ޚިޔާލު

ކޮލަމް ކުލަބަރި: އަންހެނުންގެ ހައްގު، ފިރިހެނުންގެ ޒިންމާ

އަންހެނުންގެ ހައްގުތަކަށް ގޮވާލާ މާލޭގައި ބޭއްވި އެއްވުމެއް: އަންހެނުންގެ ހައްގުތައް ހޯދުމުގައި އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ -- ފޮޓޯ: ޔޫއެންއެފްޕީއޭ

ރާއްޖޭގެ އާބާދީ 400،000 އާ ކައިރިވެފައި ވާއިރު، އދ. އިން ކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުން މަސައްކަތްކުރެވޭ އުމުރުފުރައިގެ ދިވެހިންގެ ތެރެއިން 87،000 މީހުން އެއްވެސް ކަމެއް ނުކުރެ އެވެ. އޭގެ ތެރެއިން 72 ޕަސެންޓަކީ، އެ ދިރާސާ ދައްކާ ގޮތުން، އަންހެނުންނެވެ. އިގްތިސާދީ ގޮތުން ހަރަކާތްތެރި ނުވާ އަންހެނުންގެ ތެރެއިން 41 ޕަސެންޓު މީހުން ސަބަބެއް ކަމަށް ބުނަނީ ދަރިން ބެލުމާއި ގޭތެރޭގެ މަސައްކަތް ކުރަން ޖެހުމެވެ. އެކަމަކު، އެ ސަބަބަށްޓަކައި މަސައްކަތް ނުކުރެވޭ ފިރިހެނުންގެ ނިސްބަތަކީ އެންމެ ޕަސެންޓެކެވެ.

ސިވިލް ސާވިސްގެ އާއްމު މަގާމުތަކުގައި ގިނައިން އަންހެނުން ތިބި ނަމަވެސް، ދައުލަތުގެ ސިޔާސަތު ބައްޓަން ކުރުމާއި ނިންމުންތައް ނިންމުމުގެ ބާރު ލިބިފައިވާ މަގާމުތައް ފުރާ އަންހެނުންގެ އަދަދު ނިސްބަތުން ވަރަށް މަދެވެ. ރައީސާއި ނައިބު ރައީސް ނުހިމަނައި ކެބިނެޓުގައި ހިމެނޭ 15 މިނިސްޓަރުންގެ ތެރޭގައި ތިއްބެވީ އެންމެ ތިން އަންހެނުންނެވެ. ޖުމްލަ 85 މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވީ އެންމެ ފަސް އަންހެން މެމްބަރުންނެވެ. ސިޓީ، އަތޮޅު އަދި ރަށު ކައުންސިލްތައް ހިމެނޭ ގޮތަށް، ރާއްޖޭގައި ތިއްބެވި ޖުމްލަ 1،095 ކައުންސިލަރުންގެ ތެރެއިން އަންހެނުންގެ އަދަދަކީ 64 އެވެ.

މަސައްކަތުގެ މައިދާނުގައި އަންހެނުންނާއި ފިރިހެނުންނާ ދެމެދު އޮތް ތަފާތު ކުރުމުގެ އިތުރަށް އަންހެނުންނަށް ކުރާ އަނިޔާ ވެސް ވަކި ކުޑައެއް ނޫނެވެ. ރަސްމީ ސާވޭއަކުން ދައްކާ ގޮތުން ކޮންމެ ތިން އަންހެނަކުން އެކަކީ ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި އަނިޔާ ތަހައްމަލު ކުރަން ޖެހިފައިވާ މީހެކެވެ. އަނިޔާ އަށް ދިވެހި އަންހެނުން ވަނީ ފާޑަކަށް ހޭނެން ވެސް ހޭނިފަ އެވެ. އދ. އިން 2009 ގައި ކުރި ސާވޭއަކުން ދެއްކި ގޮތުގައި ކައްކާ އެއްޗެހި އަނދާފައި ހުރުމުންނާއި ހުއްދަ ނުހޯދައި ގެއިން ބޭރަށް ދިއުމުގެ އިތުރަށް ޖިންސީ އެދުން ފުއްދުމުން ދުރުހެލިވުމުގެ ސަބަބުން، ފިރިމީހާ އަށް ޖެހުމުގެ ހައްގު އޮންނާނެ ކަމަށް 30 ޕަސެންޓް އަންހެނުންނަށް ވަނީ ގަބޫލުކުރެވިފަ އެވެ. އަންހެނުންގެ ގައިގައި ބައެއް ހާލަތްތަކުގައި ޖެހުން ހުއްދަ ކަމަށް ގަބޫލުކުރާ ފިރިހެނުންގެ އަދަދު ކުރިއަށް ވުރެ އިތުރުވެފައިވާ ކަމަށް 2013 ގައި ހިއުމަން ރައިޓްސް ކޮމިޝަނުން ކުރި ދިރާސާއަކުން ވެސް ދެއްކި އެވެ.

