ވައްކަން ފަޅާއެރުމުގެ ކުރިން ކުރީގެ ރައީސް ޔާމީން (މ)، އަދީބު އަދި އަނބިކަނބަލުން ފާތުމަތު އިބްރާހިމް
25 ޑިސެމްބަރ 2018 - 12:39
ރާއްޖޭގައި އަލަށް އުފައްދާ ސިޔާސީ ޕާޓީ، މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ)، ގެ އާންމު ފުރަތަމަ ޖަލްސާ، ކުރީގެ ނައިބު ރައީސް އަދި ދިވެހި ރައްޔިތުންގެ 1.4 ބިލިއަން ރުފިޔާއަށް ހިޔާނަތްތެރިވުމުގެ އިސް އެކެއް ކަމަށް ޔަގީންކުރެވޭ އަހުމަދު އަދީބަށް ހާއްސަކުރުމުން، ރާއްޖެ މި ދަނީ ކޮން ދިމާލަކަށް ކަމާ މެދު، އާންމު ދިވެހިންގެ ހިތުގައި ސުވާލު އުފެދޭނެ އެވެ. މި ދައްކަނީ ކުޑަކުޑަ ކަންކަމުގެ ވާހަކައެއް ނޫނެވެ. ގައުމުގެ ތާރީޚުގައި ވެސް ހިންގި އެންމެ ބޮޑު ޚިޔާނާތުގެ ފަހަތުގައި ތިއްބެވި އޭރުގެ ވެރިން، ހެވިފައި، ސާފުކަންމަތީ، ރައްޔިތުންގެ ކުރިމައްޗަށް ނުކުންނެވުމުން، އެކަން ގަބޫލުކުރާ މިންވަރަށް ހާލަތު ދިއުމުން ދެން ގައުމެއްގެ ރީތި ސިފަ އެ އޮތީ ގެއްލިފަ އެވެ.
ހަފުތާއެއްގެ ކުރިއަށް ޖެހިލަމާ ހިނގާށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މޫނުފުޅުން ހިތްހަމަނުޖެހުމުގެ އަސަރުތައް ހުއްޓަސް، ނޫސްވެރިންގެ އެ ބައްދަލުވުމުގައި ކުރި ސުވާލުތަކަށް ޖަވާބުދެއްވި އެވެ. އޭގެ ތެރޭގައި އެމަނިކުފާނުގެ އެކައުންޓްތަކުގައި ހުރި 100 މިލިއަން ރުފިޔާ ފްރީޒްކުރި މައްސަލައަށް އަމާޒުކުރި ސުވާލުތައް ވެސް ހުއްޓެވެ. އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވިދާޅުވި އެވެ: އެއީ ޖާއިޒް ފައިސާ އެވެ. އެއީ ގާނޫނާ ހިލާފަށް ހޯދި އެއްޗެއް ނޫނެވެ. އެއީ އެހެން މީހެއްގެ ފައިސާއެއް ވެސް ނޫނެވެ.
އަދީބުގެ މައްޗަށް ހިޔާނާތާއި ޓެރަރިޒަމްގެ ކުށް ސާބިތުވެ ދިގު މުއްދަތުގެ ހުކުމެއް އަޔަސް މިވަގުތު އެ ހުންނެވީ، ސިއްހީ ހާލުކޮޅު ހުރި ގޮތުން، ގޭ ބަންދުގަ އެވެ. އެކަމަކު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް އެގެންދަވަނީ ކުރިއަށެވެ. އޭނާ ހުއްޓުވާނެ މުއައްސަސާއެއް ނެތެވެ. އެންމެ ފަހުން ރޭ ރައްޔިތުންނަށް އެނގުނީ އެ ޕާޓީގެ "މައިބަދަ" އަކީ ވެސް އަދީބު ކަމެވެ.
އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ގެންދަވަނީ އޭނާގެ މައްޗަށް އުފުލީ ވެސް ސިޔާސީ ދައުވާއެއް ކަމަށް ވިދާޅުވަމުންނެވެ. ހުރިހާ ކަމެއް އަޅުވަނީ ޔާމީންގެ އިސްތަށިފުޅުގަ އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އޭނާއަށް އިންސާފު ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ވިދާޅުވެ އެވެ.
އޭނާ ހުންނެވީ އެމްއެމްޕީއާރުސީއާ ގުޅޭ ހިޔާނާތުގެ މައްސަލައެއް ސާބިތުވެ އަށް އަހަރުގެ ޖަލު ހުކުމެއްގަ އެވެ.
މި އެންމެން މި ގޮތަށް އުޅުއްވަން ނުވަތަ ވާހަކަ ދައްކަވަން ކުޑަކޮށް ވެސް ލަދެއް ނުގަނޭ ބާވައޭ، ދިވެހި ރައްޔިތުންގެ ހިތަކަށްނާރާ ހެއްޔެވެ؟ އަޅުގަނޑުގެ ހިތަށްއަރަ އެވެ.
އެމްއެމްޕީއާރުސީއޭ ބުނެފި ނަމަ ޔާމީނަށް "އެނގިވަޑައިގަންނަވާ" އެއްކަމެއް ވެސް ނެތެވެ. އެކަމަކު ކުރިން ރާއްޖޭގައި ޓޫރިޒަމްގެ މަސައްކަތްތަކަށް ރަށްރަށް ދޫކުރަން ކަނޑައަޅާފައި އޮންނަ ހުރިހާ އުސޫލެއް މުގުރާލައްވައި، އެމްއެމްޕީއާރުސީއާ އެކަން ހަވާލުކުރެއްވީ ކޮން ނިޔަތެއްގައިކަން، 1.4 ބިލިއަން ރުފިޔާގެ ވައްކަމުން ދިވެހިންނަށް އެ އޮތީ ފެންނާށެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އޮތް އަޑުއެހުމަށް ޒިޔަތު ހާޒިރު ކުރަނީ: ނަން ސާފުކުރެވޭކަށް ނެތް - ފޮޓޯ: ނިޝާން އަލީ/ މިހާރު
ރައީސްކަމުގައި ހުންނެވި އިރު ޔާމީން ބޭނުންފުޅުވިހާ ގޮތަކަށް މަސައްކަތްކުރަމުން ދިޔަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ތަހުގީގު ރިޕޯޓްގެ މައުލޫމާތު އާންމުކުރުމާ އެކު އަނެއްކާވެސް މި އޮތީ އެމަނިކުފާނުގެ ވެރިކަމުގެ ލައްގަނޑު ބޮޑުވެފަ އެވެ. ދިފާއުގައި ކިތައްމެ ވަރަކަށް ވާހަކަފުޅު ދެއްކެވިޔަސް ދިވެހި ރައްޔިތުންގެ 1.4 ބިލިއަން ރުފިޔާގެ ވައްކަން ހިނގާފައި އޮތީ ޔާމީންނަށް އެނގިވަޑައިގެން، އަދި ޔާމީން ވެސް ދެއްވި ހުއްދަތަކާއި ގެންނެވި ބަދަލުތަކުގެ ތެރެއިންނެވެ. އެކަމާ މެދު ދެބަސްވެވޭނެ ކުޑަ ވެސް ޖާގައެއް ނެތެވެ.
