އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އަލްޖަޒީރާ އިން ރާއްޖެއާ ގުޅޭގޮތުން ތައްޔާރުކުރި ޑޮކިއުމެންޓްރީގެ ޓްރެއިލާއަކުން ނަގާފައިވާ ސްކްރީން ޝޮޓެއް.
20 ފެބުރުއަރީ 2019 - 15:10
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާ އެސްއޯއެފުން ޖަމާކުރި 155 މީހުންނާ ގުޅޭ ތަހުގީގު ކުރިއަށް އެބަދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިޒަމަށް ދޫކުރި ރަށްތަކާއި ފަޅުތަކުން ދައުލަތަށް ލިބެން ޖެހޭ އާމްދަނީ ޖަމާކުރީ، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އެކުވެރިންގެ ކުންފުނި އެސްއޯއެފަށެވެ. އެ ހިޔާނާތް ތަހުގީގުކޮށް އޭސީސީން ނެރުނު ތަފްސީލް ރިޕޯޓުގައި އެސްއޯއެފުން ފައިސާ ޖަމާކުރި 155 މީހުންގެ ނަން ހިމެނެ އެވެ.
ރިޕޯޓުގައިވާ ގޮތުން އެސްއޯއެފުން ވަނީ ބައެއް މީހުންނަށް މިލިއަނުންނާއި ލައްކަ އިން ޑޮލަރު ޖަމާކޮށްފަ އެވެ.
އޭގެތެރޭގައި މި ސަރުކާރުގެ އެކި މަގާމްތަކުގައި ތިއްބެވި ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ވިޔަފާރިވެރިންނާއި އާއްމުން ވެސް ހިމެނެ އެވެ. އެކަމަކު، ހިޔާނާތުގައި އެ މީހުންގެ ބައިވެރިވުން އޮތީ ކިހާ މިންވަރަކަށް ކަމެއް ނުވަތަ އެސްއޯއެފުން ފައިސާ ޖަމާކުރި ބޭނުން ތަހުގީގު ރިޕޯޓުގައި އޭސީސީން ސާފުކޮށްދީފައެއް ނުވެ އެވެ.
އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވީ ތަހުގީގު ނިންމައި، އޮގަސްޓު 10، 2017 ގައި ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް އެ ކޮމިޝަނުން ރިޕޯޓް ފޮނުވި އިރު ވެސް 155 މީހުންގެ މައްސަލަ ވަކި ތަހުގީގެއްގެ ގޮތުގައި ކުރިއަށް ގެންދަން އޮތީ ނިންމާފައި ކަމަށެވެ. އެ ތަހުގީގުގައި އޭސީސީން މިހާރު ކުރަމުން އަންނަ ކަމަކީ އެ ލިސްޓުގައި ހިމެނޭ މީހުންނަށް ފައިސާ ޖަމާވި ސަބަބު ދެނެގަތުން ކަމަށް މުއައްވިޒް ވިދާޅުވި އެވެ.
"އެ ލިސްޓުގައި ހިމެނޭ ފަރާތްތަކާ އިތުރަށް އޭސީސީން އަންނަނީ ސުވާލު ވެސް ކުރަމުން،" މުއައްވިޒް ވިދާޅުވި އެވެ.
އެސްއޯއެފުން 155 މީހަކަށް ފައިސާ ޖަމާކުރި ސަބަބު ދެނެގަތުމުގައި އޭސީސީ އަށް ގާނޫނީ ގޮތުން ގޮންޖެހުންތަކެއް ހުރި ކަން ފާހަގަކުރައްވައި، މުއައްވިޒް ވިދާޅުވީ އެ ތަހުގީގު ފުލުހުންނާ އެކު ކުރިއަށް ގެންދަން އެ މުއައްސަސާ އެކު ވެސް މިހާރު އަންނަނީ މަޝްވަރާ ކުރަމުން ކަމަށެވެ.
