މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މައި އޮފީސް: ރާއްޖޭގައި ކޮށްފައިވާ އިންވެސްޓްމަންޓްތަކުގެ ފައިދާ އިތުރުވުމާ ގުޅިގެން މިދިޔަ އަހަރުގެ ތެރޭގައި 387.6 މިލިއަން ޑޮލަރު ބޭރުކޮށްފައިވާ ކަމަށް އެމްއެމްއޭގެ ރިޕޯޓުގައި ބުނެފައިވޭ.
30 އޮކްޓޯބަރ 2018 - 09:53
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާންމުކޮށް ނުކުރާ ކަމެއް އިއްޔެ ކޮށް ނިންމާލި އިރު އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ގޮތުން އެ ބޭންކަށް އަމާޒުވާ ވަރަށް ބޮޑު ތުހުމަތަކުން ސަލާމަތްވެވިދާނެ މައްސަލައެއް ފާހަގަކޮށްފި އެވެ؛ އެ ހިޔާނާތް ފަޅާއެރުމުގެ ކުރިން ވެސް އޭގެ މައުލޫމާތު، މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް އެންގި ކަމެވެ.
ދިވެހި ރައްޔިތުންގެ ފައިސާއަށް މިހާތަނަށް ވި އެންމެ ބޮޑު ހިޔާނާތުގެ މައި މުއާމަލާތްތައް ހިންގާފައި ވަނީ، އެމްއެމްޕީއާރުސީ އާއި އަމިއްލަ ކުންފުންޏެއް ކަމަށްވާ އެސްއޯއެފްގެ އެކައުންޓްތައް މެދުވެރިކޮށެވެ. މި ހިޔާނާތުގެ އަގު އެންމެ ކުޑަވެގެން ވެސް 80 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) އަށް އަރާނެ ކަމަށް ލަފާކުރެވޭ އިރު، ސަރުކާރުގެ ކުންފުންޏަކުން ފައިސާގެ ބޮޑެތި މުއާމަލާތްތަކެއް ހިންގަމުން ގެންދާކަން އެމްއެމްއޭއަށް އެނގި، ފިޔަވަޅު ނޭޅުމަކީ، ކުރިން ވެސް އެތައް ބަޔަކު ގަބޫލުކުރަމުން އައި ގޮތަށް، ވަރަށް ބޮޑު މައްސަލައެކެވެ.
ބީއެމްއެލް އިން އިއްޔެ ވަނީ، އެމްއެމްޕީއާރުސީ އާއި އެސްއޯއެފްގެ މުއާމަލާތްތަކެއްގެ މައުލޫމާތު ވަގަށް ނަގައިގެން އާންމު ކުރުމުން ބޭންކުން ކަނޑާލި ގާސިމް އަބްދުލްކަރީމާ މެދު އަމަލްކުރި ގޮތުގެ މައުލޫމާތު، އެ ބޭންކްގެ މުއައްޒަފުންނަށް، ބަޔާނެއްގެ ސިފައިގައި، ދީފަ އެވެ. ވަކި ކޭހަކާ ބެހޭ ގޮތުން މިހާ ތަފްސީލުކޮށް މުވައްޒަފުންނާ ބީއެމްއެލުން މައުލޫމާތު ހިއްސާކުރަނީ ވަރަށް މަދުންނެވެ.
ދެ ސަފުހާގެ އެ ބަޔާން ބައެއް މީޑިއާތަކަށް ލިބިފައިވެ އެވެ. އޭގައި ބުނެފައިވާ ގޮތުގައި އެމްއެމްޕީއާރުސީ އާއި އެސްއޯއެފްއާ ދެމެދު ކޮށްފައިވާ "ޝައްކުކުރެވޭ މުއާމަލާތްތައް ކަމާ ބެހޭ މުއައްސަސާތަކަށް ވަނީ ރިޕޯޓްކޮށްފަ" އެވެ. ބީއެމްއެލުން އެ މައްސަލަ، ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައީ، ބަޔާނުގައިވާ ގޮތުން، އެމްއެމްޕީއާރުސީގެ މައްސަލަ ފަޅާއެރުމުގެ އަހަރެއްހާ ދުވަސް ކުރިން، ނޮވެމްބަރު 2014 ގަ އެވެ.