އަންހެނުންގެ ދިފާއުގައި މަސައްކަތް ކުރަން ޖެހެނީ ޒަމާނުއްސުރެ އަންހެނުން "އަޅުވެތި ކުރުމުގެ" ވިސްނުން ގެންގުޅޭތީ އެވެ. އަންހެނުންނަކީ ޖިސްމާނީ އަދި ނަފްސާނީ ގޮތުން ވެސް ބަލިކަށި ބައެއް ކަމަށް މުޖުތަމައު ގަބޫލުކޮށްފައި ވާތީ އެވެ. އެ ކަނބަލުންގެ ހައްގު މަގާމަކީ ގޭތެރޭގައި، ދަރިން ބަލައި ފިރިންނަށް ކައްކާފައި ކާން ދިނުންކަން ބަޔަކު ވިސްނައިދޭން މަސައްކަތް ކުރާތީ އެވެ. ދީނީ ގޮތުން ވެސް އަންހެނުންނަކީ "ދެ ވަނަ ދަރަޖައިގެ" ބައެއް ކަމަށް ބަޔަކު ގަބޫލުކޮށް، އެ ވިސްނުން ފަތުރަން އުޅޭތީ އެވެ.

މި ހުރިހާ ކަމަކާ އެކު ވެސް ޖިންސީ ހަމަހަމަކަން ގާއިމްކުރުމުގެ މަސައްކަތުގައި ރާއްޖޭން ފަހުގެ ތާރީހުގައި އަޅާފައިވާ މުހިއްމު ފިޔަވަޅުތައް ވެސް ފާހަގަކުރަން ޖެހެ އެވެ. އަންހެނުންނާ މެދު ގެންގުޅޭ ތަފާތުކުރުންތައް ނައްތާލުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާގައި ރާއްޖޭން ވަނީ ބައިވެރިވެފަ އެވެ. ޖިންސީ ހަމަހަމަކަމާ ބެހޭ ގާނޫނެއް ހަދައި އަމަލުކުރަން ފަށާފައި ވާއިރު، ދައުލަތުގެ އިދާރާތަކުގަ އާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަތީ މަގާމުތަކުގެ ތެރެއިން ކޮންމެވެސް ވަރެއް އަންހެނުންނަށް ހާއްސަ ކުރުމުގެ އަޑު ވެސް ވަނީ ގަދަވެފަ އެވެ. ވެރިކަމަށް ކުރިމަތިލުމުގެ ފުރުސަތު ވެސް މިހާރު އަންހެނުންނަށް އެބަ އޮތެވެ. މީގެ އިތުުރުން، ކެރިގެން ކަންކަމާ ކުރިމަތިލާ، ފިސާރި އަންހެނުންގެ އަދަދު ވެސް ދުވަހަކަށް ވުރެ ދުވަހެއް އިތުުރު ވާކަން ފާހަގަކުރެވެ އެވެ. އޭގެ ތެރޭގައި ޒުވާނުންގެ ނިސްބަތް ގިނަ އެވެ.

ނަމަވެސް އަންހެނުންގެ ހައްގުގެ ވާހަކަ ދައްކާތީ އެކަމާ ރުޅި އަންނަ މީހުން ގިނަ އެވެ. ރާއްޖެއެކޭ އެއްގޮތަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް އެކަން ފެނެ އެވެ. އެކަމަކު އަންހެނުންގެ ދިފާއުގައި މަސައްކަތް ކުރަން ޖެހެނީ ޒަމާނުއްސުރެ އަންހެނުން "އަޅުވެތި ކުރުމުގެ" ވިސްނުން ގެންގުޅޭތީ އެވެ. އަންހެނުންނަކީ ޖިސްމާނީ އަދި ނަފްސާނީ ގޮތުން ވެސް ބަލިކަށި ބައެއް ކަމަށް މުޖުތަމައު ގަބޫލުކޮށްފައި ވާތީ އެެެވެ. އެ ކަނބަލުންގެ ހައްގު މަގާމަކީ ގޭތެރޭގައި، ދަރިން ބަލައި ފިރިންނަށް ކައްކާފައި ކާން ދިނުންކަން ބަޔަކު ވިސްނައިދޭން މަސައްކަތް ކުރާތީ އެވެ. ދީނީ ގޮތުން ވެސް އަންހެނުންނަކީ "ދެ ވަނަ ދަރަޖައިގެ" ބައެއް ކަމަށް ބަޔަކު ގަބޫލުކޮށް، އެ ވިސްނުން ފަތުރަން އުޅޭތީ އެވެ.

