މަޖިލީހުގެ ޕީޕީއެމް ކޯލިޝަނަށް ނިސްބަތްވެވަޑައިގަންނަވާ ހަތަރު މެމްބަރުން. (ކ) އިން (ވ). ފާރިސް، ހުސެއިން އަރީފް، މުސްތަފާ އަދި ހުސެއިން މަނިކު ދޮން މަނިކު. - ފޮޓޯ: މަޖިލިސް
17 އޯގަސްޓް 2016 - 15:47
އެއްވެ އުޅުން ހަނިކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހު ފާސްކުރަން ޕީޕީއެމް/އެމްޑީއޭ ކޯލިޝަނުން ތްރީ ލައިން ވިޕެއް ނެރެފައި ވަނިކޮށް އެ ކޯލިޝަންގެ ފަސް މެމްބަރަކު އެ ވިޕާ ހިލާފުވުމުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް އެއާ ދެކޮޅަށް މިއަދު ވޯޓު ދެއްވައިފި އެވެ.
އެއްވެ އުޅުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވީ ދިއްގަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ފާރިސް މައުމޫން، ނޮޅިވަރަމް ދާއިރާގެ އެމްޑީއޭ މެމްބަރު ހުސެއިން އަރީފެވެ. ތަޅުމުގައި އިންނަވައި އެކަމަކު އެއްވެސް ކޮޅަކަށް ވޯޓު ނުދެއްވީ ތިމަރަފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު މުސްތޮފާ އެވެ. ތ. ގުރައިދޫ ދާއިރާގެ ޕީޕީއެމް މެމްބަރު ހުސެއިން މަނިކު ދޮން މަނިކު މަޖިލިހުގައި އިންނެވި ނަމަވެސް ވޯޓުގައި ބައިވެރިވެވަޑައެއް ނުގެންނެވި އެވެ.
މީގެ އިތުރުން ތުޅާދޫ ދާއިރާގެ ޕީޕީއެމް މެމްބަރު ނާޒިމް ރަޝާދު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަ ދެއްކެވި ނަމަވެސް ވޯޓު ގަޑީގައި އޭނާއެއް ނެތެވެ.
ކޯލިޝަންގެ ވިޕާ ދެން ހިލާފުވެވަޑައިގަތީ ތުލުސްދޫ ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) އެވެ. ވޯޓު ނެގުމުގެ ބައިގަޑިއެއްހާއިރު ކުރިން އޭނާ މަޖިލިހުން ނުކުންނެވީ ތްރީ ލައިން ވިޕް ވެސް ނެރުއްވި ފަހުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރު ވަހީދު ވާހަކަ ދައްކަވަނީ: އެއްވެ އުޅުމުގެ ހައްގު ހަނިކުރާ ބިލަށް ވޯޓަށް އެހުމުގެ ކުރިން އޭނާ މަޖިލިސް ދޫކުރައްވައި ވަޑައިގެންފި.--- ފޮޓޯ: މަޖިލިސް
ބީލަމަށް ނުލައި ޓޫރިޒަމްގެ މަސައްކަތްތަކަށް ރަށްރަށާއި ފަޅު ފަދަ ތަންތަން ދޫކުރެވޭ ގޮތަށް ޓޫރިޒަމްގެ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހަށް ވޯޓު ނެގިއިރު ޖަލްސާގައި ބައިވެރިވެވަޑައިނުގަތުމުން ވައްޑޭ ވަނީ ކުރިން އޭނާ ހިމެނުނު ކޮމިޓީން އެއަށް ވުރެ އާދައިގެ ކޮމިޓީއަކަށް ވެސް ބަދަލުކޮށްފަ އެވެ.
އެއްވެއުޅުން ހަނިކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހު ފާސްވީ ޕީޕީއެމް އާއި އެމްޑީއޭގެ 37 މެމްބަރުންގެ ވޯޓުންނެވެ.
ރައީސް ޔާމީނާއި ގާސިމް ސަލާމް ކުރައްވަނީ: އެއްވެ އުޅުން ހަނިކުރުމަށް ގާނޫނަށް މިއަދު ގެނައި އިސްލާހާ ދެކޮޅަށް ގާސިމް ވަނީ ވޯޓު ދެއްވާފައި.---މިހާރު ފޮޓޯ
އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ މެމްބަރުން ވޯޓު ދެއްވީ މި އިސްލާހާ ދެކޮޅަށެވެ. މީގެ ކުރިން ސަރުކާރުގެ ބިލްތަކާ އެއްކޮޅަށް ވޯޓު ދެއްވި ނަމަވެސް ގާސިމް ވަނީ މި ބިލް ބަލައިގަންނަން ވެސް ދެކޮޅު ހައްދަވައިފަ އެވެ. އޭނާގެ އެ ނިންމެވުން މިއަދުގެ ވޯޓުގައި ވެސް ދެއްކެވި އެވެ.
މަޑުއްވަރީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު އަމީތު މަޖިލިހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: އެއްވެ އުޅުން ހަނިކުރާ އިސްލާހަށް މަޖިލިހުގައި މިއަދު ވޯޓަށް އެހިއިރު އޭނާ މަޖިލިހަށް ވަޑައެއް ނުގަންނަވާ.---ފޮޓޯ: މަޖިލިސް
އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ހިޔާލުފާޅުކުރުން ހުއްޓުވަން މަޖިލީހަށް ހުށަހެޅި ބިލަށް ވޯޓަށް އެހިއިރު ޖަލްސާ އަށް ވަޑައިނުގެންނެވި ގޮތަށް އޭދަފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު މިއަދު ވެސް ވަޑައެއް ނުގަންނަވަ އެވެ. އޭގެ އިތުރުން ހިޔާލުފާޅުކުރުން ހުއްޓުވުމުގެ ބިލާ ދެކޮޅަށް ވޯޓު ދެއްވި ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު ނަޝީދު ވެސް މިއަދުގެ ޖަލްސާގައި ނެތެވެ.
މަޖިލީހުގެ ޖަލްސާއެއްގައި ސަލީމް ވާހަކަ ދައްކަވަނީ: ސަރުކާރުގެ ފަރާތުން މަޖިލިހަށް ހުށަހަޅުއްވާ ބައެއް ކަންކަމާ އޭނާ ސީދާ ދެކޮޅު. --ފޮޓޯ: މަޖިލިސް
ޕީޕީއެމް ކޯލިޝަނުން ނެރޭ ތްރީ ލައިން ވިޕުތަކާ ހިލާފަށް އެ ކޯލިޝަންގެ ބައެއް މެމްބަރުން ވޯޓު ދެއްވުން މިހާރު ވަނީ އާންމު ކަމަކަށް ވެފަ އެވެ. ވިޕާ ހިލާފުވެވަޑައިގަންނަވާ މެމްބަރުންގެ މައްސަލަ ބަލާނެ ކަމަށް ބުނި ނަމަވެސް، އެ މެމްބަރުންނާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.
މިއަދު ފާސްކުރި އިސްލާހުގައިވާ ގޮތުން ހޯމް މިނިސްޓްރީން ކަނޑައަޅާ އާންމުކޮށް އިއުލާންކޮށްފައިވާ ތަންތަނުގައި ފުލުހުން ލިޔުމަކުން ދޭ ހުއްދައަކާ އެކު ނޫނީ އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދު ބުރެއް ނުބޭއްވޭނެ އެވެ. އަދި މި އިސްލާހު ގާނޫނަކަށް ވާތާ 30 ދުވަހުގެ ތެރޭގައި، އެއްވެ އުޅެވޭނެ ތަންތަނުގެ ލިސްޓެއް ހަދައި ހޯމް މިނިސްޓްރީން ގެޒެޓް ކުރަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަވާޒް
18 August 2016
ދެންފަހެ މުޒާހަރާކުރުމާއި، އެއްވެއުޅުމުގެ ގާނޫނަށްގެނައި އިސްލާހާއިއެކު މީގެފަހުން މުޒާހަރާކުރެވޭނީ މީހުންދިރިނޫޅޭ ދޮންވެލި ފިނޮޅުތަކުގައިކަމަށް ކަނޑައަޅައި މިބިލް ފާސްކޮށްފީމެވެ.
އަޙްމަދު
18 August 2016
ރައީސް ވިދާޅުވާ ކޮންމެ އެއްޗަކީ ޤާނޫނުކަމަށް ޤާނޫނެއް ފާސް ކުރީމާ ދެން އެއްވެސް ޤާނޫނެއް ހަދާކަށް ނުޖެހޭނެ. މަންބަރުން ތަސް ކުޅެން ތިބީމަ ނިމުނީ. ތިޔަ ދޮންމަނިކު ތިޔައީ މައްކާގައި ހުރެފައި ވޯޓު ދޭން މާލެ އައި މީހެއް.ޢުމްރާގެ އަޅުކަމަށް ވުރެ އޭނައަށް މުހިއްމުވީ މަޖިލީހުގެ ވޯޓު.
