ގޯތި ގަންނަން ފޯމު ނަގަން ހައުސިން މިނިސްޓްރީގައި ކިޔޫ ހަދާފައި. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
08 އޮކްޓޯބަރ 2018 - 11:29
ހުޅުމާލެ އިން ގޯތި ވިއްކުމުގެ ގާނޫނީ ހައިސިއްޔަތެއް ހައުސިން މިނިސްޓްރީ އަށް ލިބިގެން ނުވާ ކަމަށް ގާނޫނީ ބައެއް ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން 1،000 އަކަފޫޓުގެ 400 ގޯތި ވިއްކަން ނިންމައި ހައުސިން މިނިސްޓްރީން އިއްޔެ ވަނީ އާއްމުކޮށް ހުޅުވާލައިފަ އެވެ. ހުޅުމާލޭގެ ބިމުގެ އަގަށް ބަލާއިރު ނުއަގުގައި ވިއްކާ މިއިން ގޯއްޗެއްގެ އަގަކީ އެންމެ 400،00ރ. އެވެ.
އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ އެ މަޝްރޫއު ކުރިއަށް ނުގެންދަން އިއްޔެ އަންގައިފަ އެވެ. އެ އެންގުމާ ގުޅިގެން ފޯމު ދޫކުރުމާއި ބަލައިގަތުން މިއަދު ވަނީ މެދުކަނޑާލައިފަ އެވެ.
ހުޅުމާލެ އިން ގޯތި ވިއްކުން މަޑުޖައްސާލަން އަންގައި އޭސީސީން ފޮނުވި ސިޓީގައި ވެސް ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމަށް ބުނެފައިވެ އެވެ. އެއީ، ހުޅުމާލެ އިން ބިން ވިއްކުމަކީ ހައުސިން މިނިސްޓްރީ އަށް ކުރެވިދާނެ ކަމެއްތޯ ގާނޫނީ ގޮތުން ސުވާލު އުފެދޭ ވާހަކަ ކަން އޭސީސީގެ އޮފިޝަލަކު ވިދާޅުވި އެވެ.
މި މައްސަލައިގައި، އެޗްޑީސީން މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ހައުސިން މިނިސްޓްރީން ގޯތި ވިއްކަން އިއުލާންކުރީ އެ ކުންފުންޏަށް އެނގިގެންތޯ ނުވަތަ ނޫންތޯ ވެސް ނުބުނެ އެވެ. މީގެ ކުރިން، ހުޅުމާލެ އިން ބިން ވިއްކުން ކުރިއަށް ގެންގޮސްފައި ވަނީ މުޅިން ވެސް އެޗްޑީސީންނެވެ.
މިފަހަރު ނުއަގުގައި، ގޯތި ވިއްކަން ހައުސިން މިނިސްޓްރީން ހުޅުވާލުމަކީ ވެސް ގިނަ ބައެއްގެ ކަންބޮޑުވުން އޮތް މައްސަލައެކެވެ.
ގޯތި ވިއްކުން އިއުލާންކުރަން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނާ އިއްޔެ ވާހަކަ ދައްކަވަނީ. --ފޮޓޯ/މިހާރު
ހުޅުމާލެ ދެ ވަނަ ފޭހުން މީގެ ކުރިން ވަނީ ބިން ވިއްކައިފަ އެވެ. އެކަމަކު އޭރު ފެށޭ އަގަކަށް ހަމަޖެއްސީ އަކަފޫޓެއް 3،000ރ އަށެވެ. އެ އަގުން ބަލާ ނަމަ 1،000 އަކަ ފޫޓެއްގެ ގޯއްޗެއްގެ އަގު 3 މިލިއަން ރުފިޔާއަށް އަރަ އެވެ. އެފަހަރު ގޯތިތައް ވިއްކީ އަކަފޫޓެއް 3،000ރ އަށް ވުރެ މާ ބޮޑު އަގެއްގަ އެވެ.
