ރިޕޯޓް / އަލީ ހުސައިން (ނޮވެލްޓީ)

އަލީ ހުސެއިން: މިވަރުގެ ހިދުމަތްތެރިއަކު ދެން ފެނިދާނެތަ؟

އަލީ ހުސެއިން (ކަނާތް ފަރާތުގައި ކޮޅަށް) ސަރުކާރު ޗާޕްހާނާގެ ބައެއް މުވައްޒަފުންނާ އެކު 1960ގެ އަހަރުތަކުގެ ތެރެއިން އަހަރެއްގައި.

އޭނާގެ އޮފީސް ކޮޓަރިކޮޅަށް ވަނުމުން އިހުސާސްކުރެވޭނީ މާ ކުރީ ޒަމާނެއްގައި އުޅެވޭހެންނެވެ. އެތަނުގައި ކޮމްޕިއުޓަރެއް، މޯބައިލް ފޯނެއް ނުވަތަ ޒަމާނުގެ އެފަދަ އެއްވެސް ވަސީލަތެއްގެ ހިލަމެއް ނެތެވެ. ބައްތެއްޔަކަށް މުދާ އަރުވައި ބަރާކޮށްފައި އޮންނަހެން ކޮޓަރިކޮޅު ބަރާކޮށްފައި އޮންނާނީ ފޮތްތަކާއި ކަރުދާހުންނެވެ. އެތަނުގައި އަބަދާއިއަބަދު ހިނގަމުންދާނީ ލިޔެކިޔުމުގެ މަސައްކަތްތަކެވެ. އުމުރުފުޅުގެ ގޮތުން، ނޮވެލްޓީ ޗާޕުހާނާގެ ދުވަހުން ދުވަހުގެ މަސައްކަތްތަކާ ދުރުގައި ހުންނެވި ނަމަވެސް ލިޔެކިޔުމުގެ މަސައްކަތްތަކަށް އެމަނިކުފާނު މުސްކުޅިފުޅެއް ނުވެ އެވެ. ލިޔުއްވަން އިންނަވާއިރު މޭޒުކޮޅުގައި އަތްއަޅުއްވައިގެން އިން ދިމާލުގައި، ލާފައިވާ ކުރަގަނޑު ބުނެދެނީ އެކަމެވެ.

ނޮވެލްޓީ އަލީ ހުސެއިން އުމުރުފުޅުން 82 އަހަރުގައި އިއްޔެ އަވަހާރަވުމާ ހަމަޔަށް ވެސް ދެމިހުންނެވީ އެ މަސައްކަތުގަ އެވެ. އެހެންޏާ ކޮންމެވެސް މީހަކަށް ފޮތެއް ޝާއިއުކޮށްދެއްވުމުގަ އެވެ. އެހެންޏާ އަމިއްލަފުޅަށް ނެރުއްވާ "ދިވެހި ޑައިޖެޓްސް"ގެ މަސައްކަތެއްގަ އެވެ. ނުވަތަ ކޮންމެވެސް މީހަކަށް މައުލޫމާތެއް، ލަފައެއް، އިރުޝާދެއް ދެއްވުމުގަ އެވެ. އަބަދުވެސް ވިސްނަވަނީ ކޮންމެވެސް މީހަކަށް ނުވަތަ ޖަމާއަތަށް އެ ރޮނގުން އެހީއެއް ވެދެއްވޭނެ ގޮތަކާ މެދުގަ އެވެ.

އޭނާގެ އެ ދީލަތިކަމުގެ ސިއްރަކީ، ކުޑައިރު އުފަން ރަށް މ. ވާރެޔާފުށީގައި ހޭދަކުރައްވަން ޖެހިވަޑައިގެންނެވި ނިކަމެތި ދުވަސް ހަނދުމަފުޅުގައި ހުންނެވުމެވެ. ނޮވެލްޓީ ޕްރިންޓާސް އެންޑް ޕަބްލިޝަރުގެ ވެރިޔާގެ ގޮތުގައި މަހުޖަނަކަށް ވެވަޑައިގެންނެވި ނަމަވެސް ދެ ވަނަ ބޮޑު ހަނގުރާމައިގެ ވޭނާއި ތުރާ ބޮޑު ދުވަސްވަރު ކާނެ، ބޯނެ އެއްޗެއް ނެތި އުޅުއްވީ ކޮން ފަދަ ހާލެއްގައިތޯ އެވެ. ތޮށިމަތިން ގޮޅައެއް ނުވަތަ ރަށުތެރެއިން ގޮބޮޅިއެއް ފަރިއްކުޅުވައިގެން އުޅުއްވި އުޅުއްވުމެވެ. އަދި އުމުރުން ފަސް އަހަރުގައި އާލާސްކަންފުޅެއް ޖެހިވަޑައިގެން ދެންމެ ދެންމެ ދުނިޔެ ދޫކޮށްފާނެ ކަމަށް ބަލައި ޝަހާދަތް ލައިދީ އޭނާގެ ބޯދަށުން ބާލީސް ނެގި ދުވަހެވެ. އެކަމަކު އަލީ ހުސެއިން ވިދާޅުވަނީ "ނަސީބަކީ ކަތީބަކު ދޭ އެއްޗެއް ނޫން" ކަމަށާއި ﷲގެ ރަހުމަތްފުޅާ އެކު އޭނާގެ ނަސީބު ވަރަށް ގަދަ ކަމަށެވެ.

