"އަބުރުގެ ބިލު އަނބުރާ ގެންގޮސް، މަދަނީ ކުށަކަށް ބަދަލުކުރަން ޖެހޭ"

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލު އޮތް ގޮތަށް ފާސްކުރަން ނުފެންނަ ކަމަށާއި އެ ބިލު އަނބުރާ ގެންދިއުމަށް "މިހާރު" ނޫހުން މިރޭ ގޮވާލައިފި އެވެ.


އަބުރުގެ ބިލު ދިރާސާކުރާ ކޮމެޓީގައި ވާހަކަ ދައްކަވަމުން "މިހާރު" ނޫހުގެ ސީނިއާ އެސިސްޓަންޓް އެޑިޓަރު އަހުމަދު އަބްދުﷲ ސައީދު ވިދާޅުވީ ބިލު އަނބުރާ ގެންގޮސް މަދަނީ މިންގަނޑެއް އެކުލަވާލައި، ގާނޫނަކުން ނުވަތަ އަބުރަށް އަރައިގަތުމުން ބަދަލު ނަގައިދެވޭ ގޮތަށް މިހާރު އަމަލުކުރަމުން އަންނަ ގަވައިދުގެ ދަށުން ޑިމޮކްރަޓިކް ނިޒާމެއްގެ ތެރެއިން ހުށަހެޅުމަށް ގޮވާލައްވާ ކަމަށެވެ.

"އަބުރާ ބެހުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި އޮތުމަކީ ގަބޫލުކުރާ ކަމެއް ނޫން،" އަހުމަދު ވިދާޅުވި އެވެ.

އަބުރުގެ ބިލު ދިރާސާ ކުރާ ކޮމެޓީގެ މިރޭގެ ބައްދަލުވުމުގައި "މިހާރު" ނޫހުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. ބިލުގައި ހުރި ކަންބޮޑުވުންތައް ވަނީ މެމްބަރުންގެ ސަމާލު ކަމަށް ގެނެސްފައި. ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

އޭނާ ވިދާޅުވީ ބިލު ފަރުމާކުރި ފަރާތުން އިސްލާމީ ޝަރީއަތާއި ރާއްޖޭގެ ގާނޫނުއަސާސީ އަށާއި ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ ބައެއް މުއާހަދާތަކާއި ގަރާރުތަކަށް ބިލުގައި ހަވާލާދިނަސް، އަބުރާ ބެހުމުގެ ކަންކަން ބިލުގައި ހުރީ މި ޒަމާނުގައި ގެންގުޅޭ ހަމައަކުން ނޫން ކަމަށެވެ.

އެގޮތުން އަބުރުގެ ބިލު އޮތީ ގާނޫނުއަސާސީގެ ބައެއް މާއްދާތަކާ ހިލާފަށް ކަމަށާއި ބިލުގެ ސަބަބުން މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގު ވަރަށް ބޮޑަށް ހަނިވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަމައެއާއެކު، ބައިނަލްއަގުވާމީ މުއާހަދާތަކާ ހަވާލާދިނަސް، އދ.ގެ ހިއުމަން ރައިޓްސް ކޮމެޓީންނާއި ބައެއް ޖަމާއަތްތަކުން ވަނީ އަބުރާ ބެހުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ގާނޫނުތަކުގައި ކަނޑައަޅާފައި އޮތް އޮތުން ބަދަލު ކުރަން ޖެހޭ ކަމަށް ނިންމާފައި ކަމަށް ވެސް އަހުމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ނޫސްވެރިން، އެއްވެސް މީހެއްގެ އަބުރާ ބެހޭކަށް ބޭނުމެއް ނުވާނެ އެވެ. ނަމަވެސް ފަހަރެއްގައި ލިޔެވޭ އެއްޗަކުން މީހެއްގެ އަބުރާ ބެހެވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި މީހަކު ދައްކާ ވާހަކައަކުން އަބުރާ ބެހެވިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާރު" ނޫހުގެ އެސިސްޓެންޓް އެޑިޓަރު އަލީ ނާފިޒު ކޮމެޓީގައި މިރޭ ވާހަކަ ދައްކަވަނީ: ބޭރު ދުނިޔޭގެ ގައުމުތަކުގައި އަބުރާ ބެހުން މަދަނީ ކުށަކަށް ބަދަލުކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި. - ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

"ނޫސްވެރިންގެ ތެރޭގައި ނެތް އަބުރާ ބެހުމުގެ ނިޔަތެއް، މަގްސަދެއް ނެތް، ނޫސްވެރިކަން ކުރުމުގައި އަޅުގަނޑުމެން ގެންގުޅޭ އިމެއް ވެސް ނޫން އެއީ،" އަހުމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަބުރާ ބެހުމުން ޖޫރިމަނާ ކުރުމުގެ ބަދަލުގައި ދުނިޔޭގެ އެހެން ގައުމުތަކުގައި އޮންނަ އުސޫލުން ގެއްލުމުގެ ބަދަލު ނަގައިދެވޭ ގޮތަށް އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ޑިމޮކްރަޓިކް މުޖުތަމައުއެއްގައި އަބުރު ނަގާލުމުން ބަދަލު ނަގައިދެވޭ ނިޒާމުތަކެއް އެބަހުރި ކަމަށާއި އަބުރާ ބެހުމުން ފައިސާގެ ވަކި އަދަދެއް ދައްކަން ބިލުގައި ކޮންމެހެން އޮންނަން ނުޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ނޫސްވެރިއެއްގެ އެވްރެޖް މުސާރައަކީ 15،000ރ. ކަމަށްވާނަމަ، ބިލުގައި ބުނާ ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފިނަމަ، ޖޫރިމަނާ ފައިސާ ދެއްކޭނީ 15 އަހަރު ދުވަހުގެ މަސައްކަތުން ކަމަށް އޭނާ ވިދާޅުވި އެވެ. ގާނޫނުއަސާސީން ލިބިދޭ އިސްތިއުނާފް ކުރުމުގެ ހައްގު ވެސް ގެއްލޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު" ނޫހުގެ އިސް ބޭފުޅުން ވަނީ އަބުރުގެ ބިލުގައި ހުރި ބޮޑެތި މައްސަލަތައް ކޮމެޓީ މެމްބަރުންނާ ހިއްސާކޮށްފަ އެވެ. އަދި އެކަންކަން ހައްލުކޮށް ދިނުމަށް މެމްބަރުންގެ ކިބައިން އެދިވަޑައިގެންނެވި އެވެ.