އާއްމުންގެ ހައްގުތަކާ ގުޅިފައިވާ މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވާ ގާނޫނީ ވަކީލުން ވިދާޅުވީ ހުޅުމާލެ އިން ބިން ވިއްކުމަކީ ހައުސިން މިނިސްޓްރީ އަށް ހައިސިއްޔަތު އޮތް ކަމެއް ނޫން ކަމަށެވެ. އެޗްޑީސީއަކީ ވަކި ކުންފުންޏަކަށް ވެފައި، އެ ކުންފުނީގެ ބެލުމުގެ ދަށުގައި އޮތް ބިންތަކެއް ވިއްކުމުގެ ހައްގު އެ މިނިސްޓްރީއަށް ނޯންނާނެ ކަމަށް ވެސް ވަކީލުން ވިދާޅުވެ އެވެ.
"އެއީ، އެޗްޑީސީގެ އަމިއްލަ ބިމެއް. މުޅި ހުޅުމާލެ ބިމުގެ ރަޖިސްޓްރީ އެޗްޑީސީ އަށް ހަދާފައި އޮންނައިރު، މިހާރު ހުޅުވާލި ބިމުގެ ރަޖިސްްޓްރީ ވެސް އޮންނާނީ އެޗްޑީސީ އަށް،" ނަން ހާމަނުކުރަން އެދިވަޑައިގެން ވާހަކަ ދެއްކެވި ވަކީލަކު ވިދާޅުވި އެވެ.
ފޯމު ހުށަހަޅަން ހައުސިން މިނިސްޓްރީގައި ކިޔޫ ޖެހިގެން. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
މި މަޝްރޫއު އިއުލާން ކުރައްވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވީ ހުޅުމާލެއިން 400 ގޯއްޗަށް ހުޅުވާލީ، ތޮއްޖެހިގެން ދިރިއުޅޭ މާލޭގެ ރައްޔިތުންނަށް ވަރަށް ބޮޑު ލުޔަކާއި ހިތްހަމަޖެހުމެއް ގެނެސްދޭން ކަމަށެވެ.
އެކަމަކު ވަކީލް ވިދާޅުވި ގޮތުގައި މިނިސްޓަރު އެ ފާހަގަކުރައްވާ ކެޓަގަރީއަށް އެކަމެއް ނުފެތެ އެވެ.
"މިއީ، ސޯޝަލް ހައުސިން ސްކީމެކޭ ބުނާއިރު، ސޯޝަލް ހައުސިންގެ ގޮތުގައި އެތަނުން ފްލެޓްތައް ވިއްކާފައި ހުރީ ވެސް އެންމެ ކުޑަކޮށް ދެ މިލިއަން ރުފިޔާ އަށް. އެކަމަކު ބިން މި ވިއްކަނީ ހަތަރު ލައްކަ ރުފިޔާ އަށް،" ވަކީލް ވިދާޅުވި އެވެ.
ހައުސިން އިން ބިން ވިއްކާލަން ހުޅުވާލިއިރު، "މިހާރު" އަށް އެނގިފައިވާ ގޮތުގައި، ވެރިކަން ބަދަލުވުމުގެ މި މަރުހަލާ ތެރޭގައި އެއްވެސް ބިމަކާ ގުޅޭ މުއާމަލާތެއް ނުހިންގަން އެޗްޑީސީގެ ބޯޑުން މީގެ ހަފުތާއެއްހާ ދުވަސް ކުރިން ވަނީ ފާސްކޮށްފަ އެވެ. މި ނިންމުން ފަހުން ބަދަލުކުރި ކަން ނުވަތަ ބިން ވިއްކަން ހުޅުވާލީ އެޗްޑީސީއާ މަޝްވަރާކޮށްފައި ކަން ވެސް ނޫސްވެރިންނަށް ސުވާލުކުރަން ފުރުސަތު ނުދީ، ހައުސިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަވުމުގައި މުއިއްޒު ވިދާޅެއް ނުވެ އެވެ.
"ބިން ވިއްކާނެ އަގަކީ ވެސް ހައުސިން މިނިސްޓްރީ އަށް ނުވަތަ ރައީސް އޮފީހަށް ވެސް ކަނޑައެޅޭނެ އެއްޗެއް ނޫން. އެއީ ވެސް އެޗްޑީސީގެ ނިންމުމެއް،" ވަކީލް ވިދާޅުވި އެވެ.