ބީއެމްއެލްގެ މި ވާހަކައިން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ، ރައީސް އަބްދުﷲ ޔާމީން ދަތުރުފުޅުކުރެއްވި "ފިނިފެންމާ" ލޯންޗު ގޮއްވާލުމާ އެކު ފެންމަތިވުމުގެ މާ ކުރިން، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ލިބިފައިވާނެ ކަން، އަނެއްކާވެސް މިވަނީ ކަށަވަރުވެފަ އެވެ. އެހެންކަމުން އެމްއެމްޕީއާރުސީގެ ހިނާޔާތަކީ މަރުކަޒީ ބޭންކަށް އެނގިގެން އެކަމަކު ފިޔަވަޅު ނޭޅި ދިޔަ ކަމެއް ކަމަށް ބުނާ މީހުންނަށް މިއީ އަނެއް ހެއްކެވެ.
އޭރު އެމްއެމްއޭގެ ގަވަރުނަރަކަށް ހުންނެވި ޑރ. އަޒީމާ އާދަމް ތަކުރާރުކޮށް ގެންދެވީ އޭނާ އާއި އެމްއެމްއޭ ދިފާއު ކުރައްވަމުންނެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އޭނާ އާއި އެމްއެމްއޭގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވަމުން ގެންދެވި އެވެ.
އެކަމަކު މައުލޫމާތު ހުރި ބައެއް މީހުން އޭރު ވެސް ބުނެފައިވާ ގޮތުގައި އޭރުގެ ބާރުގަދަ ޓޫރިޒަމް މިނިސްޓަރު އަދި ފަހުން ނައިބު ރައީސް އަހުމަދު އަދީބު، އެމްއެމްއޭ އަށް ވަޑައިގެން އަޒީމާއާ އެކު ބައްދަލުވުންތައް ބާއްވަވަ އެވެ. އެމްއެމްޕީއާރުސީގެ ހިނާޔާތް ފަޅާއަރައި، އެމްއެމްއޭގެ ނަން އޭގެ ތެރޭގައި ޚަރާބު ވަމުން ދިޔަ އިރު އަޒީމާ ވިދާޅުވެފައި ވަނީ އެކި މީހުންނާ ބައްދަލުކުރައްވާ އުސޫލުން އަދީބާ ވެސް ބައްދަލުކުރެއްވި ކަމަށެވެ.
ނަމަވެސް އަދީބު ވިދާޅުވެގެން ވަކި ކަމެއް ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ކުރައްވާފައި ނުވާނެ ކަމަށް، ބައެއް މީހުން ކައިރީ، އޭނާ ވިދާޅުވެފައިވެ އެވެ.
އެމްއެމްޕީއާރުސީގެ އެތައް މިލިއަން ޑޮލަރެއްގެ ޗެކްތައް ވަންނަމުން ދިޔައީ އެސްއޯއެފްގެ އެކައުންޓްތަކަށެވެ. މަނީ ލޯންޑަރިން ހުއްޓުވުމާ ބެހޭ ގާނޫނު ދަށުން ބޭންކްތަކަށް ލާޒިމްވާ ކަންކަމުގެ ތެރެއިން އެއް ކަމަކީ 200،000ރ އަށް ވުރެ ބޮޑު މުއާމަލާތްތަކުގެ މައުލޫމާތު އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ދިނުމެވެ.
ބީއެމްއެލްގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި "ބޭންކްގެ މައްޗަށް ގާނޫނު ލާޒިމްކުރާ" އެ ވާޖިބު އަދާކުރި އެވެ. އެހެންކަމުން އެމްއެމްޕީއާރުސީ އާއި އެސްއޯއެފްއާ ދެމެދު ހިންގި ދިވެހި ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްވުމުގެ މުއާމަލާތްތައް އެމްއެމްއޭގެ ވެރިންނަށް އެނގިވަޑައިނުގެން ކުރިއަށް ގެންދެވިދާނެ ކަމަކަށެއް ނުފެނެ އެވެ.
