09 ޖެނުއަރީ 2019 - 16:13
ޕާޓީގެ ދަރަނި އޮއްވައި ލީޑަޝިޕް ޕާޓީ ދޫކޮށް ދިއުމަކީ ރާއްްޖޭގެ ސަގާފަތް ކަމަށާއި ޕީޕީއެމްގެ ދަރަނީގެ ވާހަކަ ދައްކާކަށް ޖާގައެއް ނެތް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް ކަމުންނާއި އެޕާޓީގެ މެމްބަރު ކަމުން ދާދި ފަހުން ވަކިވެވަޑައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފައްދަވާ ޕާޓީއާ ގުޅިވަޑައިގެންނެވި އަބުދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އަބުދުއްރަހީމް އިސްކޮށް ހުންނަވައިގެން އުފައްދާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް އަބުދުއް ރަހީމް ވިދާޅުވީ ދަރަނި އޮއްވައި ޕާޓީ ދޫކޮށް ދިއުމަށް ގާނޫނީ ހުރަހެއް ވެސް ނެތް ކަމަށެވެ.
ޕީޕީއެމް ވެރިކަމުގައި އޮވެ، އެޕާޓީގެ ކެންޑިޑޭޓްގެ ގޮތުގައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކުރީގެ ރައީސް އަބުދުﷲ ޔާމީން ކުރެއްވި ކެމްޕޭނުގައި އެޕާޓީން ވަނީ ބޮޑެތި ހަރަދުތަކެއް ދަރަންޏަށް ކޮށްފައެވެ. އެގޮތުން އޭރު ކުރިދަތުރުތަކަށް އައިލެންޑް އޭވިއޭޝަނަށް 3.8 މިލިޔަން ރުފިޔާ ނުދައްކާ އެބަ އޮތެވެ.
"މިސަގާފަތަކީ މާކުރިން އަޅުގަނޑުގެމެންގެ ވަރަށް ބޮޑެތި ބޭބޭފުޅުން ދަސްކޮށްދެއްވާފައި އޮތް ސަގާފަތެއް ރާއްޖޭގައި،" އަބުދުއް ރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑީއާރުޕީ ދޫކުރައްވައި ކުރީގެ ރައީސް މައުމޫނު އަބުދުއް ގައްޔޫމު ވަޑައިގެންނެވި އިރު އެޕާޓީގެ ދަރަނީގެ ގޮތުގައި 19 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ދައްކަން އޮތް ކަމަށާއި އޭގެ ފަހުން އެޕާޓީގެ ލީޑަރުގެ ގޮތުގައި ހުންނެވި އަހުމަދު ތަސްމީން އަލީ އެޕާޓީ ދޫކުރައްވައި ވަޑައިގެންނެވި އިރު ވެސް އެ ދަރަނި އޮތް ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ޕާޓީގެ ދަރަންޏެއް އޮއްވައި ލީޑަޝިޕްގެ ބޭފުޅަކަށް ނުވަތަ އާއްމު މެމްބަރަކަށް ވެސް ޕާޓީ ދޫކޮށް ނުދެވޭނެ ކަމަށް ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނުގައި ނެތް ކަމަށެވެ.
ޕީއެންސީގެ ހަރަކާތްތައް ކުރިއަށް ގެންދާނެ ގޮތާ ބެހޭ ގޮތުން އޭނާ ވިދާޅުވީ ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ސިޔާސީ ޕާޓީއަށް އެޕާޓީ ވެގެން ދާނެ ކަމަށެވެ. އެޕާޓީން ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ވެރިކަން ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމް ދޫކޮށް އެޕާޓީގެ ލީޑަޝިޕުން އާޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެށި އިރު އެއީ ރާއްޖޭގައި މެމްބަރުން އެންމެ ގިނަ އެއް ޕާޓީއެވެ. ޕީޕީއެމްގައި 48،000 އަށް ވުރެ ގިނަ މެމްބަރުން ތިބި ކަމަށް އިލެކްޝަންސްގެ ހިސާބުތަކުން ދައްކަ އެވެ.
ޕީއެންސީން މިއަދު ވަނީ 4،000 އަށް ވުރެ ގިނަ ފޯމް އިލެކްޝަންސް އަށް ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެނގޭ
10 January 2019
ޑީއާރުޕީން މައުމޫނު ބޭރުވީ މައުމޫނު ބޭރުކުރަން ޑީއާރުޕީ އޭރުގެލީޑަރު ބޭނުންވެގެންނެވެ. މައުމޫނު ދަރަނިން ރެކެންވެގެން ބޭރުވީކީ ނޫނެވެ. އެކމަކު ޕީޕީއެމު ދަމައިގެން ތިބެފައި ޕާޓީގަނޑު ތިދޫކޮށްލަނީ ދަރަނިން ރެކޭށެވެ.
ވައްވައްޖަހ
10 January 2019
މިކަހަލަ މީހުން އުފައްދާ ޕާޓީއަށް ވަންނަނީވެސް، މިކަންތައްތަކަށް ތާއީދު ކުރާމީހުން
ލޭޑީ ބޯއީ
10 January 2019
މީ ކޮންބައެއް މަޖިލީހަށް ހޮވާފައި ހުރި މޮޔައެއްބާ؟ މަޖިލީހަށް ކުރިމަތި ލެވޭ އެންމެ ކުޑަ ސަރުތެއް ގޮތުގައި ބުއްދި ސަލާމަތުންހުރި މީހެއްކަމުގައި ވުން ހިމެނެން ޖެހޭ. ދަރަނި ދެއްކުމުގެ މުހިއްމުކަން ކީރިތި ޤުރުއާންއިންވެސް އެނގި ހާމަވޭ. ދަރަނި އަދާކުރަންދެން އެ އިންސާނާގެ މަސްގަނޑު ހުންނާނީ އެލިފައެވެ.
