ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަރެކްޝަނަލް ސާވިސް އޮފިސަރުންގެ ބެލުމުގެ ދަށުން މިއަދު ދޫނިދޫ ޖަލަށް ގެންދަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
18 ފެބުރުއަރީ 2019 - 18:42
ތިން ބާރު މުށުތެރެއަށް ލައްވައިގެން ވެރިކަން ކުރެއްވުމުގެ އެތައް ތުހުމަތެއް އިސްތަށިފުޅުގައި އެޅިފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކްރިމިނަލް ކޯޓުގެ މުވައްޒަފަކާ އެކު، އެ ކޯޓުގެ ޝަރީއަތުގެ މާލަމަށް މިއަދު ވަދެވަޑައިގެންނެވި އިރު، އެމަނިކުފާނުގެ މޫނުފުޅުން ފެނުނީ ހާސްކަމާއި ނުތަނަވަސްކަމެވެ.
ހުދާއި އަޅި ކުލައިގެ ގޮޅި ޖެހި ގަމީހެއް ތުރުކުރައްވައިގެން ހުންނެވި ޔާމީން ވަޑައިގެން ގޮނޑިކޮޅުގައި އިށީނދެވަޑައިގަތުމަށް ފަހު، ފުރަތަމަ ވެސް ވާހަކަފުޅު ދައްކަވަން ފެއްޓެވީ ދެ ފަރާތުގައި ތިއްބެވި އެމަނިކުފާނުގެ ދެ ވަކީލުން ކަމަށްވާ އަބްދުﷲ ޝިޔާޒާއި އާދަމް އާސިފްއާ އެވެ. އަތްޕުޅުގައި އޮތް ގަޑި ދައްކަވާފައި އެމަނިކުފާނު ކުރެއްވީ ޝަރީއަތް ނުފެށި ލަސްވާ ކަމުގެ ޝަކުވާ އެވެ.
ޔާމީންގެ ވަކީލް ޝިޔާޒް މިއަދު ކޯޓުން ނުކުމެވަޑައިގަންނަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
ޔާމީންގެ މައްޗަށް ޕްރޮސެކިއުޓަ ޖެނެރަލް އޮފީސް (ޕީޖީ) އިން ދައުވާ އުފުލައި ކްރިމިނަލް ކޯޓަށް ފޮނުވީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްފައި ހުރި ފައިސާ ލޯންޑަކުރި މައްސަލައިގަ އެވެ. މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުރި ޔާމީންގެ ޑޮލަރު އެކައުންޓަކަށް ދެ ޗެކަކުން އެސްއޯއެފް މެދުވެރިކޮށް ފައިސާ ޖަމާކުރީ އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ޚިޔާނާތް ފަޅާއަރާފައި ވަނިކޮށެވެ.
ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑްރިންގެ މައްސަލަ އާއި އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައިގެ ތެރެއަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނެ، މަނީ ލޯންޑްރިން މައްސަލައިގެ ޝަރީއަތް ނިމެންދެން ޔާމީން ބަންދުގައި ބެހެއްޓެމުގެ އަމުރަކަށް ޕީޖީން އެދުމުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ވަނީ އެ އަމުރު ނެރެ ދެއްވައިފަ އެވެ.
ޝަރީއަތުގެ މަޖިލިސް ފެށުމުގެ ކުރިން، ޔާމީން ވަނީ ޝިޔާޒް އާއި އާސިފްއާ މަޝްވަރާ ކުރައްވައި، ގިނަ ވަގުތު ކޯޓުގައި ހޭދަކުރައްވަން ޖެހިވަޑައިގެންނެވި ކަން ފާހަގަކުރައްވައިފަ އެވެ. ކްރިމިނަލް ކޯޓުގައި ޝަރީއަތުގެ އަޑުއެހުން ތާވަލްކޮށްފައި ވަނީ މެންދުރު ފަހު 1:30 ގަ އެވެ. ޝަރީއަތުގެ މަޖިލިހަށް ޔާމީން ވަންނަވައި، ޝަރީއަތް ފެށިއިރު، ގާތްގަނޑަކަށް ތިނެއް ޖަހަނީ އެވެ.