ނަސީބު އަތުގައި ހިފީ މުހައްމަދު އަމީނުގެ ވެރިކަމުގައި އަތޮޅުތަކުން މާލެ ކިޔަވަން ގެނައި ކުދިންގެ ތެރޭ ހިމެނި ދާރުލްއިގާމާ ބޯޑިންގައި ހުންނެވުމުގެ ފުރުސަތު ލިބިވަޑައިގަތުމުންނެވެ. އެތަނުގައި ހުންނަވައި މަޖީދިއްޔާ ސްކޫލުން ކިޔަވާ ވިދާޅުވުމަށް ފަހު މަސައްކަތް ފެއްޓެވީ ސަރުކާރުގެ ޗާޕުހާނާގަ އެވެ. އޭނާގެ ރީތި އަތުލިޔުއްވުމުން ސްޓެންސިލުގައި ލިޔެ ސަރުކާރުގެ ލިޔެކިޔުންތައް ޗާޕުޖަހަމުން ދިޔަ އެވެ.

އަލީ ހުސެއިން (ވ) ޗާޕުހާނާގެ މަސައްކަތުގައި.

އޭގެ ފަހުން ރައީސް އިބްރާހިމް ނާސިރުގެ ސެކެޓްރީއެއްގެ ގޮތުގައި ރައީސް އޮފީހުގައި މަސައްކަތްކުރައްވަން ފެއްޓެވި އެވެ. އެކަމަކު ޕެންޝަން ވެސް ލިބެން ގާތްވެފައި ވަނިކޮށް އިސްތިއުފާ ދެއްވާފައި، އައްބާސް އިބްރާހީމްގެ އަތްޕުޅުން، އަތުން އަނބުރާ ޗާޕު މެޝިނެއް ހޯއްދަވައިގެން އަމިއްލަފުޅު ޗާޕުހާނާއެއް ހުޅުއްވި އެވެ.

އަލީ ހުސެއިން އެނބުރި ވަޑައިގަންނާނެ ކަމަށް ބައްލަވައި ނާސިރު، އޭނާގެ ވަޒީފާ ހުސްކޮށް ބޭއްވެވި އެވެ. އަދި އެކަމަށް ބާރު އެޅުއްވުމުގެ ގޮތުން ސަރުކާރާ ގުޅުން ހުރި އެއްވެސް އެއްޗެއް އަލީ ހުސެއިންގެ ޗާޕުހާނާ އަށް ނުދޭ ގޮތަށް ވެސް ހަމަޖެއްސެވި ކަމަށްވެ އެވެ. އެކަމަކު އަލީ ހުސެއިނަކީ ގޮތުގައި ހުންނަވާ ބޭފުޅެކެވެ. އެންމެ ފަހުން ނާސިރަށް ވެސް ގަބޫލުފުޅުކުރެއްވުނީ އޭނާ އަކީ މި ދާއިރާ އިން ކުރިއަށް ވަޑައިގަންނަވާނެ ބޭފުޅެއް ކަމެވެ. އެހެންވެ "މޫންލައިޓް ވީކްލީ" ޗާޕުކުރަން ގެންނަވާފައި ހުރި އޮފްސެޓް މެޝިން އަލީ ހުސެއިނަށް ހަދިޔާކުރެއްވި އެވެ. އަދި ސަރުކާރުގެ ޗާޕުހާނާ ހިނގަމުން އައި އިމާރާތުގައި އެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ފުރުސަތު ދެއްވި އެވެ. އެއީ މަސައްކަތް މެކުހަށް ޖައްސަވައިލައްވަން ލިބިވަޑައިގެންނެވި ރަނުގެ ފުރުސަތެކެވެ. އެކަމަކު ސަރުކާރު ބަދަލުވެ، ތަނުން ކުއްލިއަކަށް ނުކުންނަން ޖެހުނެވެ. އެހިސާބުން އޭނާ އަމިއްލަފުޅަށް ހިއްކަވައިގެން މާފަންނުކޮޅުގައި ހަދާފައި އޮތް ޔުޓިލީޓީ ބިމުގައި ޗާޕުހާނާގެ މަސައްކަތް ފެއްޓެވި އެވެ. މިއަދު، އެތަނަކާ މެދު މި ދިވެހިރާއްޖެ ވެސް ފަހުރުވެރިވާ ނޮވެލްޓީ ޗާޕުބައިގެ ރަސްމީ ފެށުމަކީ އެއީ އެވެ.

