ޚަބަރު / މެމްބަރު ރިޔާޒް ރަޝީދު

މެމްބަރުންނަށް ފިިޔަވަޅު އަޅަން ބާރުއަޅާއިރު، ރިޔާޒް ރަޝީދު ވެސް ވިޕްލައިނަކާ ހިލާފުވި ކަމުގެ ސުވާލު؟

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ރިޔާޒް ވާހަކަ ދައްކަވަނީ.---ފޮޓޯ: މަޖިލިސް

ޕީޕީއެމްގެ ވިޕްލައިނާ އެންމެ ފަހުން ހިލާފުވި މެމްބަރުންނަށް ފިޔަވަޅު އެޅުމުގައި އެންމެ އިސްދައުރެއް އަދާކުރެއްވި އެއް ބޭފުޅަކީ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ވިލުފުށި ދާއިރާގެ ރިޔާޒް ރަޝީދެވެ. އެ މެމްބަރުންނަށް ފިޔަވަޅު ނާޅުއްވައި ދޫނުކުރައްވާނެ ވާހަކަ ތަކުރާރުކޮށް މީޑިއާގައި ދައްކަވައި އަދި ޕީޖީ ގުރޫޕުގެ ވައިބާގައި އެކަން އެހެން މެމްބަރުންގެ ސަމާލުކަމަށް ގެންނަވާ އެއް ބޭފުޅަކީ ވެސް އެއީ އެވެ. އެކަމަކު ވިޕާ ހިލާފުވި ބައެއް މެމްބަރުންނަށް އިއްޔެ ފިޔަވަޅު އަޅާފައިވާއިރު، ސީދާ ރިޔާޒް އެ މަގުން ވަޑައިގެންފި ކަމަށް ބައެއް އެހެން މެމްބަރުން ތުހުމަތު ކުރައްވަ އެވެ. ނަމަވެސް ރިޔާޒަށް އެއްވެސް ފިޔަވަޅެއް މިހާތަނަކަށް ނޭޅުމަކީ އެ މެމްބަރުންގެ ބޮޑު ޝަކުވާއަކަށް ވަނީ ވެފަ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ޕީޕީއެމްގެ ބައެއް މެމްބަރުން ރޭ ވިދާޅުވީ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވުމަށް މަޖިލީހަށް ހުށަހެޅި ބިލު ބަލައިގަންނަން ވޯޓު ނެގި ދުވަހު ރިޔާޒް މަޖިލީހަށް ވަޑައިނުގަތުމަކީ ވިޕާ ހިލާފުވުން ކަމަށް އެ މެމްބަރުން ގަބޫލުކުރައްވާ ކަމަށެވެ.

"ވިޕްލައިން ނެރެފިއްޔާ މަޖިލީހަށް ނުގޮސް ވާނެ އެއްވެސް ގޮތެއް ނޯންނާނެ ގަވާއިދުގައި. ޖަލްސާގައި ބައިވެރިވެ، ވޯޓު ދެއްވަން ޖެހޭނެ، އެއީ ބަލި އެނދުގައި އޮތް ކަމަށްވިޔަސް،" ޕީޕީއެމްގެ މަޖިލިސް މެމްބަރަކު ވިދާޅުވި އެވެ.

"ރިޔާޒަކީ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ އެންމެ ސީނިއާ އެއް މެމްބަރު. އަދި ވިޕްލައިނާ ހިލާފުވާ މެމްބަރުންނަށް ފިޔަވަޅު އެޅުއްވުމުގައި އެންމެ އިސްކޮށް ހުންނަވާ އެއް ބޭފުޅާ. އަބުރުގެ ބިލް ފަދަ މުހިންމު ބިލް ބަލައިގަތުމުގެ ވޯޓު ނެގި ދުވަހު އެ ބޭފުޅާ މަޖިލިހަށް ވަޑައިނުގަތުމަކީ ވެސް ވިޕްލައިނާ ހިލާފުވުން."

ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ ވައިބާގައި ވެސް ބައެއް މެމްބަރުން މި ޝަކުވާ ކުރައްވާފައިވާ ކަމަށްވެ އެވެ. ހާއްސަކޮށް ސަރުކާރަށް އެހާ މުހިންމު އަދި އެ ބިލު އަވަހަށް ފާސްކުރުމަށް ބާރު އަޅައި ވައިބަ ގުރޫޕްގައި އެހެން މެމްބަރުންނަށް ހިތްވަރު ދެއްވައި ރިޔާޒް ވާހަކަ ދެއްކެވުމަށް ފަހު، ބިލް މަޖިލިހަށް ހުށަހަޅައި އަދި ބަލައިގަތުމުގެ ވޯޓަށް މަޖިލިހަށް ވަޑައިނުގަތުމަކީ ބަލަންޖެހޭ ސީރިއަސް މައްސަލައެއް ކަމަށް ބައެއް މެމްބަރުން ވިދާޅުވެ އެވެ.

އެކަމަކު ބައެއް މެމްބަރުންގެ ވާހަކަތައް ރިޔާޒް ދޮގުކުރައްވަ އެވެ.

ރިޔާޒް ވިދާޅުވީ މި މަހުގެ އެއް ވަނަ ދުވަހު، އޭނާ ރަށުގައި ނެތްކަން ރައީސް އަބްދުﷲ ޔާމީނަށާއި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އަށާއި ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނަށް ވެސް އަންގަވާފައިވާނެ ކަމަށެވެ.

"އެ ދުވަހު އަންނަން އަޅުގަނޑު އުޅުނީ. ފްލައިޓު ޑިލޭވެގެން އާދެވުނު އިރު މެންދުރު ދޭއް ޖަހާފައި ހުރީ. މޯލްޑިވިއަނަށް ވެސް އެކަން އެނގޭނެ،" ރިޔާޒް ވިދާޅުވި އެވެ.

"ފްލައިޓް ޑިލޭވިކަން ވެސް އަންގަން ޖެހޭ ބޭފުޅުންނަށް އަންގާފައި އޮންނާނީ."

މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ވާހަކަދައްކަވަނީ: އޭނާ ވެސް ވިޕަކާ ހިލާފުވެފައިވާ ކަމަށް ބައެއް މެމްބަރުން ތުހުމަތު ކުރައްވާ.--- ފޮޓޯ: ނިޝާން އަލީ /މިހާރު

ރިޔާޒް ވިދާޅުވި ގޮތުގައި މާލޭގައި ނެތް މެމްބަރަކު ތްރީ ލައިން ވިޕާ އެއްގޮތަށް ވޯޓު ދެވޭނެ ގޮތެއް ނޯންނާނެ އެވެ. އަދި ރަށުން ބޭރުގައި ތިއްބެވި މެމްބަރުން ކުއްލިއަކަށް މެމްބަރުން މާލެ ނުގެނެވޭނެތީ އެކަމުގައި ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

މީގެ އިތުރުން ތ.ގުރައިދޫ ދާއިރާގެ ޕީޕީއެމް މެމްބަރު ހުސެއިން މަނިކު ދޮން މަނިކު އުމްރާގެ އަޅުކަމުގައި ސައުދީ އަރަބިއްޔާގައި ހުންނަވަނިކޮށް އުމްރާ ކެންސަލް ކުރުވާފައި އޭނާ ގެނައި ގޮތަށް ރިޔާޒް ވެސް، ބިލް ބަލައިގަތުމުގެ ވޯޓަށް ގެނެވެން ޖެހޭނެ ކަމަށް ޕީޕީއެމްގެ ބައެއް މެމްބަރުން ވިދާޅުވި އެވެ.

ހުސެއިން މަނިކު އުމްރާއަށް ސައޫދީގައި ހުންނަވަނިކޮށް، އުމްރާ ވެސް ކެންސަލް ކުރުވާފައި މާލެ ގެންނެވީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާ ބިލް ފާސްކުރުމުގެ ވޯޓަށެވެ.

ރިޔާޒް ވިދާޅުވީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާ ބިލް ބަލައިގަތުމަށް ވޯޓު ނެގި ދުވަހު، ދުރާލައި މެމްބަރުން މަޖިލިހަށް ގެންނަން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ. ނަމަވެސް އެ ބިލު ފާސްކުރަން ވޯޓު ނެގި ދުވަހު މެމްބަރުން ގެންނަން މަސައްކަތް ކުރި ކަމަށާއި އެ ދުވަހު މެމްބަރަކު މަޖިލީހަށް ވަޑައިނުގެންފި ނަމަ، ވިޕާ ހިލާފުވީ ކަމަށް ބެލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ހާލަތު އައިސްގެން އުޅުނު ދުވަހެއްގައެއް ނޫން އަޅުގަނޑާ މިކަން ދިމާވީ. ހަގީގަތުގައި މި ވެގެން އުޅޭ ގޮތަކީ ގަސްދުގައި ވިޕާ ހިލާފުވަނީ މެމްބަރުންތަކެއް،" ރިޔާޒް ވިދާޅުވި އެވެ.

