ރައްޔިތުންގެ މަޖިލިސް: ކުރީގެ ރައީސުންނަށް މަޖިލީހުގެ މެމްބަރު ކަން ނުކުރެއްވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ވަނީ ހުށަހަޅާފައި -- ފޮޓޯ/މިހާރު
24 ޖެނުއަރީ 2019 - 08:46
ރާއްޖޭގެ ކުރީގެ ރައީސުން މިހާތަނަށް ވެސް ދަމަހައްޓަމުން އައި އެއް ސަގާފަތެއް އޮވެ އެވެ: ރައީސްކަމުން ވަކިވެވަޑައިގަތުމަށް ފަހު ދައުލަތުގެ އެހެން މަގާމެއް އަދާނުކުރެއްވުމެވެ. އަލުން ރައީސް ކަމަށް ވަޑައިގަތުމަށް މަސައްކަތް ކުރެއްވިޔަސް އަދި ސިޔާސީ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަތަސް، ރައީސް ކަމަށް ވުރެ ދަށް މަގާމެއް ނުވަތަ ވަޒީފާއެއް އަދާކުރެއްވުމަށް އެއްވެސް ބޭފުޅަކު ކުރިން މަސައްކަތް ކޮށްފައެއް ނުވެ އެވެ. ފުރަތަމަ ޖުމްހޫރިއްޔާ އަދި ދެވަނަ ޖުމްހޫރިއްޔާގެ ދަށުން ރައީސް ކަން ކުރެއްވި ބޭފުޅުން ވެސް އަމަލު ކުރެއްވީ އެގޮތަށެވެ.
އެ ސަގާފަތަށް ނިމުމެއް އައީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވައި، މަސައްކަތް ފެއްޓެވި ހިސާބުންނެވެ. އެހެންވެ، މިފަހަރުގެ މަޖިލިސް އިންތިޚާބު ވެގެން ދާނީ ތާރީޚީ އިންތިޚާބަކަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް މަޖިލީހަށް ވާދަކުރައްވަން އުޅުއްވާ ކަމުގެ އަޑުތަކެއް ފެތުރުނަސް، އެމަނިކުފާނު އަދި ވަކި ގޮތެއް ނުނިންމަވަ އެވެ.
މަޖިލިހަށް ވަޑައިގަތުމުގެ މަސައްކަތްޕުޅު ނަޝީދު ފައްޓަވާފައި ވަނިކޮށް، ކުރީގެ ރައީސުންނަށް މަޖިލިސް މެމްބަރު ކަން ނުކުރެވޭ ގޮތަށް ގާނޫނަށް އިސްލާހެއް ގެންނަން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދު މަޖިލީހަށް ހުށަހެޅުއްވި ހިސާބުން ސިޔާސީ މަސްރަހު އިތުރަށް ހަލަބޮލިވި އެވެ. އެއީ ސަރުކާރު ކޯލިޝަނަށް ވެސް ލޮޅުން އެރި ކަމެކެވެ.
އެއް ބައެއްގެ ނަޒަރުގައި އެއީ ނަޝީދު މަޖިލީހަށް ވާދަކުރައްވަން ހުރަސް އެޅުމަށްޓަކައި، ސީދާ އެމަނިކުފާނަށް އަމާޒުކުރި އިސްލާހެކެވެ. އެހެންވެ، އެއީ ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް އަމާޒުކޮށްގެން މަޖިލީހުން ގާނޫނުތައް ހެދުމުގެ ސިލްސިލާއަށް އިތުރުވި ބޮޅެއް ކަމަށް ވެސް އެ އިސްލާހާ ދެކޮޅުހަދާ ފަރާތްތަކުން ދެކެ އެވެ.