އެ ދުވަހުން ފެށިގެން ނޮވެލްޓީ ވެގެންދިޔައީ ޗާޕުގެ މަސައްކަތުގައި، އަބަދުވެސް ހައްސަ ބާނާ އޮޑިއަކައަށެވެ. ގޮދައިން ފެށިގެން ލައްޓި އާއި ރާގޮނޑި ބޭނުމުގައި ވެސް، އަލީ ހުސެއިނުގެ ކެޔޮޅުކަމުގައި ދުއްވާ އެ އޮޑި ވަރެއް ނެތެވެ. ރާއްޖޭގެ ނޫސްވެރިކަމުގެ މޫނުމަތި ބަދަލުކޮށްލި "ހަވީރު" ނޫހަކީ އަލީ ހުސެއިންގެ ވަރަށް ބޮޑު ދައުރަކާ އެކު ނޮވެލްޓީން ޗާޕުކުރަން ފެށި ނޫހެކެވެ. ފަހުން ޖެހުނު ކުންޏަކާ ހެދި އެތަނުން އެ ނޫސް ޗާޕްކުރުން ހުއްޓުނު ނަމަވެސް އެތައް އެތައް ނޫހަކާއި މަޖައްލާއެއް ޗާޕުކޮށްދިނެވެ. ލިޔުންތެރިންނާއި ޅެންވެރިންގެ ފޮތްތައް ވެސް ނެރެދެއްވި އެވެ. ވިކުނަސް ނުވިކުނަސް ފަރުވާލެއް ނެތެވެ.

"އަބަދުވެސް ވިދާޅުވާނެ ޗާޕުކޮށްގެން ނެރެވިއްޖެއްޔާ ތާރީހަށްޓަކައި ވެސް އޮންނާނެނޫންހޭ،" ޅެންވެރިޔާ ހަސަން ޝާކިރު މުހައްމަދު ވިދާޅުވި އެވެ.

އަލީ ހުސެއިން (ކ) އާއިލީ ބައެއް ބޭފުޅުންނާ އެކު.

ހަމައެއާ އެކު އަވަހާރަވެފައިވާ އަދީބުންގެ ލިޔުންތައް އެއްކުރައްވައި ވަރަށް ގިނަ ފޮތް ނެރުއްވި އެވެ. އެއީ ދިވެހި އަދަބިއްޔާތަށް އޭނާ ކުރެއްވި ވަރަށް އަގުބޮޑު ހިދުމަތެކެވެ. މީގެ އިތުރުން އެކި މީހުން ލިޔެފައިވާ ޑައިރީތަކާއި ކުޑަކުދިންނަށް ކިޔަވައިދޭން ބޭނުންކުރި އެތައް ފޮތްތަކެއް ޗާޕުކުރެއްވި އެވެ.

އަވަހާރަވީއިރު ކުރައްވަމުން ގެންދެވީ ވެސް ހަމަ އެފަދަ އަގުހުރި މަސައްކަތްޕުޅުތަކެކެވެ. "މޫންލައިޓް" ނޫހާއި "ވިޔަފާރި މިއަދު" އަލުން ޗާޕްކުރައްވައިގެން ނެރުއްވުމެވެ. މިހާރު މަދު ބަޔެއްގެ އަތުގައި ހުރި އެ ނޫސްތަކުގެ ކޮޕީތަކުގައި ވަނީ ދިވެހި ތާރީހުގެ ވަރަށް މުހިއްމު ސަފުހާތަކެކެވެ. އެހެންވެ އެއީ ކޮންމެހެންވެސް ކުރަން ޖެހިފައި އޮތް، އެކަމަކު އެހެން މީހެއްގެ ހިޔާލަށް އައިސްފައިނުވާ ނުވަތަ ކުރަން ކެރިފައި އޮތް މަސައްކަތެއް ނޫނެވެ. ހަމައެއާ އެކު، އިނގިރޭސި ރާނީ ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގެ ތަފްސީލް ސީދާ ރާނީގެ ގަނޑުވަރުން ހޯއްދަވައިގެން އެ ފޮޓޯތަކުގެ ތަފްސީލީ ފޮތެއްގެ މަސައްކަތް ވެސް އައީ ކުރައްވަމުންނެވެ.

