މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުންތަކެއް ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: މަޖިލިސް
13 ޑިސެމްބަރ 2018 - 14:50
ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރުގެ ފަހު ޖަލްސާ އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމައިފި އެވެ.
މަޖިލީހުގެ ޖަލްސާއެއް ހޮނިހިރު ދުވަހު ބާއްވަން ނިންމައި، އެކަމާ ގުޅޭ މެސެޖް މަޖިލީހުގެ އިދާރާ އިން މިއަދު ވަނީ މެމްބަރުންނަށް ފޮނުވައިފަ އެވެ. އެކަމަކު، ޖަލްސާގެ އެޖެންޑާއެއް އަދި އިއުލާނެއް ނުކުރެ އެވެ. އަދި އެ ދުވަހު ޖަލްސާ އޮންނާނެ ވަކި ގަޑިއެއް ވެސް މެމްބަރުންނަށް އަންގާފައި ނެތެވެ.
އެނގިފައިވާ ގޮތުގައި، ހޮނިހިރު ދުވަހު ބާއްވާ ޖަލްސާގައި ކޮރަޕްޝަންގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ދެ ކޮމިޝަނަށް ބާރުތަކެއް ދިނުމާ ގުޅޭ ބިލަށާއި ގާނޫނީ ހިދުމަތުގެ ބިލަށް ވޯޓަށް އަހާނެ ކަމަށް ބެލެވެ އެވެ. އަދި ސަރުކާރުން ހުށަހެޅި އިތުރު ބިލްތަކަކަށް ވެސް ވޯޓަށް އަހާނެ ކަމަށް ބެލެވެ އެވެ.
ހޮނިހިރު ދުވަހަކީ މަޖިލީހުގެ ޖަލްސާތައް އާންމުކޮށް ބާއްވާ ދުވަހެއް ނޫނެވެ. ގަވައިދުގައިވާ ގޮތުގެ މަތިން މަޖިލިހުގެ ޖަލްސާތައް ބާއްވަން ޖެހޭނީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހު އެވެ. އެކަމަކު، ހާއްސަ ކަމެއް އޮވެއްޖެ ނަމަ، ޖަލްސާތައް އާދިއްތަ އަދި ބުރާސްފަތި ދުވަހު ވެސް ބާއްވާފައިވެ އެވެ. އެހެންކަމުން މިއީ، މި އަހަރުގެ ތެރޭގައި މަޖިލީހުގެ ޖަލްސާއެއް ހޮނިހިރު ދުވަހު ބާއްވާ ފުރަތަމަ ފަހަރެވެ.
ސަރުކާރުން ހުށަހެޅި ބިލްތަކުގެ ތެރެއިން ދެ ކޮމިޝަނަށް ބާރު ލިބޭ ގޮތަށް އޮތް ބިލަށް އިދިކޮޅު ޕީޕީއެމް މެމްބަރުންގެ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވި އެވެ. އެކަމަކު، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެ ބިލް ދިރާސާ ކުރީ އިދިކޮޅު މެމްބަރުންގެ ބައެއް ވިސްނުންތަކާ ވެސް އެކުގަ އެވެ.
މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން ތިން ވަނަ ދައުރުގެ ހިނގާނީ އޮގަސްޓް 27 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެކަމަކު ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ މަޝްވަރާގެ މަތިން، އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ތިން ވަނަ ދައުރުގެ ޖަލްސާތައް ދިގު ދަންމާލަން މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.
މެމްބަރުން ދޮޅު މަސް ދުވަހުގެ ޗުއްޓީއަކަށް ވަޑައިގަންނަވާއިރު، އާ ދައުރުގެ މަސައްކަތްތައް ދެން ފަށާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު އެވެ. މެމްބަރުން ޗުއްޓީއަށް ވަޑައިގަތުމުގެ ކުރިން، ސަރުކާރުން ވަނީ ރައްޔިތުންނާ ގުޅުން ހުރި ގިނަ ބިލްތަކެއް މަޖިލީހަށް ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިހާނު ބިންތު އަދުރޭ
13 December 2018
ތިތަން އުވާލާ. ތީ ރައްޔިތުމީހާޔަށް އެއްވެސް ފައިދާއެއް ވާ ތަނެއްނޫން.
މުހައްމަދު ޝިރާރު/ ޔުނިވަރސިޓި އޮފް ކެމްބުރިޖު
13 December 2018
ރައީސު ސޯލިހުއަށް އަދަބު ވެރިކަމާއި އެކު ދަންނަވަން. ވީހާވެސް އަވަހަކަށް މަޖިލީހުގެ މެމްބަރުންގެ މުސާރަ އޮނިގަނޑަކައް ފައްތާ އަމިއްލައަށް ބާރުގެ ބޭނުންކޮށް ބޮޑުކުރި މުސާރަ އިންސާނުންނަށް ގަބޫލުކުރެވޭނެ މުސާރައަކަށް ބަދަލު ކޮށް ޖުޑިޝަރީގެ މުސާރަވެސް ހަނަޔަކަށް އަޅުވައިދިނުމަށް އަޅުގަނޑު އަމިއްލަ ފަރުދީ ވާޖިބު އަދާކުރުމުގެ ގޮތުން މަނިކުފާނަށް އަޅުގަނޑުގެ މި އާދެސް ލިބިވަޑައިގަންނަވާނެ ކަމުގެ އުއްމީދުގައި ލިޔަމެވެ.