ލަތީފް ވިދާޅުވެފައިވަނީ ކުރީގެ ރައީސުންނަކީ ގާނޫނީ ގޮތުން ޚާއްސަ އިނާޔަތްތަކާއި ހިމާޔަތާއި ރައްކާތެރިކަން ދެވިފައިވާ ބޭފުޅުންނަށް ވާއިރު، ދަށް މަގާމެއް އަދާކުރެއްވުމަކީ އެ ބޭފުޅުންގެ ޝަރަފަށް ގެއްލުން ލިބޭ ކަމެއް ކަމަށެވެ. އެކަމަކު ގާނޫނީ ގޮތުން ބަލާއިރު އެއީ ގެނެވިދާނެ ބަދަލެއްތޯ ސުވާލު އުފައްދަން ޖާގަ އެބަ ލިބެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ކިބައިގައި ފުރިހަމަވާން ޖެހޭ ޝަރުތުތައް ގާނޫނު އަސާސީގައި ވަނީ ސާފުކޮށް ބަޔާންކޮށްފަ އެވެ. އެގޮތުން ފަސް ޝަރުތެއް ބަޔާން ކޮށްފައި ވާއިރު، އޭގެ ތެރެއިން އެއްވެސް ޝަރުތެއްގައި ކުރިން ރައީސްކަން ކޮށްފައިވުން ނުވަތަ ވަކި ފެންވަރުގެ މަގާމެއް ކުރިން އަދާކޮށްފައި ވުން ހިމަނާފައެއް ނެތެވެ.
ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބާރު މަޖިލީހަށް އެބަ އޮތެވެ. ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހޭ ކަންކަން ފިޔަވައި އެހެން ކަންކަމުގައި މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ހަތަރު ބައި ކުޅަ ތިން ބައި މެމްބަރުންގެ ވޯޓު ލިބިގެން ގާނޫނު އަސާސީ އިސްލާހު ކުރެވިދާނެ އެވެ. އެކަމަކު ކުރީގެ ރައީސުންނަށް މެމްބަރުކަން ނުކުރެއްވޭ ގޮތް ހެދުމަށް އިސްލާހު ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގާނޫނަށެވެ.
ދެން އޮތީ ކޮންމެ ރައްޔިތަކަށް ލިބިގެންވާ އިންތިޚާބީ ހައްގެކެވެ. ގާނޫނު އަސާސީގެ 26 ވަނަ މާއްދާގައި ބުނެފައިވަނީ "މި ގާނޫނު އަސާސީގައި އެހެން ގޮތަކަށް ބަޔާން ކޮށްފައި ނުވާހާ ހިނދަކު، އުމުރުން 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށްމެ އަންނަނިވި ހައްގުތައް ލިބިގެންވެ އެވެ" މިފަދައިންނެވެ. އެގޮތުން، ފުރަތަމަ ހައްގަކީ އިންތިޚާބުތަކުގައި ވޯޓު ދިނުމުގެ ހައްގެވެ. ދެވަނަ އަށް އޮތީ އިންތިޚާބުތަކުގައި އެކިއެކި މަގާމުތަކަށް ކުރިމަތިލުމުގެ ހައްގެވެ. ތިން ވަނަ ހައްގަކީ އެ މީހަކު އަމިއްލައަށް ނުވަތަ އެ މީހަކު އިހްތިޔާރު ކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ހައްގެވެ.
އެ މާއްދާ އޮތް ގޮތުން އެނގޭ ކަމަކީ ގާނޫނު އަސާސީގައި އެހެން ގޮތަކަށް ކަނޑައަޅާފައިވާ ހާލަތްތަކުގައި ނުވަތަ މެނުވީ އިންތިޚާބީ ހައްގަކީ އެއްވެސް މީހެއްގެ ކިބައިން ނުހިފެހެއްޓޭނެ ހައްގެއް ކަމެވެ. އެހެންކަމުން އެ ހައްގު ކުރީގެ ރައީސުންނަށް ގެއްލެން ޖެހެނީ ކީއްވެގެންތޯ ސުވާލު އުފެދެ އެވެ.