އެކަންކަން އެކުރެއްވެނީ ހަމައެކަނި ޝައުގުވެރިކަމެއްގެ ސަބަބަކުން ނޫނެވެ. އޭނާގެ ގާތް އެކުވެރިޔާ އުތީމު އާދަމް އަބްދުއްރަހްމާން (އާދަންބެ) ވިދާޅުވި ގޮތުގައި އޭގެ ސިއްރަކީ ހަރުދަނާ، މުރާލި އަދި ހިންގުންތެރިކަމުގެ ސިފަ މަތީ ދަރަޖައިގައި ހުރުމެވެ. އެއްވެސް ދެ މީހަކު އެއްގޮތްނުވާނެ ކަމަށާއި އެކަމަކު އާދަންބެ ދެކެވަޑައިގަންނަވާ ގޮތުގައި ޔަގީނުން ވެސް އަލީ ހުސެއިން ފަދަ ދެ ވަނައެއް ނުހުންނާނެ އެވެ.

"ހަމަ ލާމަސީލު މިސާލެއް އެއީ"، އާދަންބެ ވިދާޅުވި އެވެ.

އަލީ ހުސެއިން (4) އާއި ޗިޅިޔާ މޫސާމަނިކު (5) ސަރުކާރު ޗާޕްހާނާގެ ބައެއް މުވައްޒަފުންނާ އެކު.

ޝާކިރު ވެސް އެއްބަސްވެވަޑައިގެންނެވި އެވެ. އޭނާ ދެކިވަޑައިގަންނަވާ ގޮތުގައި ޅެންވެރިއަކު އުފެއްދިދާނެ އެވެ. އަދި ވާހަކަ ލިޔުންތެރިއަކު ވެސް ނެރެވިދާނެ އެވެ. އެކަމަކު އަލީ ހުސެއިން ފަދަ ބޭފުޅަކު ދެން ނާންނާނެ އެވެ.

"އެންމެ ބޮޑު ހިތާމައަކީ އެއީ،" ޝާކިރު ވިދާޅުވި އެވެ.

ހަގީގަތުގައި ވެސް އަލީ ހުސެއިން ނުވީ ނަމަ، ރާއްޖޭގެ ފޮތް އަލަމާރިތައް ފެނުނީހީ ފަގީރުކޮށެވެ. އެހެންވެ އެމަނިކުފާނަށް ދިވެހި އަދަބިއްޔާތު އޮތީ ދަރަ އެވެ. ދުވަހަކު ވެސް އަގު އަދާނުކުރެވޭ ވަރުގެ ދަރަންޏަކުންނެވެ. ރާއްޖޭގައި ފުރިހަމަ މާނައިގައި ހުރި ހަމައެކަނި ޕަބްލިޝަރަކީ އޭނާ އެވެ. އަވަހާރަވި އިރު ވެސް ގެންދެވެނީ ޗާޕުކުރުމަށްޓަކައި ބައެއް ލިޔުންތެރީންގެ ލިޔުންތައް ހޯއްދެވުމުގެ މަސައްކަތްކުރައްވަމުންނެވެ.

އެމަނިކުފާނަކީ އެހެން ގޮތްގޮތުން ވެސް ލިޔުންތެރިކަމުގެ ފަންނާއި ތާރީހު އިލްމު ކުރިއެރުވުމަށް މަސައްކަތްކުރެއްވި ބޭފުޅެކެވެ. އަމިއްލަފުޅަށް އިސްނަންގަވައިގެން ހުކުރު ހުތުބާ ޕްރޫފް ބައްލަވައިދިން، ކުށް ފިލުވުމުގައި ކުޅަދާނަ ބޭފުޅެކެވެ. ނޮވެލްޓީން ޗާޕުކުރާ މީހުންނަށް އޮންނާނެ ހަމައެކަނި ހިތްހަމަޖެހުމަކީ ޗާޕުގެ ފެންވަރު ރަނގަޅުވުމެއް ނޫނެވެ. އެތަނުން ޗާޕުކުރާ ކޮންމެ އެއްޗެއް ވެސް އަލިފުން ޔާއަށް އެމަނިކުފާނު ވިދާޅުވެފައި އޮންނާތީވެ، ކުށެއް ނޯންނާނެ ކަމުގެ ހިތްހަމަޖެހުމެވެ.

