މައުމޫން ދޫކޮށްލުމުން ދަށުން މަރުހަބާ ކިއުމަށް އެއްވި މީހުންނާ މައުމޫން ސަލާމް ކުރައްވަނީ: އެމަނިކުފާނުގެ މައްޗަށް އިއްވި ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތް މާދަމާ ފަށަން ވަނީ ހަމަޖައްސާފައި --- މިހާރު ފޮޓޯ/ހުސައިން ވަހީދު
03 އޮކްޓޯބަރ 2018 - 15:37
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތް މާދަމާ ފަށަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.
މައުމޫން އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ފެބްރުއަރީ މަހު އެމަނިކުފާނު ހައްޔަރުކޮށް، އެމަނިކުފާނުގެ ފުލުހުން ދޭން އެންގުމުން ފޯނު ނުދެއްވި މައްސަލާގައި ދައުލަތުން އުފުލި އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވުމުންނެވެ.
އެ މައްސަލަ މައުމޫންގެ ފަރާތްޕުޅުން އިސްތިއުނާފް ކުރުމުން އެ މައްސަލައިގެ ޝަރީއަތް ހައި ކޯޓުން ފަށަން ހަމަޖައްސާފައި ވަނީ މާދަމާ ހެނދުނެވެ.
މައުމޫންގެ އިސްތިއުނާފް ޝަރީއަތް މާދަމާ ފަށަން ހަމަޖައްސާފައިވާއިރު، އެ މައްސަލަ ހައި ކޯޓުން ނިމެންދެން ކަފާލާތުގެ ދަށުން އެމަނިކުފާނު ދޫކޮށްލާފައި ބެހެއްޓުމަށް މި ހަފުތާގައި ހައި ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އެމަނިކުފާނު މިނިވަންކުރީ ޑިޕޮސިޓްގެ ގޮތުގައި 60،000ރ. ކޯޓުގައި ބެހެއްޓުމަށް ފަހު އެވެ.
މައުމޫންގެ އިތުރުން ޖުމްހޫރީ ޕާޓީގެ ފައުންޑަރު ގާސިމް އިބްރާހިމާއި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ އިސްތިއުނާފް މައްސަލަ ނިމެންދެން ކަފާލާތުގެ ދަށުން ހައި ކޯޓުން ވަނީ އެ ބޭފުޅުން ވެސް މިނިވަންކޮށްފަ އެވެ.
މައުމޫންގެ މައްޗަށް އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، ޓެރަރިޒަމްގެ ދައުވާއެއް ވެސް ދައުލަތުން އެމަނިކުފާނުގެ މައްޗަށް ކުރެ އެވެ. އެ މައްސަލައިގެ ޝަރީއަތް ދަށު ކޯޓުގައި ދަނީ ކުރިއަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޫސަބޭ
03 October 2018
އަދި 5 އަހަރު ފަހުން ތިހުރިހާ މީހުންނާ އަހަރުމެން ބައްދަލު ކުރާނަން. ބަލަންތިބޭނަން ކިހަ މޮޅެއްތޯ ވަނީ އަދި ފަހުން ވާނެގޮތެއްވެސް