އަދީބުގެ ދިރިއުޅުން ބަދަލުވަމުން ދިޔަ ގޮތާއި ސިޔާސީ މުޅި މާހައުލު އޭނާގެ ކޮންޓްރޯލްގެ ދަށަށް ގެންދިޔަ ގެންދިއުމާއި އަނބިކަނބަލުން ފާތުމަތު އިބްރާހިމަށް ލިބިވަޑައިގެންނެވި އަގުބޮޑު ހަދިޔާތަކަކީ، އަމާނާތްތެރި ރައީސެއް ނަމަ، އިންޒާރުގެ ރަނގަބީލުތަކެވެ. އެހާ ވަރަށް އަދީބަށް ފައިސާ ލިބިވަޑައިގަންނަވާ ގޮތާ މެދު ޔާންމީންގެ ހިތްޕުޅަށް ކުޑަކޮށް ވެސް އެއްޗެއް އަރައިވަޑައެއް ނުގަތެވެ. އެހެންކަމަށް ވާ ނަމަ އެވަރުގެ ހިކުމަތްތެރި، ދުރުވިސްނިވަޑައިގަންނަވާ ސިޔާސީ ލީޑަރެއްގެ ގޮތުގައި ޕީޕީއެމުން އެމަނިކުފާނު ސިފަކުރުމުގެ އެއްވެސް ބޭނުމެއް ނެތެވެ.
އޭސީސީގެ ރިޕޯޓުން އެނގެނީ އެމްއެމްޕީއާރުސީ އަކީ ދައުލަތުގެ މުއްސަނދިކަން ދެތިން ބޭފުޅަކު ކާލަން ބޭނުންކުރެއްވި ފައިސާގެ މެޝިނެއް ކަމެވެ. އަދި އެއްފަހަރު، ކުޑަކުޑަކޮށް، އެ ހިސާބުތަކުގެ ތެރެއަށް ވަދެލާނަމެވެ. އެމްއެމްޕީއާރުސީން ދޫކުރި ފަޅުތަކާއި ރަށްރަށަށް 91 މިލިއަން ޑޮލަރު ލިބުނެވެ. އޭގެ ތެރެއިން 77 މިލިއަން ޑޮލަރު އެމްއެމްޕީއާރުސީއާ ހަވާލުކޮށްފައި ވިޔަސް އެ ތަނުގެ އެކައުންޓަށް ޖަމާކޮށްފައެއް ނުވެ އެވެ. އެމްއެމްޕީއާރުސީގެ އެކައުންޓަށް ވަދެފައި ވަނީ 12.5 މިލިއަން ޑޮލަރެވެ. އެކަމަކު އެ ފައިސާ ވެސް ވަނީ ދައުލަތުގެ އާމްދަނީއަށް ނުވަދެ، އަމިއްލަ ދެ ކުންފުންޏަކެއްގެ އެކައުންޓަށް ދަވާލައިފަ އެވެ.
ޔާމީންގެ އެކައުންޓަށް ވެއްދި 1 މިލިއަން ޑޮލަރަކީ ވެސް އޭގެ ބައެކެވެ. އެ އެއްމިލިއަން އަދިވެސް ހުރީ، އެނގިފައިވާ ގޮތުގައި، މޯލްޑިވްސް އިސްލާމިކް ބޭންކްގައި އެމަނިކުފާނުގެ ނަންފުޅުގައި އޮތް އެކައުންޓެއްގަ އެވެ.
މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ޔާމީނާއި އަދީބާއި ޒިޔަތު ވެސް ލަދެއް ނެތި، ރައްޔިތުންގެ ކުރިމަތީގައި ތެދުވެރި ބަޔަކަށް ވާން ކުރައްވާ މަސައްކަތެވެ. އަދީބުގެ އިތުރުން ޔާމީން ވެސް މިހާރު ގެންދަވަނީ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުންނެވެ.