އޭނާއާ ބައްދަލުވުމުގެ ފުރުސަތު ހަޔެއްކަ ފަހަރު އަޅުގަނޑަށް ލިބުނެވެ. އެ ބައްދަލުވުންތައް ސިފަކުރެވުނި ތާރީހީ، އަދަބީ ކިލާސްތަކެއްގެ ގޮތުގަ އެވެ. އަބަދުވެސް ޒުވާން ލިޔުންތެރިންނަށް، ނޫސްވެރިންނަށް ދެއްވި ނަސޭހަތަކީ ކިޔައިގެން ނޫން ގޮތަކަށް ކުރިއަރައި ނުދެވޭނެ ކަމެވެ. ކުރީގެ ފޮތްތަކާއި ލިޔުންތައް ކިޔައި މައުލޫމާތުގެ ހަޒާނާ އާއި ބަސްކޮށާރު މުއްސަނދިކުރާށޭ އަބަދުވެސް ވިދާޅުވެ އެވެ. އޭނާ އަކީ ދަންބެރަށް ވުރެ ތަގުޑި ދިގުނުކޮށް ލިޔުއްވަން ނަސޭހަތް ދެއްވި އަދި ވަރަށް ތަފާތު އަމިއްލަފުޅު އުސްލޫބަކަށް ލިޔުއްވި ކުޅަދާނަ ލިޔުންތެރިއެއް ވެސް މެ އެވެ.

"ދިވެހި ޑައިޖެޓްސް" ގެ ބައެއް އަދަދުތައް.

ލިޔުންތެރިކަމުގެ އިތުރުން އެހެން ކަންކަމުގައި ވެސް އޭނާ އަކީ އަމާޒަށް ތީރު އުއްކެވި ބޭފުޅެކެވެ. ރައީސަކަށް ނުވަތަ ވަޒީރަކަށް ވުމަކީ އެބޭފުޅަކަށް އޭނާ ލަފައެއް ދެއްވަން އޮތް ހުރަހެއް ކަމަށް ނަހައްދަވަ އެވެ. ފަހުން ހިނގައިދިޔަ އެފަދަ އެންމެ ފާހަގަކުރެވޭ ކަމަކީ މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލުން ބަދަލުކުރެވޭތޯ ކުރެއްވި މަސައްކަތްފުޅެވެ. "ވާރެ އާއި ރަތްދަކަ އަވީގައި ދޯންޏަކަށް ގަބުރު އަރުވައި ތަޅުވަމުން ގެންދިއުން" އެއީ ރަނގަޅު ކަމެއް ނޫން ކަމަށް ވިދާޅުވެ އެ ނިންމުން ބަދަލުކުރައްވާތޯ އެދި ރައީސް ޔާމީނަށް ސިޓީއެއް ފޮނުއްވި އެވެ.

"އެ މަސައްކަތް ކާމިޔާބުކުރެއްވި. އެކަމަކު އެއީ ހަމައެކަނި އެމަނިކުފާނުގެ ސަބަބުންވީ ކަމެއް ކަމަށް ގަބޫލުފުޅެއް ނުކުރައްވާ،" ޝާކިރު ވިދާޅުވި އެވެ.

އެއީ، ގެއިން ބޭރަށް ނުނުކުންނެވި ނަމަވެސް، އާއްމު މުޖުތަމައުގައި ހިނގާ ކަންކަން އެނގިވަޑައިގަންނަވާ ކަމާއި އެކަންކަމާ މެދު ވެސް އަލީ ހުސެއިން ފުންކޮށް ވިސްނަވާ ކަމުގެ ހެއްކެކެވެ. އޭނާ އަކީ އާއްމުންނާ މެދު އަދި ޖުމްލަކޮށް ރާއްޖެއާ މެދު ވިސްނެވި ބޭފުޅެކެވެ. އެގޮތުން އަށްޑިހައިގެ އަހަރުތަކުން ފެށިގެން ރާއްޖޭގެ ހުރިހާ ރަށަކަށް ކަހަލަ ގޮތަކަށް މީހުން ފޮނުއްވައިގެން ފޮޓޯ ނަގުވައި ހުރިހާ ރަށެއްގެ ފޮޓޯ އެއްކުރެއްވި އެވެ. އަދި އެކި މީސް މީހުން ގެންނަވައި ތާރީހާއި ރާއްޖޭގެ ދިރިއުޅުމުގެ ވާހަކަތައް ރެކޯޑްކުރައްވާފައިވެ އެވެ. އޭރުގެ އަގުން ނަމަ ގަޑިއަކަށް ފަސް ރުފިޔާގެ ރޭޓުން އެ މަސައްކަތްކުރައްވައި ތާރީހަށް ރައްކާކުރައްވާފައިވެ އެވެ.