ނަޝީދު -- ފޮޓޯ/މިހާރު
އެއް ބައެއްގެ ނަޒަރުގައި ގާނޫނު އަސާސީގައި އެގޮތަށް ކަނޑައަޅާފައި ނެތަސް، ކުރީގެ ރައީސަކު ރައީސް ކަމަށް ވުރެ ދަށް މަގާމެއް އަދާކުރުމަކީ "ލަދުވެތި" ކަމެކެވެ. އެހެން ކަމަށް ވާ ނަމަ، ކުރީގެ ރައީސުންނަށް ބަންދު ކުރަންވީ މަޖިލިސް މެމްބަރު ކަން ކުރުމުގެ ދޮރު އެކަނިތޯ އެއީ ވެސް އުފެދޭ ސުވާލެކެވެ.
ގާނޫނު އަސާސީ މިހާރު އޮތް ގޮތުން ކުރީގެ ރައީސަކަށް ނައިބު ރައީސް ކަން ވެސް ކުރެވިދާނެ އެވެ. އަދި ވަޒީރެއްގެ ގޮތުގައި ވެސް ހުރެވިދާނެ އެވެ. އަދި ފަނޑިޔާރު ކަމުގެ ޝަރުތު ފުރިހަމަ ވާ ނަމަ، ކުރީގެ އެ މަގާމު ވެސް އަދާކުރަން ގާނޫނީ ހުރަހެެއް ނެތެވެ. އަދި މިނިވަން މުއައްސަސާއެއްގެ މެމްބަރު ކަން ކަމަށް ވިޔަސް އަދި ލޯކަލް ކައުންސިލެއްގެ މެމްބަރު ކަން ވެސް ކުރީގެ ރައީސުންނަށް އަދާކުރުމުގެ ފުރުސަތު ގާނޫނީ ގޮތުން އެބަ އޮތެވެ.
އެންމެ ކުޑަމިނުން، ދައުލަތުގެ އާދައިގެ ވަޒީފާއެއް އަދާކުރުން ވެސް ކުރީގެ ރައީސުންނަށް ގާނޫނީ ގޮތުން މަނަލެއް ނޫނެވެ. އެހެންވީއިރު، ހަމައެކަނި މަޖިލިސް މެމްބަރު ކަން ނުކުރެވެންވީ ކީއްވެގެންތޯ އެއީ އުފެދޭ ސުވާލެކެވެ. ހަމައެކަނި މެމްބަރުކަން ކުރުން މަނާކުރުމުގެ ބަދަލުގައި، އެއްވެސް މަގާމެއް ނުވަތަ ވަޒީފާއެއް އަދާކުރުން ކުރީގެ ރައީސުންނަށް މަނާ ނުކުރަނީ ނުވަތަ އެކަމަށް އިސްލާހެއް ގެންނަން މަސައްކަތް ނުކުރަނީ ކީއްވެގެން ބާވަ އެވެ؟
ކުރީގެ ރައީސުންނަށް އިނާޔަތާއި ރައްކާތެރިކަން ދިނުމާ ބެހޭ ގާނޫނެއް ރާއްޖޭގައި އޮވެ އެވެ. އެ ގާނޫނުގެ މައިގަނޑު އެއް މަގްސަދަކީ ވެސް ކުރީގެ ރައީސުންނަށް ގާނޫނު އަސާސީގެ ދަށުން ދޭން ޖެހޭ ގަދަރާއި އިއްޒަތް ދިނުމެވެ. އެކަމަކު އެ ގާނޫނުގައި ވެސް ކުރީގެ ރައީސުން ވަކި މަގާމުތަކެއް އަދާކުރުން މަނާ ކޮށްފައެއް ނެތެވެ.