ފިރިކަލުން ޑރ. އަލީ ނަސީރު، ރާއްޖޭގެ ފަރާތުން އދ. ގައި ހުންނަވާ ސަފީރަކަށް ހަމަޖެއްސުމުން އަޒީމާ ވަނީ އެމްއެމްއޭ އިން އިސްތިއުފާ ދެއްވައި، ދިރިއުޅުން އެމެރިކާއަށް ބަދަލުކުރައްވައިފަ އެވެ. އެ ދުވަސްވަރު އޭނާ "ފިއްލަވަން އުޅުއްވަނީ" ކަމަށް އަޑުއެރުމުން އެކަން ދޮގުކުރައްވައި ވިދާޅުވެފައި ވަނީ "ރާއްޖެ އިން ބޭރަށް ބަދަލުވުމުގެ ޕްލޭނެއް ވެސް އަދި ނެތް" ކަމަށެވެ.
"އަޅުގަނޑުގެ ފިރިމީހާ ސަފީރު ކަމަށް ފުރަނީ އަންނަ އަހަރު. އެހެންވީމާ އަޅުގަނޑުގެ މައްޗަށް ތުހުމަތު ކުރަންޏާ ޝަރީއަތް ހިންގާނެހާ ދުވަސް އެބަ އޮތް ނޫންތޯ؟ އަޅުގަނޑު ނޯންނާނެ މަނީ ލޯންޑަރިންގެ އެއްވެސް ކަމެއްގައި ބައިވެރިވެފައެއް. އެއީ ޔަގީންކަމެއް،" ޖޫން 23، 2016 ގައި "މިހާރު"އާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
ބީއެމްއެލްގެ ބަޔާނުން ހުރިހާ ސުވާލަކަށް ޖަވާބެއް ނުލިބެ އެވެ. އެގޮތުން އެމްއެމްޕީއާރުސީގެ ހިޔާނާތަށް ފަހު، އެ ބޭންކުން ކަސްޓަމަރުންނާ ގުޅައި، ވަކި މުއާމަލާތްތަކާ މެދު ސުވާލުކުރާ ގޮތަށް، އެމްއެމްޕީއާރުސީ އާއި އެސްއޯއެފްއާ އެ ސުވާލުތައް ކުރިތޯ ނުވަތަ ނޫންތޯ ސާފެއް ނޫނެވެ.
އެކަމަކު މަނީ ލޯންޑަރިންގެ އެ ބޮޑު ކަންތައްގަނޑާ އެކު ބީއެމްއެލްގެ އުސޫލުތަކަށް ބަދަލު ގެނަ އެވެ. އޭގެ ތެރޭގައި ވަކި އަދަދަކަށް ވުރެ މަތީގެ މުއާމަލާތްތައް ހިންގުމުން، ކަސްޓަމަރުންނަށް ގުޅައިގެން ބައެއް ކަންކަން ސާފުކުރުން ހިމެނެ އެވެ.
ޝައްކުކުރެވޭ މުއާމަލާމްތައް ބަލައި، ތަހުގީގުކުރުމާއި ތަހުގީގުކުރާ އެހެން އިދާރާތަކާ އެ މައުލޫމާތު ހިއްސާކުރުމަކީ ގާނޫނީ ގޮތުން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ޒިންމާއެކެވެ. އެހެންކަމުން އެމްއެމްޕީއާރުސީ މެދުވެރިވެގެން ދިވެހި ރައްޔިތުންގެ އެތައް މިލިއަން ރުފިޔާއެއް ފޭރުމުގެ މުއާމަލާތްތަކެއް ހިންގަމުން ގެންދާކަމުގެ ރަނގަބީލު، ބީއެމްއެލްގެ މައުލޫމާތުތަކާ އެކު، އެމްއެމްއޭގެ ތެރޭގައި ޖެހެމުން އޭރު ގޮސްފައިވާނެކަން، ޔަގީނާ ގާތަށް މިހާރު އެނގެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ahmed
31 October 2018
ދިވެހިރާއްޖޭގައި ހިނގި އެއްމެ ބޮޑު ހިޔާނާތުގައި، ބީއެމްއެލް އިން ކަންކޮށްފައިވަނީ އެއްވެސް ހާލެއްގައި ޤައުމުގެ ހައްޤުގައެއްނޫންކަން ކުޑަކުއްޖާއަށްވެސް އޮތީ އެނގި ނިމިފަ. އެމް އެމް އޭ އަކީ ހަމައެކަނި ކުށްވެރިވާ ފަރާތް ކަމަށް ދައްކުވަން ނޫސްވެރިން މެދުވެިކޮށް މިފަދަ ލިޔުންތައް ލިޔެ ޕަބްލިޝް ކުރިޔަސް، ދިވެހިންނަށް ކަންވީގޮތް ވަރަށް ސާފުކޮށް އިނގޭ. ކިތަންމެ ގޮތަކުން އުސޫލޭ ބީއެމްއެލް އިން ބުންޏަސް ޤާސިމް ކަންކުރީ ދިވެހިންގެ ހައްޤުގައި.