ނަމަވެސް ރިޔާޒްގެ އެ ވިސްނުމާ ދެކޮޅު މެމްބަރަކު ވިދާޅުވީ ތްރީލައިން ވިޕެއް ނެރެނީ ވަކި ކަމެއް ކުރަން ލާޒިމް ކޮށްފައި ކަމަށާއި އެކަން އެގޮތަށް ކުރަން މަޖިލިހަށް މެމްބަރުން ވަޑައިގަތުމަކީ މަޖުބޫރު ކަމެއް ކަމަށެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި ވިޕްލައިނާ ތަކުރާރުކޮށް ހިލާފުވަމުންދާ މެމްބަރުން އެކަން ކުރަނީ ދެ ބޭނުމެއްގަ އެވެ. އެއީ އެހެން ބައެއްގެ ނުފޫޒުން ސަރުކާރަށް ތާއީދު ނެތްކަން ދައްކަން ނުވަތަ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގައި ނުތަނަވަސްކަން އޮތްކަން ދައްކަން ކުރާ ކަމެކެވެ.

އެކަމަކު ވިޕާ ހިލާފުވި މެމްބަރުން ވިދާޅުވަނީ ގާނޫނުއަސާސީ އާއި ޑިމޮކްރެޓިކް އުސޫލުތަކާ ހިލާފު ބިލްތަކަކަށް ވޯޓު ދެއްވުމަކީ ކުރައްވާނެ ކަމެއް ނޫން ކަމަށާއި ވިޕާ ހިލާފުވާ މައިގަނޑު ސަބަބަކީ އެއީ ކަމަށެވެ.

"ސީދާ ގާނޫނުއަސާސީއާ ހިލާފު ބިލްތަކެއް ފަހަކަށް އައިސް ރައްޔިތުންގެ މަޖިލިހުން މި ފާސްކުރަނީ. އަބުރުގެ ބިލާއި އެއްވެ އުޅުން ހަނިކުރެވޭ ގޮތަށް ބިލެއް ފާސްކުރުމަކީ ސީދާ ގާނޫނުއަަސާސީއާ ހިލާފު އަމަލެއް. އެކަމުގައި ބައިވެރިވާން ބައެއް މެމްބަރުން ބޭނުން ނުވުމަކީ މިކަމުގައި ނުފޫޒެއް އޮތްކަން ދޭހަވާ ކަމެއް ނޫން،" ހިޔާލު ފާޅުކުރުން ހުއްޓުވުމުގެ ބިލާ ދެކޮޅަށް ވޯޓު ދެއްވި ޕީޕީއެމްގެ މެމްބަރަކު ވިދާޅުވި އެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުން އިއްޔެ ފިޔަވަޅު ހަތަރު މެމްބަރުން. (ކ) އިން (ވ) އަށް. ހަލީލް، އަމީތު، ނަޝީދު އަދި ހުސެއިން މަނިކު ދޮންމަނިކު. - ފޮޓޯ: މަޖިލިސް

އެންމެ ފަހުން ވިޕާ ހިލާފުވި ބައެއް މެމްބަރުންނާ މެދު އިއްޔެ ވަނީ ފިޔަވަޅު އަޅައިފަ އެވެ. އެގޮތުން ނިލަންދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަބްދުﷲ ހަލީލަށާއި ތ. ގުރައިދޫ ދާއިރާގެ ޕީޕީއެމް މެމްބަރު ހުސެއިން މަނިކު ދޮން މަނިކަށާއި މަޑުއްވަރީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު އަމީތު އަދި ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު ނަޝީދު މިހާތަނަށް ތިއްބެވި ކޮމިޓީތަކުން އާދައިގެ ކޮމިޓީތަކަށް ވަނީ ބަދަލުކޮށްފަ އެވެ.