ކުރީގެ ރައީސުން އެއް ފަރާތް ކުރުމަށް ފަހު ދައުލަތުގެ އެހެން އިސް މަގާމުތަކަށް ބަލަމާ ހިނގާށެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ ދައުލަތުގެ ދެވަނަ އަށް އެންމެ ބޮޑު ބާރުގެ އިސް ވެރިޔާ އެވެ. އެ މަގާމު ކުރިން އަދާކޮށްފައިވާ ބޭފުޅުން ވެސް، މަޖިލީހުގެ އާދައިގެ މެމްބަރެއްގެ ގޮތުގައި ތިއްބެވުމަކީ އާ ކަމެއް ނޫނެވެ. ވަޒީރުކަން ކުރެއްވި ބޭފުޅުން ވެސް ފަހުން ސްޓޭޓް މިނިސްޓަރުންނަށް ނުވަތަ ކައުންސިލަރުންނަށް ވެސް ތިއްބަވަ އެވެ.
ކުރިއަރާފައިވާ އަދި މިނިވަން ޑިމޮކްރަޓިކް ގައުމުތަކަށް ބެލިޔަސް، މިކަން އޮތީ މިގޮތަށެވެ. ރާއްޖެ ފަދައިން އެހެން ގައުމުތަކުގައި ވެސް، ވަކި މުއްދަތެއް ވަންދެން ރައީސްކަން ކުރުމުން އެ މަގާމު އިތުރަށް އަދާނުކުރެވޭ ގޮތަށް އޮވެ އެވެ. ޚާއްސަކޮށް ރިޔާސީ ނިޒާމު އޮންނަ ގައުމުތަކުގަ އެވެ. އެކަމަކު އެ ގައުމުތަކުގައި ވެސް ރައީސް ކަމުން ވަކިވުމަށް ފަހު، ދައުލަތުގެ އެހެން މަގާމެއް އަދާކުރުން ގާނޫނީ ގޮތުން މަނަލެއް ނުކުރެ އެވެ. އެ ގައުމުތަކުގައި ކުރީގެ ރައީސުން ދައުލަތުގެ އެހެން މަގާމުތައް އަދާ ނުކުރުމަކީ ދަމަހައްޓަމުންދާ ސަގާފަތެކެވެ. އެކަމަކަށް އެއްވެސް ގާނޫނީ ހުރަހެއް އޮންނާތީއެއް ނޫނެވެ.
އެކަމަކު މިކަމުގައި ވިސްނާލަން ޖެހޭ އެހެން ކަމެއް އެބަ އޮތެވެ. ކުރީގެ ރައީސުންނަށް ކޮންމެ މަހަކު ދައުލަތުން އިނާޔަތްތައް ދެމުން ގެންދާއިރު، އެއިން ބޭފުޅަކު މަޖިލީހަށް ހޮވިވަޑައިގަންނަވާ ހާލަތުގައި ވެސް އެ އިނާޔަތްތައް ހުއްޓުމެއް ނެތި ދޭނީތޯ ވިސްނާލުން މުހިންމެވެ. ކުރީގެ ރައީސުންނަށް އިނާޔަތްތައް ދިނުމާ ބެހޭ ގާނޫނުގައި ވެސް މިކަމަށް ވަކި ފަރުވާއެއް ދީފައި ނެތުމުން މަޖިލީހުން ދުރާލާ އެކަމަށް ހައްލެއް ހޯދުން މުހިންމެވެ.
ގާނޫނީ ބޭފުޅުންގެ ދެކެވަޑައިގަންނަވާ ގޮތުގައި ގާނޫނަށް ގެންނަ އިސްލާހަކުން މަޖިލިސް މެމްބަރުންގެ ޝަރުތު ބަދަލު ކުރުމަކީ ގާނޫނު އަސާސީއާ ޚިލާފް ކަމެކެވެ. ކުރީގެ ރައީސުން މަޖިލިސް މެމްބަރު ކަން ކުރުން ގާނޫނު އަސާސީން މަނާ ނުކުރާއިރު އަދި މަޖިލިސް މެމްބަރުންގެ ޝަރުތުތައް ގާނޫނު އަސާސީގައި ބަޔާން ކޮށްފައި ވަނިކޮށް، ގާނޫނަކުން އެކަން މަނާ ނުކުރެވޭނެ ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.
