ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތު، މަޖިލިހުގެ ރައީސް ގާސިމް ބަލަހައްޓަވަނީ. -- ފޮޓޯ: މަޖިލިސް
25 ފެބުރުއަރީ 2019 - 14:36
ކޮރަޕްޝަންގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ދެ ކޮމިޝަނަށް ބާރުތަކެއް ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ރިޔާސީ ކޮމިޝަންތަކުގެ ބިލް ފާސްކުރަން ބޭނުންވާ ގާނޫނީ އަދަދު ހަމަނުވެގެން މިއަދުގެ ޖަލްސާ ނިންމާލައިފި އެވެ.
އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން ހުށަހެޅުއްވި ރިޔާސީ ކޮމިޝަންތަކުގެ ބިލް ފާސް ކުރަން ބޭނުންވާ ނަމަ، މިހާރުގެ މަޖިލީހުގައި ތިއްބެވި 85 މެމްބަރުންގެ ތެރެއިން 43 މެމްބަރުން ތަޅުމުގައި ތިއްބަވަން މަޖުބޫރެވެ. އެކަމަކު މިއަދުގެ ޖަލްސާގައި މަދުވީ އެންމެ މެމްބަރެކެވެ.
ރިޔާސީ ކޮމިޝަންތަކުގެ ބިލް ފާސްކުރާ ޖަލްސާއެއްގައި 43 މެމްބަރުން ތިބެން ޖެހެނީ ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމް ކަންކަން ބިލުގައި ހުރުމުން އެފަދަ ބިލެއް ފާސްކުރަން މަޖިލީހުގެ ދެބައިކުޅަ އެއްބައި މެމްބަރުން ހާޒިރުވެ ތިބެން ޖެހޭނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައި އޮތުމުންނެވެ.
ނަމަވެސް، މިއަދުގެ ޖަލްސާ އަށް ހާޒިރުވެ ތިއްބެވީ 42 މެމްބަރުން ކަމަށްވާތީ، އެ ބިލަށް ވޯޓަށް ނާހައި، މާދަމާ ޖަލްސާއެއް އޮންނާނެކަން މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމް ވަނީ އިއުލާން ކުރައްވައިފަ އެވެ. އެހެންކަމުން، މާދަމާގެ ޖަލްސާގައި އެ ބިލަށް ވޯޓަށް އަހާނެ ކަމަށް ބެލެވެ އެވެ.
ރިޔާސީ ކޮމިޝަންތަކުގެ ބިލުގެ އިތުރުން، ހައްޖަށް ދާން ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތަށް، ޕެންޝަނާ ބެހޭ ގާނޫނަށް ހުށައެޅި އިސްލާހު ފާސް ކުރަން ބޭނުންވާ ގާނޫނީ އަދަދު ހަމަނުވެގެން އެ ބިލަށް ވެސް ވޯޓަކަށް ނާހަ އެވެ. އެ ބިލް ފާސްކުރަން ވޯޓު ނަގާއިރު، 43 މެމްބަރުން ތިއްބަވަން ޖެހެ އެވެ.
މިދިޔަ ދައުރުގެ އެންމެ ފަހު ޖަލްސާގައި ދެ ބިލަށް ވޯޓަށް އަހަން ބެލި އިރު، ގާނޫނީ އަދަދަށް މެންބަރުން ޖަލްސާގައި ނެތުމުން އެކަން ކުރެވޭ ގޮތެއް ނުވި އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި ޖަލްސާގެ ވޯޓު ގަޑީގައި އިދިކޮޅު ޕީޕީއެމް މެމްބަރުން ވަނީ ޖަލްސާ ބޮއިކޮޓް ކުރައްވައިފަ އެވެ.
އެހެންކަމުން މިއީ، މި ދެ ބިލަށް ވޯޓަށް ނާހައި މަޖިލިސް ނިންމާލި ދެ ވަނަ ފަހަރެވެ.