އަބުރާ ބެހޭ ބިލް ދިރާސާކުރާ ރައްޔިތުންގެ މަޖިލިހުގެ ވަގުތީ ކޮމިޓީގެ މިރޭގެ ބައްދަލުވުމުގައި "މިހާރު" ނޫހުގެ އިސްވެރިން: އަބުރުގެ ބިލަކީ މިނިވަން ނޫސްވެރިކަމަށް ހުރަހެއް ކަމަށް ނޫހުގެ އިސްވެރިން ވިދާޅުވި. - ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ހާއްސަކޮށް ނޫސްވެރިއަކަށް "ޑިފެންސަށް" ނުވަތަ ދިފާއަށް މަސައްކަތް ކުރުމުގެ ފުރުސަތު ދީފައި ނެތުމާއި ޖޫރިމަނާ ފައިސާ ދެއްކުމުން ނޫނީ މައްސަލައެއް އިސްތިއުނާފް ކުރުމަށް ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ނެތުން ފަދަ ބޮޑެތި މައްސަލަތައް ނޫހުގެ އިސްވެރިން ފާހަގަކުރެއްވި އެވެ.

"މިހާރު" ނޫހުގެ މެނޭޖިން އެޑިޓަރު އިސްމާއިލް ނަސީރު ވިދާޅުވީ އަބުރުގެ ބިލަކީ މިނިވަން ނޫސްވެރިކަން ކުރުމަށް އޮތް މާހައުލު ނެތިކޮށްލުމަށް ފަރުމާކޮށްގެން އުޅޭ ބިލެއް ކަމަށެވެ.

"އަބުރު ރައްކާތެރިކުރުމަށް ވުރެ ބޮޑަށް މިހާރު ކުރަމުން އަންނަ މިނިވަން ނޫސްވެރިކަން ހުއްޓުވާލުމުގެ ގޮތުން ހިންގޭ އަމަލެއްގެ ގޮތުގައި މި ބިލު ފާހަގަކުރެވެނީ،" އިސްމާއީލް ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރުމަށް ހުރަސްއަޅާ ބިލާ ދެކޮޅަށް ނޫސްވެރިންތަކެއް މުޒާހަރާ ކުރަނީ.-- ފޮޓޯ: ހުސެން ޝަޔާހު/ މިހާރު

އަބުރާ ބެހުނު ކަމަށް ބުނެ ކޯޓަށް ހުށަހެޅުނީ މަދު މައްސަލަތަކެއް ކަމަށާއި ވޭތުވެދިޔަ އަހަރުތަކަށް ބަލާއިރު، ނޫސްވެރިކަން ކުރުމުގެ ފުރުސަތު ހަނިކުރެވޭ ބިލެއް އަންނަވަރުގެ ކަމެއް ހިނގާފައިވާ ނުވާ ކަމަށް ވެސް ނޫސްވެރިކަމުގެ ދާއިރާގައި އެތައް އަހަރެއް ވަންދެން މަސައްކަތް ކުރައްވާފައިވާ އިސްމާއީލް ވިދާޅުވި އެވެ.

"މިހާރު" ނޫހުގެ އެސިސްޓެންޓް އެޑިޓަރު އަލީ ނާފިޒު ވިދާޅުވީ ޑިމޮކްރަޓިކް އުސޫލުތައް ގާއިމުކުރާ ހުރިހާ ފަރާތްތަކުން ވެސް ގައުމުތަކަށް ގޮވާލަމުން ދަނީ އަބުރާ ބެހުން ޖިނާއީ ކުށެއްގެ ގޮތުގައި އޮތް އޮތުން ބާތިލް ކުރުމަށާއި މަދަނީ މައްސަލައެއްގެ ގޮތުގައި އެކަން ބޭއްވުމަށް ކަމަށެވެ.

އެގޮތުން އެމްނެސްޓީ އިންޓަނޭޝަނަލް، ކައުންސިލް ފޯ ޔޫރަޕް ފަދަ ޖަމިއްޔާތަކުން މިކަމަށް ގޮވާލާއިރު، ޔޫރަޕްގެ ގައުމުތަކުން އަބުރުގެ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސް، މަދަނީ ކުށަކަށް ބަދަލުކޮށްފައިވާ ކަން ނާފިޒްގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ. އަދި ބައެއް ގައުމުތަކުގައި އަބުރާ ބެހުމުން ދެވޭ އަދަބުތައް ލުއިކޮށްފައިވާ ކަމަށް ވެސް ނާފިޒު ވިދާޅުވި އެވެ.