"ގާނޫނެއް ފާސްކޮށްގެން މި ޝަރުތުތަކަށް އުނި އިތުރު ގެނައުމަކީ ގާނޫނު އަސާސީއާ ޚިލާފް ކަމެއް. އެންޓި ޑިފެކްޝަންގެ ގާނޫނު ވެސް ގާނޫނު އަސާސީއާ ޚިލާފްވި ސަބަބަކީ މިއީ،" ވަކީލް މަރިޔަމް ޝުނާނާ ވިދާޅުވެފައިވެ އެވެ.
އެހެން ބައެއް ގާނޫނީ ބޭފުޅުން ވެސް ދެކެވަޑައިގަންނަވާ ގޮތުގައި ލަތީފުގެ އެ އިސްލާހު ގާނޫނު އަސާސީއާ ޚިލާފެވެ. އެފަދަ އިސްލާހެއް މަޖިލީހަށް ބަލައިގަނެގެން ވެސް ނުވާނެ އެވެ.
"އަމުދުން ވަކިވަކި ފަރާތަކަށް ޓާގެޓް ކޮށްގެން ގާނޫނެއް ނެހެދޭނެ. އެއީ އުސޫލުތަކާ ޚިލާފް ކަމެއް،" ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެފައިވެ އެވެ.
ކުރީގެ ރައީސުންނަކީ ޚާއްސަ ޝަރަފާއި ގަދަރު ދެވިފައިވާ ބޭފުޅުން ކަމަށް ވިޔަސް، ވަކި މަގާމެއް އަދާކުރުން އެ ބޭފުޅުންނަށް މަނާކުރުމަކީ ޑިމޮކްރަޓިކް މުޖްތަމައުތައް ވެސް ދަންނަ އަދި ބަލައިގެންފައިވާ ކަމެއް ނޫނެވެ. އެހެން މަގާމެއް އަދާނުކޮށް ތިއްބެވުމަކީ ދަމަހައްޓާ ރީތި ސަގާފަތަކަށް ވިޔަސް، އެކަން އޮންނަނީ އެ ބޭފުޅެއްގެ އަތްމަތީގަ އެވެ. ގާނޫނު އަސާސީ އެކަމަށް ހުރަސް ނާޅަނީސް، އަދި ވަކި ބޭފުޅަކު މަޖިލީހަށް ކުރިމަތިލައްވާނެ ކަން އިއުލާން ކުރައްވާފައި ވަނިކޮށް ގާނޫނަކުން އެކަން މަނާކުރަން އިސްލާހު ހުށަހެޅުމަކީ ސުވާލު އުފައްދަން ޖާގަ ލިބޭ ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސައީދުތުރީ
25 January 2019
ގާނޫނު އަސާސީގެ އެއްވެސް މާއްދާއެއްގައި ނެތް މާލޭގެ ބިން ގަނެގެންނޭ (ހ) ދިވެހިރާއްޖޭގެ ބިމާބެހޭ ސިޔާސަތު ކަނޑައަޅާނީ ވަޒީރުންގެ މަޖުލީހުގެ މަޝްވަރާއާއެކު ރައީސުލްޖުމްހޫރިއްޔާއެވެ މިވާހަކަ ނުދަށްކަވަނީ ކީއްވެގެންތޯ މީ މާލޭގެ ކިތަށްހާސް ޒުވާނުންގެ ހަށްގެއް އެހއންވީމާ މިދަންނަވަން ޖެހެނީ މީރިށްޔަތުން ދެކެ ލޯބިވާ ބަޔެއް ނޫނޭ ވޯޓްލާންވީމަ މާލޭގެ ރަށްޔަތުން ފެންނަނީ މކނވސފއޓ އެހެން ގޮތަކަށް ބަޔާން ކޮށްފައި ނުވާހާ ހިނދަކު، އުމުރުން 18 ހައްގެވެ.