އޭސީސީން ބުނެފައިވާ ގޮތުގައި އެ ކޮމިޝަނުން ތަހުގީގު ކުރީ އެމްއެމްޕީއާރުސީން ދޫކުރި ރަށްތަކާ ގުޅުން ހުރި މައްސަލައަކަށް ވެފައި އެ މައްސަލައިގައި ސުވާލުކުރީ ތުހުމަތު ކުރެވުނު މީހުންގެ އިތުރުން ހެކިބަސް ދިން މީހުންނާއި ރަށްތަކާ ގުޅުން ހުރި މީހުންނާ އެވެ. އެ ހިޔާނާތާ ގުޅޭ ފައިސާގެ މުއާމަލާތްތަކުގައި އިސްކޮށް އުޅުނު ފަރާތްތައް ތަހުގީގަށް ހާޒިރު ނުކުރުމަކީ ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް އޭސީސީން ބުންޏެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތް ފަޅާއެރީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި ރޯކޮށްލުމާ އެކުގަ އެވެ.
އެސްއޯއެފްގެ ހިއްސާދާރުންގެ ގޮތުގައި ތިބި އަދީބުގެ އެކުވެރިން، އެ ހާދިސާ އަށް ފަހު ވަނީ ފިލައިގެން ރާއްޖެ އިން ބޭރަށް ގޮސްފަ އެވެ. އެއީ، މުހައްމަދު އައްލާމް ލަތީފް (މޮހޯ) އާއި މުހައްމަދު ހުސެއިން (އޮއިއްޓެ) އެވެ. އެސްއޯއެފުން ލޯންޑަކުރި ފައިސާ ބެހުމުގައި އެ ދެ މީހުންގެ އިތުރުން އުޅުނު ކަމަށް ތުހުމަތު ކޮށްފައިވާ އަހްމަދު އިޝްފާހު އަލީ ވެސް ވީ ރާއްޖެ އިން ބޭރުގަ އެވެ. ތަހުގީގަށް އެ މީހުން ހާޒިރުކުރަން ފުލުހުން ރެޑް ނޯޓިސް ނެރެފައިވީ ނަމަވެސް މިހާތަނަށް އެ މީހުން ހާޒިރުކުރެވިފައެއް ނުވެ އެވެ.
ޚިޔާނާތް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނުން ވެސް ވަނީ، އޭސީސީގެ ރިޕޯޓުގައި ފައިސާ ލިބުނު ކަމަށް ނަން އާއްމުކޮށްފައިވާ 155 މީހުންނަށް ފައިސާ ޖަމާވި ސަބަބު ހޯދައި ގޯހެއް އުޅޭ ނަމަ އެކަން ވެސް ހިއްސާކޮށްދޭން އޭސީސީގައި އެދިފަ އެވެ.
އެ ރިޕޯޓް އާއްމުވުމާ އެކު ސަރުކާރުން ވަނީ، 155 މީހުންގެ ލިސްޓުގައި ހިމެނޭ މި ސަރުކާރުގެ އިސް ބޭފުޅުންތަކެއް ސަސްޕެންޑްކޮށްފަ އެވެ. އޭގެތެރޭގައި، ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފާއި ފެންކުންފުނީގެ ޗެއާމަން އަހްމަދު މައުސޫމާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އާއި އައައިލެންޑް އޭވިއޭޝަންގެ ބޯޑު މެމްބަރު އާޒިމް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚިޔާނާތްތެރީން
21 February 2019
.ކޮބައިތޯ ރނަޝީދުގެ ވެރިކަމުގާ ޝިއުނާ ކިއާ މީހަކަށް ދިން ފައިސާ ތަކާއި ފަޅުރަށްތައް؟ އެކަންކަން ޚިޔާނާތަކަށް ނުވަނީތޯ؟ އެކަން ކަމަކީ ނަޝީދުގެ އަމާނަތްތެރި ކަންތޯ؟ އެހެންވިއްޔާ ނަޝީދުވެސް ޖަލަށް ލާންޖެހޭ އެސަރުކާރުގެ މިނިސްޓަރުން ތައްވެސް އޭސީސީގެ ތަހުގީގުން އެނގޭ ބޮޑުތަނުން ޚިޔާނާތްތެރި ވެފާކަން ވަކިމީހަކަށް ވަކިގޮތެއް ހެދުމަކީވެސް އަދުލު އިންސާފަށް ޚިޔާނާތްތެރި ވުން.