މި ބޭފުޅުންގެ މައްޗަށް ކުށް ސާބިތުވިޔަސް ނުވިޔަސް، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އެންމެ ކުރީ ސަފުގައި ތިއްބެވީ މި ތިން ބޭފުޅުންނެވެ. އެހެންކަމުން ސިޔާސީ ދާއިރާގައި، ރައްޔިތުންނަށް ހިދުމަތްކުރުމުގެ ޓެގާ އެކު، މަސައްކަތްކުރެއްވުމުގެ ހައްގެއް މި ބޭފުޅުންނަށް އޮވެގެންނެއް ނުވާނެ އެވެ. އެކަމަކު ކިލަނބުވެފައި އޮތް ރާއްޖޭގެ ސިޔާސީ މާހައުލުގައި ލަދަކީ ނެތް އެއްޗެކެވެ. އަދި އެފަދަ ބޭފުޅުން ބަލައިގަތުމަަކީ ބައެއް ދިވެހިންނަށް މައްސަލައެއް ވެސް ނޫނެވެ. އެކަން ހުއްޓުވާނެ ސަރުކާރުގެ އިދާރާއެއް އަދި ނެތެވެ.
ރޭ އެ ފެނުނީ އޭގެ އެއް މަންޒަރެވެ. އަނެއް މަންޒަރަކީ ޕީޕީއެމްގެ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ޔާމީން އެ އިންނަވާ އިންނެވުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައީދުތުރީ
27 December 2018
މިގައުމުގައި ލަދުވެތިވާ ބަޔަކު ވާނަމަ އަޑުއަށްސަވާ ކޮބާތޯ އެމްއެސްއެލްގައި އޮތްކަމަށް ބުނާ 96 އާގްބޯޓް އެއަރމޯލްޑީވްސް ކިޔާކުންފުނީގައި އޮތް މަތިންދާބޯޓް ތައް މީގެން ކުންފުންޏެއްގެ މަސަތްކަތު މީހަކު ކީއްކުރަންތޯ ޕިޔޯނަކުވެސް ކުށްވެރިނުވޭ ދެންލަދުވެތިވާނީ ކާކުތޯ ހީހީހަލާކް
އަބްދޫ
26 December 2018
މިގައުމުގެ ރައްޔިތުންނަކީ ވެރިންނަށް ކިޔަމަންތެރި ގާނޫނުތަކަށް ބޯލަނބަމުންއައި ބޮޑެތި މީހުންނަށާ ދުވަސްވީ މީހުނަށް އިހްތިރާމާ ގަދަރު ކުރަމުން އައިބަޔަކު ދިރިއުޅެމުން އައިބައެއް . އެހުރިހާކަމެއް ފުނޑުކޮށްލެއްވީ ގ. ކެނެރީގޭ މުހަންމަދުނަސީދު އެއީ ހަގީގަތް ކަން މަޖީދިއްޔާގަ ހުންނެވި އިރު ކޮންމެ ދުވަހަކުހެން ކްލާހުންބޭރަށް ނެރެންޖެހުމާ ސްކޫލުން ގްރޭޑް 8 ން ކަނޑާލަން ޖެހުނު ހާދިސާ ބައްލަވާ. މަގުމަތީގަ ދުވާ މގަށް މީހުން އެއްކޮށް ބޮންގޮއްވާ ހެދި
ސަޒަން
26 December 2018
ތީހަމަ ތެދު ވާހަކައެއް، ނިކަން ވިސްނާލަބަލަ ޔާމީން އަށް ނުއެގި އެހާގިނަ ފައިސާއާ ގުޅޭކަންކަން އަދީބަށް ގެންދެވޭނޭކަމަށް ހަމަ އެކަކުވެސް ގަބޫލެއްނުކުރޭ އެހެން ނަމަވެސް ހަމަ އެއްވެސްމަޅިއަކަށްނުފެތި ޔާމީން ހަމައެހެރެގެން އުޅުއްވަނީ ހިއެއްނުވޭ ހަމައެއްވެސް ކަމެއްގޯސްކޮށް ކުރެއްވިހެނެއްވެސް، ސިދާ ޔާމީންއަށް ފުރިހަމަ އަދުލުއިންސާފު ޝަރިޔަތެއްކޮށް އަދަބު ނުދެވިއްޖެނަމަ ކޮރަޕްޝަނައް އެދެވެނީ ފެހިސިގްނަލް މާނައަކީ ވައްކަން ކުރެވުނު ގޮތަކަށް ކުރާށޭ!