އަންހެނަކަށް ނުވަތަ ފިރިހެނަކަށް ވީތީ ގަބޫލުކުރަން ޖެހޭ ކަންކަން ކަމަށް އަދި އުޅުން ބަހައްޓަން ޖެހޭ ގޮތްތައް ކަމަށް މުޖުތަމައުން ވިސްނައިދީފައިވާ ކަންކަމުން ސިކުނޑި މިނިވަން ކުރަން ޖެހެ އެވެ. އަންހެނުންގެ ހައްގުގެ ވާހަކައިގެ ފުރަގަހުގައި ވަނީ އެ މިނިވަންކަން ހޯދުމުގެ މަސައްކަތެވެ. އަންހެނަކަށް ވީތީ އޭނާގެ މައްޗަށް އެހެން މީހަކަށް ގަދަވެވިގަނެގެން ނުވާނެކަން ކަށަވަރު ކުރުމެވެ. ބޭނުންވާ ރޮނގަކުން ކުރިއަށް ދިއުމުގެ ފުރުސަތު، ފިރިހެނުންނާ ވެސް އެއްފަދައިން އޮންނާނެކަން ޔަގީން ކުރުމެވެ. އަންހެނަކަށް ވީތީ ގެއިން ބޭރަށް ދާން ހުއްދަ ނަގަން ނުޖެހުމެވެ. ފިރިހެނަކާ ވާހަކަދައްކާލާ ކޮންމެ ފަަހަރަކު އެ އަންހެނާއާ މެދު އެހެން ނަޒަރަކުން ނުދެކޭނެ ކަމުގެ ޔަގީންކަން އޮތުމެވެ. އެއާ އެކު، ދަރިން ލިބުން ނުވަތަ އެފަދަ ކަމަކުން އޭނާ ކުރަން ބޭނުންވާ އެހެން ކަމަކަަށް ނުވަތަ ވަޒީފާ އަދާކުރުމަށް ހުރަސް ނޭޅުމެވެ.

މޭކަޕް ކުރަން ބޭނުންވާ އަންހެނުން އެކަން ކުރަންވީ އެވެ. އެފަދަ އެއްވެސް އެއްޗެއް ބޭނުން ކުރަން ހިތް ނުރުހޭ ނަމަ އެ ގޮތަށް ހުންނަންވީ އެވެ. ހެދުން އަޅައި ރީތިވެގެން ނޫނީ ބޭރަށް ދާން ހިތްހަމަނުޖެހޭ ނަމަ ވެވުނުހާ ރީއްޗެއް ވެގެން ބޭރަށް ދާން ވީ އެވެ. ގާތް ރަށްޓެހިންގެ ގޮތުގައި ފިރިހެނުން ތިބޭ ނަމަ އެއީ މައްސަލައެއް ނޫނެވެ. އެ މީހުންނާ އެކު ކޮފީތަކަށް ވެސް ދާން ވީ އެވެ. އެއިން އެއްވެސް ކަމެއް ކުރުން ނުވަތަ ނުކުރުމަކީ އަންހެންވަންތަކަން ގެއްލޭ ކަމެއް ނޫނެވެ. އެއިން ކަމަކުން އަންހެނަކު ނިކަމެއްޗެއް ވެސް ނުވާނެ އެވެ. ބާރު ގަދައެއް ވެސް ވަކި ނުވާނެ އެވެ. އޭގެ ބަދަލުގައި، ކޮންމެ މީހަކަށް ވެސް އަމިއްލަ އިހުތިޔާރު ލިބިގެންވެ އެވެ. އެ އިހުތިޔާރު އެހެން މީހަކަށް، ހާއްސަކޮށް އަމިއްލަ އަށް ގަދަކަން ދައްކަން އުޅޭ ފިރިހެނަކަށް، ނިގުޅައެއް ނުގަނެވޭނެ އެވެ. ނިގުޅައިގަތުމުގެ ފުރުސަތު ވެސް ދީގެން ނުވާނެ އެވެ.