ވޯލް
30 October 2018
މިރާއްޖޭގަ މިނިވަން މުއައްސަސާތަކުގެ ވެރިންގެ ގޮތުގައި ހަމަ އެންމެ މީހަކުވެސް ނެތީއޭދޯ ތެދުވެރިކަމާއި އިހްލާސްތެރިކަންމަތީ މަސައްކަތްކުރަން ކެރުނު. މަޤާމުގެ ބޭނުމުގައި ވައްކަންތައް ފަޅަ އަރުވާލާ ފިޔަވަޅހ އަޅަން ބޭނުން ނުވީ. އިސްލާމް ދީނުގައި ވައްކަން ކުރާ މިހާޔާއި އކަން އެނގި ހުރެ ނުހުއްޓުވާ ހުރިމިހާވެސް އެކަމުގައި ބައިވެރިވުން ފަދަ. އެހެންވީމަ ރާއްޖޭގެ މުއައްސަސާތަކުގައި ތިބީ ހުސްވަގުން. 21 ވަނަ ގަރުނުގެ ވަގުން.
ޙިއުމަން
30 October 2018
ސަރުކާރު ކުންފުންޏްެއްގެ ޗެކް ތަކެއް ޕްރަިވެޓް ބައެއްގެ އެކައުންޓަށް ޖަމާ ކުރެވޭ އުސޫލެއް ބެންކުތަކުގަ އޮވޭތަ؟ ތިކަމެއް އޭސީސީއަށް ކުރިން އިގޭބާ؟އެސްއޯއެފްއިން ދެން އެފައިސާ ދިޔައީ ކޮންތާކަށް ކަމެއް ބޭންކުން ހާމަ ނުކުރެވޭތަ؟ އިންޓެލްއަށް އެކަން ނޭގޭތަ؟
ސަންއާމް
30 October 2018
ބީއެމްއެލްގެ ސީއީއޯ ވެސް ނިކަން އަވަހައް ރާއްޖެ ދޫކޮއް ފިލާނެހެން އެބަ ހީވޭ..
އަޙުމަދު
05 November 2018
ހަމަ ރަނގާލަށް ސަންއާމް ތިބުނީ .ޑިސެންބަރުގަ އެކަލޭގެ އިނގިރޭސި ވިލާތަށް ފުރަޔޯ
ޚާޗިސް
08 December 2018
އެއީބޭރު މީހެއްދޯ
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
30 October 2018
ސޯލިޙްގެ ވެރިކަންފެށޭދުވަހު އެމްއެމްޕީއާރސީގެ މައްސަލަ ތަޙްޤީގު ފެއްޓުމަށްޓަކާ ޓްއަރިޒަމް މިނިސްޓްރީގެ ޒިންމާދާރު ފަރާތްތައް ގޭގައި މަޑުކުރާން އެންގުމުގެ އިތުރުން ދުވަހުން ދުވަހަށް ބީއެމްއެލްގަ ކުރާންޖެހޭ މަސައްކަތް ހިންގުމަށްޓަކާ އެކްޓިންގ އޭޖީއެމް އެއް ހަމަޖައްސަވާ މިހާރުގެ ބޯޑް ވަގުތުން އުވާލެވެން ނެތްނަމަ ޤާނޫނީގޮތުން ޒިންމާއިން ދުރުކުރެވޭނެ ގޮތެއް ހޯދާ އެކަން ކުރާންޖެހޭ. . . . ތިތަން އުފެދުނީއްސުރެ ބޯޑްގައި ތިބިމީހުން ބޭރުކުރާންޖެހޭ.