ފިރުޓޭ
26 December 2018
ޕަވަރުގަ ތިބި އިރު ވަރަށް ފުއްޕާފަ ތެޅި ބާލަމުން ގެންދިޔަ ބަޔެއް ތީ އެނގިއްޖެތަ؟ ތިމާ މެން ވަރުގެ ބަޔަކު ނެތިގެން އުޅެމުން ދިޔައީ ކަހެރަވަކު ތޮއްޓޭވެސް ހިތަށް އަރުވާ ނުލާ އެނގިއްޖެ!
ނަޖްވާ
26 December 2018
ކީކޭ ދެން އަޅެ ފަހެ ބުނާނީ ދޯ އަޅެ!
ނާސިފް
26 December 2018
ޢަދީބު ނައިބު ރައީސް ކަމަށް އަންނަން އިބޫ އާއި ހެދި ޑީލުގައި އިބޫ އަށް އަދީބު 20 މިލިއަން ރުފިޔާ ދެއްވިތޯ؟ މިސުވާލުގެ ޖަވާބު ހޯއްދަވަން ނޫސްވެރިން ޝައުގުވެރިވާނަމަ އިބޫ އާއި ސުވާލު ކުރައްވާ. ކަންހިނގާފަ އޮތްގޮތް ރަނގަޅައް ދިރާސާ ކުރައްވާ. މިޒާތުގެ ޝައްކެއްވެސް އަންނިއާއި މެދުގަ އެބައޮތްތޯ؟ ނޫން މީހަކު މަޖަލަކަށްވެސް އަންނި ކޮރަޕްޓޭ ނުބުނާނެ.
ސޯޕް ލައިޓް ބްރަދަރ
26 December 2018
މިހާރު ޤައުމުހިންގަން ތިބިމީހުންނަށް ބައިއަޅާނެކަމަށް އުއްމީދުކޮށް ދޫކޮށްލީ ތިޔަބައިގަނޑަށް ހިތިރަހަ ދައްކާލާނެ!!
ނަޞީރު ޢަލީ
26 December 2018
ކިހިނެއް ހޭ ކަންކަން ރަނގަޅުވާނީ؟ ކަންކަން ރަނގަޅުކުރަން ނިންމައިގެން އައިސް ކޮމިޝަން ހަދާފަ އެތަނަށް މިލަނީ ސިޔާސީގޮތުން އެކަންކަމުގައި ވަކިކޮޅެއް ނަގައިގެން ހުރެ އަދި އަމިއްލަ ލޯފާމް ހިންގާ މީހަކާ މިހެންވީ މީހުންކޮޅެއް. ދެން ޖުޑީޝަރީ އިސްލާހު ނުވެގެން މަރަށްތެޅުނު މީހަކު ދައުލަތުގެ އެންމެ އިސް ޤާނޫނީ މަންދޫބަށް ހެދިއިރު އޭނަގެ ކަމަކީ ޙައްޤުގެ މަތީގަ ނިދާފަ ތިބި މީހުން ކޯޓަށްދާން ލަފާދީފަ މައްސަލަ ވެއްދީމަ ސުލްޙަ ޑިވިޜަނުގަ އެއްބަސްވުން.
އަހްމަދު
26 December 2018
މިހާރު ހިޔާނާތުގެ ކަން ކުރި އެއްވެސް މީހެއް ކުށްވެރިވާ ހެނެއް ހީނުވޭ. ކޮންމެވެސް އެހެން ފަރާތްތަކެއް ބޮލުގައި އެޅުވެތޯ ބަލަނީ.
ބޭހޮއްކޮ
26 December 2018
ގައުމުގަ ހުޅުޖަހާ ވީގެއްލުމެއްދީފަ ލަދުހަޔާތް ކޮބާ