މަޖިލީހުގެ ރިޔާސަތު މޭޒް އުސްކޮށް ފެންސްޖަހާފައި-- ފޮޓޯ: މަޖިލިސް
25 އޮކްޓޯބަރ 2018 - 15:55
ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ހަމައެކަނި ހަވާލު ކުރެއްވި ކަމަކީ މަޖިލީހުގެ ރިޔާސަތުގެ ކުރިމަތީގައި ފެންސް ޖެހުން އެކަނި ކަމަށާއި އެކަން ކުރެއްވި ކަމަށް މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޫސަ ވަނީ އެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ނުގެންދެވި ހުއްޓުވާފައިވާތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އަންނަ އާދިއްތަ ދުވަހުން ފެށިގެން ޖަލްސާތަކާއި މަސައްކަތްތައް ފަށާނެ ކަމަށް މޫސަ ވިދާޅުވި އެވެ.
މަޖިލީހުގެ ޖަލްސާއެއް ނުބޭއްވި މިހާ ދުވަސްވީއިރު މޫސަ އެކަމާ ނޫޅުއްވީ ކީއްވެގެންތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ ގާނޫނު އަސާސީން ލިބިދޭ ބާރުގެ ދަށުން އޭނާ އަށް ކަމެއް ކުރެވޭ ހިސާބަށް އާދެވުނީ އިއްޔެ ކަމަށެވެ. އެއީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުންނެވެ.
"އޭގެ ކުރީގައި މަޖިލީހުގެ މަސައްކަތެއް އޮންނަނީ މަޖިލީހުގެ ރައީސް ހަވާލުކުރާ ކަމަކަށްވާއިރު އަޅުގަނޑަށް މަސައްކަތެއް ހަވާލެއް ނުކުރޭ،" މޫސަ ވިދާޅުވި އެވެ.
"މަޖިލީހަކީ މިހެން ވެގެންވާނެ ތަނެއް ނޫން. އަޅުގަނޑު ވެސް މަޖިލީހުގައި 15 ވަރަކަށް އަހަރު މި ހޭދަވަނީ. މިކަހަލަ ދުވަސްތަކެއް އަޅުގަނޑެއް ވެސް ނުދެކެން. އަޅުގަނޑު ވެސް މަޖިލިސް މެމްބަރެއްގެ ހައިސިއްޔަތުން ހިތްދަތިވޭ."
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޫސަ ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާތު އަލީ/މިހާރު
މަޖިލީހުގެ ރައީސަކަށް އަބްދުﷲ ޝާހިދު ހުންނެވިއިރު އެ މަޖިލީހުގެ އިދާރީ ކަންކަން ބެލެހެއްޓުން ހަވާލުކޮށްފައި ވަނީ މަޖިލީހުގެ އޭރުގެ ނައިބު ރައީސް އަހުމަދު ނާޒިމާ ކަމަށްވީ ނަމަވެސް އޭނާއާ އެފަދަ މަސްއޫލިއްޔަތެއް މަސީހު ހަވާލު ކުރައްވާފައި ނުވާ ކަމަށް މޫސަ ވިދާޅުވި އެވެ.
އޭނާއާ ހަވާލު ކުރެއްވި މަސައްކަތަކީ މަޖިލީހުގެ ރިޔާސަތުގައި ފެންސުޖައި ރިޔާސަތުގައި އިންނަވާ މޭޒު އުސްކުރުން އެކަނި ކަމަށްވާއިރު އެކަން ކުރައްވާފައި ވާނެ ކަމަށް މޫސަ ވިދާޅުވި އެވެ. މިދިޔަ އަހަރު އެ ބަދަލު މަޖިލީހުގެ ތަޅުމަށް ގެނައީ މަސީހު ބައިވެރިވެ ވަޑައިގަންނަވާ ޖަލްސާތަކުގައި އިދިކޮޅު ފަރާތްތަކުން އިހުތިޖާޖު ކުރާތީ އެވެ.
މޫސަ ވިދާޅުވީ މިހާރު އޭނާ އަށް ހައިސިއްޔަތެއް ލިބުމާ އެކު މަޖިލީހުގެ އިސް މުވައްޒަފުންނާ ވާހަކަ ދައްކަވައި މެމްބަރުންނަށް ރަނގަޅަށް ކަންކަން ފަހިކޮށްދޭން އަންގަވާފައިވާނެ ކަމަށެވެ. އަދި މަޖިލީހަށް ދިމާވެފައިވާ އެންމެހާ މައްސަލަތައް ހައްލު ކުރަން މަސައްކަތް ފައްޓަވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަންނަ އާދިއްތަ ދުވަހު މަޖިލީހުގެ ޖަލްސާތައް ފަށަން ނިންމާފައިވާ ކަމަށް މޫސަ ވަނީ ވިދާޅުވެފަ އެވެ. މަޖިލީހުގެ ޖަލްސާތައް އަލުން މިފަށަނީ ޕީޕީއެމަށް މެޖޯރިޓީ ގެއްލުމުން މަޖިލިސް ހުއްޓާލާފައި އޮންނަތާ ދެ މަހަށް ވުރެ ގިނަ ދުވަސްވީ ފަހުންނެވެ. އިދިކޮޅު ފަރާތްތަކުން ބުނާގޮތުން ރައީސް އަބްދުﷲ ޔާމީންގެ އެއްގެވުމަށް މަސީހް މަޖިލިސް ހުއްޓުވީ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރީކް މޫސަ
27 October 2018
އަހަރެން ލަައްކަ ދުވަހު މިހުރީ ކެތް ކޮއްގެން ޔާމީން ގެ ކިބައިން ސަލާމަތް ނުވެގެން\ އަބަދުވެސް ހުންނާނީ ރައީސް ނަޝީދުގެ ފަހަތުގަ.....