ފިޔަވަޅު އެޅި ހަތަރު މެމްބަރުންގެ ތެރެއިން ހަލީލަކީ މިހާތަނަށް އިގުތިސޯދީ ކޮމިޓީގެ މުގައްރިރު އަދި ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕުގެ ފިޔަވަޅު އަޅާ ކޮމިޓީގެ އިސް މެމްބަރު ވެސް މެ އެވެ.

ރަށު ކައުންސިލާއި އަތޮޅު ކައުންސިލްތަކުގެ މެމްބަރުންގެ އަދަދު މަދުކުރަން ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ފާސްކުރަން ވޯޓަށް އެހި ގަޑީގައި ހަލީލު ވޯޓުގައި ބައިވެރިވެވަޑައިނުގެންނެވި އެވެ. ކައުންސިލް އިންތިހާބުގެ ގާނޫނަށް ހުށަހެޅި އިސްލާހު ބަލައިގަންނަން ވޯޓު ނެގި ގަޑީގައި ވެސް ހަލީލް ނެތެވެ.

ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް، މަޖިލިހުގެ މުވައްޒަފަކާ ވާހަކަ ދައްކަވަނީ: އޭނާ ވެސް ވިޕަކާ ހިލާފުވި ކަމަށް ބައެއް މެމްބަރުން ތުހުމަތު ކުރައްވާ.

ކެލާ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަލީ އާރިފް ވެސް، އެއްވެ އުޅުން ހަނިކުރާ އިސްލާހު މަޖިލިހުން މިދިޔަ ބުދަދުވަހު ފާސްކުރިއިރު ވަޑައިނުގެންނެވި ކަމުގެ ޝަކުވާ ބައެއް މެމްބަރުން ކުރައްވަ އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި އެ ދުވަހު ރަށުގައި ވަޑައިގެން ނެތް ކަން އަލީ އާރިފް މަޖިލިހަށާއި ޕީޕީއެމްގެ ޕާލަމެޓްރީ ގުރޫޕަށް އެންގެވި އެވެ.

ޕީޕީއެމްގެ ޕާލަމެޓްރީ ގުރޫޕުގެ މެމްބަރުން ތްރީލައިން ވިޕާ ހިލާފުވުން އާންމުވަމުންދާ މި ދަނޑިވަޅުގައި އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ އެ މެމްބަރުންނަށް މިރޭ ހިތްވަރު ދެއްވައި ބަޔާނެއް ވެސް ނެރުއްވައިފަ އެވެ. އެ ބަޔާނުގައި އެމަނިކުފާނު ވިދާޅުވީ މަޖިލީހަށް ހުށަހަޅައިގެން ފާސްކުރަމުން އަންނަ ބިލުތަކާއި އިސްލާހުތަކަކީ ގާނޫނުއަސާސީއާ ހިލާފު ބިލުތަކެއް ކަމަށާއި އެއާ ދެކޮޅަށް ވޯޓު ދެއްވާ މެމްބަރުން ކުރައްވަނީ ގައުމީ މަސައްކަތެއް ކަމަށެވެ.

"އަޅުގަނޑު އިއުލާން ކުރި އިސްލާހީ އެޖެންޑާގެ ދަށުން، ރާއްޖެއަށް ޒަމާނީ ޑިމޮކްރަސީ ގެނައުމަށް ރައްޔިތުންގެ ތާއީދާ އެކު މަސައްކަތް ކުރީމެވެ. ނަމަވެސް މިހާރު މި ފެންނަނީ އަޅުގަނޑު ގެންނަން މަސައްކަތް ކުރި ޒަމާނީ ޑިމޮކްރަސީގެ ފިޔަވަޅުތައް ނެތިގެންދާ ތަނެވެ،" މައުމޫން ވިދާޅުވި އެވެ.

21 ކޮމެންޓް, 135 ރިއެކްޝަންސް

icon happy icon happy 93%
icon sad icon sad 1%
icon angry icon angry 6%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލްމުދިޝް

20 August 2016

ވިޕްލައިނާ ޚިލާފުވުން ޕާޓީމަތިން ފޫހިވުމަކަށް : ވައިބާ ގްރޫޕުން ބޭރުކޮށްލުން އެޑްމިޓް ކުރާހިސާބަށް : ޚިޔާލު ފާޅުކުރުން ބިރުބޮޑު ނަފްސާނީ ބައްޔަކަށް : ގޭގައި ރަޖާލައިގެން އޮތީމާ ކަންނެތް މީހެކަށް ވެއެވެ.