ޖެންޑާ މިނިސްޓްރީ: ޖިންސީ ހަމަހަމަކަން ގާއިމްކުރުމުގެ މަސައްކަތުގައި ރާއްޖޭން ފަހުގެ ތާރީހުގައި މުހިއްމު ފިޔަވަޅުތަކެއް އަޅާފައިވޭ.-- މިހާރު ފޮޓޯ

އަންހެނުންގެ ހައްގުގެ ވާހަކައިގެ އެހެން ފަރާތަކަށް ވެސް ބަލައިލަން ޖެހެ އެވެ. އަންހުންނާ ތަފާތު ވުމަށް ފިރިހެނުންނަށް މުޖުތަމައުން މަޖުބޫރުކުރުމުގެ ސަބަބުން ފިރިހެނުންގެ ސިކުނޑި އަށް ކުރާ އަސަރާ އެކު، އަންހެނުން ތަހައްމަލު ކުރަން ޖެހޭ އަނިޔާގެ ވާހަކަ ދައްކަން ޖެހެ އެވެ. ފިރިހެނަކަށް ވީތީ ފުޓްބޯޅަ ކުޅެން ޖެހެ އެވެ. ދުވެ، ސަކަރާތް ޖަހަން ޖެހެ އެވެ. އެއްގޮތަކަށް ވެސް ރޮއެގެން ނުވާނެ އެވެ. އަންހެނަކާ ރަށްޓެހިކަމުގެ ގޮތުން ވާހަކަ ދައްކާލުމުގެ ބަދަލުގައި ފިރިހެނެއް ނަމަ އުޅެން ޖެހޭނީ "ފައިދާގަނޑެއް ނަގާށެވެ". ބޮޑުވުމުން އާއިލާ ބެލެހެއްޓުމުގެ ޒިންމާ ނަގަން ޖެހެ އެވެ. އެކަމަކު ދަރިން ބަލަން ޖެހޭނީ އަންހެނުންނެވެ. އެއީ، މުޖުތަމައުން ވިސްނައިދީފައިވާ ގޮތުގައި، ފިރިހެނަކަށް ވުމުގެ އަސާސްތަކެވެ.

އެކަމަކު އަންހެނުންނާ ތަފާތު ވުމަށް ފިރިހެނުން ބާރު ގަދަ އަދި ހިތްވަރު ގަދަ ބަޔަކަށް ވާން ޖެހޭނެ ކަމަށް މުޖުތަމައުން ވިސްނައި ދިނުމުގެ ނުރައްކާ ފިރިހެނުންނަށް ބޮޑު ކަމަށް ނަފްސާނީ އިލްމުވެރިން ބުނެ އެވެ. މި މައްސަލައާ ގުޅޭ ގޮތުން އިނގިރޭސިވިލާތުގެ ތަޖުރިބާކާރުންތަކެއް ހެދި ޑޮކިއުމެންޓްރީއެއްގައިވާ ގޮތުން އިންސާނީ ތަބީއަތާ ހިލާފު އެފަދަ އެތައް ސިފަތަކެއް ފިރިހެނުން އަށަގަންނަވަން ޖެހުމުން ފިރިހެނުންގެ ސިކުނޑި އާއި ވިސްނުމަށް ނުރަނގަޅު އަސަރުތަކެއް ފޯރަ އެވެ. އޭގެ ސަބަބުން ޑިޕްރެޝަނާއި އެންޒަޔަޓީ ފަދަ ނަފްސާނީ މައްސަލަތަކާ ހަނގުރާމަކުރަން ޖެހި، އަމިއްލަ އަށް މަރުވާ ހިސާބަށް ވެސް ދާ ކަމަށް އެ ތަޖުރިބާކާރުން ގަބޫލުކުރެ އެވެ. އަންހެނުންނަށް އިހާނެތިކޮށް ހިތައި އަނިޔާވެރިވާ އެއް ސަބަބަށް އެކަން ވެދާނެ ކަމުގެ އިންޒާރު ވެސް އެމީހުން ދެ އެވެ.