ދެ ބިލަށް ވޯޓަށް ނާހައި ޖަލްސާ ނިންމާލިޔަސް، ކުރީގެ ނައިބު ރައީސުންނަށް އިނާޔަތާއި ރައްކާތެރިކަން ލިބޭ ގޮތަށް ހުށަހެޅި ބިލް މަޖިލިހަށް ބަލައިގަނެ، ހަތް މެމްބަރުންގެ ވަގުތީ ކޮމިޓީއަކަށް ވަނީ ފޮނުވައިފަ އެވެ. އަދި ބާ ކައުންސިލެއް އުފެއްދުމުގެ ބާރު ލިބޭ ގޮތަށް ހުށަހެޅި ގާނޫނީ ހިދުމަތުގެ ބިލާއި ގައުމީ ޔުނިވަސިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ވެސް ވަނީ ދިރާސާ ކުރަން ކޮމިޓީ އަށް ފޮނުވާލައިފަ އެވެ.
އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން، ބިލް ހުށަހެޅުއްވި އިރު، ގާނޫނުއަސާސީ އާއި މިހާރު ހުރި ގާނޫނުތަކާ ފުށުއަރާ ބައިތައް ބިލުގައި ހުރި ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުގެ ފާޑުކިއުން އަމާޒުވި އެވެ.
އިދިކޮޅު މެމްބަރުން ކުރިން ވަނީ ބިލް ފާސްކުރުމާ ދެކޮޅަށް މަޖިލިހުގައި އިހްތިޖާޖު ވެސް ކުރައްވައިފަ އެވެ.
އިދިކޮޅު ފަރާތްތަކާއި ގާނޫނީ ބައެއް ވަކީލުންގެ ކަންބޮޑުވުންތަކާ ހެދި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ބިލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ކޮމިޝަންތަކަށް ބާރު ލިބޭ ގޮތަށް ހުރި ބައެއް މާއްދާތައް ބިލުން އުނިކޮށްފަ އެވެ. އެކަމަކު އެވަރުން ވެސް އިދިކޮޅު މެމްބަރުން ހިތްހަމައެއް ނުޖެހެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަތުބަތާނަ
26 February 2019
މި ފެންނަނީ ރައްޔިތުން ގާތަށް ނިކަމެތި ކަމާއެކު ގޮސް ޙައްޤުތަކަށް ވަކާލާތުކޮށްދީ ޙައްޤުތަށް ހޯދައި ދޭނަމޭކިޔަ އާދޭސް ކޮށްގެން ހުވައެއް ކޮށްގެން މަޖުލިސަށްވަދެ އަމިއްލަ ބޮޑު މުސާރައާއި އެލަވަންސަށްތަށް ނަގައިގެން ރައްޔިތުންނަށް ޚިޔާނާތްތެރިވާ ޢިއްޒަތްތެރި މެންބަރުންގެ ޙާލަތު؟ އެހެންވީމާ ކުރިޔަށް މިއޮތް އިންތިޚާބާއިމެދު ރައްޔިތުން ހެވެރިވެ ވޯޓް ނުވިއްކުމަށް އިލްތިމާސް ކުރަން.
ނަރީމާ
26 February 2019
ވ.ރަނގަޅު. ތިޔަ ކޮމިޝަންތަކަށް "އިމެއް" ނެތި ބާރުތައް ދޭނެކަމެއް ނެތް. ތިޔަ ބިލް އަކީ ޤާނޫނު އަސާސީގެ ބާރު ކަނޑުވާލާފަ، ދަޢުލަތުގެ މިނިވަން މުއައްސަސާތައް ފެރަލައިޒް ކުރަން ހިންގާ، ޖަރީމާއެއް. މަޖިލީހުގެ ކައުންސެލަރ ޖެނަރަލް ވެސް ޤާނޫނީ ލަފާ ދެއްވާފައިވަނީ ތިޔަ ބިލާއި ދެކޮޅަށް.
ނެކްސްޓް
25 February 2019
ޙާޒިރު ނުވާ ދުވަސްތަކަށް މުސާރަ ކަނޑަންވީ. ޢެންމެ ރުފިޔާއެއްވެސް ނުކަނޑައި ރިއްޗަކަށް ބައިތިއްބަފަ ތިބޭ ބައެއްތަ މީ؟
ގާންޓޭ
25 February 2019
މުބީންމެން 50 މިލިޔަނުގެ ކޮރަފްސަން އޮންވާ ތި ބިލަށް ވޯޓް ދޭނެތަ?