މުޙައްމަދުފުޅު
24 January 2019
ކުރީގެ ރައީސުންނަށް މަޖިލީހުގެ ދޮރު ބަންދުކުރާނެ ކަމެއް ނެތް.. އެ ބޭފުޅުންނަށް ދެއްވާ އިނާޔަތްތައް އުނިކޮށްލަދެއްވާ.. އެހެން ނޫނީ، އެ ބޭފުޅުން ކެމްޕޭނުކުރަން ސެކިއުރިޓިން ގޮވައިގެން، އަދި މަޖިލީހުގައި އިނދެ، ސަރުކާރުގެ ބަޖެޓުން އެހެން އޮފީސް ހިންގައި ހެދީމަ، ނޮޓް ފެއަރ.. އެ ބޭފުޅުންނަށްވެސް، މަޖިލީހުގައި އިނދެވެންވާނެ..
އެންމެންވެސް ދިވެެހިން
24 January 2019
ރައީސްކަން ކުރެއްވި ބޭފުޅެއް މަޖްލިސް މެމްބަރުކަމަށް ކުރިމަތިލެއްވުމަކީ މައްސަލައެއް ނޫން އަދި އެއީ އަޚްލާޤީގޮތުން ހުތުރުކަމެއްވެސް ނޫން. ނަމަވެސް ދައުލަތުން އިނާޔަތައް ދެންވެސް ލިބުމަކީ ކެމްޕެއިން ވާދައިގެ ހަމަހަމަކަން ގެެއްލޭ ތަފާތުކުރުމެކޭ ބުނެވިދާނެ. އަދި މަޖްލިސަށް ހޮވިއްޖެނަމަ ފްލޯރގައި އިތުރު ލަގަބަކުން މުޚާތަބުވެސް ކުރެވިގެން ނުވާނެ. ރައްޔިރުންގެ މެމްބަަރުން ވާނީ ހަމަހަމަ. ކުދި މެމްބަރުންނާއި ބޮޑެތި މެމްބަރުންނެއް އެތަނުގައި ނުތިބޭނެ.
އަދިވެސް
24 January 2019
ޤާނޫނުގައި ބަޔާން ނުކުރާ ކޮންމެކަމަކީ ހުއްދަ ކަމެއް ނޫން.
އައްޔު
24 January 2019
ކުރީގެ ރައީސުންނަށް މުސާރައާއި އެހެނިހެން އިނާޔަތްތަކާއި ސެކިއުރިޓީއާއި އޮފީހަކާއި އިތުރު ބައިވަރު ކަންތައްތައް ރައްޔިތުންގެ ފައިސާއިން ހަމަޖައްސާ އޭގެފަހުން މެމްބަރަކަށް ވުމުންވެސް ޚަރަދު ކުރުމަކީކޮށްގެންވާނެ ކަމެއްނޫން ވެދާނެ ކަޅު ޕާސްޕޯޓްގެ ބޭނުމުގައި ކުރާކަމެއްކަމަށް ޤާނޫނުތަކުގައި ކުރިމަތި ނުލެވޭނޭ ލިޔެފައި ނެތުމަކީ އެކަމަށް ކުރިމަތިލާންޖެހޭނެ ކަމެއްނޫނެންނުން. މޯރަލް ވެލިއުސްކޮބާ؟ ރައީސްކަންކުރީތީ ދޭ އިނާޔަތް ދޫކޮށްލާފަ ކުރިމަތިލާ ކެރެންޏާ
އެފް
24 January 2019
ކުރީގެ ރައީސުން ކުރިމަތިލުމަކީ އޭގެ ޒާތުގައި މައްސަލައެއްނޫން. އެކަމު ރައީސްކަމަށް ގައުމުގެ ރައްޔިތުން ވަރަށް ނުރުހޭކަން އެނގިގެން އެމަގާމަށް ނޭރިފަ ހުރިމީހަކު ގައުމުގެ ވެރިކަމުގެ ބާރުތައް ލިބޭހިސާބަށް ވާސިލްވުމަށް ބޭނުންކުރާ ޓޫލްއެއްގެ ގޮތުގައި މަޖްލިސް މެމްބަރުކަން ހޯދުން އެއީ އޮޅުވާލާ އޮޅުވާލުމެއް.ވެރިކަމުން ވެއްޓުނީއްސުރެ ފެނުނު މަންޒަރުތަކުން ސާފުވާ އެއްކަމެއް އެއީ އަދިވެސް އެ ބޭނުންވާކަން. މަޖްބޫރީ ހާލަތުގަ ވަގުތީގޮތުން އެއްކައިރިވެލީކަން.