އަންހެނުންގެ ހައްގުގައި މަސައްކަތް ކުރަން ޖެހެނީ ހަމައެކަނި އަންހެނުންކަން ގަބޫލުކުރި ދުވަސް މާޒީވެ ހިނގައްޖެ އެވެ. ފިރިހެނަކަށް ވީތީ ޒަމާނުއްސުރެ ލިބެމުން އަންނަ ހައްގުތަކާއި މިނިވަންކަމާއި ފުރުސަތުތައް ހަމަ އަންހެނުންނަށް ލިއްބައި ދޭން ޖެހޭ ދުވަސް އަތުވެއްޖެ އެވެ. ހައްގުގެ ވާހަކަ ދައްކާ އަންހެނުންނަށް ތާއީދުކުރަންް ޖެހެނީ އެހެންވެ އެވެ. އެ ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތްތަކަށް ސާބަސް ދިނުމާ އެކު އެ މީހުންނާ އެއް ހަމައެއްގައި ހައްގު ހޯދައިދޭން ފިރިހެނުން ވެސް ނުކުންނަން ޖެހެ އެވެ. އަންހެނުންގެ ހައްގުގެ ވާހަކައަކީ އިންސާނީ ހައްގުގެ ވާހަކަ އެވެ. އެ ވާހަކައާ އެކު މި ދެއްކެނީ އިންސާނަކަށް ވީތީ ލިބެން ޖެހޭ ހައްގުތަކުގެ ވާހަކަ އެވެ.

އެއީ ފިރިހެނެއް، އަންހެނެއް އިސްތިސްނާ ކުރުމެއް ނެތި މުޅި އިންސާނީ ނަސްލުގެ މިލްކެކެވެ. އަންހެނަކަށް ވުމުން އޭނާއާ މެދު ވަކި ގޮތަކަށް ދުށުމުގެ ބަދަލުގައި އިންސާނެއްގެ ނަޒަރުން ވިސްނާށެވެ. އެއީ ފިރިހެނުންގެ ޒިންމާއެކެވެ.

14 ކޮމެންޓް, 29 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 3%
icon angry icon angry 79%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެދުރު

26 August 2016

ކިތަންމެ ވަރަކަށް އަންހެނުންނާ ފިރިހެނުން ހަމަހަމަކުރަން އުޅުނަސް އެކަމެއްނުވާނެ. އެއީ އިންސާނީ ފިތުރަތާ ޚިލާފުކަމެއް. ހަމަހަމަ ކުރުމުގެނަމުގަ ހުޅަނގުގެ އަންހެނުން ވަނީ ފިރިހެނުންގެ ކުޅޭ އެއްޗަކަށް ހަދާފަ. އަންހެނުންގެ ހައްގުތައް އެންމެ ފުރިހަމަގޮތުގައި ރައްކާތެރިކޮށްދީފައިވަނީ އިސްލާމްދީނުގަ. މިކަމުގެ ސާފު ހެއްކަކީ ހުރިހާ މިނިވަންކަމެއް އަންހެނުންނަށް ދީފައިކަމަށް ބުނާ ހުޅަނގުގެ ގައުމުތަކުގައި އިސްލާމްވާ މީހުންގެ ތިންބައިކުޅަ ދެބަޔަކީ އަންހެނުން.

The name is already taken The name is available. Register?

ގގ

24 August 2016

އަންހެނުންގެ ދިފާއުގައި މަސައްކަތް ކުރަން ޖެހެނީ ޒަމާނުއްސުރެ އަންހެނުން "އަޅުވެތި ކުރުމުގެ" ވިސްނުން ގެންގުޅޭތީ އެވެ. އަންހެނުންނަކީ ޖިސްމާނީ އަދި ނަފްސާނީ ގޮތުން ވެސް ބަލިކަށި ބައެއް ކަމަށް މުޖުތަމައު ގަބޫލުކޮށްފައި ވާތީ އެވެ. އެ ކަނބަލުންގެ ހައްގު މަގާމަކީ ގޭތެރޭގައި، ދަރިން ބަލައި ފިރިންނަށް ކައްކާފައި ކާން ދިނުންކަން ބަޔަކު ވިސްނައިދޭން މަސައްކަތް ކުރާތީ އެވެ. ދީނީ ގޮތުން ވެސް އަންހެނުންނަކީ "ދެ ވަނަ ދަރަޖައިގެ" ބައެއް ކަމަށް ބަޔަކު ގަބޫލުކޮށް، އެ ވިސްނުން ފަތުރަން އުޅޭތީ އެވެ ނޫސްވެރިޔާ ބުނަން އުޅޭ އެއްޗެއް ނުވިސްނުނު!

The name is already taken The name is available. Register?

ފފ

24 August 2016

އެމެރިކާ ޔާއި އިންގިރޭސި ވިލާތުގެ މަޖިލިސްގައި ތިބީ ކިތަށް އަންހެނުންތޯ، ކެބިނެޓްގައި ތިބީ ކިތަށް އަންހެނުންތޯ ބައްލަވާ ބަލަ!

The name is already taken The name is available. Register?