މުރާސިލު
10 January 2019
ދެން މައުމޫންވެސް ޕީޕީއެމް ދޫކޮށްލުމަށްފަހު އައު ޕާޓީއެއް އުފައްދައިފިނަމަ ދެން ދަރަނި ދައްކާނީ ކޮން ފަރާތަކުން ހެއްޔެވެ. އެފަދަ ދަރަނިތަކަށް ޒިންމާވާންޖެހޭ ފަރާތެއްވެސް ހުންނަންޖެހޭނެއެވެ. އެއީ މާބޮޑުކަމަކަށް ނުހަދާ އެކަން އޮއްބާލައިފިނަމަ ގެއްލިގެންއެދަނީ ރައްޔިތުންގެ ކިހާ ފައިސާއެއްތޯއެވެ.
އަދުރެމަޓިކް
10 January 2019
ޢަބްދުއްރަޙީމް ،ޢަބްދުއްރަޙީމަކަށް ހެއްދެވީ މައުމޫނު...އެކަމަކު އެހެރީ މައުމޫން އާއި ގަދައަށް ޖައްސާފައި ،،،ލަދުގެ ކަންފުޅެއްވެސް ހަމަ ނެތެއްނު،،،،
ޖިނާޙް
10 January 2019
ދިވެހި ދައުލަތުގެ ކުންފުނިތައް ދަރުވާފަ ތިއުފައްދަނީ. މީ ހަމަ ފައިސާ ޖެހުނު ގޮތަކަށް ހޯދަން އޯކޭ ގްރޫޕެއްކަން ސާފުވެއްޖެ
އާ ޕާޓީ
10 January 2019
އެހާ ބޮޑެތި ދަރަނިތައް އޮތްކަން އިލެކްޝަންސް ކޮމިޝަނަށް ވެސް އެނގޭއިރު ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމަކީ ވަރަށް ބޮޑު މައްސަލައެއް. އެކަމުގެ ގެއްލުން އެ ޚިދުމަތް ކްރެޑިޓަށް ދިން ބަޔަކަށް ވަރަށް ބޮޑަށް ލިބޭނެ... ހުރިހާ ދަރަނި އެއިރެއްގައި ޕާޓީ ހިންގަން ހަވާލުވެ ހުރި މީހަކު ދައްކަ ޚަލާސްކުރި ކަމުގެ ލިޔުން ދިނުމުން ނޫނީ އާ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދެވިގެން ނުވާނެ...
ސައީދުތުރީ
10 January 2019
އަބްދުއްރަހީމް ވިދާޅުވީ ޕާޓީގެ ދަރަންޏެއް އޮއްވައި ލީޑަޝިޕްގެ ބޭފުޅަކަށް ނުވަތަ އާއްމު މެމްބަރަކަށް ވެސް ޕާޓީ ދޫކޮށް ނުދެވޭނެ ކަމަށް ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނުގައި ނެތް ކަމަށެވެ މިވަރުގެ ތެދެއް އަބުދުއްރަހީމް ހެއްދެވި ކަމެއް ދިވެހި ތާރީޙުގަވެސް އެގޭކަށް ނެތް ސާބަސް ފުޅު އޭނާ ވިދާޅުވީ ޑީއާރުޕީ ދޫކުރައްވައި ކުރީގެ ރައީސް މައުމޫނު އަބުދުއް ގައްޔޫމު ވަޑައިގެންނެވި އިރު އެޕާޓީގެ ދަރަނީގެ ގޮތުގައި 19 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ދައްކަން އޮތް ތީހަމަ
ޝުކުރިއްޔާ
10 January 2019
ތިވީގޮތުން ތިޕާޓީއަށް ސޮއި ކުރެވޭކަށްނެތް. ޢަޅުގަޑު ބޭނުންވަނީ އަޅުގަޑުމެންގެ ދަރީންނަށް ނަމޫނާއަކަށްވާ މީހުންނަށް މެންބަރުކަމަށް ހޮވަން. ހަމަ ގާނޫނުގައިނެތިއްޔޭ ކިޔާފައި ޖެހުނުގޮތަކަށް ރައްޔަތުންގެ ލާރި ދަރަންޏަށް ހަދާލާފައި ދުވެ ފިލާމީހުން ކަމަކުނުދޭ.
އަލިކޮ
10 January 2019
އަދި ކިރިޔާ މިހެންވެގެން ތަ ޔާމީނުއަށް ބައިއަތު ނުހިފަން ތިނިންމީ؟ ފަސް އަހަރުވަންދެން ދިވެހި ދައުލަތް ދަވާލައި ރައްޔިތުންނަށް ބިރުދައްކައި އަނިޔާވެރިވަމުން ދިޔައިރު ހަމަ އޯކޭ؟
ކަދުރުބެ
09 January 2019
ދަރަނި އޮއްވައި ލީޑަޝިޕް ޕާޓީ ދޫކޮށް ދިއުމަކީ ފަހުރެއް- އަދުރޭ-
ޔޭޔޭކާފަ
09 January 2019
ދަރަނިބޯ!