ރިޕޯޓް / އަބްދުﷲ އަމީން، ކުރީގެ ހެލްތު މިނިސްޓަރު

އަމީންގެ ހާސްކަމެއް ނެތް، މައްސަލަތައް ހައްލުކުރެވޭނެ!

ހެލްތު މިނިސްޓަރު އަމީން "މިހާރު" އަށް އިންޓަވިއު ދެއްވަނީ. ރަށްރަށުގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ނިކަމެތިވެފައި އޮތުމުން، އެކަން ހައްލުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އާ ސަރުކާރުގެ މިނިސްޓަރުންގެ ތެރެއިން، ރާއްޖޭގެ ސިއްހީ ދާއިރާ އަށް އިންގިލާބީ ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަސްއޫލިއްޔަތު އުފުއްލަވަން ޖެހިވަޑައިގެންފައިވާ، ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއަށް ބޮޑު ފާޑުކިއުންތަކެއް އަމާޒުވި އެވެ. ސިއްހީ ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެންފައިނުވާ ބޭފުޅަކަށް ވުމާ އެކު ކުރިމަތިވި ފާޑުކިއުންތަކަށް އޭނާ ދެއްވާ ޖަވާބަކީ މިއީ އެވެ؛ މިއީ ބޮޑު ޗެލެންޖެކެވެ. އެކަމަކު ރައްޔިތުން ރުހޭ ފަދަ މަސައްކަތްތަކެއް ކުރުމުގެ ހިތްވަރާ އަޒުމް އެބަ ހުއްޓެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އަމީންއާ ހަވާލުކުރައްވާފައި އެވަނީ އާދައިގެ ވުޒާރާއެއް ނޫނެވެ. ރައްޔިތުންގެ ހިތްހަމަނުޖެހުން އެންމެ ބޮޑަށް އަމާޒުވެފައި އޮތް އެއް ދާއިރާއަކީ ސިއްހީ ދާއިރާ އެވެ. ކޮންމެ ރަށަކުން ހެން އިވެނީ ސިއްހީ ދާއިރާގައި ހުރި މައްސަލަތަކުގެ ވާހަކަ އެވެ. އެހެންވެ، ކުރިއަށް އޮތް ފަސް އަހަރު، އެކަންކަން ހައްލުކުރަން އަމީން އުފުއްލަވަން ޖެހިވަޑައިގަންނަވާނެ ބުރަ ކުޑައެއް ނޫނެވެ.

އޭނާ ވިދާޅުވާ ގޮތުގައި މިހާރުގެ މަސްއޫލިއްޔަތުތަކަށް ނުކުންނެވީ އާންމުން އިތުބާރު ކުރާ، އަތް ފޯރާ އަގެއްގައި ހިދުމަތް ލިބޭނެ އިންތިޒާމުތަކެއް ގާއިމު ކުރެއްވުމަށެވެ. އަދި މަތީ ފެންވަރުގެ ސިއްހީ ހިދުމަތުގެ ނިޒާމެއް ގާއިމުކުރެއްވުމުގެ ތަސައްވުރެއް ވެސް އޭނާގެ އެބަ އޮތެވެ.

އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ސިއްހީ ހިދުމަތް ހޯދަން ސަލާން ޖަހަން އަތޮޅުތަކުގެ ކައުންސިލަރުންނާއި އަތޮޅުތަކުގެ ރައްޔިތުން މިނިސްޓްރީއަށް އައުމުގެ ސަގާފަތް ހުއްޓުވަން ޖެހޭ، ----އަމީން

ހެލްތު މިނިސްޓަރު އަމީން، އައްޑޫގައި ހަދަމުން އަންނަ ހޮސްޕިޓަލްގެ މައުލޫމާތު ހޯއްދަވަނީ. --- ފޮޓޯ: ހެލްތު މިނިސްޓްރީ