މުޙައްމަދު

24 August 2016

ދަރީންނަށް މާބަނޑު ވުމާއި ވިހެއުމަކީ ވެސް އަންހެނުން ކުރަން ޖެހޭ ކަމެއް ކަމަށް ފިރިހެނުން ގަބޫލުކުރާ ކުރުން ވެސް ބަދަލު ކުރަން ޖެހޭނެކަމަށް މި އާރޓިކަލް ލިޔުނު ނޫސްވެރިޔާ އަށް ބުނަން ނުކެރުނީ ކީއްވެބާ؟؟؟؟؟ ހުޅަނގު ގެ އެވޯރޑްތަކާއި އިނާމުތައް ބޭނުން ނަމަ އެވަރަށް ވެސް ނޫސްވެރިން ހިތްވަރު ގަދަ ވާން ޖެހޭނެއެވެ!!!!

The name is already taken The name is available. Register?

ޒައީމާ

24 August 2016

މި އާރޓިކަލުން ޕްރޮމޯޓުކުރަން މަސައްކަތްކޮށްފައިވަނީ އަންހެނުންނާ ބޭހޭގޮތުން ހުޅަގުން ދެކޭގޮތުގެ ފަލްސަފާއެވެ. އަނެހެނުންގެ ސަޕޯޓު ހޯދުމަށް ނަމަވެސް އިލްމީގޮތުންނާއި ދީނީ ގޮތުން ކަންކަން އޮތްގޮތް ނޭގި މިފަދަ ލިއުންތައް ލިއުމަކީ ޖާހިލްކަމަުގެ އެންމެ މަތީ ދަރަޖައެވެ. އިސްލާމް ދީނުގައި އަނެހެނުންނަކީ ވަރަށް މަތީ މަގާމެއް ދެވިފައިވާ ބައެކެވެ. އެއީ މުޖްތަމައުގެ ދެބައިކުޅައެއްބައިކަމަށް ކީރިތި ރަސޫލާ ވެސް ވިދާޅުވެފައިވެއެވެ. އިސްލާމް ދީނުގައި އަނެހެނުންނަށް އަނިޔާވެރިވުމެއް ނޯވެއެވެ. އެހެނީ އެއީ މަންމައެކެވެ. ދައްތައެކެވެ. ނޫނީ އަންބެކެވެ. އެހެންކމަުން ތަބީއީ ގޮތުންވެސް އެކަބަލުންނަށް އަނިޔަވެރިވުމަކީ ދީން ކުއްކަުަރަންތޯ އިންސާނިއްޔަތުވެސް ދަންނަކަމެއް ނޫނެވެ. މިހެން މިކަން އޮއްވާ މުޖްތަމައުގެ އުޅޭ މަދު ޖާހިލުން އަންހެނުންނާ މެދު އަމަލު ކުރާ ގޮތަކުން އެކަބަލުންނަށާ އާއިލާއަށް މުޅި މުޖްތަމއުއަށް ލިބޭ ގެއްލުން ހުޅަގުގެ ފަލްސަފާ އާ އެއްގޮތަށް އަނިޔާވެރިކަމެއްގެ ގޮތުގަ ސިފަކުރާނަމަ ހަގީގީ މައްސަލައަކަށް އިްނސާފެެއް ނުކުރެވެއެވެ. ހަގީގީ މައްސަލައަކީ އިސްލާމް ދީނުގައި އނަްހެނުންނަށް ކަށަވަރުކޮށްދީފައިވާ ހައްގުތަކާއި ޒިންމާތަކާއި މަސްއޫލިއްޔަތުތައް ނޭގުމުގެ މައްސަލައެވެ. އަންހެނުންނަށް ދެވިވާ ގަދރާއި މަތިވެރިކަން ނޭގޭތީއެވެ. އަމިއްލއަށް ލިބިގަތް ޖާހިލުކަމުގެ ފަރުވާ އަކަށް ހުޅަގުގެ ފަލްސަފާ މިކމަުގެ ތެރެއަށް ވެއްދީމާ މީހަކަށް އެއްޗެއް އޮޅުމެއް ނުފިލާނެއެވެ. އޭގެ ބަދަލުގައި ޖާހިލުކމަުން ނިކުމެ، ދީނުގައި އޮތީ އަންހެނުންގައިގަ ތެޅުންތޯ ނުވަތަ ކާރު ދުއްވުން މަނާތޯ ނޫނީ ބޭރަށް ދެވޭނީ ކަފު ޖަހައިގެންތޯ އިލްމީ ނަޒަރަކުން ބަލާލަމާ ހިގާށެވެ. ބައެއްގެ އާދަކާދައިގެ ހުންނަ ބައިތައް އިސްލާމް ދީނަށް މަތިކޮށް ހުޅަގުގެ ފަލްސަފާގެ ތެރެއިން ކަންކަން މިނަންޖެހޭބާއެވެ؟ އަންހެންމީހާ މީހަކާ އިނުމުން އޭނާއަށް އޭނާގެ މަންމައާ ބައްޕަ ދީފައިވާ ރީތި ނަމުގެ ފަހަތަށް އޭނާގެ ލޮބުވެތި ބައްޕަ ގެ ނަން ބޭނުން ނުކުރެވޭ ހުޅަގުގެ ފަލްސަފާއިން އަންހެނުންގެ ހައްގުތައް ކަށަވަރުކުރަން ނޫޅޭށެވެ. @ ނުޖަހާނެކަން ވެސް އެގެއެވެ.