މެންބަރު
25 February 2019
ހަމަ ރަގަޅު! ތިޔަ އުފެއްދި ކަމިޝަންތަކަށް ބާރުދޭނެކަމެއް ނެތް! ސަބަބަކީ، 30 އަހަރުގެ ބާނީ އާ 2008 ގެ 2.5 އަހަރުގެ ސަރުކާރުގެ ދުވަސްވަރުވެސް ހިގާފައިހުރީ ރައްޔިތުންނަށް ގެއްލުވެ އަދި އޭރުވެސް ގެއްލުނީ ރައްޔިތުންގެ ފައިސާއަށް ވާތީއެވެ. އަނެއްކޮޅުން އެތައްބައެއްގެ އެކައުންޓްތަކަށް މިލިއަނުން އެބުނާ ފައިސާ ވަދެފައިވާއިރު އޭގެތެރޭން 40 ހާހަށްވުރެ ގިނައިން މުސާރަ ލިބޭމީހުން މުސާރަ ދީފައި އަރާމުގައި ގޭގައި! ހަމަ އެކަނި ޔާމީނު ޖަލަށް!
އަބްދުﷲނާފިޒް
26 February 2019
ދައުލަތުގެ ބޭތުލްމާލަށް ޚިޔާނާތްތެރިވި މައްސަލައިގެ މުގުލުގަހުރީ ޔާމީނު, އަމިއްލަ އިއުތިރާފަށްވުރެ ވަކިންބޮޑު ހެއްކެއް ޤަރީނާއެއް އެކަމަށް ބޭނުންވޭބާ!?
ދަތްނެތްކުއްޖާ
25 February 2019
ގާސިމް މިކަން ކުރަންވެގެން ދޮތަ ބުނީ ރައްޔިތުން މަޖުލިހުގެ މެޖޯރިޓީ މި ސަރުކާރަށް ނުދޭށޭ! ހަޔާތްކޮބާ!
ހަމަހޭ
25 February 2019
ގާސިމް އެތަނުގަނެތިގެން ވޯޓައްނޭހުނުވާހަކަތަ މީގަމިއޮތީ؟. ކިތަންމެ ރުޅިގަދަވިޔަސް މިސަރުކާރައް މެޖޯރިޓީދޭން ހެޔޮނުވާނެ.
ދަތްނެތްކުއްޖާ
25 February 2019
ރައްޔިތުންނޭވެ! ރައްޔިތުންނޭވެ! މިވެރިން މި ޖަހާ ސަކަރާތް ރައްޔިތުން ވަރަށް ގާތުން މިއަދު އެނބަ ދެކެފީމު ދޮތަ! ރައްޔިތުންގެ ޙަޒާނާ ތަކުގެ ތެރެއިން ބަޔަކު ވައްކަން ކޮއްގެން އުލޭތީވެ އެކަން ބެލުމަށްޓަކައި ރަޢީސް އުފެއްދެވި ކޮމެޓީ އަށް މިވެރިން ޤާނޫނީ ބާރުތަކެއް ނުދޭންވެގެން މިއަދު އިދިކޮލު ހުރިހާ މެމްބަރުން ބޭންޖަހާފައި މިއަދު ފިލީ. މިއަދު ރައްޔިތުންނަށް ހަރާންކޯރުވި އެއްވެސް މެމްބަރަކަށް ތިޔަ ރައްޔިތުން ވޯޓު ނުދޭތި!
ޟީނުންނާ
25 February 2019
މިހާރު ތި މަޖިލީހަށް ހާޒިރު ނުވާ މެމްބަރުން ބަލާފަ ފަހުން ގޮތެއް ނިންމީމަ ރަގަޅުވާނެ .ރައްޔިތުންގެ ކަނބޮޑުވުންތައް ހައްލު ކޮށްދޭން މަސައްކަތް ކުރަނީ ކޮން ބައެއްކަން ބަލާފަ.
ސައްލެ 2019
25 February 2019
އެމްޑީފީއަށް އަގުލަބިންޔަތު ދީގެން ނޫނީ މިރާއްޖެ ސަލާމަތް ނުވާނެ. އެމްޑީފީ ނޫނީ ނެތް ގައުމް އިސްލާހު ކުރުމްގެ ފިކުރު ގެންގުޅޭބަޔަކު.
އާރީ
25 February 2019
މިހާރު ތި އޮތީ އިދިކޮޅު ގެ ބާރު.