ވައްޑެ ނޫސްވެރިންނާ މިއަދު ވާހަކަ ދައްކަވަނީ. ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމަކީ އޭނާ އަށް ވުރެ ބޮޑަށް ދާއިރާގެ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެއް ކަމަށް ވިދާޅުވި.---ފޮޓޯ: ނިޝާން އަލީ/މިހާރު
08 އޮކްޓޯބަރ 2018 - 14:44
މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބަށް ފަހު، ދައުލަތުގެ މުއައްސަސާތައް މިނިވަންވެ، އަދުލު އިންސާފުގެ މަގަށް ކުރި ދަތުރު ކާމިޔާބުވަމުން އަންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) މިއަދު ވިދާޅުވެއްޖެ އެވެ.
ވައްޑެގެ ގޮނޑިއާ މެދު ސުވާލު އުފެދިފައި އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން، އޭނާގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމާ ގުޅިގެން އެ ކޯޓުގެ ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވައްޑެ ވިދާޅުވީ ހުކުމުގެ ސަބަބުން އެންމެ ބޮޑު އުފަލެއް ލިބިވަޑައިގަތީ ދާއިރާގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުވެގެން ދިއުމުން ކަމަށެވެ.
ސުޕްރީމް ކޯޓުގެ ހުކުމަށް ފަހު، ވައްޑެ ކޯޓުން މިއަދު ނުކުމެވަޑައިގަންނަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
ވައްޑެ ވިދާޅުވި ގޮތުގައި، މިއީ އޭނާ އަށް ލިބިވަޑައިގަތް ކާމިޔާބީއަކަށް ވުރެ ބޮޑަށް ދާއިރާގެ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެކެވެ. ވޭތުވެދިޔަ ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި ތުލުސްދޫ ދާއިރާ އަށް ވަޑައިގަތުމުގެ ފުރުސަތު ނުދީ، ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނަށް ތާއީދު ކުރައްވާ ބޭފުޅުން ހިފަހައްޓާފައި އޮތް އޮތުމަށް ނިމުމެއް އައިސްފައިވާތީ އެކަމާ ވެސް އުފާ ކުރައްވާ ކަމަށް ވައްޑެ ވިދާޅުވި އެވެ.
ވައްޑެ ވިދާޅުވީ ރިޔާސީ އިންތިޚާބަށް ފަހު މުއައްސަސާތަކަށް ވަރަށް ބޮޑު މިނިވަން ކަމެއް ލިބިގެން ގޮސްފައިވާ ކަމަށެވެ. އަދި އިންސާފު ލިބޭނެ ކަމާއި އަނިޔާވެރިކަން ނިންމައި އަދުލު އިންސާފުގެ މަގަށް ކުރި ދަތުރު ކާމިޔާބުވާކަން ސާބިތުވަމުންދާ ކަމަށް ވެސް ވައްޑެ ވިދާޅުވި އެވެ.
ރައީސް ޔާމީނަށް މާފް ކުރައްވާނަންތޯ ނޫސްވެރިއަކު ސުވާލު ކުރުމުން، ވައްޑެ ވިދާޅުވީ މާފު ކުރުމާއި ނުކުރުމަކީ ދާއިރާގެ ރައްޔިތުންގެ އަތްމަތީގައި އޮތް ކަމެއް ކަމަށެވެ.
"ދާއިރާގެ މެމްބަރެއްގެ ގޮތުގައި ކަނޑައެޅީ ރައްޔިތުން. އެހެންވީމަ ރައްޔިތުން މާފު ކުރުމާއި ނުކުރުން އެއީ އަޅުގަނޑުގެ ކިބައިގައި އޮތް ކަމެއް ނޫން،" ވައްޑެ ވިދާޅުވި އެވެ.
ވައްޑެ ވިދާޅުވި ގޮތުގައި އަނިޔާވެރިކަމަކީ ދާއިމީ އެއްޗެއް ނޫން ކަން މިހާރު ދަނީ އެނގެމުންނެވެ. އަދި އިދިކޮޅު 12 މެމްބަރަކަށް މަޖިލިހަށް ނުވެންނެވޭނެ ކަމަށް ވިދާޅުވެ، ބައެއް ބޭފުޅުން އަޑު އުފުލި ކަމުގައިވިޔަސް، އެއީ ރަނގަޅަށް ވިދާޅުވި ވާހަކައެއް ނޫން ކަން ހާމަވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ވައްޑެ ވިދާޅުވީ 12 މެމްބަރުންނަށް މަޖިލިހަށް ނުވެންނެވޭނެ ކަމަށް ޕީޕީއެމްގެ މެމްބަރުން ނިންމަވައިގެން ތިއްބެވީ ގަދަބާރު ދެއްކުމުގެ ނިޔަތުގައި ކަމަށެވެ. އަދި ޕީޕީއެމްގެ ބައެއް މެމްބަރުންގެ ވާހަކަތަކުން އަނިޔާވެރިކަމުގެ ހައްދެއް ނެތް ކަން އެނގިގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެއް އަހަރާއި ދެ މަހެއްހާ ދުވަސް ވަންދެން މަޖިލިހަށް ވެންނެވުމުގެ ފުރުސަތު ވައްޑެ އަށް ދީފައި ނުވާތީ ގެއްލުމުގެ ބަދަލު ހޯދަން މަސައްކަތް ކުރައްވާނަންތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ވައްޑެ ވިދާޅުވީ ގެއްލުމުގެ ބަދަލާ ދޭތެރޭގައި މަޝްވަރާކޮށްފައި އެ ހޯދަން ދައުވާ ކުރައްވާނެ ކަމަށެވެ.