ހަމައެއާ އެހެން ދިމަދިމާލުން ދިވެހި އުފެއްދުންތައް ޕްރޮމޯޓްކުރެއްވި އެވެ. ކަނަމަދުން މެޓާގަނޑާއި އެހެން ވެސް އުފެއްދުންތައް ތައްޔާރުކުރެއްވި އެވެ. އެ އުފެއްދުންތައް ޔޫރަޕުގެ ބާޒާރަށް ނެރުމަކީ އުއްމީދުކުރެއްވި ކަމެކެވެ. ކަރާގެ އާ މުޑުވަށް ގެނެސް ތަޖުރިބާކުރެއްވި އެވެ. ރުކަށް އަރާ މެޝިން ގެންނެވި އެވެ. ޗާޕުގެ މަސައްކަތުގައި ވެސް އެންމެ ޒަމާނީ މެޝިންތައް ގެންނަވައިގެން މަސައްކަތްކުރެއްވި ގޮތަށް ދަނޑުވެރިކަމަށް ވެސް އީޖާދީ ބަދަލުތަކެއް ގެންނަވަން ހުންނެވީ އަތުކުރި އޮޅާލައްވައިގެންނެވެ. އެކަމާ ބެހޭ ފޮތް ވެސް ލިޔުއްވި އެވެ.

އައްޑޫ މައްސަލަ އަށް ހާއްސަކުރި "ދިވެހި ޑައިޖެޓްސް" ގެ އަދަދު

ފަހުން އެންމެ ބޮޑު ސަމާލުކަމެއް ދެއްވައިގެން ގަވާއިދުން ކުރައްވަމުން ގެންދެވީ "ޑައިޖެސްޓްސް"ގެ ނަމުގައި މަޖައްލާއެއް ނެރުއްވުމެވެ. އެންމެ ފުރަތަމަ މަހަކު ދެ ފަހަރު އެކަމަކު ފަހުން ދޭތެރެ ދުރުވި ނަމަވެސް ވަރަށް ގިނަ އަދަދު ނެރުއްވާފައިވެ އެވެ. ސިޔާސީ، އިޖްތިމާއީ، ތާރީހީ ޝަހުސިއްޔަތުން، އަދަބިއްޔާތު، ކުޅިވަރު އަދި ތައުލީމާ ގުޅޭ ވާހަކަތަކާއި އަމިއްލަފުޅު ތަޖުރިބާތައް ލިޔުއްވާފައިވެ އެވެ. ކުޅަދާނަ ޅެންވެރިޔާ އަދި އިބްރާހިމް ނާސިރުގެ ކުރީގެ އަނބިކަނބަލުން މަރްހޫމާ މަރިޔަމް ސައީދުގެ ހިތްދަތި ހަޔާތަށް ފަސްއެޅި ފޮރުފައިވަނިކޮށް އާއްމުންނާ ހަމަޔަށް އަލީ ހުސެއިން ތިލަކޮށްދެއްވީ "ދިވެހި ޑައިޖެސްޓްސް" މެދުވެރިކުރައްވަ އެވެ.

"އޭނާ އަކީ ފޮރުއްވުމެއް ބައްކުރެއްވުމެއް ނެތި ތާރީހު އެންމެންނަށް ތިލަކޮށްދެއްވި ހިދުމަތްތެރިއެއް،" ދިވެހި ތާރީހު ދިރާސާކުރައްވާ އަލާ ދީދީ ވިދާޅުވި އެވެ.

"ދުއްތަނާ އިވުނު އަޑުގެ ހަނދާން ހުރިބައިގެ" ނަމުގައި 600 އަށް ވުރެ ގިނަ ސަފުހާ ހިމަނައިގެން ލިޔުއްވި ތާރީހު ދެ ފޮތަކީ މި ޒަމާނުގައި ދިވެއްސަކު ކުރި އެފަދަ އެންމެ ބޮޑު މަސައްކަތެވެ. އަދި އައްޑޫ މައްސަލަ އާއި ރާއްޖެ އަށް މިނިވަންކަން ލިބުނު ހާދިސާގެ ވާހަކަތަކަށް ހާއްސަކޮށްގެން 300 އަށް ވުރެ ގިނަ ސަފުހާ ހިމެނޭ އަދަދެއް ނެރުއްވި އެވެ.