ޔާމީން ކޯޓަށް ހާޒިރު ކުރި ވަގުތު، އެމަނިކުފާނުގެ ދަރިކަލުން ކޯޓު ބޭރުގައި. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
"އަޅުގަނޑު ތަނެއްގައި ބޭންދި ގޮތަށް ތެދުވެގެން މި ތަނަށް މި އައީ،" ކްރިމިނަލް ކޯޓުގައި ތާވަލްކުރި ޝަރީއަތް ނުފަށައި ދޮޅު ގަޑިއިރަށް ވުރެ ގިނަ އިރު ވިކަން ފާހަގަކުރައްވައި ވަކީލުންނަށް ޔާމީން ވިދާޅުވި އެވެ.
ޔާމީން އެހެން ވިދާޅުވުމާ އެކު، ވަކީލުން ވަނީ ގާޒީ އަށް ފެންނަ ވަގުތެއްގައި ޝަރީއަތް ފަށާނެ ކަން ފާހަގަކުރައްވައިފަ އެވެ. އެއަށް ފަހު، ޝަރީއަތް ފެށުމުގެ ދެތިން މިނިޓް ވަންދެން ޔާމީނާއި އެމަނިކުފާނުގެ ވަކީލުން ވަނީ ދައުލަތުން ކޯޓަށް ފޮނުވި މައްސަލައާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ. ނަމަވެސް، ޔާމީނާއި ވަކީލުން ވާހަކަ ދެއްކެވީ ސިއްރުން ކަމަށް ވާތީ، އެ ވާހަކަތަކުގެ ތަފްސީލެއް ނޭނގެ އެވެ.
ޝަރީއަތް ތާވަލް ކުރި ގަޑިއަށް ވުރެ ފަހުން، ފެށުމުން ޔާމީން ކަންބޮޑުވުން ފާޅުކުރެއްވި ނަމަވެސް، ޝަރީއަތުގެ މަޖިލިސް ހިނގަމުންދިޔަ ވަގުތު ހައިލަމްގެ ސަމާލުކަމަށް އެކަން އެމަނިކުފާނު ނުގެންނަވަ އެވެ.
ނަމަވެސް އަޑުއެހުމުގައި ވަކީލް އާސިފް ވިދާޅުވީ ކްރިމިނަލް ކޯޓުގައި އަޑުއެހުން އޮންނަ ކަން ޔާމީނަށް އެނގިވަޑައިގަތީ ޝަރީއަތް ފެށުމުގެ އެއް ގަޑިއިރު ކުރިން ކަމަށެވެ. އެހާ ވަގުތު ކުޑަތަންވެފައި ވަނިކޮށް، ކޯޓަށް ވަޑައިގެންފައިވާތީ، އެމަނިކުފާނު ކުށެއް ނުކުރައްވާކަން ހާމަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޔާމީންގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ ބައެއް ޝަރީއަތުގެ އަޑުއެހުންތައް ވަރަށް ބޮޑަށް ލަސްވެފައިވާތީ، ދައުވާ ލިބިވަޑައިގެންނެވި ސިޔާސީ ބައެއް ބޭފުޅުން އެކަމުގެ ޝަކުވާ ވަރަށް ބޮޑަށް ކުރައްވާފައިވެ އެވެ.
ޔާމީންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދާއިރު، އެމަނިކުފާނުގެ ސަޕޯޓަރުންތަކެއް ކޯޓުގެ ބޭރުގައި.---ފޮޓޯ: ނިޝާން އަލީ/މިހާރު
އެގޮތުން، ޔާމީންގެ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް ކުރި ދައުވާއަކާ ގުޅިގެން އެމަނިކުފާނު ކްރިމިނަލް ކޯޓުގައި އަށް ގަޑިއިރެއްހާ އިރު އިންނަވަން ޖެހުނެވެ. އަދި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދާއި ސިޔާސީ ބައެއް ބޭފުޅުންގެ ޝަރީއަތްތައް ތާވަލްކުރި ގަޑިއަށް ވުރެ އެތައް އިރެއް ފަހުން ފަށާފައި އެބަ ހުއްޓެވެ.
