މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: މަޖިލިސް
04 ޑިސެމްބަރ 2018 - 15:41
ރައްޔިތުންގެ މަޖިލީހުގައި މެންބަރުން މިހާރު ތިބި އަދަދަށް ވުރެ އިތުރު ނުކުރުމަށް ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހު މަޖިލީހުން މިއަދު ބޭރުކޮށްލައިފި އެވެ.
ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް، ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލް، ގާނޫނުއަސާސީގެ 71 އާއި 72 ވަނަ މާއްދާ އަށް ހުށަހެޅުއްވި އިސްލާހުގައި ވަނީ މަޖިލީހުގެ މެންބަރުންގެ އަދަދަކީ 2014 ވަނަ އަހަރު މަޖިލީހުގެ ދާއިރާތައް ބަހައި، ކަނޑައެޅި 85 މެންބަރުންނެވެ.
ގާނޫނުއަސާސީ އަށް އިސްލާހު ހުށަހެޅުމުގެ ބިލް މަޖިލީހަށް ބަލައިގަންނަން ފެނޭތޯ އެހުމުން، ފެންނަ ކަމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 71 މެމްބަރުންގެ ތެރެއިން 26 މެމްބަރުން ވޯޓު ދެއްވި އެވެ. އަދި ނުފެންނަ ކަމަށް 44 މެމްބަރުން ވޯޓު ދެއްވި އިރު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވި އެވެ.
މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރު ނުކުރުމަށް ގާނޫނުއަސާސީ އަށް އިސްލާހެއް ހުށަހެޅީ މާލޭގެ އާބާދީ އިތުރުވި ނިސްބަތަށް ބަލައި، މައްޗަންގޮޅީ މެދު ދާއިރާގެ ނަމުގަ އާއި ހެންވޭރު ހުޅަނގު ދާއިރާގެ ނަމުގައި ދެ އިންތިހާބީ ދާއިރާ އުފައްދައި އިލެކްޝަންސް ކޮމިޝަނުން އެކަން އިއުލާން ކޮށްފައި ވަނިކޮށެވެ.
ގާނޫނުގައި މިހާރު ބުނެފައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައަޅާނީ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީކޮށްފައިވާ ފުރަތަމަ 5،000 މީހަކަށް މެމްބަރެއް ނުވަތަ 5،000 ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުންގެ މަގުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރު ނުވާނެ ގޮތަށް އަދަދު ކަނޑައަޅައި ގާނޫނުއަސާސީ އަށް އިސްލާހު ހުށަހެޅީ މަޖިލީހުގެ މެންބަރުންގެ އަދަދު ކޮންމެ ދައުރަކު ވެސް އިތުރުވާތީ އެކަމާ މެދު ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދިޔަ ދަނޑިވަޅެއްގަ އެވެ.
މީގެއިތުރުން، ބޭރުގެ އިންވެސްޓަރުންނަށް ރާއްޖެއިން ބިން ހިއްކައިގެން މިލްކު ކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ބާތިލް ކުރަން މާފަންނު ދެކުނު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) މަޖިލީހަށް ހުށަހެޅުއްވި އިސްލާހު ބަލައިގަނެ ގައުމީ ސަލާމަތުގެ ކޮމިޓީ އަށް ވަނީ ފޮނުވައިފަ އެވެ.
މިއަދުގެ ޖަލްސާގައި ވަނީ މަޖިލީހުގެ ނައިބު ރައީސް، ހުޅުހެންވޭރު ދާއިރާގެ މެމްބަރު އިމިގްރޭޝަންގެ ގާނޫނަށް ހުށަހެޅި އިސްލާހު ވެސް މަޖިލީހަށް ބަލައިނުގަނެ، ބޭރުކޮށްލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚަފީޒް
04 December 2018
ރަޖިސްޓްރީކޮށްފައިވާ ފުރަތަމަ 5،000 މީހަކަށް މެމްބަރެއް ނުވަތަ 5،000 ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުންގެ މަގުންނެވެ. މީ ވަރަށް ހަމަނުޖެހޭ ޢިބާރާތެއް. ރަޖިސްޓްރީކޮށްފައިވާ ކޮންމެ 5،000 މީހަކަށް މެމްބަރެއް ނުވަތަ 5،000 ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުންގެ މަގުންނެވެ. މިހެން އޮތްނަމަވެސް
ޑިންޑި
04 December 2018
ޢަދިވެސް އިތުރު ކުރަންވީ ކޮންމެ ދެ މީހަކަ މެންބަރެ ރަގަޅުވާނު. މުސާރަ 5 މިލިޔަނަ އިތުރު ކޮއްލަދީބަލަ. މެންބަރުން އުޅުއްވާ ހާލު ފެނިފާ މަސަ ނުވެސް ނިދޭ.