ހުތާ
30 October 2018
ޑރ. އަޒީމާ އާދަމް ސަލާމަތްވާނެހެނެއް ހިޔެއްނުވޭ. ތިޔަ މައްސަލަ ބެންޖެހޭނެ، އަދި ކުށްވެރިވާ ފަރާތްތަކަށް އަދަބުވެސް ދޭން ޖެހޭނެއެވެ.
ތަމީމް
30 October 2018
ބޭންކް އޮފް މޯލްޑިވްސް އާ ސުވާލުކޮށްބަލަ. މާލޭ ސަރަހައްދުގެ ބައެއް އޭޓީއެމް މެޝިންތަކުގެ "ފީޗާސް" ތައް ބަދަލު ކުރީ، ކޭޝްކާޑުތަކަކާއި، އޭޓީއެމް މެޝިންތަކެއްގެ ޒަރީއާއިން ބޮޑު ވައްކަމެއް ކޮށްގެން ނޫންހޭ؟؟
ޢަލިދީދީއައްޑޫސިޓީ
30 October 2018
ރާއްޖޭގައި ސަލާމަތީ ބާރުތަކާއި ނުގުޅޭ ގޮތަށް މިނިވަން މުސްތަގިއްލު އިންޓެލިޖެންސް އިދާރާއެއް ހުރުމުގެ މުހިންމުކަން މިޚަބަރުންވެސް އެނގިއްޖެ. އެފަދަ ތަނަކީ، ތަޙްޤީގު ކުރުމާއި މީހުން ސިއްރިޔާތުގައި ހިންގާ ކޮރަޕްޝަނާއި ޤާނޫނާއި ޚިލާފު ކަންކަން ހޯދައި ހުއްޓުވުމުގެ ގާބިލު އަދި ހުނަރު ދަންނަ ޕްރޮފެޝަނަލް ބަޔަކަށް ވާންޖެހޭނެ. އެފަދަ އިދާރާ އަކީ ބޭރުގެ އެފަދަ ތަންތަނާ ގުޅިގެން ހިންގާ ތަންތަން ކަމުގައި ވެސް ވުން މުހިންމު. އެއީ ދިވެހިންގެ ތަޖްރިބާއަށް.
ވަސް
30 October 2018
ބީއެމްއެލް އަކަށް ތިކަމުން ރެކެވޭކަށް ނެތް. ޢެމްއެމްޕީއާރުސީގެ ނަމުގައި އިޝޫކޮށްފަ ހުންނަ ޗެކު އެނޫން ފަރާތެއްގެ އެކައުންޓަށް ޖަމާކުރެވެންވީ ކީއްވެ؟
ހަމަ ބުނެލީ!
30 October 2018
އެ ޗެކްތައް ކްރޮސް ކޮށްފަ ނުވާތީ!
ރަންބުއްދި
30 October 2018
ރާއްޖޭގަ ހިންގާ ބޮޑެތި ޖަރީމާތައް މެރުމާ ވައްކަން ކުރުމާ ރައްޔިތުން ގެ ފައިސާއަށް ހިޔާނަތް ތެރިވުން ފަދަކަން ތައްތައް ބަލާ ތަހުގީގު ކޮށް ގާނޫނީ ފިޔަވަޅު ނުއެޅެނީ ހެއްކާ ގަރީނާ ނެތިގެން ނޫނެވެ.އަދި ކަމާ ބެހޭ މުއަށްސަސާ ތަކަށް ނުއެގިވެސް ނޫންކަމަށް ގަބޫލުކުރާނެ ރައްޔިތަކު ނުހުންނާނެ.ބައެްމީހުންގެ އާމްދަނީއާ ނުބައްދަލު ހަރަދުކުރުމާ ދިރިއުޅުމުގެ ފެން ވަރު ހުރިއިރު "ގާނޫނު އޮތީ ކަނުބަދެވި ކުޑަގޮޅީގަ"..ތިޔައީ ގުޅިގެން ހިންގާ އޮގަނައިޒްޑް ކްރައިމް