"އަޅުގަނޑު މަސައްކަތް ކުރާނީ، މިއީ ސިއްހީ ހިދުމަތް ކަން ދަނެގެން. އޯގާތެރިކަމާ އެކީގައި ރައްޔިތުންނަށް އެ ހިދުމަތް ފޯރުކޮށްދޭނެ އިންތިޒާމުތައް ގާއިމުކުރުމަކީ ސިއްހީ ދާއިރާއާ ހަވާލުވެފައި ހުރި މީހެއްގެ މަސްއޫލިއްޔަތެއް. އެ މަސްއޫލިއްޔަތު އަދާ ކުރުމުގައި ވަރަށް ކުރީގައި ހުންނާނީ،" އަމީން، "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

މިދިއަ ތިން ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އަމީން ވަނީ ހާލަތު ދެނަގަތުމުގައި ވަރަށް ބުރަކޮށް އުޅުއްވައިފަ އެވެ.

މިހާތަނަށް ސިއްހީ ދާއިރާގައި އުޅޭ 200 އަށް ވުރެ ގިނަ މީހުންނާ ބައްދަލުކުރައްވައިފި އެވެ.

ރާއްޖޭގައި މިވަގުތު ހުރި އެންމެ ބޮޑެތި ހޮސްޕިޓަލްތަކަށް ޒިޔާރަތް ކުރައްވައި، އެތަންތަނުގެ ހާލަތު ބައްލަވާލައްވައިފި އެވެ.

އަމީން އެންމެ ފުރަތަމަ ދަތުރުކުރެއްވީ މާލެ ނަގާފައި ދެން އެންމެ އާބާދީ ބޮޑު އައްޑު އަށެވެ. އައްޑޫގައި ސިއްހީ ހިދުމަތް ދޭ ތަންތަނަށް ވަޑައިގެން މިހާރު ދިމާވާ ދަތިތައް އޮޅުން ފިލުއްވި އެވެ.

ހެލްތު މިނިސްޓަރު އަމީން، އައިޖީއެމްއެޗްގެ ޑޮކްޓަރުންތަކަކާ ބައްދަލު ކުރައްވަނީ. --- ފޮޓޯ: ހެލްތު މިނިސްޓްރީ

"ރަށްރަށުގެ ސިއްހީ ހާލަތު ނިކަމެތި"

އާ ސަރުކާރަށް 21 ދުވަސް ވީ އިރު، އަމީންގެ އެންމެ ބޮޑު ސަމާލުކަމެއް ހުއްޓުނީ ރަށްރަށުގެ ސިއްހީ ހާލަތު އޮތް ނާޒުކު ހާލަތަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެންމެ ބޮޑު ކަންބޮޑުވުމަކީ ރަށްރަށުން ބޭހާއި ސިއްހީ ވަސީލަތްތައް ބަރާބަރަށް ނުލިބުމުގެ ޝަކުވާ އެވެ.

މިސާލެއްގެ ގޮތުގައި ނެންގެވީ ބައެއް ރަށްރަށުގައި ޑަޔަލަސިސް މެޝިންތައް ހުއްޓަސް ހިދުމަތް ނުދެވި، އެތައް މަހެއް ފާއިތުވުމެވެ. ބައެއް ރަށްރަށުގައި އެކްސްރޭ މެޝިން ވެސް އެބަ ހުއްޓެވެ. އެކަމަކު އެކްސްރޭ ނެގުމުގެ ހިދުމަތް ނުދެވޭ ކަމަށް ވިދާޅުވި އެވެ.

ބައެއް ރަށްރަށުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުން އޮކްސިޖަން ފުޅި ހުސްވެ އެވެ. އެއީ، އަމީން ގަބޫލުކުރައްވާ ގޮތުގައި، ރަށްރަށުގެ ސިއްހީ ނިޒާމު އޮތް ނިކަމެތި ހާލަތެވެ.

"ތަންތަނުގެ އިމާރާތުގެ ފެންވަރުން ފެށިޔަސް، ދޭ ހިދުމަތަށް ވިޔަސް، ހިދުމަތުގެ ފެންވަރު ބެލިކަމުގައި ވިޔަސް، ހިދުމަތުގެ ސްޕީޑަށް ބެލިޔަސް އަތޮޅުތައް އޮތީ ސިއްހީ ގޮތުން ވަރަށް ނިކަމެތި ހާލަތުގައި،" ޒުވާން މިނިސްޓަރު ވިދާޅުވި އެވެ.