ހުއްބުލްވަތަނު
26 October 2018
ވޭތުވެ ދިޔަ 5 އަހަރެއް ހާ ދުވަހު ތަރުތީބެއް، ފޯމިއުލާއެއް އަދި ގާނޫނެއް ނެތި އޮޅަމުން ދިޔަ ބަރަނި ތައް މިއަދު ނިއުޅެމުން މިނިވަންކަމުގެ އިސްސާސް ތައް ބަންޑުންކުރަމުން ، ގައުމުގެ ރައީސްވެސް ރައްޔިތުންގެ ކުރިމަތީގައި އެކުވެރި ޖައްވެއްގައި ސެލްފީ ނަންގަމުން ހަމަހަމަކަން އިސްކުރުމުން ދޭހަވަނީ ރާއްޖޭގައި ނިމެމުން މިދާ ވެރިކަމަކީ ޑިމޮކްރަސީގެ ނަމުގައި ބަޔަކު ހިންގާ ޚުދުމުޚުތާރުގެ ވެސް މަސްހުނި ގަނޑެއް ކަމެވެ.
ފުލެޓޭ
25 October 2018
އެންމެ ފުރަތަމަ ކުރަންވީ ކަމަކީ އިންސާފުން ފުލެޓް ބެހުން އަދި ކުންތުނި ތަކުންދޭ ފުލެޓްގެ ހަގީގަތް އަދި މިކޯލިޝަން އަކައް ހަމަ އެކެއްޗެއްވެސްނޭގެ އެމީހުން އަދި އުޅެނީ ޓުވިޓާ ނުކުރެވުގެން
ޢައްޔަބެ30
25 October 2018
މާ ރަނގަޅު މީޙަކަށް ވާން އަދި އެބައުޅޭ. ރީކޯ މޫސާ، ތި ރަނގަޅެއް ނުވާނެ ހަތްފެނަށް ލިޔަސް. މީ ވަރަށް ވާހަކަ
އަލިފް
25 October 2018
އިތުރު ދައުރަކަށް ހޮވަން ކަމުދާ މީހަކު މިހާރު މަޖްލީހުގާ ނެތެވެ.
އައިސަ
25 October 2018
މާދަމާ ހު ވާ ކުރަން ވީ ހީވަނީ އެހެން ކަމެއް ހެން ވިރިގެން ފައިބާ އިރު ވަރެ ހުންނާނެތަ....
ދީދީ
25 October 2018
ފެންސު އޯކޭ، މަޝްވަރާ ކުރަން ނޭގެނީ ބޮޑީ ހުފުމުހުތާރުސިފަ. ޣާނޫނުގަ ލޫޕްހޯލް އެއް އިދެއްޖެޔާ އެބައްދާ ތަނެއް ނުފެނޭ. މެންބަރުންނޭ ކިޔާފަ ގާނުނެއް އިސްލާހެއް ހުޝަހެޅުމުގެ ކުރިން ރައްޔިތަކާ މަސްވަރާކުރީ ތިޔަ މެންބަރުން ތެރެއިން ކާކު އެކަކުވެސް ނުކުރޭ ރައްޔިތުންގެ ހިޔާހު ހޯދާލަން މަސައްކަތެއް ަ
ބަންބަލްބީ
25 October 2018
"މަޖިލީހަކީ މިހެން ވެގެންވާނެ ތަނެއް ނޫން. އަޅުގަނޑު ވެސް މަޖިލީހުގައި 15 ވަރަކަށް އަހަރު މި ހޭދަވަނީ. މިކަހަލަ ދުވަސްތަކެއް އަޅުގަނޑެއް ވެސް ނުދެކެން. އަޅުގަނޑު ވެސް މަޖިލިސް މެމްބަރެއްގެ ހައިސިއްޔަތުން ހިތްދަތިވޭ." މީ ދިވެހި އާ ފިލްމު އަސުރުމަލުގެ ހިތިހަދާނު ގެ ޑައިލޮގް ކޮޅެއް ދޯ. އަދި "ހިތްދަތިވޭ." ބުނާ ތަންކޮޅު ފުން އަސަރާ އެކު ގިސްލާފަ ބުނީ މަ ފުރިހަމަވާނީ.
ހަސަދު
25 October 2018
ފެންސް ޖަހަން ހަވާލު ކުރީ ހެވީލޯޑަށްބާ!!!
އަޅުގަޑު
25 October 2018
މެންބަރުންނާ ރިޔާސަތާ ދެމެދު ލެވުނު "ފާރު ތަޅާލާނީ" ވެސް މޫސަބާ؟