ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިވެއްޖެ ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން، ޕީޕީއެމުން މިހާރު ވަކިވާން އެދިފައި ތިބި އަދި ކުރިން ވަކިކޮށްފައިވާ އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭނެ ކަމަށް އިދިކޮޅު ކޯލިޝަނުން ރޭ ބުނެފި އެވެ.

އެޓާނީ ޖެނެރަލްގެ ފަރާތުން ހުށަހެޅި ދުސްތޫރީ މައްސަލައެއްގައި ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތިދުވަހު ކުރި ހުކުމުގައި ވަނީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށެވެ.

އެކަމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ތުލުސްދޫ ދާއިރާގެ މެމްބަރު އަދި މިދިޔަ މާޗްމަހު ޕީޕީއެމުން ވަކިކޮށްފައިވާ މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ވިދާޅުވީ ދާދި ފަހުން ޕީޕީއެމުން ވަކިވި 10 މެމްބަރުން ޕާޓީން ވަކިވުމަށް އެދި ސިޓީ ފޮނުވުމާ އެކު އެ މެމްބަރުން ޕާޓީން ވަކިވީ ކަމަށެވެ. އެ މެމްބަރުންގެ ސުލޫކީ މައްސަލަތަކެއް ބަލަމުންދާތީ ޕާޓީން ވަކިކޮށްދެވެން ނެތް ކަމަށް ޕީޕީއެމުން އެންގިޔަސް އެއީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެ މެމްބަރުންގެ މަޖިލިހުގެ ގޮނޑި ނުގެއްލޭނެ ކަމަށް ވަހީދު ވިދާޅުވި އެވެ.

ޕީޕީއެމުން ވަކިކޮށްފައިވާ މެމްބަރުން:

1- ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން

2- ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް

3- މަޑުއްވަރި ދާއިރާގެ މެމްބަރު މުހައްމަދު އަމީތު

4- ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން

މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކޮށް، ޕީޕީއެމުން ވަކިވި މެމްބަރުން:

1- ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު

2- މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން

3- ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު

4- ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ

5- އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ

6- ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ

7- ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު

8- މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް

9- ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު

10- ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ

އޭނާ ވިދާޅުވި ގޮތުގައި އެ 10 މެމްބަރުންގެ އިތުރުން ކުރިން އެ ޕާޓީން ވަކިކުރި ހަތަރު މެމްބަރުންގެ ގޮނޑި ގެއްލުމުގެ އެއްވެސް ފުރުސަތެއް ވެސް ނެތެވެ. އެކަމަކު ޕީޕީއެމުން މަސައްކަތް ކުރަމުން ދަނީ އެކިއެކި ބަހަނާތައް ދައްކައިގެން އެ މެމްބަރުން ޕާޓީން ވަކިކޮށް ނުދީ ހިފެހެއްޓުމަށް ކަމަށް ވަހީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ލީގަލް ޑައިރެކްޓަ ހިސާން ހުސައިން ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމް އެ ކޯޓުން މުރާޖާ ކުރަން ގޮވާލައްވަާ ކަމަށާއި އެކަމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅަން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އެ ނިންމުމަކީ ގާނޫނީ ގޮތުން ސުޕްރީމް ކޯޓަށް ނިންމިދާނެ ނިންމުމެއް ނޫން ކަމަށާއި ގާނޫނުއަސާސީ އަށް އިސްލާހެއް ނުވަތަ ކަމެއް އިތުރު ކުރުމަކީ އެ ކޯޓަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ހިސާން ވިދާޅުވި އެވެ.

މެމްބަރުން ޕާޓީ ބަދަލު ކުރުމަކީ ގޮނޑި ގެއްލެން ޖެހޭ ސަބަބެއް ނޫން ކަމަށް ކައުންސިލަރުންގެ މައްސަލައެއްގައި ސުޕްރީމް ކޯޓުން ކުރިން ނިންމާފައި ވަނިކޮށް އެ ނިންމުމާ ޚިލާފް ނިންމުމެއް ސުޕްރީމް ކޯޓުން ނިންމީ ކީއްވެގެން ކަން އެ ހުކުމުގައި ސާފުނުވާ ކަމަށް ހިސާން ވިދާޅުވި އެވެ. އަދި އެ ހުކުމްކުރީ އެ މައްސަލައިގެ ތެރެއަށް ވަނުމުގެ ފުރުސަތު ދިނުމަށް މަޖިލީހުގެ 31 މެމްބަރަކު އެދިފައި ވަނިކޮށް، އެ ފުރުސަތު ނުދީ ކަމަށް ހިސާން ވިދާޅުވި އެވެ.