އައްޑޫ ރީޖަނަލް ހޮސްޕިޓަލް ސިފަކުރައްވަމުން އަމީން ވިދާޅުވީ "އެއީ މީގެ 10 ނުވަތަ 15 އަހަރު ކުރީގެ އާންމު ސިއްހީ މަރުކަޒުތަކާ އެއް ފެންވަރު"ގެ ތަނެކޭ ބުންޏަސް ދޮގަކަށް ނުވާނެ ކަމަށެވެ.

އަމީން ވިދާޅުވާ ގޮތުގައި ބޮޑެތި އާބާދީތައް ހުރި ސަރަހައްދުތަކަށް މާލެ އިން ވެސް ލިބޭ ސިއްހީ ހިދުމަތް ލިބިދެވޭނެ އިންތިޒާމެއް ގާއިމު ކުރަން ޖެހެ އެވެ. ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން ކުދިކުދި ބަލިތަކުގައި މާލެ އައުން މަދުކުރެވޭނީ ވެސް އޭރުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަކުވާތައް ފުނިޖެހިފައި ހުރީ އެންމެ ހޮސްޕިޓަލަކާއި ނުވަތަ އެންމެ ސިއްހީ މަރުކަޒަކާ ގުޅޭ ގޮތަކުން ނޫނެވެ. ރާއްޖޭގައި ހުރި ކޮންމެ ހޮސްޕިޓަލަކާއި ކޮންމެ ސިއްހީ މަރުކަޒެއްގައި ވެސް ރަނގަޅު ކުރަން ޖެހޭ މައްސަލަތައް އަމީނަށް ވަނީ ފާހަގަކުރެއްވިފަ އެވެ. ޑޮކްޓަރުންނާއި ނަރުހުންގެ ދަތިކަން އިންތިހާ އަށެވެ. ސިއްހީ ދާއިރާ އަށް ގާބިލް މީހުން ހޯދުމާއި އެމީހުން ވަޒީފާގައި ދެމިތިބުމުގައި ވެސް ބޮޑެތި ގޮންޖެހުންތަކެވެ.

މި ކުޑަ ދުވަސްކޮޅުގެ ތަޖުރިބާއަށް ބަލާއިރު ވެސް، އަމީން ވިދާޅުވީ، ރަށްރަށުގެ ސިއްހީ ހިދުމަތުގެ ފެންވަރަށް ހާއްސަ ސަމާލު ކަމެއް ދިނުމަށާއި މައްސަލަތައް ދެނެގަތުމަށް ހެލްތު މިނިސްޓްރީގައި ޑެސްކެއް ގާއިމްކުރަން ނިންމާފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ ޑެސްކްގެ ބޭނުމަކީ ރަށްރަށުގައި ދިމާވާ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމެވެ. އޭގެ އިތުރުން، މިނިސްޓްރީގައި ޝަކުވާ ހުށަހެޅޭނެ ކޮމްޕްލެއަންސް ބިއުރޯއެއް ވެސް ގާއިމު ކުރަން ވަނީ ނިންމަވައިފަ އެވެ.

އަމީން ވިދާޅުވާ ގޮތުގައި ޓެލެމެޑިސިންގެ ހިދުމަތަށް އިސްކަން ދިނުން ވަރަށް މުހިންމެވެ. އޭރުން ރަށްރަށުގައި ތިބެގެން ވެސް މަތީ ފެންވަރުގެ ޑޮކްޓަރުންނަށް ދެއްކުމުގެ ފުރުސަތު ފަހިވާނެ އެވެ.

