ދިއްގަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މަޖިލީހުގެ ޖަލްސާގައި ވާޙަކަ ދައްކަވަނީ. ބިލަށް ވާހަކަ ދައްކަން ފުރުސަތު ނުދިން މައްސަލާގައި ފާރިސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި. - ފޮޓޯ: މަޖިލިސް
09 އޯގަސްޓް 2016 - 13:18
ރައްޔިތުންގެ މަޖިލީހުގައި މިއަދު ވޯޓަށް އަހާ ހިޔާލުފާޅުކުރުން ހުއްޓުވާ ބިލު ދިރާސާކުރި ވަގުތީ ކޮމެޓީގެ ރިޕޯޓަށް ބަހުސްކުރެއްވުމުގެ ފުރުސަތު ދިއްގަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ފާރިސް މައުމޫނަށާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އަށް ނުދީ ޖަލްސާ ނިންމާލައިފި އެވެ.
ފާރިސްގެ އިތުރުން ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކަށް ވެސް ވާހަކަ ދައްކަވަން ފުރުސަތު ނުދިން ކަމަށް ވިދާޅުވެ، ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
ބައެއް މެމްބަރުންނަށް އެނގިފައިވާ ގޮތުގައި ފާރިސަށް ވުރެ ފަހުން ވާހަކަ ދައްކަވަން އެދިވަޑައިގަތް މެމްބަރުންނަށް ވެސް ވަނީ ފުރުސަތު ދެއްވި އެވެ. ކޮމެޓީ ރިޕޯޓަށް ބަހުސް ކުރަން ފާރިސަށް ފުރުސަތު ނުދިން ސަބަބެއް އެނގިފައެއް ނުވެ އެވެ.
ފާރިސް ވަނީ ނިޒާމީ މައްސަލަ ނަންގަވައި އެކަން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ ސަމާލުކަމަށް ވެސް ގެންނަވައިފަ އެވެ. އަދި އެކަން ހިނގައިދިޔަ ގޮތް އޮޅުން ފިލުއްވައިދެއްވުމަށް ފާރިސް އެދިވަޑައިގެންނެވި އެވެ. ނަމަވެސް މަސީހު ވިދާޅުވީ އެއީ ނިޒާމީ މައްސަލައެއް ނޫން ކަމަށެވެ.
"ފުރުސަތަށް ހުޅުއްވާލެއްވީމަ، އަޅުގަނޑުގެ ނަން އޮތީ ފަސް ވަނައިގައި. މިހާރު އަޅުގަނޑަށް ވުރެ ފަހުން އެދިވަޑައިގެން ބައެއް މެމްބަރުން ލިސްޓަށް ވުރެ ކުރިއަށް ވަނީ ގެންގޮސްފައި،" ފާރިސް ވިދާޅުވި އެވެ.
އަބުރު ރައްކާތެރި ކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ތާއީދު ނުކުރައްވާކަން ފާރިސް އާއި މުސްތޮފާ ވެސް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. އަދި ބިލާ ދެކޮޅަށް ޕީޕީއެމް މެމްބަރުންގެ ވައިބަ ގްރޫޕްގައި ވާހަކަ ދައްކަވާތީ މުސްތޮފާ ވަނީ އެ ގްރޫޕުން ބޭރު ވެސް ކޮށްފަ އެވެ.