ހުޅުމާލެ ބިންތައް ވިއްކޭނެ އެންމެ ކުޑަ އަގަކީ ކޮބައިތޯ ބަލަން އެޗްޑީސީން ހުޅުވާލިއިރު ވެސް އެންމެ ކުޑަ އަގަކަށް އަކަ ފޫޓަކަށް ހުށަހެޅީ 3،000ރ. ކަން ވަކީލް ފާހަގަކުރެއްވި އެވެ. މިއާ އެކު ވަކީލުން ފާހަގަކުރައްވާ ކަމަކީ، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި، އަގު ކުޑަކޮށްގެން ގެއްލުން ދިނުމަކީ ކޮރަޕްޝަންގެ އަމަލެއް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގާނޫނުގައި ކަނޑައަޅާފައި ވުމެވެ.
މި މަޝްރޫއު ސަރުކާރުން މި އިއުލާން ކުރީ، ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިޚާބު ނާކާމިޔާބުވެވަޑައިގެން، ވެރިކަން ބަދަލުވުމުގެ މަރުހަލާގެ މަސައްކަތް ފެށިފަައިވާތީ އެއްވެސް އައު މަޝްރޫއެއް ނުފަށަން އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ އޮފީހުން މުއައްސަސާތަކުގައި އެދެމުން އަންނަނިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާސްތާ
09 October 2018
ޤާނޫނީ ވަކީލަށް ދަންނަވާލަން ބޭނުންވަނީ ކޮން ޤާނޫނެއްގެ ކޮން މާއްދާއެއްގަހޭ އޮތީ ހައުސިންއަށް ބިން ނުވިއްކޭނެ ކަމަށް؟ ދެއުޅިއެއް ނުވާ ވަކީލެއް ކަމަށް އަޅުގަނޑު ޤަބޫލުކުރަނީ.
އަބްދުއްލާ
09 October 2018
އެޗް ޑީސީ އަކީ ހައުސިންމިނިސްޓްރީ ގެ ދަށުން ހިންގާ ތަނެއްނޫންބާ ؟އެޗްޑީސީން ކުރެވޭނަމަ ހައުސިން އިންވެސް ކުރެވޭނެ .އެޗްޑިސީ ންކުރަންޖެހޭ ކަންކަން ކަނޑައަޅާ ފަރާތަކީ ވެސް ހައުސިން މިނިސްޓްރީ ނޫންބާ ؟އެޗްޑީސީ އަކީ ވަކި ސަރުކާރެއްނޫން. އެއީ ހައުސިންމިނިސްޓްރީގެ ބެލުމުގެ ދަށުން ހުޅުމާލޭގެ ކަންކަން ބެލެހެއްޓުމަށް ހައުސިން އިންހަދާފައިވާ ކުންފުންޏެއް.
އިބްރާ
09 October 2018
ކަލޭމެންނަށް ނޯވޭ ރަނގަޅު އެއްގޮތްވެސް. ބުރިޖްވެސް އެޅީމަ އަގުބޮޑުވީ. ގޯތި އަތްފޯރާފަށުން ވިއްކަން ނިންމީމަ އަގު ހެޔޮވީ. ކަލޭމެންނަށްނޫނީ ކަމެއްކުރަން އެނގޭމީހަކު ނެތީތޯ؟
ހުޔާ
09 October 2018
ދެން މޑޕ އަށްތަ ވިއްކޭނީ؟
އައިޖޭ
09 October 2018
ހުޅުމމާލޭގެ ކަންތައް ނިްނމުމަށް އެޗްޑީސީ ބޯޑެއް އުފައްދާާފަ އޮއްވާ ޑރ މުއިއްޒު އަކަށް ގޮތެއް ނުނިންމޭނެ...... އެހެނަސް ނުއަގުގައި ވިއްކަނީ ކަމަށް ބުނުން އޯކޭ އެއް ނ/ޫން.. ހުޅުމާލެ ހިއްކި އަގަށް ބަލާ އިރު އަކަފޫތެއް ޖެހނީ 29ރ އަށް. ދެން ބަލަމާ މަގުތަކައި ސްކޫލް، ހޮސޕިޓލަް މިސްކިތް ތަކަށް %50 ބިން ނެގޭނެ ކަމަށް، އެހެންބަލައިފިނަމަ ބޯހިޔާވަހި ަކަމުގެ ބިމަށް މި ޖެހެނީ އަކަފީޓެއް 58ރ ، ދެން މިބިން 400ރ އަށް ވިއްކިޔަސް އެއީ 6ގުނަ ބޮޑުފައިދާ އާއިއެކުދޯ
އިބްރާ
09 October 2018
ހުޅުމާލޭގެ ބޯޑުން ނިންމައިގެނެއްނޫނޭ އެ ބިންހިއްކީކީވެސް.