ޔާމީންގެ ޝަރީއަތް ކުރިއަށް ދިޔަ ވަގުތު، އެމަނިކުފާނު ވާހަކަފުޅު ދައްކަވަން ލިބިވަޑައިގެންނެވި ފުރުސަތުގައި ކޮޅަށް ތެދުވެވަޑައިގެން، ނަން ވިދާޅުވުމަށް ފަހު، ވަރަށް ހަމަޖެހިލައިގެން ހުންނަވައި، ކުށުން ބަރީއަވުމަށްޓަކައި މަސައްކަތް ކުރެއްވި އެވެ. ހާއްސަކޮށް، ޕީޖީން ދެއްކި ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.
އާދައިގެ ގޮތަކަށް ހެދުން ތުރުކުރައްވައިގެން ހުންނެވި ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ބުރަކަށީގައި ރިއްސާ ކަމަށާއި ގަވައިދުން އެކަމަށް ފަރުވާ ކުރަމުން އަންނަ ކަމަށެވެ. އެހެންވެ، ޝަރީއަތް ނިމެންދެން ބަންދު ކުރާއިރު، އެކަމަށް ރިއާޔަތްކޮށް ދެއްވުމަށް ޔާމީން ވަނީ ގާޒީގެ ކިބައިން އެދިވަޑައިގެންފަ އެވެ.
"އަޅުގަނޑު ކޯޓުގައި ގިނަ ވަގުތު އިންނަން ޖެހުނު އިރު، އަޅުގަނޑުގެ ބުރަކަށީގައި ރިހޭ. އެހެންވެ، އަޅުގަނޑަކީ އެކަމަށް ފަރުވާ ހޯދަމުން ދާ މީހެއް،" ޔާމީން ވިދާޅުވި އެވެ.
ނަމަވެސް ހައިލަމް އެއިން އެއްވެސް ކަމަކަށް ރިއާޔަތް ކުރެއްވުމެއް ނެތި އަމުރުކުރެއްވީ ބަންދު ކުރުމަށެވެ.
ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑްރިންގެ މައްސަލައާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދު ކުރަން ހައިލަމް ނިންމެވުމާ އެކު، ޔާމީންގެ މޫނުފުޅުން ފެނުނީ އިތުރު މާޔޫސް ކަމެވެ. އަދި ޝަރީއަތް ނިމުނު ފަހުން، ދިފާއީ ވަކީލުންނާ މަޝްވަރާ ކުރެއްވި މަންޒަރު ފެނުނެވެ.
ޔާމީންގެ ވެރިކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ލީޑަރު އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ޝަރީއަތް ގެންދިޔަ ގޮތް ގިނަ ބައެއްގެ ހަނދާނަށް މިހާރު އަންނާނެ އެވެ. އަދި އޭގެ މާ ފަހުން، މައުމޫންގެ އިތުރުން ކޮއްކޯފުޅު ފާރިސް މައުމޫނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންނާއި އިދިކޮޅު ބައެއް މެމްބަރުން ޖަލަށް ލައި، އެ ބޭފުޅުންގެ ޝަރީއަތްތައް ހިންގި ގޮތުގެ ހަނދާންތައް އަނެއްކާ މިއަދު ވަނީ އާވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުކޮސް
20 February 2019
ކީކޭ ކިޔަންބާ މިޚަބަރުގަ މިއުޅެނީ؟؟ އޭރުގެ އެކަންތައް ޔާމީނުގެ ބޮލަށް ކަނޑާލަންޏާ މިހާރު އެކަން ކުރަނީ ޞާލިޙު. އެހެންވީމާ ޞާލިޙުކުރީމާ މިހާރު އެކަމަށް ތާއީދު ތިކުރެވެނީ. ހަމައެއްކަމެއް. އޭރު އެކަން ޤާޟީންގެ ބޮލަށް ކަނޑާލަންޏާ ޔާމީނު އޭގަކުރާނެކަމެއް ނެތް. އަދިކިއެއް! އެއިން އެނގެނީ ޞާލިޙު އެކަމާ އަޅާނުލީމާ، ޞާލިޙު ޤާޟީންގެ ކަންކަމަށް އަތްނުބާނާ ފަދައިން ޔާމީނުވެސް ޤާޟީންގެ ކަންކަމަށް އަތް ނުބާނާކަން. ދެން މިޚަބަރުގެ ބޭނުމަކީ އަޅެފަހެ ކޮބާބާ؟؟!!