މިހާރު ބިލް އޮތް ގޮތުން ނޫސްވެރިކަމަށް ހުރަސް އެޅޭ ކަމަށް ބުނެ ގިނަ ނޫސްވެރިން އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ކުރިން ސަރުކާރުން ހުށަހެޅި ބިލަކާ ދެކޮޅަށް އޭނާ ވޯޓު ދެއްވި މައްްސަލައެއްގައި ފާރިސް ޕީޕީއެމުން ވަކިކުރަން އެ ޕާޓީގެ ސުލޫކީ ކޮމެޓީން ވަނީ ނިންމައިފަ އެވެ. އެކަމަކު ޕާޓީގެ ރައީސް މައުމޫން ވިދާޅުވަނީ ފާރިސް އަކީ އަދިވެސް އެ ޕާޓީގެ މެމްބަރެއް ކަމަށާއި އޭނާ ޕާޓީން ވަކިނުވާ ކަމަށެވެ. ފާރިސް ކުރިން އިިދިކޮޅަށް ވޯޓު ދީފައިވަނީ އިއުލާން ނުކޮށް، ރަށްތައް ކުއްޔަށް ދެވޭ ގޮތަށް ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހަށެވެ. އޭގެ ފަހުން ވެސް އޭނާ ވަނީ ޕާމަނަންޓް ސެކްރެޓަރީން އައްޔަން ކުރުމުގައި މިނިސްޓަރުންގެ ލަފާ ހޯދަން ޖެހޭ ގޮތަށް ސިވިލް ސާވިސް ގާނޫނަށް ގެނައި އިސްލާހާ ދެކޮޅަށް ވެސް ވޯޓު ދެއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުމަރު
09 August 2016
މިއީވެސް ކަނޑައެޅިގެން ޤާނޫނާ ހިލާފްކަމެއް، އެއީ ޕާލަމެންޓުގެ ކޮންމެ މެންބަރަކަށްވެސް ވާހަކަ ދެއްކުމުގެ ފުރުސަތު މަޖިލިހުގެ ރައީސް ދޭންވާނެ
ވަލިޔުލްވގ
09 August 2016
ދެން ކުރާނެކަމެއްނެތް ކޮމެންޓްތަކުގަވެސް ޗުޕް ލިޔަންވީ. ޥަގެއް ވައްކަންކޮށްފަ ތިމަންނާއޭ ވައްކަންކުރީ ނުބުނާތި އަނެއްމީހާޔަށް އެހެން ބުނެވެން އޮތްއޮތުންވެސް ގެއްލުނީ. ފޭކުން އެއްޗެއްނުބުނާ ތާނގަ ރައްޔިތު މީހާގެ އަތުން އެހައްގުވެސް ނިގުޅައިގަތުވީ. ޢެކަމު ފޭކުންބުނާނެ އބަދުވެސް ހަނދުމަކޮށްދޭށޭ ރަނގަޅު މަގަޅު މަގު ދައްކުވާދެށެ.... ތާހިރު ވ
އިދުހާމް
09 August 2016
ރިޔާސަތުން ތި ހެއްދެވީ ހަމަ ރަނގަޅަށް.
އަލީ
09 August 2016
ރިޔާސަތުގެ އަމިއްލަ ކާމޭޒެއްނޫނޭ ބޭނުންހާ ގޮތެއް ހަދާކަށް.
އަދޭސް
09 August 2016
މިސަރުކާރު މިހާރު މިއޮތީ ފަރަށް އަރާފަ ދެންރާޅާށް ތެޅި ތެޅި ހަލާކުވާނެއެވެ. ދުނިޔޭގަ ބަލަންތިބި ބަޔަކަށް އެމަންޒަރުފެންނާނެއެވެ.
އަލީ
09 August 2016
ރައްޔިތުންގެ ތެރެއިން އެތަށްބަޔަކު ޤުރުބާންވެ އެތައްބަޔަކު ޖަލުތަކުގައި އެތައް އަނިޔާތަކެއް ތަހައްމަލުކުރުމަށްފަހު ކުރެއްވި މިންނެތް މަސައްކަތްތަކުން ދިވެހި ރައްޔިތުންނަން ލިބިފައިވާ އެތައް ޙައްޤެއް މަޖިލީހުގެ މެޖޯރިޓީ ބޭނުންކޮށްގެން މިއަދު މިވަނީ ނިގުޅައިގަނެވިފައި... މިއަދު ދިވެހި ރައްޔިތުންނަން އެނގިގެންދާނެ މަޖިލީހުގެ މެޖޯރިޓީ ޕީޕީއެމްއެއް ދިނުމުން ލިބެމުންދާ ގެއްލުން... އަދި ހަަމ އެހެންމެ ރައްޔިތުން އިންތިޚާބުކޮށްފައި ހުރިވެރިއަކު ސިފައިންނާއި ފުލުހުން ނިކުމެ ވައްޓައިލީމަ އެކަމުން ރަނގަޅެއް ނުނިކުންނާނެކަން... މިކަމުގެ ޒިންމާ ކުރީގެ ރައީސް ވަޙީދު ނަންގަވަން ޖެހިވަޑައިގަންނަވާނެ...،. ﷲ އިރާދަކުރެއްވިއްޔާ އަދި މަޖިލީހުގައި ތިބި މެންބަރުން ރައްޔިތުންގެ ގާތަށް އަންނަންޖެހޭ ދުވަސް އޮތީ ވަރަށް ކައިރީގައި.....