ރަށްރަށުގެ ރައްޔިތުންނަށް ބޭނުންވާ ސްޕެޝަލިސްޓް ޑޮކްޓަރުން ފޯރުކޮށްދިނުމުގެ ވައުދާ އެކު އަމީން ދެއްވި ޔަގީން ކަމަކީ މިއީ އެވެ؛ ރަށްރަށުގެ ސިއްހީ ހިދުމަތްތައް ގަވައިދުން މޮނިޓާކޮށް، ސަމާލުކަން ނުގެއްލޭ ގޮތަށް އިންތިޒާމުތައް ބައްޓަން ކުރުމެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސިއްހީ ހިދުމަތް ހޯދަން ސަލާން ޖަހަން އަތޮޅުތަކުގެ ކައުންސިލަރުންނާއި އަތޮޅުތަކުގެ ރައްޔިތުން މިނިސްޓްރީއަށް އައުމުގެ ސަގާފަތް ހުއްޓުވަން ޖެހޭ. އެކަން ހުއްޓުވޭނީ އަތޮޅުތެރޭގެ ސިއްހީ ހިދުމަތް ފުޅާކުރެވިގެން،" އަމީން ވިދާޅުވި އެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ޓާޝަރީ ހޮސްޕިޓަލްތައް އަޅައި، ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަކީ އަމީންގެ އަމާޒެވެ.

"ކޮނޑުގައި އެޅުނީ ބުރަ މަސްއޫލިއްޔަތެއް، ހައްލު ކުރާނަން"

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ އެޖެންޑާގެ ތެރޭގައި އެންމެ ބޮޑު އިސްކަމެއް ދިން އެއް ކަމަކީ ރާއްޖޭގެ ސިއްހީ ހާލަތު ރަނގަޅުކޮށް، މަތީ ފެންވަރުގެ ހިދުމަތްތަކެއް އެކި ކަންކޮޅުތަކުގައި ގާއިމްކުރުމެވެ. ރައްޔިތުންގެ ކަންބޮޑުވުންތައް ފިލުވާލައި، ރާއްޖޭގައި ހުރި ވަސީލަތްތަކާއި ސިއްހީ ދާއިރާ އަށް އާ ވިސްނުންތަކެއް ގެނެސް، މަސައްކަތް ކުރުމެވެ.

100 ދުވަހުގެ އެޖެންޑާގައި ހިމެނޭ ބައެއް ކަންކަން:

- ނެޝަނަލް މެންޓަލް ހެލްތު އިންސްޓިޓިއުޓެއް އުފެއްދުން.

- ނަފްސާނީ ބަލިތަކަށް ފަރުވާދީ، އާސަންދަ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުން.

- ރާއްޖެ އިން ލިބެން ހުންނަ ބޭހަކީ ދުނިޔޭގައި އިތުބާރު ލިބިފައިވާ ބޭހަކަށް ހެދުން.

- ހުރިހާ ރަށެއްގައި އެމްބިއުލަންސް ހަމަކޮށް، އެއް ވިއުގައަކުން ގުޅާލުން.

- ހަކުރު ބަލީގެ މީހުންނަށް ފަރުވާ ދެވޭނެ ހަރުދަނާ ނިޒާމެއް ގާއިމު ކުރުން.

- ޓީބީ ނައްތާލުމަށް ދެ ސަރަހައްދެއްގައި ޖީން އެކްސްޕާޓް މެޝިން ބެހެއްޓުން.

ހެލްތު މިނިސްޓަރު އަމީން (ކ-2) އައްޑޫ ސިޓީގެ މަރަދޫ ސިއްހީ މަރުކަޒުގެ ހާލަތު ބައްލަވާލައްވަނީ. --- ފޮޓޯ: ހެލްތު މިނިސްޓްރީ