ނެކްސްޓް
24 January 2019
ކުރީގެ ރައީސްކަން ކޮށްފައިވާތީ މަޖްލީހަށް ކުރިމަތި ނުލެވޭގޮތް ހަދައިގެން ނުވާނެ. އެއަށް ވުރެން މަޖުލީހަށް ޤާބިލް ތައުލީމެއް ނެތް މީހުން ކުރިމަތި ނުލެވޭ ގޮތް ހެދިއްޔާ ރަގަޅުވާނެ.
ވިސްނުމަށް
24 January 2019
މިސާލަކަށް: ރައީސްކަމުގެ ދެދައުރު ފުރިހަމަ ކޮށްފައިހުއްނެވި ކުރީގެ ރައީސްއެއް ފަހުން ނައިބް ރައީސަކަށް ހޮވުނީ. ދެން ކޮންމެވެސް ސަބަބަކާ ހުރެ އެވަގުތު ހުއްނެވި ރައީސް މަގާމުން ވަކިވީ. މިހާލަތުގަ ވެރިކަށް ދެން ދާނީ ނައިބް ރައީސަކަށް ހުއްނެވި ކުރީގެ ރައީސްއަށް ( 2 ދައުރު ވަނީ ފުރިހަމަ ކޮށްފައި ). ދެން މިހާލަތުގައި ގާނޫނީ ގޮތުން ދޭނީ ދެން ކޮން ފަރުވާއެއްތޯ؟
އަސާސީ
24 January 2019
ދެ ދައުރު ރައީސް ކަން ކޮށްފަހުރި މީހަކަށް ނައީބުރައީސް ކަމެއް މިހާރު އޮތް ގާނޫނު އަސާސީގެ ދަށުން ނުކުރެވޭނެ.
ތީބާ
24 January 2019
ކުރިމަތި ލެވިގެން ނުވާނެ..... ޚާއްސަކޮށް ކެނެރީގޭ ދޮގުހަދާ މީހާއަށް
ދާދޭ
24 January 2019
ރައީސްކަން ކޮށްފައިވާ މީހުން ބޮޑީގާޑުން ކައިރީގައި ބައިތިއްބައިގެން އާމްދަނީ ހޯދަން މަގުމަތި ކުނިކަހާ މީހެއްގެ ވަޒީފާ އަދާކުރިޔަސް ހަމަ ރައްޔިތުންނަށް އެ ޚިދުމަތް ކޮށްދެވެނީ. ގާނޫނެއް މަނާ ނުކުރޭ އެހެންވީމާ ކީއްތޯ އެކަމަށް ކުރިމަތި ނުލަނީ. ގައިމުން ބަންގާޅީ އަކު މަދުވެދާނެ ފަހަރުގައި. އަނެއްކާ މިނިސްޓަރުންވެސް އެކަމަށް ކުރިމަތިލަން ފަށާފާނެ ނޫންތޯ؟ އެބޭފުޅުންވެސް ރައްޔިތުންނަށްޓަކާ ޖާނުން ގުރުބާން ވަނީވިއްޔާ؟