މަގޭ ޚިޔާލު
09 August 2016
ތިޔަކަން ތިޔަ ވެ ނިމުނީ. ދެން ތިޔަ ވާހަކަ ދެއްކުމެއް ނެތް. އަޅުގަނޑު ބުނެލަން އޮތް ވާހަކަ އަކީ އަޅުގަނޑަކީ ދުވަހަކުވެސް ޔާމީން އަށް ވޯޓު ދިން މީހަކީމެއް ނޫން. އަދި އަޅުގަނޑުގެ އާއިލާ މީހެއްގެ ވޯޓު ވެސް އޭނާ އަކަށް ނުދޭ. ކުރިޔަށް ވެސް އޮތީ ހަމަ މިގޮތަށް. ޕީޕީއެމްގެ އެމްޕީ އަކަށް ވެސް ދުވަހަކުވެސް ވޯޓެއް ނުދޭނަން. އަދި ނުވެސް ވިއްކާނަން.
މުހައްމަދު
09 August 2016
ކޮންމެ މީހަކަށްވެސް އެމީހަކު ކުރާ ކަމެއްގައި ދެމިހުރެވޭނީ އެމީހެއްގެ ހައްގު ހަމަވަންދެންެވެ. އެއީ މަށަކަށް ކަލެޔަކަށް ކުރެވޭނެ ކަމެއްނޫނެވެ.
ފާރިސްތަފާ
09 August 2016
ރައްޔިތުން މިއަދު ދެކެމުން މިދަނީ ނާއިންސާފާއި އަނިޔާވެރިކަމާއި ޚިޔާނާތްތެރިކަމުގެ އިންތިހާ.. އެތައް ދުވަހެއްވަންދެން އެތައްބަޔަކު ގަދައަޅާ މަސައްކަތް ކޮށްގެން ހޯދި ފެހި ގާނޫނު އަސާސީއިން ރައްޔިތުންނަށް ލިއްބައިދިން މިނިވަންކަމުގެ ފޮނިރަހަ ނެތިގެންގޮސް ހިތި ހަބަރުގަނޑަކަށް ގާނޫނު ބަދަލު ކުރަމުން ދާތަން.. އަދި މިނޫން ބައެއް ވެރިކަމަށް އަންނާނެ.. މަޖިލީހަށްވެސް ހޮވޭނެ.. އެދުވަހަކުން ތިފަދަ ތާކުންތާކު ނުޖެހޭ ބިލުތަށް އުވާލާނެ..
ހަސަދު
09 August 2016
މިދުވަސް މިހެން އަންނާނެ ކަން ފެބުރުއަރީ 7 2012 ގައި ދިވެހިންނަށް ނޭގުނީތީ ހައިރާންވަން. ދިވެިން އަމިއްލައަށް ހަލާކުގެ ތެރއަށް ވެއްޓިގަތީ.
ޢަބްދުﷲނާފިޒު
09 August 2016
ހައުދަހައި ޑިމޮކްރެޓިކޭ ދެއްތޮ، ނިޒާމީ ނުކުތާއެއްގަ ލައިގަނެފަ ވެއްޓުނަސް ތިމީހާޢަށް ނޭގޭނެ، ނުލަފާ މީހުންވެސް ތަންތާ އުޅޭ އެކަމަކު މިވަރު ކަމެއް ހަމަ ނުދެކެން.