ވައްޑެގެ ވަކީލް ހިސާން ހުސެއިން ވިދާޅުވީ ޕީޕީއެމާއި އިލެކްޝަންސް ކޮމިޝަނުން ގޯސްކޮށް ނިންމާފައިވާ ނިންމުން ދިފާއު ކުރުމުގައި ބަންޑާރަ ނައިބުގެ އޮފީހުން 14 މަސް ދުވަހު ހުންނެވުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ. އަދި ބަންޑާރަ ނައިބަކީ ދައުލަތުގެ އެންމެ މަތީ މަސްލަހަތު ދިފާއު ކުރުމުގައި ހުންނަވަން ޖެހޭ ބޭފުޅެއް ކަމަށް ހިސާން ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނީ ވައްޑެ ޕީޕީއެމުން ވަކިވީ ސުޕްރީމް ކޯޓުގެ ހުކުމްގެ ކުރިން ކަން "ސާފުކަން ބޮޑު ގޮތެއްގައި" އެނގެން އޮންނަ ކަމަށެވެ. އަދި ވައްޑެގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަނުން ކަނޑައެޅީ ހުކުމްގެ ކުރިން ވައްޑެ ކުރެއްވި އަމަލެއްގެ މައްޗަށް ބިނާކޮށް ކަމަށް ހުކުމުގައިވެ އެވެ.
އެހެންވެ، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އިއްވެވި ހުކުމުގައި ވަނީ ވައްޑެގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައި، ބައި އިލެކްޝަން ބޭއްވުމަށް އެ ކޮމިޝަނުން ނިންމި ނިންމުން ބާތިލު ކުރުމަށެވެ. އަދި ވައްޑެގެ ގޮނޑި ހުސް ނުވާ ކަމަށް ފަނޑިޔާރުން ކަނޑައެޅުއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބޫ ހުޅުމާލެ
09 October 2018
އިންސާފަކީ ތިމާމެން ރައްޔިތުންގެ މައްޗަށް ޙަރާމްކޯރުވެފައި ގޮނޑިބަދަލުކޮށް ތިމާމެންނާއި އެއްކޮޅަށްނިންމާ ކޮންމެ ކަމަކަށްކިޔާއެއްޗެއްކަން މަމެން ދެނެހުރީމާ، ޑުރަގު ޑީލަރުންވެސް ކޯޓުން ސަލާމަތްވެފައިވެސް ބުނަނީ އިންސާފު ލިބިއްޖެޔޭ، މިއަށް އިންސާފު ކިޔަންޏާ ދެން ކިޔަންވީ...
ހަސަންމަނިކުފާނު
09 October 2018
ކާމިޔާބު ވާނީ މިހާވަރަކަށް! ވައިޖެހޭ ކޮޅަށް އޮޑިދުއްވުމަކީ ކާމިޔާބީއެއްނޫން! އަދި އިންސާފެއްނޫން! ތިޔަ އާޒީން ހިހޫތަނުން ފަރީކުޅުއްވަނީ!
ބޭބެ
09 October 2018
ކަލޭމެންތީ ކޮރަޕްޓް ބައެއް!! ކޮންމެ އެއްޗެއް ކިޔަސް!! ތުހުމަތުގެ އެތައް އިނގިލި އެތައްގޮތަކަށް ކަލޭމެންނަށް ކުރެވޭ!! މިދުނިޔޭގައި ކަލޭމެންނަށް ތިގޮތަށް އާރާއި ބާރާއި ޖާހަތާއި ފައިސާއިން ފެންވަރަން ތިބެވިދާނެ!! އަހަރެމެންނާ އެންމެ ގާތުގައިވަނީ މަރު!! އެކަން ހަނދާނަށްވެސް ގެނެވޭނެތޯ ބަލާ ބިރުވެތިވޭ!! އިސްލާޙުވޭ!!