The name is already taken The name is available. Register?

މީހަގީގަތް

24 August 2016

ހަމަހަމަ ގިނަ ފިރިހެނުން އަންހެނުނަށް ޖިސްމާނީގޮތުންނާއި ނަފްސާނީގޮތުވެސް ވަރަށް އަނިޔާދޭ، އަދި ހިރިހެނުންނަށް ވަރަށް ބޮޑަށް އަނިޔާދޭ އަންހެހުންވެސް މަދެއްނޫން!

The name is already taken The name is available. Register?

ސޮފް

26 December 2016

ފިރިހެނުންނަށް އަނިޔާ ދޭ އަންހެނުން ވެސް ހަމަ ގިނަ...

The name is already taken The name is available. Register?

ނޯ

24 August 2016

ޢަންހެނުން ނަށް އެކަނިތަ އަނިޔާ ލިބެނީ.

The name is already taken The name is available. Register?

ސޮފް

26 December 2016

ފިރިހެނުންނަށް ވެސް އަނިޔާ ދޭ އަންހެނުން ވެސް ވަކި މަދެއް ނޫން.... ފިރިހެނުންނަށް ވެސް އަނިޔާ ދޭ

The name is already taken The name is available. Register?

އަލީ

24 August 2016

އަންހެނުންގެ ހައްގު ހޯދުމުގެ ވާހަކަ ފަށާއިރަށް އަޅުގަޑުގެ ރައްޓެހި ފިރިހެނުން ދައްކާވާހަކައަކީ އަދި ބުނޭ ފިރިހެނުން އުފުލާ ބަރު އުފުލުނު ދުވަހަކުން ތިވާހަކަ ދައްކާށޭ. އެމީހުނަށް ވިސްނިފައޮންނަނީ އަންހެންބޭރުންވަނީ ފިރިހެނުންނަށްވާންހެން. އެކަމަކު އަންހެނުން ބޭނުންވަނީ ހަމަހަމަކަމް. މުޖުތަމައުގައި ފިރިހެނުންނަށް ލިބޭ ފުރުސަތުތަކާއި ފިރިހެނުންނަށް އޮންނަ ފަސޭހަތައް ލިބުން. ވަޒީފާއަށް ދެމީހުންވެސް ދާންމަޖުބޫރުވޭ މިހާރު. އެކަމަކު އޮފީހުންއައިސް ގޭގެ ހުރިހާމަސައްކަތް ކުރަންޖެހޭނީ އަންހެނުންކަމުގައި އޮންނަ ވިސްނުން ބަދަލުވުން. ވަޒީފާއަށް ދަމުން، ގޭތެރޭހެ ހުރިހާކަމެއް ބަލަހައްޓަމުން، ފިރިމީހާއަށް ގަޑިންގަޑިއަށް ކައްކައި ކާންދީ، އަންނައުނުދޮވެ އިސްތިރިކޮށްދީ، ދަރިންގެ ހުރިހާކަމެއް ބަލަހައްޓަން ބޭނުންވާބަޔަކު ކުރަންވީ. އެކަމަކު އެއީ އަންހެނުން ކޮންމެހެން ކުރަންޖެހޭ ކަންތައްކަމުގައި ގަބޫލުކުރާ ފިރިހެނުންގެ ވިސްނުން ބަދަލުކުރަންވީ.

The name is already taken The name is available. Register?