އަމީން ވިދާޅުވީ ހެލްތު މިނިސްޓްރީ އޮތީ ރައްޔިތުންނާ އެކުގައި ކަމަށެވެ. ރައްޔިތުންނަށް ސިއްހީ ހިދުމަތް ލިބުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތަކާއި އުދާސްތައް ރައްޔިތުންނެކޭ އެއްގޮތަށް ތަހަންމަލް ކުރަމުންދާ ކަމަށާއި އެ މައްސަލަތަކަށް ހައްލު ގެންނަވަން ރެ އާއި ދުވާލު އުޅުއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލްގައި ގާއިމްކޮށްފައި ހުރި ވަސީލަތްތަކުން މިސާލު ނަންގަވައި އަމީން ވިދާޅުވި ގޮތުގައި ހެލްތު މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެންނެވި އިރު، ފެނިވަޑައިގަތީ ވަސީލަތްތައް ފުޅާކުރުމުގެ ހަރުދަނާ ސިޔާސަތުތަކެއް ގާއިމްކޮށްފައި ނެތް ކަމެވެ. އެހެންވެ، ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ސިއްހީ ނިޒާމު ބައްޓަން ކުރާނެ ތަސައްވުރެއް މިހާރު ވެސް އަމީން ގެންގުޅުއްވަ އެވެ.

އޭނާ ކުރިމަތިލައްވައިގެން ހުންނެވީ އާދައިގެ ޗެލެންޖަކާ ނޫނެވެ. އެކަމަކު އަމީން އެ މަސައްކަތްތައް ނަންގަވަނީ ހިނިތުންވުމަކާ އެކު އެވެ.

"ހިދުމަތަކަށް ނުކުންނަން ގޮވާލީމަ، އެ ހިދުމަތް ޗެލެންޖެއްގެ ގޮތުގައި ބަލައިގެން ކުރިއަށް ދާ ކަމަށްވާ ނަމަ، ރައްޔިތުން އެދޭ ގޮތަށް އެކަން ކުރެވޭނެ. އަޅުގަނޑު މަސައްކަތް ކުރާނީ ސިއްހީ ހިދުމަތް ކަން ދަނެގެން،" އަމީން ވިދާޅުވި އެވެ.

މިއީ ފުރަތަމަ ދުވަހުން ފެށިގެން އޭނާއަށް ފާޑުކިއަމުން ދާ އެންމެންނަށް އޭނާ ދެއްވި މެސެޖެކެވެ.

41 ކޮމެންޓް, 33 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 9%
icon angry icon angry 24%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބްދޫ

11 December 2018

ތިޔައީ ރާއްޖޭގެ އެންމެ ކުރިއަރާފައިވާ ދާއިރާ ވީމަ އޮންނާނީ ކޮންހާސްކަމެއް ތަ ؟

The name is already taken The name is available. Register?

ޚާދިމު

10 December 2018

އެކަމަކު ތިޔަހަރަ ބޮޑާކަމެއްތާ ހިތައްއަރާ އެއީ ރައްޔިތުންގެ ޚާދިމެއް ބާއޭ ނުވަތަ ރައްޔިތުންނަކީ އޭނާގެ ޚާދިމުން ބާއޭ

The name is already taken The name is available. Register?

ހާމިދު، ލ.ގަން

10 December 2018

މީހުންބުނެ އުޅޭ އޯރެންޖެއް ފެލާލީމާ އޭގެއިން އަންނާރު ދިޔައެއް ނުނިކުންނާނެއޭ. ހެލްތު މިނިސްޓަރު އަމީންއަކީ އަޅުގަނޑު ވަރަށް ރަނގަޅަށް ދަންނަ ބޭފުޅެއް. އެއީ ހިތްތިރި ހުލްގު ހެޔޮ ބޭފުޅެއް. އެ ބޭފުޅާ ދުވަހަކުވެސް ދިވެހި ރައްޔިތުންނަކަށް ދެރަގޮތެއް ނަހައްދަވާނެ. ބޭސްވެރިކަމުގައި ދިވެހިން ތަހައްމަލް ކުރަމުންދާ ދަތިތައް ހައްލުކޮށްދޭނެ. މިކަމުގައި ފާގަތި މަގުތައް ކޮށައިދޭން.

The name is already taken The name is available. Register?