މުޒާހިރު
17 August 2016
މުޒާހިރާވެސް ދެންކުރެވޭނީ ޕޕމ އަށް ދެން ލަލަލާ!
އަލީ
18 August 2016
ޕޕޕޕޕޕޕޕމ ކޮންމަކާތޯ 'މުޒާހިރާ' ކުރަންވީ؟ ފަޅުތަކާ ރަށްތައް ވިކި ހުސްވާތީދޯ؟ ސޮރީ، ދެއްތޯ؟
މަންސޫރު
17 August 2016
ރައްޔިތުން ތަމްސީލް ކުރަން ވޯޓުން ހޮވީމައި މުހިންމު ބިލްތައް ފާސްކުރާ ވަގުތު ނިކުމެގެން ދަނީ، ނޫނީ ޖަލްސާއަށް ނުވެސް އަންނަނީ. މި މީހުންނަށް މުސާރަ ލިބެން ޖެހެނީ ކީއްވެ؟
ެއިބޫ
17 August 2016
މިހުރިހާ ބިލް އަކުން ކުރިމަގުގައި ހަމަ ދަތިވާނީ ޕިންކް ކުދިންނަށް... އަލްހަމްދުލިއްލާހި
ކަލޯ
17 August 2016
ގާސިމާ. ދުވަސް ދުއްވާލާނެ ޕޕ އެމުން.
ބަސްއަހާބަލަ
17 August 2016
ޕިންކް ކުދިން ތިހެން ނަހަދަ ބަލަ. މިރާއްޖެ އަށް ޕޮލިޓިކަލް ސްޓެބިލިޓީ ގެނައުމަށް ޓަކައި އެބަޖެހޭ އަދި މަޖްލީހުން ޕޮލިޓިކަލް 8 ބިލް ފާސް ކޮށްދެއްވަން މިއަހަރު ތެރޭގައި. އެއަށް ފަހު ދެން އަމިއްލަ އޮޕީނިއަން އަށް ވޯޓް ދިނުމުގެ ކަން ކަން ކުރިއަށް ގެންދިއުން މުހިއްމު ކަމަށް ފެންނަނީ. ރާއްޖެ ލިޓިލް ސިންގަޕޯރ އަށް ދަތުރު ކުރަމުން ގޮސް ދަތުރު ދެބައި ނުވަނީސް ފަޅުވެރިން ފަލި ޖެހުން ހުއްޓާލީމާ ކަމަކު ނުދާނެ ނޫންތޯއެވެ. އެހެން ނަހަދަ ބަލަ ދެން؛ ބަސްއަހައިގެން ޕީޖީ ގްރޫޕް ލީޑަރު ބުނާ ގޮތަށް ވޯޓް ދެއްވަބައްލަވާ. ހެޔޮނުވާނެ ތިހެން ނަހައްދަވާ ރަންކޮޅާ. އެނޫންނަމަ މަމެންގެ ގްރެވިޓީ ޒީރޯ އަށް އަނެއްކާ ވެއްޓިދާނެ އެއް ނޫން ތޯއެވެ.
ކުޑަހުވަދޫ މީހާ
17 August 2016
ސާބަހޭ
ކުޑަހުވަދޫ މީހާ
17 August 2016
ޢެބަރަގަޅުވޭ
ބޮޑުފުޅަދޫ
17 August 2016
ހައެއްކަ މީހުން ތިހެން ބުނެފާނެ. އެކަމަކު ޔާމީންގެ ދެ ދައުރު ފުރިހަމަ ކޮށްފައި މެނުވީ ކިރިޔާ ވެސް ޖާގައެއް ނެތް.
އެނޮނީމާ
17 August 2016
މުޒާހަރާޔާ އެއްވުމާ އުޅަންދުބުރު އެއީ ސަރުކާރުން ހުއްދަދީގެން ބައްވާއެއްޗެއްކަމަށްވަންޏާ އޭގެ މާނަޔެއްނެތެއްނު. ބަލައެއީ ހިތްހަމަނުޖެހުން ފާޅުކުރަންކުރާކަމެކޭ ދެން އެހުއްދަ ދުވަހަކުވެސް ދޭނެތަ ސަރުކާރުން. ބޯހަލާކު