އޭނާ އަވަހާރަވުމަކީ ޗާޕުގެ މަސައްކަތާއި އަދަބިއްޔާތާއި ތާރީހަށް ލިބުނު ފޫނުބެއްދޭނެ ގެއްލުމަކަށް ވަނީ އެފަދަ ސަބަބުތަކާ ހެދި އެވެ. މުޅިން ފުރިހަމަނުކުރެއްވި ނަމަވެސް އެތައް މަސައްކަތްތަކެއް އެބަ ހުއްޓެވެ. މިއަދު ދިވެހިންގެ އެދުމަކަށް ވާނީ އެކަންކަން ނުހުއްޓި ދިއުމެވެ. އެ މަސައްކަތުގައި ހިފުމަށް ހިތްވަރު ހޯދަން ބޭނުން ނަމަ އެ ހިތްވަރު ވެސް އޭނާގެ ހަޔާތުން ހޯދިދާނެ އެވެ.

އަލީ ހުސެއިން (ވ) މަޝްހޫރު އަތުލިޔުންތެރިޔާ މަރުހޫމް ތަބައްއަލިފުޅާ އެކު.

"އަލީ ހުސެއިންގެ ހަޔާތަކީ މިއަދުގެ ޒުވާނުން ހިތްވަރު ލިބިގަންނަން ޖެހޭ ފަދަ ހަޔާތެއް. އަތިރިމަތިން ގޮޅާ ފަރިއްކުޅުއްވައިގެން އުޅުއްވުމަށް ފަހު މާލެ ވަޑައިގެން އަމިއްލަފުޅަށް ދިރިއުޅުން ބިނާކުރައްވައި ކޮން ފަދަ ކާމިޔާބު ހަޔާތެއްތޯ އެ ހޭދަކުރެއްވީ،" އަލާ ވިދާޅުވި އެވެ.

ޝަރަފްވެރިކަމުގެ އިނާމާ އެކު 2003 ވަނަ އަހަރު ލިބިވަޑައިގަތް 20،000ރ. ޗާޕުހާނާގެ މުވައްޒަފުންނަށް ހަމަޔަށް ބަހާލުމަކީ އެ ކާމިޔާބު ދިރިއުޅުއްވުމުން އެހެން މީހުންނަށް ނެގިދާނެ މިސާލެކެވެ. އެ ދުވަހު އޭނާ ވެސް ނެންގެވީ ކޮންމެ މީހަކަށް ޖެހުނު އަދަދު ކަމަށްވާ 250ރ. އެވެ.

"އަޅުގަނޑު ދުށީ އެއީ އަޅުގަނޑުގެ އަމިއްލަ އެއްޗެއް ނޫންކަމުގަ އެވެ،" އަލީ ހުސެން ލިޔުއްވާފައިވެ އެވެ. "އިނާމެއް ހައްގުވާ ވަރަށް ކުންފުންޏެއް ކުރިއަރާނީ [ހަމަ] އެކަނި ވެރިމީހާގެ މަސައްކަތުން ނޫނެވެ."

އެ މަސައްކަތުން ފައިދާ ކުރީ ވެސް ވެރިމީހާ އަށް އެކަންޏެއް ނޫނެވެ. ދިވެހި އަދަބިއްޔާތާއި ތާރީހަށެވެ. ދިވެހިންނާއި ދިވެހިރާއްޖެ އަށެވެ.

19 ކޮމެންޓް, 86 ރިއެކްޝަންސް

icon happy icon happy 72%
icon sad icon sad 26%
icon angry icon angry 2%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޝިހާނު

11 January 2019

ކޮންމެ މީހަކީވެސް ނެތި ފަނާވެދާނެ މީހެއް، ޢަލީހިސެއިން ދުކޮށްފަ ދިޔައީ، މި ދިވެހި ދަރިންނަށް އަގުނުކުރެވޭ ފަދަ ޚިދުމަތް ތަކެއް! ޢަލީ ހުސެއިން އަށް ސުވަރުގޭގެ ދާއިމީ ނިޢުމަތްލައްވައި އާޢިލާ އަށް ކެތްތެރިކަން ދެއްވާށި އާމީން.

The name is already taken The name is available. Register?