ދަތުރު ނުނިމޭ އަދި
08 October 2018
އިންސާފުގެ މަގަށް ކުރި ދަތުރެއް ނުން. ލާރިކޮޅެއް ހޯދައިގެން ހައިޖާން އެއް އުފައްދަން ކުރަން ޢުޅުނު މަސައްކަތް ހުއްޓުވަން ނުލަފާމީހަކު ގެ ނުލަފާކަން ދެއްކީމާ އޭނާއަށް ލިބުނު އަދަބެކޭ ބުނުން ކިހިނެއްވާނެ. އަދިވެސް އަމިްލަ އެދުމުގެ ދަތުރު ނިމުނީއެއްނުން. ދަތުރު ނިމޭނީ ދެން ސަރުކާރުގެ އިސްމީހަކަށް އަންނަމީހާގެ ގާބިލު ކަން އޮތްވަރަކުން. އެއީ މޮޔަ ދަހިވެތި މީހުންގެ ސަރުދާރުކަން ކުރަން އެނގޭ ނިސްބަތަކުން.
މެޑަމް އައިޝާ
08 October 2018
ގޮނޑި ޅިބުނު އިރު ގައުމު އިނގިރޭސިން އަތްދަށުވެ ނިމިއްޖެ
ވަރުވާ
08 October 2018
އަލްޙަމްދު ލިﷲ. މަރުޙަބާ! ވައްޑެ
އޭ.އެން
08 October 2018
ބަލަ ގޮނޑި ނުގެއްލެޔޭ. ގޮނޑި ސަލާމަތުން އެތަނުގައި ހުއްޓޭ.ކޮބާތޯ ނިކަމެތި ރައްޔިތުންގެ ހައްޤުގައި ކުރިކަމަކީ އެގޮޑީގަ ތިއްބަވައިގެން. މިހާރުވެސް ތިއުޅުއްވަނީ މިއޮއްހުރިހާ ދުވަހުގެ މުސާރަ ގަނޑުކޮށް ހޯއްދަވަން އަދިވެސް އިތުރަށް ޖީބުފުރާލާނެ މަގެއް ހޯއްދަވަން ނޫންތޯ؟ ޤާނޫނެއް ހެއްދެވިއްޔާ ހައްދަވަނީ ޢަމަލުނުކުރެވޭ ޤާނޫނު. ވަކާލާތުކޮށްދެވެނީ ޤަވްމުގަ ތިބި ބޮޑެތި މުޖުރިމުންނަށް. ކޮބާތޯ ނިކަމެތިންގެ ޙައްޤު.
އިންސާފް
08 October 2018
އިންސާފަކީ ބޭނުންވާގޮތަށް ކަންތައް ނިމުންތަ؟ ކޯޓްތަކުން ހުކުމް ކުރަނީ އޭރަކު ވައިހުރިކޮޅަކަށް. މިއަށް އިންސާފޭ ކިޔަންޏާ ދެން ނާއިންސާފަކީ ކޮބާ؟
ބަޑިއެދުރު
08 October 2018
އިންސާފުގެ މާނައަކީ ކޮބާ؟ ތިމާގެ މަސްލަހަތާ އެއްގޮތަށް ޙުކުމް ކުރުން؟ މިއޮށްވީ ހުރިހާ ދުވަހެއްގެ ތިޔަ ކޯޓުން ތިޔަ މައްސަލަ ހިފެހެއްޓި ހިފެހެއްޓުންވެސް އެއީ ހަމަ އިންސާފު؟ އަހަރުމެން ދިވެހިންނަކީ ހަނދާންބަލި ބައެކޭ ބުނަނީ ހަމަ ސަބަބުތަކެއް ހުރެގެން. ކޮން ސިޔާސީ ވެރިއަކަށްބާ ކެރޭނީ ހަމަ ހަޤީޤަތުގައިވެސް ނުފޫޒު ނުފޯރުވޭނެ ޖުޑީޝަރީއެއް ޤާއިމުކުރަން؟
ޒައިދު
08 October 2018
ޤަވްމު ހަމަ މަގަށް މިއަޅުވަނީ ދިވެހި ރައްޔިތުން، ނުބައި ވެރިކަމެއް ކުރެވޭނީ ނުބައި ރައްޔިތުން ތަކެއްގެ މައްޗަށް، ސިޔާސީ މީހުންނާ ގުޅިގެން ޤާޒީން މިޤަވްމަށް ވަރަށް ގެއްލުން ދީފި. ދެން ނިމުނީ. ހުޔޮ ވެރިކަމެއް ނުކޮށްފިއްޔާ ރައްޔިތުން އެބަޔަކު ފަހާލާނެ. ރާއްޖެއަކީ ކިޔަވައިގެން ތަންދޮރު އެނގިގެން ތިބި ވިސްނޭ ރައްޔިތުން ތަކެއް ތިބި ގަވްމެއް،