The name is already taken The name is available. Register?

އަހުމަދު

19 August 2016

މުހިއްމު ވޯޓެއް އޮއްވަ ދަތުރު ދިޔައީމަ އެހިސާބުން ޒިންމާ ނަގަން ޖެހެއެވެ. މާލޭގަ ހުރިނަމަ ދަތުރެއް ކޮށްފަ މާލެ އަންނާކަށް ނުޖެހޭނެއެވެ.

The name is already taken The name is available. Register?

އަލްޖިބްރާ

19 August 2016

ގަޑިޖެހުނީމާ މުސާރައިން ގަޑީލާރި ކެޑޭގޮތައް ހަމަޖެހިފައި އޮންނަ އޮފީހަކަށް ، ގަޑިޖެހިގެން އަތުވެއްޖެނަމަ ގަޑީލާރި ކެޑޭނެއެވެ.އެއީ ވިއްސާރަވެގެން ، ނިދާނުހޭލެވިގެން އަދި އެހެންސަބަބެއްނަމަވެސް ހަމައޮތީ އެގޮތެވެ. އެދުވަހަކު އޮފީހަށް ހާޟިރުނުވިނަމަ އެދުވަހުގެ މުސާރަވެސް ކެޑޭނެއެވެ.އެކަމަކު ވެރިންގެ ނިވާފަތްގަޑުގައި ތިބޭމީހުންނާއި ، ގަޑިޖެހުނަސް ، ނުވަތަ ހާޟިރުނުވިއަސް އިސްތިސްނާ ކޮށްދީފާ ތިބޭ މީހުން އުޅޭނީ އެމީހުން އުޅޭނެ ގޮތަކަށެވެ.

The name is already taken The name is available. Register?

ޓޮމް

19 August 2016

ޢެއްކޮޅުގައި އަޅުކަން އަނެއްކޮޅުގައިވޯޓް އަޅުކަބްދޫކޮށްލާފަ ވަޑައިގަތީވޯޓަށް. މުހިންމީ ކޮންކަމެއްބާ؟

The name is already taken The name is available. Register?

ދިސްވޭ

19 August 2016

ރާއްޖޭގެ އަހުލުންގެ އާދައެއް ގަޑިއަށް ތަނަކަށް ކިޔައިފިނަމަ ގަޑިއަށް ނުދިއުން އަދި މުހިއްމު ކަންކަމުގައި ޕްރޮމިސްވެފައި އެ ޕްރޮމިސް ބްރޭކް ކުރުން އަދި އިތުބާރުގެ ކަންފުޅެއް ވެސް ނެތުން. މީ ޓިޕިކަލް ދިވެހި ސްޓޭންޑަރޑް. މިކަން އެންމެ ބޮޑަށް ފެންނާނީ ސަރުކާރުގެ މުވައްޒަފުންގެ ފަރާތުންނާއި އަދި ސިޔާސީ ބޭފުޅުންގެ ފަރާތުންނެވެ. ސިޔާސީ ބޭފުޅަކު ވެއްޖެނަމަ މަދުވެގެން ސިންގަޕޯރގެ ދިހަ ސަޕްލަޔަރުން އަތުން ފަހުން ފައިސާ ދައްކާ ގޮތަށް އޭތި މީތި އެތައް ލައްކަ ޑޮލަރުގެ އަގުން ގެނެސް އެފަކީރުން ލައްވާ ކަސްޓަމްސް ޑިއުޓީ ދައްކުވާ ނެރެގެން އެއެއްޗެހި ސިޔާސީ މީހުން ބޭނުން ކުރުމަށް ފަހު އެއެއްޗިއްސަށް ފައިސާ ނުދީ ބަޚަބަރު ވުން މީ ޓިޕިކަލް ލޯކަލް ޕޮލިޓިޝަނުންގެ ސްޓޭންޑަރޑް. މިގޮތަށް އުޅޭ ސިޔާސީ ބަޔަކު އަދި ޖެހިލުން ނުވާނެ އެއްޗެއް ނުލިބޭ ކަމުގައި ވާނަމަ ތްރީ ލައިން ނޫން ހަންޑްރެޑް ލައިން ވިޕް ވެސް ބްރޭކް ކުރަން. އެންމެ ގިނަ ކޯޓާ ނަގައިގެން ބޭރު މީހުން ގެނެސް މާލެ ތެރެއަށް ދޫކޮށްލާފައި ތިބީ އެއީ ކޮން ބަޔެއްގެ ފަރާތުން ތޯ ބަލައިފިނަމަ އެގޮސް ހުއްޓެނީ ކޮން ބަޔަކަށް ތޯ އެއީ ވެސް ހަމަ އެންމެން ދަންނަ ބޮޑު ސިއްރެކެވެ. އަތްދިގު ހުދު ގަމީސް ލާ ބޮލުގެ އިސްތަށި ގަނޑު ކަޅު ވެސް ކޮށްލެވިދާނެ، ބަޓް ވަޓްސް އިންސައިޑް އޮފް އިޓް، މީ މަލްޓި މިލިއަން ޑޮލަރ ސުވާލަކީ.

