ބޭންކް އޮފް ސިލޯނުގެ މާލޭ ބްރާންޗް--މިހާރު ފޮޓޯ: ނިޝާން އަލީ
30 ޖެނުއަރީ 2019 - 13:58
ބެންކް އޮފް ސިލޯންގެ ދެ ވަނަ ބްރާންޗު ހުޅުމާލޭގައި މާދަމާ ހުޅުވާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.
ބޭންކް އޮފް ސިލޯންގެ ރާއްޖޭ ބްރާންޗުގެ ކަންޓްރީ މެނޭޖަރު ބީ.ކޭ ގުރޫސިންހަ ވިދާޅުވީ، ހުޅުމާލޭގައި ހުޅުވާ މި ބްރާންޗުން ބޭންކް އޮފް ސިލޯން މާލޭ ބްރާންޗުން ލިބޭ ހުރިހާ ހިދުމަތެއް ލިބޭނެ ކަމަށެވެ. އެގޮތުން ކަސްޓަމަރުންގެ ޑިޕޮސިޓް ފައިސާ އާއި ހުރިހާ އެޕްލިކޭޝަންތަކެއް ބަލައިގަންނާނެ އެވެ. އަދި އޭޓީއެމްގެ ހިދުމަތް ވެސް އެ ބްރާންޗުން ލިބޭނެ އެވެ.
މި ބްރާންޗް ހުންނާނީ ސެންޓްރަލް ޕާކް ކައިރީގައި ހުންނަ އަމިން އެވެނިއުގެ ކޮމާޝަލް ބްލޮކްގަ އެވެ.
އިތުރު ބްރާންޗެއް ހުޅުވުމުގެ ބޭނުމަކީ ރާއްޖޭގައި އެ ބޭންކުގެ ހިދުމަތް ފުޅާކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ހިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.
ބޭންކް އޮފް ސިލޯނަކީ ރާއްޖޭގައި ހިދުމަތްލިބޭ ސްރީ ލަންކާގެ ހަމަ އެކަނި ބޭންކެވެ. ބޭންކު އޮފް ސިލޯނު އެންމެ ފުރަތަމަ އުފައްދާފައިވަނީ 1939 ވަނަ އަހަރު އެވެ. ސްރީ ލަންކާގައި ބޭންކުގެ ހިދުމަތް ފުޅާކޮށް، ތިން ގައުމެއްގައި މިހާރު ވަނީ ބްރާންޗުތައް ގާއިމްކޮށްފަ އެވެ. އެގޮތުން މާލޭގެ އިތުރުން އިންޑިއާގެ ޗެންނާއީ އާއި އިނގިރޭސިވިލާތުގެ ލަންޑަންގައި ވެސް ބްރާންޗުތައް ވަނީ ގާއިމްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝޮކްތެރަޕީ
31 January 2019
ރާއްޖޭގެ ބެންކު ސިރީލަންކާގަ ހުޅުވަން ޔާމިން އުޅުނު ދެންނޭގެ މިކަންކުރާނެހެން.
ޙިނި
30 January 2019
ރާއްޖޭ ބޭންކުތައް ވެސް މިގައުމުތަކުގައި ހުޅުވުމުގެ ފުރުސަތު ދިވެހިންނައްވެސް ލިބެންޖެހޭ.