އެސޭ

24 August 2016

އަންހެނުންނަކީ ނަފްސާނީ އަދި ޖިސްމާނީ ގޮތުންވެސް ބަލިކަށެއް ބައެއް ނޫން. އެކަމަކު ޖިސްމާނީ ގޮތުން "ބަޔޮލެޖިކަލީ" އެވްރެޖްކޮށް އަންހެނުން ފިރިހެނުންނަށްނަށް ނިކަމެތިވާނެ. އަދި ނަފްސާނީ ގޮތުން "ސައިކޮލލޮޖިކަލީ" ފިރިހެނުންނާ ތަފާތު ބައެއް. ނަފްސާނީ ގޮތުން ބަލާއިރު، ބައެއް ކަންތަކުގައި ފިރިހެނުންނަށްވުރެ ވަރުގަދަ އަދި ބައެއް ހާލަތްތަކުގައި ބަލިކަށި ބައެއް. ސައިންސާއި ނިއުރޮލޮޖީ، ބައޮލިޖީ އަދި ސައިކޮލިޖީ އަށް ބަލާއިރު ދެޖިންސުގެ ހުރި ތަފާތުތަކަށް ރިޢާޔަތް ނުކޮށް ޤާޢިމްކުރާ ހަމަހަމަކަމަކީ ހަޤީޤީ ހަމަހަމަކަމެއްނޫން. މިސާލަކަށް ފަލަ މީހަކާއި ހިކި މީހަކަށް ހަމަހަމަކުރަން އެއް ސައިޒެއްގެ ދެހެނދުން ދިނުމުން އޭގެ ހަޤީޤީ ފައިދާ ލިބޭނެތޯ؟

The name is already taken The name is available. Register?

އެބަތިބި

24 August 2016

އަންހެން ކަނބަލުންގެ ތެރެއިން ސިޔާސީ މައިދާނުގައި ވެސް ފައި ހަރުލެވޭނީ އެކަމަށް މަސައްކަތް ކުރާ ހީވާގި މުރާލި އަންހެން ކުދިންނަށެވެ. މަމެން ޕިންކް ކުދިން ނަށް ވަރަށް ފާހަގަ ކޮށްލެވޭ މުޅި ރާއްޖޭން ވެސް އެމްޑީޕީގެ ރައީސް ނަޝީދުގެ ސެކްރެޓޭރިއެޓް އަކަށް އުޅުއްވާ އަންހެން ކަނބަލަކު. ވަރަށް ހީވާގިވެފައި ވަރަށް މުރާލި ވެފައި ވަރަށް ބުރަކޮށް މަސައްކަތް ކުރެއެވެ. އަނެއް ކޮޅުން ދަތި އުނދަގުލުން ނަތީޖާ ނެރެދެވޭތޯ ވެސް ވަރަށް ހިންމަތް ކުރެއެވެ. މިފަދަ އަންހެން ކަނބަލުން ރާއްޖޭގެ ސިޔާސީ މައިދާޏުގައި ފްލޭޝް ފޯރވާރޑް ކޮށްފިނަމަ ރާއްޖޭގެ އަންހެން ކަނބަލުންނަށް ބޭސްލައިނެއް ކްރިއޭޓް ކުރެވިގެން ދާނެއެވެ. މިފަދަ ކަނބަލުން އެބަޖެހޭ ކެރިގެން މަޖްލީހުގެ މެމްބަރުންނަށް ވެސް ކުރިމަތި ލާ އަދި އޯޕަން މައިންޑަކުން ވިސްނަން ދަސްކުރަން. ޕޮލިޓިކްސް އަކީ އެއީ އޯޕަން މައިންޑަކުން ވިސްނައިގެން ނޫންނަމަ ކުރިއެރުން ނުލިބޭނެ ކަމެއް ކަން އެއީ ކަށަވަރުވެ ޔަގީންވާކަމެވެ. މީ ރާއްޖޭގެ ސިޔާސީ ދާއިރާ އަށް ކުރިމަތިލާން ބޭނުންވާ ޒުވާން އަންހެން ކަނބަލުންގެ ވިސްނުމުގެ ޑިރެކްޝަން ބަދަލު ކުރަން ޖެހޭނެ ގޮތް ކަމަށް މަމެން ޕިން ކުދިން ދެކެނީ. މަމެން ޕިންްކް ކުދިންނަށް ވިޔަސް އެމްޑީޕީގައި ވެސް ތިބި ރަނގަޅަށް މަސައްކަތް ކުރާ މީހުންނަކީ އެއީ މަމެން ވެސް ހެޔޮ ހިތުން އެކުދިން އެކުރާ ބުރަ މަސައްކަތް ބަލައިގަންނަ ބަޔެކެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454