ގައުމީ ޓީވީން އިމްރާން ޚާން ބަޔާން ދެއްވަނީ. --ފޮޓޯ:އޭއެފްޕީ
19 ފެބުރުއަރީ 2019 - 15:31
އިސްލާމްއާބާދު (ފެބްރުއަރީ 19) - ކަޝްމީރުގައި މިދިޔަ ހަފުތާގައި ދިން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން އިންޑިއާ އިން އެއްވެސް އަސްކަރީ ފިޔަވަޅެއް އަޅައިފި ނަމަ ޕާކިސްތާނުން ވެސް ރައްދު ދޭނެ ކަމަށް ބޮޑު ވަޒީރު އިމްރާން ޚާން މިއަދު ވިދާޅުވެއްޖެ އެވެ.
ގައުމީ ޓީވީ މެދުވެރިކޮށް އިމްރާން ޚާން ދެއްވި ބަޔާނުގައި ވަނީ ކަޝްމީރުގައި ދިން ހަމަލާގައި ޕާކިސްތާން ބައިވެރިވާކަމުގެ ހެކި ހުރި ނަމަ އިންޑިއާ އިން އެ ހެކި ދެއްކުމަށް އެދިވަޑައިގެންފަ އެވެ. ކަޝްމީރުގައި ބުރާސްފަތި ދުވަހު ދިން ހަމަލާގައި ވަނީ އިންޑިއާގެ ސަލާމަތީ ފުލުހުންގެ 40 މީހުން މަރުވެފަ އެވެ. އެ ހަމަލާގެ ޒިންމާ ވަނީ ޕާކިސްތާނުގައި ހަރަކާތްތެރިވާ ޖަމާއަތެއް ކަމަށްވާ ޖައިޝީ މުހައްމަދުން އުފުލައިފަ އެވެ.
ކަޝްމީރުގައި ދިން ހަމަލާއާ ގުޅިގެން އިންޑިއާ އާއި ޕާކިސްތާނުގެ މަޝްރަހު ވަނީ ހޫނުވެފަ އެވެ.
ކަޝްމީރުގެ ހަމަލާ އަށް ފަހު އިމްރާން ޚާން ދެއްވި ބަޔާނުގައި ވިދާޅުވީ އެއްވެސް ހެއްކެއް ނެތި ޕާކިސްތާނުގެ ބޮލުގައި ތުހުމަތު އެޅުވުން އިންޑިއާ އިން ހުއްޓާލަން ޖެހޭ ކަމަށެވެ.
"ޕާކިސްތާނުގެ މިނިވަން ކަމަށް ނުރައްކާވާ ފަދަ ކަމެއް އިންޑިއާ އިން ކޮށްފި ނަމަ އެއާ އެއްފަދަ ރައްދެއް ޕާކިސްތާނުން ވެސް ދޭނަން،" އިމްރާން ޚާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކަޝްމީރުގެ ހަމަލާއާ ގުޅޭ ގޮތުން ކުރިން ވާހަކަ ނުދެއްކީ ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ދަތުރުފުޅެއް އޮތުމުން ކަމަށެވެ.
މިދިޔަ އަހަރު ބޮޑު ވަޒީރު ކަމަށް ވަޑައިގެންނެވި އިމްރާން ޚާން ވިދާޅުވީ ހަމަލާ ތަހުގީގު ކުރުމަށް ދިއްލީ އަށް ޕާކިސްތާނުން ހުރިހާ އެއްބާރުލުމެއް ދޭނެ ކަމަށެވެ. އަދި އެ މައްސަލަ އަށް އަޝްކަރީ ހައްލެއް ނުހޯދޭނެ ކަމަށް ވިދާޅުވި އެވެ.
ކަޝްމީރުގައި ހަރަކާތްތެރިވާ އިންޑިއާގެ އަޝްކަރީ ކޮމާންޑަރަކު ވަނީ މިދިޔަ ހަފުތާގައި ދިން ހަމަލާގެ ކޮންޓްރޯލް އޮތީ ޕާކިސްތާނުގެ ޖާސޫސީ އިދާރާ އިންޓަ-ސާވިސް އިންޓަލިޖެންސް (އައިއެސްއައި) ގެ އަތުގައި ކަމަށް ވިދާޅުވެފަ އެވެ.
ކަޝްމީރުގައި ދިން ހަމަލާ އަކީ ވޭތުވެދިޔަ 20 އަހަރު ތެރޭ ދިން އެންމެ ނުރައްކާ ހަމަލާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިލްސް
20 February 2019
އިމްރާން ކުޑަކޮށްވެސް ޖެހިލުން ނުވާތި. ތީ ގެރި އައިނުގަނޑެއް.
ދޮން ބަބުރު ސޮރު
20 February 2019
މީ މަމެންނަށް ވެސް ޖެހިފައި އޮތް ވަބާއެއް.
ރަދީފް
19 February 2019
ސާބަހޭ އިމްރާން ޙާން.އެންމެ ތަންކޮޅެއްވެސް ދޫނުދޭތި.އިންޑިޔާއިން ބޭނުންގޮތަކަށް މުސްލިމުން ކަތިލެވިގެން ނުވާނެ.މިލިޓަރީގޮތުން އިންޑިޔާއަށްވުރެ ޕާކިސްތާން ބަލިކަށިވެދާނެ.ނަމަވެސް މުސްލިމުންގެ އެންމެ ބާރުގަދަ ހަތިޔާރުގެ ބޭނުންކޮށްގެން އިންޑިޔާ ބަލިކުރެވޭނެ.#ފްރީކަޝްމީރް #ފްރީކަޝްމީރް
ޕޮކަންޑިމޭން
19 February 2019
#ފްރީމަހަލްދީބް ވެސް ޖެހިނަމަ؟
އެކުސް އާރމީ އޮފިސަރ
20 February 2019
ޕާކިސްތާނު އަމިއްލައަށް ބޮލުގައި މުންޑުގަނޑު އެޅޭނީ. އިންޑިއާއަކީ މިއަދު މުޅިދނިޔޭގެ 5 ވަނަ ފަޔަރޕަވަރ. ޕާކިސްތާނު އޮރީ 42 ގައި. ވީމާ އަމިއްލަ ހާލަތާއިގެން އުޅުން ބުއްދިވެރީ. ބަނޑަށް ޖެހި ގައުމު ސުއްނާފަޔި ވާނީ..