޭއެހީޔަކީ އިތުރުފައިދާއެއްނެތި ދޭ ލޯނު. ކޮންމެލޯނަކީ ދިވެހިރައްޔިތުންދައްކަން ޖެހޭއެއްޗެއް. ދެން ހަމައެނެމެންނަކީ ޤަމާރުންތޯ؟

The name is already taken The name is available. Register?

ރ.ނަޝީދު

15 September 2018

ހިތަދޫ މީހުންނަށް ހަމަ ނުވިސްނެނީ. އަދި ވިސްނޭނެ

The name is already taken The name is available. Register?

އަލިބެއްޔާ

15 September 2018

އައްޑޫމީހުންނަކީވަރައްތަފާތުބައެއް ތަޢުލީމީބައެއް އެހެންނަމަވެސް ބައެއްމީހުންގެނުފޫޒުގަޖެހި ތަންދޮރުއޮޅިފަތިބިބައެއް މިސަރުކާރުން ތަރައްގީގެ މިހުރިހާމަސައްކަތްތަކެއްކޮށްދެއްވާއިރުވެސް އެކަންބަލައިގަންނާކަށްބޭނުމެއްނުވޭ ނުފޫޒުގަދަބޭފުޅުން ވިދާޅުވާކޮންމެއެއްޗެއް ގަބޫލުކުރުންމިއޮންނަނީ މިފަދަނުފޫޒުގަދަމީހުންގެކިބައިން ﷲތަޢާލާ މިއަތޮޅުސަލާމަތްކުރައްވައި އައްޑޫރައްޔިތުންނައް ހެޔޮވިސްނުންދެއްވާށި އާމީން

The name is already taken The name is available. Register?

އައްޑޫ

15 September 2018

އައްޑޫ ރައްޔިތުންނަކީ ކިޔަވައިގެންތިބި އެމީހުންގެ ވަށައިގެންހިނގާކަން އަމިއްލަ ސިކުނޑިންވިސްނުމުގެ ކުޅަދާނަކަން ލިބިފައިވާބައެއް. ތިމަންމީހާ އެއްދުވަހު ބޮޑާވެލާފަ މިކަންކުރީ ތިމަންނައޭ ބުނީމަ ގާތްދެމީހަކު އެބޭފުޅާވިދާޅުވީ އަދިއެހެންނެއްނޫންނޭ މިހެންނޭ ބުނީމަ ގަބޫލުކުރާކަހަލަ ސިކުނޑީގަ ލޯވަޅުހެދިފަތިބި މޮޔައިންނެއްނޫން.

The name is already taken The name is available. Register?

ޠަޔާޠީޞް

15 September 2018

މި އާޓިކަލްއަށް ކޮށްފަ ހުރި ކޮމެންޓްތައް ކިޔާލާފަ ވަރަށް ހިތްހަމަ ޖެހިއްޖެ. ޝުކުރިއްޔާ ރައީސް ޔާމީނާ ދެކޮޅަށް ކޮމެންޓްކޮށްފަ ހުރި ހުރިހާ ބޭފުޅުންނަށް އަދި ލައިކްދެއްވި ބޭފުޅުންނަށް.

The name is already taken The name is available. Register?

ޠާޔާޠީޞް

15 September 2018

މަދުންނަމަވެސް ރައީސް ޔާމީނަށް ސަޕޯޓްކުރާ މީހުން ފެންނާތީ ހައިރާންވޭ. ވިސްނާ ވިސްނާވެސް " މި ރައީސް" އަށް ތާއީދު ކުރަންޖެހޭ އެންމެ ސަބަބެއްވެސް ނޭންގުނު.

The name is already taken The name is available. Register?

އެޔާމީނު

07 November 2018

ރައީސް ޔާމީނު ގާތު ބޮޑުކެކުރި އެއް ކުޑަ ކެކުރިއެއް ނޯންނާނެ. ހަމަ ކޮންމެ މީހަކު ވެސް ކުށެއް ކޮށްފިޔާ އަދަބު ދޭނެ. މީ އެއްސަބަބު ތާއީދު ކުރަން ޖެހޭ.

The name is already taken The name is available. Register?

އަބްދުއްލާ

15 September 2018

އަޅުގަނޑު ތިޔަކަމާ ހައިރާނެއްނުވޭ .ހިތދޫކޮންވެންސަންސެންޓަރާސާކްސަމިޓަށް 260 މިލިއނެއްހާ ރުފިޔާއަށް ބަޖެޓް ކޮށް 1500 މިލިއަން ހަރަދުކުރީ ކިހިނެތް ؟ސިފައިން މަގުހެދީމަ ކަރުދާހު ކުންފުންޏެއްގެ ބިލަށް ފައިސާނަގަ ހެދީ ކިހިނެތް ؟ ކިތަންމީހުނަށް ކިތައް ސިޓީ އުރައިގަ ފައިސާ ؟ހައްތާވެސް ޖީބަށް ބަރުކުރީދޯ ސާކްސަމިޓް ނިމުނު އިރު 50000 ހަަހުން ނުލިބޭއާއިލާ އެއް މަދު އެހެންވެ ސަޕޯޓް އޮތީ .

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454