މަންސޫރު
20 February 2019
ޔާމީނު ހުވާކުރީވެސް ހަފްތާއެއް ފަހުންނުން؟ އަކަމާއި ހެދި އިބޫ ހުވާކުރަން ޖެހުނީވެސް ފަހުންނުން؟ މައްސަލައެއް ނޫން ދެއްތޮ؟
ބަރާބަރު
19 February 2019
"އެހާ ވަގުތު ކުޑަތަންވެފައި ވަނިކޮށް، ކޯޓަށް ވަޑައިގެންފައިވާތީ، އެމަނިކުފާނު ކުށެއް ނުކުރައްވާކަން ހާމަވާ ކަމަށް އޭނާ ވިދާޅުވި އެވެ." މިހެން ކޯޓައް ދާއެންމެން ދޫކޮއްލަން ވީނު ކުށެއް ނުކުރާ ކަމައް ބަލާފަ....
ދޮންބީފާނު މައިބަދަ
19 February 2019
ކަމަކު ނުދާނެ. ކޯޓަށް ފިލައިގެން އެންބަސީ ތަކުންނާއި ފިހާރަފިހާތަކުގެ ފޮށިފޮށިގަނޑު ތެރޭންނާއި އަހަރުމެން ރަށަށް ގޮސް މަގޭ އެނދު ތަންދޮށުންނާ މިހެން އުޅޭ މީހުން ދޫކުރަން ވާނީ. އަދި ކޯޓު ދޮރުމައްޗަށް ވެއްޓިގަންނަންވެސް ވާނެ.
މުޙުއްމާ
19 February 2019
މީނަ މިހާރު ހަދާނެއް ނެތް ދޯ މީނައަށް ވެރިކަން ހޯދާދިން މީނަގެ 80 އަހަރުވެފައިވާ ބޭބެ ގެންގޮސް އެއްވެސް ކުށެއް ނެތީސް ކޯޓްގަ އެތަށް ގަޑިއިރު ބޭންދި ހަދާނެއް.
ދޮންބެއްޔާ
19 February 2019
ނިމިދިޔަ އަހަރު، ޢުމުރުން 80 ގެ މައްޗަށް ގޮސްފައިވާ ބޭފުޅަކު، 11 ވަރަކަށް ގަޑިއިރުވަންދެން ހޭވެސް އަހާނުލައި ކޯޓުގައި ބޭންދެވުމަށްފަހު ޖަލަށް ގެންދެވި ވާހަކަ ކޮންމެވެސް ބޭފުޅަކު ވިދާޅުވި އަޑު އެހިން. އެހެންވީމާ އެވެސް ދުވަހެއްތާ
ކިނބޫ
19 February 2019
އެއީނު އިންސާފަކީ. އެހެން ނޫންނަމަ މިއަދަކު އެގޮތަކަށް ޖަލަކަށް މީހުނެއް ނުގެންދާނެނު. މިއީ އިންސާފޮ އުތުރޭ ދުވަސްކޮޅެއްނު.