The name is already taken The name is available. Register?

އަޙްމަދު

19 August 2016

ފިޔަވަޅު އެޅި މެންބަރުން ޕާރޓީއިން ވަކިވާން ފެނޭ.

The name is already taken The name is available. Register?

ދައްޖާލު

19 August 2016

އުމްރާ ދޫކޮށްލާފައި އައިސް ގާނޫނު އަސާސީ އާ ޚިލާފް ބިލެއް ފާސްކޮށް އަގަ ބަންދުކުރުމުގައި ބައިވެރިވެ ވޯޓްދިނީ؟

The name is already taken The name is available. Register?

ގަަދަ

19 August 2016

ގަދަ ދޯ؟

The name is already taken The name is available. Register?

ާއިއްސޭ

19 August 2016

ސުބުޙާނަﷲ..... މީ ކޮންފަދަ ބައެއްތަ؟؟؟؟؟

The name is already taken The name is available. Register?

ޙަސަން

19 August 2016

ކޮބާ ލަދު

The name is already taken The name is available. Register?

ރަސީދު

19 August 2016

ޕީޕީ އެމްގެ ކަންތަކާމިހާކަން ބޮޑު މިވަނީ ކީއްވެބާ ރާއްޖެގައޮތީ މިޕާޓީ އެކަނިބާ

The name is already taken The name is available. Register?

ކޮސްވޭ

19 August 2016

ޕީޕީއެމްގެ އެމްޕީން ނަށް އެކައްޗެއް ކިޔުނު ރަައްޔިތުން ހޮވާފައިވާ ނައިބް ރައީސް އަކު ނަގާ އެއްލާލާ ރައްޔިތުން އެމީހެއްގެ ހަގީގަތް އެއްގޮތަކަށް ވެސް ނުދަންނަ ބޭފުޅަކަށް ނައިބް ރައީސް ކަމުގެ މަގާމް ދިނުމުގައި ދެގޮތެއް ނުކިޔުނީ އެއީ ކީއްވެގެން ތޯއެވެ. އުދުވަހު އެމްޕީން ދިން ވޯޓް ރަންވޯޓަށް ބަދަލުވާ ގޮތަށް ކަރުދާސް ތަކެއް މޫނު މަތިން ފެނުނީ ތޯއެވެ. ވަޓްސް ދަ ސްޓޯރީ ބިހައިންޑް އިޓް. އޭގެ ބަދަލުގައި ރައްޔިތުންނަށް ލާބަ އާއި މަންފާ ހުންނަ ބިލް ތަކަށް ވޯޓް ދޭންވީމާ ރަށުން ބޭރަށް ދެވެނީ އެއީ އެއީ ކީއްވެތޯއެވެ. އައި ޑޯން ނޯ ވަޓް ޓު ސޭ..

The name is already taken The name is available. Register?

ޏަމްޏަމް

19 August 2016

ބޮޑު މަޒްމޫނެއް ލިޔެފަ ތިބުނަނީ އައި ޑޯން ނޯ ވަޓް ޓު ސޭ އޭ

The name is already taken The name is available. Register?

ދޮންދީނި

19 August 2016

"ހުސެއިން މަނިކު އުމްރާއަށް ސައޫދީގައި ހުންނަވަނިކޮށް، އުމްރާ ވެސް ކެންސަލް ކުރުވާފައި މާލެ ގެންނެވީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާ ބިލް ފާސްކުރުމުގެ ވޯޓަށެވެ." ސުބްޙާނަﷲ! މިއީ ހަމަތެދެއްތަ؟؟؟؟؟؟؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454