ތުނބުޅި

11 January 2019

ބޭންކު ތަކާއި ކުންފުނި ތަކުން ބޯނަސް ބަހާއިރުގަވެސް އަލީ ހުސެއިން އިނާމަށް ލިބިލެއްވި ފައިސާ ބެހިގޮތަށް ބަހާނަމަ ކޮންފަދަ

The name is already taken The name is available. Register?

ބޯހުދު ޒިންދަގީ

10 January 2019

ޝައްކެއްވެސްނެތް ތީވަރައްވެސް ބޮޑު ޚިދުމަތްތެރިއެއް. ނަމަވެސް ތިޔަކަހަލަ ސުވާލު އުފެއްދުމަކީ ދެންތިއްބެވި ހިދުމަތްތެރީންނަށް ވެވޭ ބޭއިންސާފަކައް ވެދާނެ.

The name is already taken The name is available. Register?

އަޙްމަދު ޢަލީ

10 January 2019

އަލީ ހުސަައިން އަށް ﷲ ހެޔޮ ރަޙްމަތް ލައްވާށި އާމީން. انا لله وانا اليه راجعون

The name is already taken The name is available. Register?

ސޭކުބެ

10 January 2019

އެއީ ވަރަށް ޚާއްސަ ސަޚްސިއްޔަތެއް. އަޅުގަޑާ ބައްދަލުވި ކޮންމެ ފަހަރަކުވެސް ވަރަށް ގިނަ ވަގުތު ދެއްވި އަދި އެކިއެކި ވާހަކަފުޅުތައް ކިޔައިދެއްވި ސާދާ ބޭފުޅެއް. އެގޮތުން އަލީ ހުސައިންގެ ޒާތީ ވާހަކަފުޅުތައްވެސް ހިއްސާކުރެއްވި. އެމަރުޙުމް އަށް ސުވަރުގޭ ނިޢުމަތް މިންވަރުކުރައްވާށި.

The name is already taken The name is available. Register?

ޢަލިމަނިކުފާނު

10 January 2019

ހާދަހާވާ ޢިބުރަތްތެރި ވާހަކަކޮޅެކެވެ. ޝައުޤުވެރިއެވެ. ކުރާނެ ކަމެއް ނެތެވެ. ކިޔާހިތުން އިންދައި ނިމިއްޖެއެވެ.

The name is already taken The name is available. Register?

މޮޑަފްް

10 January 2019

އަލީ ހުސެއިން ގެއިން ނުނިކުންނަވާ އެހުންނަ ސަބަބާ އެކަން ފެށުނު ގޮތެއް ލިއުއްވާލިނަމަ ރަނގަޅު.

The name is already taken The name is available. Register?

ނޭންގޭ

10 January 2019

ފޮޓޯ ގައި ބޮޅެއް އެޅުއްވި ނަމަ. ފާހަގަ ކުރަން އުނދަގޫ.

The name is already taken The name is available. Register?

ނަންފުޅު

10 January 2019

އަލީ ހުސައިނަކީ އާދަޔާޚިލާފު އިންސާނަކަށްވިޔަސް އިންސާނަކަށްވީތީ ހުންނަ އުނިސިފަތައް އަލީ ހުސައިންގެކިބައިންވެސް ފެނުނު. އެކަމަކު މީހަކު ދުނިޔެއާވަކިވުމުން އެމީހާގެ ވާހަކަ ދައްކާއިރު އޭނަގެ ނޭދެވޭ އަމަލުތަކުގެވާހަކަ ނުދައްކަން އޮވޭ. އޭގެ މާނަޔަކީ އެމީހާ ދުނިޔޭގައި ނޭދެވޭ އެއްވެސް އަމަލެއް ނުކުރާ ވާހަކައެއްނޫން.

The name is already taken The name is available. Register?

އޭ އެޗް

10 January 2019

ދިވެހި ފަސްގަނޑުން ގެއްލި ދިޔަ، އަގު މަގު ނުކުރެވޭ ވަރުގެ ލާމަސީލް ދިވެހި ދަރިއެއް... މި ހަބަރު ލިޔުއްވި ނޫސްވެރިޔާގެ އިބާރާތް ކުރުމަށްވެސް ވަރަށް ތައުރީފް ކުރަން، ވަރަށްވެސް ގަދަރާއެކު މަރްޙޫމް ޢަލީ ޙުސައިންގެ ހަޔާތަށް ބިނާކޮށް މައުލޫމާތު ޙިއްސާ ކޮއްދެއްވީތީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454