ބޮންދު
20 February 2019
2020 އަށް ނިމޭނެބާ؟؟؟؟؟؟؟
ރީމީ
20 February 2019
ރަށްތައް ވަގަށް ގެންދިޔަ މީހުން މާ ގޯސް. އެނގިތިބެ. ދައުލަތަށް ނަގާ އެރަށްތައް.
މައުސޫމް ރަޝީދު
20 February 2019
ސީހައުސް ފަސީ އާއި ވަހީދު ހިއްސާވާ ކުންފުންޏަކުން މާލެ ކައިރީގައި އޮތް ފަޅެއް 2015 ވަނަ އަހަރު ދީފައިވަނީ 1.5 މިލިއަން ޑޮލަރަށް ކަމަށް ބުނި. ނަމަވެސް 2016 ވަނަ އަހަރު ކުރި އެމްއެމްޕީއާރުސީގެ ހާއްސަ އޯޑިޓުން އެ ފައިސާ ދެއްކި ކަމުގެ އެއްވެސް ހެއްކެއް ނެތް ކަން އެނގުނު. ފަޅުތަކާ ރަށްތައް ވަގަށް ނެގި މީހުން އިންސާފުގެ ކުރި މައްޗަށް ގެންނަންޖެހޭނެ.
ނޫސްކިޔާމީހާ
20 February 2019
ތިޔަވިދާޅުވި ރިޕޯޓް ނެރުނު ފަހުން މިހާރު ދުޅޮއަހަރުވެގެން ދިޔައިރު ތިޔަވިދާޅުވާ ތަހިގީގެއް ކުރިއަށް ގެންދާކަން ދެނެހުރި ރައްޔިތަކު/ ބަޔަކު އޭސީސީ ފިޔަވައި އެބަތިބިތޯ. ތިދެން ވަރަށް ޖޯކުވާހަކައެއް ތިވިދާޅުވީ. އިހައްދުވަހު ކޮންމެވެސް ހާލަތެއްމެދުވެރިވެ ފުލްރިޕޯޓޭކިޔާފަ ރިޕޯޓްނެރުމުން އަތަށްގޮވާ އޭސީސީ ތިވަނީ ހޫނުފެނަންވެއްޓިފަ، އޭސީސީގެ ނަޒާހަތްތެރިކަމާއި ދޭތެރޭ މިހާރު ސުވާލު އުފެދޭ. ޢެއްވާހަކައެއް ދެފަހަރަކު އެއްގޮތަކަށް މިހާރަކު ނުދެއްކޭ.
ނަންބަރު
20 February 2019
ކޮބައިތޯ އޭސީސީގެ ރައީސް ގެ މައްސަލަ...! ކީއްވެތޯ ގޭގަ މަޑުކުރަން ނޭންގިގެން ތިޔަ އުޅުއްވަނީ.... ލުތުފީ މެލޭސިޔާއިން ގަނެފައިވާ ގެއަށް ފައިސާ ހޯދި ގޮތް ބަލަން ޖެހޭ
ހޭލާ
20 February 2019
އެސްއޯއެފުން ފައިސާ ޖަމާކުރި 155 މީހުން ގެ ތަހުގީގު ހިންގަނީ ކޮން ގާނޫނެއްގެ ދަށުންތޯއެވެ. މީހަކަށް ފައިސާއެއް ލިބިފައިވާނަމަ އެ ފައިސާއެއް ހޯދިގޮތެއް ބުނެދޭންޖެހޭ ގާނޫނެއް ރާއްޖޭގައި ނެތެވެ. އަދި ކުރިން ކޯޓްތަކުން ކޮށްފައިވާ ހުކުމްތަކަށް ބަލާއިރުވެސް މީހަކު އަތުގައި ހުރި ފައިސާއެއް ހޯދިގޮތެއް ބުނެދޭކަށް ނުޖެހެއެވެ. އޭއެމްއެލް ގާނޫނުގައިވެސް ވަނީ ނުހައްނުން ހޯދާފައިވަ ފައިސާކަން އެނގި ހުރެ އެފައިސާގެ މުއާމަލާތް ކުރާނަމަ ވާނެ ގޮތެވެ.