ޒައީމު

10 December 2018

ކިޔެވި ކޮންމެ މަރުހަލާއެއްގައި 1 ވަނަ ހޯދާފައި ވުމަކީ ކަންކަމުގައި އަމީންގެ ޑެޑިކޭޝަން ފެނިގެންދާނެކަމުގެ އަލިގަދަ ހެއްކެއް. ތި ކުރާ ހިތްވަރަށް ހަމަ އެތައްހާސް ޝުުކުރުގެ ހާރެއްވެސް ހައްގު!

The name is already taken The name is available. Register?

ރައްޔިތުމީހުން

10 December 2018

ހެލްތު މިނިސްޓްރީ އޮތީ ރައްޔިތުންނާ އެކީގައިކަން އަޅުގަނޑުމެންނަށް އިނގޭ އަމީން ރައްޔިތުންގެ ހާލު ބެލުމަށްޓަކައި ތިޔަ ކުރައްވާ ބުރަ މަސައްކަތް ފެނިފައި. އެދެނީ ގައުމަށް ފާގަތި ދުވަސްތަކެއް، އުޖާލާ މުސްތަގުބަލެއް. ދުއާއަކީ އަމީންމެން ފަދަ އިލްމީ އަޒުމް ވަރުގަދަ ދަރިން ގިނަގިނައިން ތިޔަފަދަ މަގާމުތަކުން ފެނިގެން ދިޔުން.

The name is already taken The name is available. Register?

އެދުރުތަކުރު

10 December 2018

އައިޖީއެމްއެޗުގައި ސްޓްރޯކެއް ޖެހުނީމާ ފަރުވާ ނުދެވޭ. ރަގަޅުކުރަންޖެހޭ އެއްވެސް ކަމެއްގެ ވާހަކަ އަދި ދައްކަވާތަނެއް ނުފެނޭ. މުޅިންވެސް ދިރާސާ އާއި ދަސްކުރެއްވުމުގައި ތިޔަ އުޅުއްވޭތަން ފެންނަނީ

The name is already taken The name is available. Register?

އޮއި

10 December 2018

އަޅުގަނޑުމެން މިތިބީ މަންޒަރު ބަލާށެވެ! ތިޔަ ދައްކަވާ ވާހަކަތައް ހުސް ތޮޅިއަށް ނުވެއްޖިއްޔާ ކިތަންމެހާވެސް ރަގަޅެވެ.

The name is already taken The name is available. Register?

އަހުމަދު ހަސަން

10 December 2018

ޢައި ޖީ އެމް އެޗް އަށް މީހަކު ހުން އައިސްގެން އިމަޖެންސީއަށް ދައްކާލަންވެސް މަދުވެގެން 10 ގަޑި އިރު ނަގާނެ، ދެން ޖެހޭނީ ހުމުގެ ބަދަލުހަ އެތާ އިނދެ އިނދެ 2 ފާ ދުޅަވެގެން އެކަމަށް ފުރަތަމަ ފަރުވާ ކުރަން

The name is already taken The name is available. Register?

ދީމާހު

10 December 2018

އަމީން އަނގަދަ ނުކޮށް ކަމެއް ކޮށްފާ ރައްޔިތުންނަށް ދައްކާ ބަލަ. ތިމާގެ ގާބިލުކަމަކީ ބަސްމަދުވެ ޢަމަލު ގިނަވުން

The name is already taken The name is available. Register?

އަޤީލް

10 December 2018

ޢިލްމީގޮތުން މޮޅު އަދި ތަޖުރިބާގެ ގޮތުން މުއްސަނދި މީހުން މަޤާމުތަކަށް ގެނައިމަ އޭގެ ފޮނި ރަހަ ލިބޭނީ ރައްޔިތުންނަށް. ކީއްވެގެންތޯ މުޅި ކެބިނެޓް ފުރާނުލީ މިފަދަ ޤާބިލް މީހުން ހިމަނައިގެން؟ އޭރުން ހުރިހާ ވުޒާރާއަކުންވެސް މި ފޮނި މީރުކަންލިބި މުޅި ޤައުމު ހާލަތު ބަދަލުކޮށްލެވޭނެ ނޫންތޯ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454