ކަންއޮތްގޮތް
19 February 2019
މިފެންނަނީ ރައީސް ޔާމީންގެ ޚުދުމުޚުތާރުކަމާއި، ގޮތްދޫނުކުރުމާއި، ބޮޑާކަމުގެ ދަލީލެވެ. ރަައީސް މައުމޫނާއި، ސިޔާސީ އެެތައް ބޭފުޅަކު ހައްޔަރުގައިބައިތިއްބައި މައްސަލަބެލިއިރު ނުދިންލުޔަކާއި، ނުބެލިބެލުމެއް މީނާއަށްލިބިދީ، ބަލަންޖެހޭހެއްޔެވެ! އެމީހުން އެތަކެއްގަޑިއިރު ތަޅުވާފަ، މީނަބޭނުންވަނީ ވީއައިޕީ ޚިދުމަތެވެ. މިމިންވަރަށް ޝުކުރުވެރރިނުވެ، މިފެންނަނީ ރުޅިމޫނުދައްކައި، ކުށްވެރިކުރާތަނެވެ! ބަޑިޖަހާއިރު ފަހަށްޖަހާނެކެން ނުދަނެޖަހާނީ ކޮހުންދޯ! ވިސްނާ
މުރީދު
19 February 2019
ބުރަކަށީގައި ނުވަތަ މައިބަދައިގައި ރިއްސުމަކީ ރައީސްކަން ކުރައްވާ ބޭފުޅުންނަށް ވަރަށް ގިނައިން ދިމާވާ މައްސަލައެއް ކަން ފާހަގަވޭ! މިފަހަރު ރައީސް ޔާމީންވެސް؟
ހެގް
19 February 2019
އެންމެ މައިބަދައެއް ޝެއަރކޮށްގެން އުޅޭތީ އެހެންވަނީ..
ބަދަލު
19 February 2019
ތީހިފާލާ ބަދަލެއް
އައިމިނާ
19 February 2019
ތިމާގެފަރާތުން ބަޔަކަށް ނުވަތަމީހަކަށް ހައްޤުނޫންއަނިޔާތަކެއްދީފަ ތިމާއަށް ވަކިމޮޅެއްލިބިދާނެކަމަށްހީކުރުމަކީ ބުއްދިވެރިކަމެއްނޫން. ތިމާފޭހުނުއިލޮށި ގިނަފަހަރަށް ހެރޭނީ ތިމާގެލޮލަށް.
ދޮންނޭ
19 February 2019
އާނ ރަނގަޅު. ހައްޤު ނޫން އަނިޔާތަކެއް ދީފަ ތިމާއަށް ވަކި މޮޅެއް ލިބިދާނެ ކަމަށް ހީކުރުމަކީ ބުއްދިވެރި ކަމެއް ނޫން. ތިމާ ފޭހޭ އިލޮށި ގިނަ ފަހަރަށް ހެރޭނީ ތިމާގެ ލޮލަށް. މިހާރު ބާރު އޮތީތީ އަނިޔާ ދެވިދާނެ. އެކަންކަމުގެ ނަތީޖާއާ މާދަމާ ކުރިމަތިލާން ޖެހޭނެ. ފުއްޕާނެ ވަރަކަށް މިއަދު ފުއްޕާ.
.ރޮނޑު
19 February 2019
.ގަޓެކޭ ނަޓެކޭ ކިޔާނެ ކަމެއްނެތް އެއްވެސް މީހަކު އެމީހެއްގެ ނަފުސު ހަލާކުގެ ތެރެއަށް ވައްޓާ މަރާކަށެއް މި މާތް އިސްލާމްދީނުގާ ހުއްދަ ކަމެއްނޫން އެމީހެއްގެ ނަފުސުގެ ދިފާއުގާ ހަގުރާމަ ކުރަންޖެހޭ މަމިހިރީ އައިސް މަރާލާ މިގޮތަށް ވެވެނީ ކުފުރުމަރު ހަމަ އެފަދައިން ބަލި ވީމާ ބޭސް ފަރުވާވެސް ކުރަން ޖެހޭ ބޭސްފަރުވާ ލެއްވެވީވެސް މިހެންވެ ދެން ބޭސްފަރުވާއަށް ރޔާމީން އެދުނީމާތޯ މީ ގަޓުނެތިގެން މަލާމާތް ކުރަންވީ؟ ގަޓުގެ މާނައަކީ ބަލިނުވުންތަ އޮޅިއްޖެ.
މައިބަދަ
19 February 2019
އެދުނު ގޮތޭ ކަމުނުދަނީ. މައިބަދަ ފީވެފައޭނު ބުނަން ވާނީ.