ޕޮކަންޑިމަން
09 October 2018
ނަޝީދު ޒަމާނުގައި މާލޭގައި އިން ފެށިފަހިމާލެ ކިޔާ އޮފީހަކުން އެތައް ސަތޭކަ ގޯތި ހުޅުމާލެއިން ބަހާ ހުސްކޮށްލި އިރުވެސް 2004 ގައި ހަދާދީފައިވާ ހުޅުމާލޭގެ ރަޖިސްޓްރީ ހަަމަ އޮތް. ތަފާތަކީ މިވަކީލުން އޭރު ތިއްބެވީ ނިދިކުރައްވާފައި.
ލައްޓި
09 October 2018
ތެދުތެދަށް ބުނަންޏާ ބިމުގެ އަގު ބޮޑުވެގެން ނުވާނެ. ސަބަބަކީ ދިވެހިންގެ އެވްރެޖް މީހުންނަކީ އެހާފުދުންތެރި ބަޔަކަށް ނުވާއިރު އެހާ ބޮޑުއަގުގަ ގޯތި ގަނެވޭފެންވަރު ހުންނާނީ ވިޔަފާރިވެރިން މުއްސަނދިންގެ އެކަނި.ދެރަމީހާ ދެރަ. ނިކަމެތި މީހާ ނިކަމެތި. ބިންގަތަސް އެތަން ހެދޭނެ ފެންވަރުވެސް ގިންމީހުންގެ ނުހުންނާނެ. އެކަމަކު މިކަން ކުރަން މިއުޅެނީ އެއްވެސް ޙާލެއްގައި ރަނގަޅު ނިޔަތެއްގައެއްނޫން. މީ ބަޔަކަށް ޖެއްސުމަށް ކުރާ ކަމަކާ ވައްތަރީ.
ޑާޑާޑާޑާ
09 October 2018
ހައުސިންގް މިނިސްޓްރީ އަށް ހުޅުމާލޭން ގޯތި ދޫކުރެވޭނެއޭ އެކަން ނުކުރެވޭނެ ގާނޫނީ އެއްވެސް ހުރަހެއް ނޯންނާނެއޭ އެކަން މަމެންނަށް ބިމާއި ބެހޭ ގާނޫނު ތައް ބަލާލުމުން ފެނިގެން ދެއޭ އެމްޑީޕީން ނޫންތޭ މުޒާހަރާ ކުރީ 2008 ވަނަ އަހަރު ހުޅުމާލޭން ހިލޭ ގޯތި ދޭން ޖެހޭނެ ކަމަށް ދެން މިއަދު ސަރުކާރުން ހުޅުމާލޭން 400 ގޯތި ދޭން އުޅުމުން ޔޫ އޮޕޯސް އޮން ދެޓް އައި ކާންޓް ޓޭކް ދިސް ބަތާހަރާމީ ސްޓަފް ނޯމޯރ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާ ޑާޑާ ޑޯންޓް ބީ ޑޯންޓް ބީ ޑާޑާޑާޑާ...
ތަރައް
09 October 2018
ވަރަށް ގިނަ ވަކީލުން ތިޔަހެން ގަބޫލުކޮށް އުޅުނު. އެކަމު އެމީހުން ވެސް ހަސަދަވެރިކަމާ ބޮޑާ ކަމުން އެއްކިބާވަނިވި ނަޒަރަކުން މި މައްސަލަ އަށް ބަލާލި ފަހުން ގަބޫލުކުރަނީ ހައުސިންގް އިން އެކުރަނީ ރަނގަޅުކަމެއްކަން.
އެޗްޑީސީ
09 October 2018
ތިގޮތައް ބަލާ ނަމަ ހުޅުމާލެ ހިއްކަން ޖެހޭނީވެސް އެޗްޑީސީގެ ފައިސާއިން. ދައުލަތުގެ ފައިސާ ބޭނުންކޮށްގެން ހިއްކާ ރާއްޖޭގެ ބިންތަކުގެ ބެލެނިވެރިޔަކަށް ވާނީ ހައުސިން މިނިސްޓްރީ