ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: ރައީސް އޮފީސް
26 ފެބުރުއަރީ 2019 - 11:51
ރާއްޖޭގެ ހަމަޖެހުމާއި ސުލްހަމަސްލަސްކަމާއި އަމާންކަން ގެއްލޭ ފަދަ ނުރައްކާތަކެއް އުފެދެމުން އަންނަ ކަމަށާއި އެހެންވެ ގައުމުގެ ހަމަޖެހުން ނަގައިނުލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އިލްތިމާސް ކުރައްވައިފި އެވެ.
ސުލްހަ އާއި ސަލާމަތްތެރިކަން ކުރިއެރުވުމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ނެޝަނަލް ކައުންޓަ ޓެރަރިޒަމުން ހޮޓެލް ޖެންގައި މިއަދު ފެށި ފޯރަމް އިފްތިތާހުކޮށް ދެއްވައި، ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އިސްލާމީ ސައްހަ އަގީދާގެ މަތީގައި ދަރިން ތަރުބިއްޔަތުކުރުމުގައި އިހްމާލްވުމުގެ ސަބަބުން ދިވެހިންގެ ތެރޭގައި އުފެދިގެން ނުވާނެ ހިޔާލު ތަފާތުވުންތަކެއް އުފެދެން ފަށާފައިވާ ކަމަށެވެ.
އެކަމުގެ ނަތީޖާއެއްގެ ގޮތުން، ސައްހަ އިސްލާމީ މަފްހޫމް އެއްފަރާތްކޮށް ހަރުކަށި ވިސްނުމަށް ލެނބިގެން ގޮސް، ނުރައްކާތެރި ކަމަށް ވިސްނުމެއް ނެތި އިސްލާމް ދީނަށް ކުޑައިމީސް ކުރެވޭ ފަދަ ހިޔާލުތައް ފާޅުކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންވެ، މިއީ ގައުމީ ފެންވަރެއްގައި މަޝްވަރާކޮށް ހައްލުގެންނަން ޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ދިވެހިންނަކީ ޒަމާނުއްސުރެ، ސުލްހަ އަށް ލޯބިކޮށް އެކުވެރިކަމާއި އޯގާތެރިކަމާއެކު ދިރިއުޅެމުން އައި ބައެކެވެ. ދިވެހިންގެ މެދުގައި ނަސްލީ ތަފާތުކުރުމާއި ސަގާފީ ފުށުއެރުމާއި އަގީދާގެ ބައިބައިވުން ފަދަ ކަންކަން ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖޭގެ އައިޑެންޓިޓީއަކީ ރާއްޖޭގެ ސުލްހަމަސްލަސްކަން. ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރަށް އަޅުގަނޑުމެން ވިއްކަނީ ވެސް ރާއްޖޭގެ ހަމަޖެހުމާއި އަމާންކަން. ދޮންވެލީގެ ގޮނޑުދޮށްތަކުގެ ސާފު ކަމަށްވުރެ، ސާފު ހިތްތަކެއްގެ ވެރި ބަޔަކު ދިރިއުޅޭ ޖަޒީރާތަކެއްގެ ގޮތުގައި،" ނައިބު ރައީސް ފައިސަލް ނަސީމާއި ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ކުރާ ކޮންމެ ކަމަކުން ހާސިލްކުރަން ބޭނުންވާ ނަތީޖާ އަކީ ރައްޔިތުންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ހާސިލްކޮށްދިނުން ކަމަށެވެ. އެކަމަކު، އަމާންކަމާއި ހަމަޖެހުމުގެ ނިދީގައި ގާފިލްވެ، ތިއްބައި ފުރަގަހުގައި އެތައް ނުރައްކާތަކެއް އުފެދެމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އާބާދީގެ 35 ޕަސަންޓު މީހުންނަކީ އުމުރުން 35 އަހަރުން ދަށުގެ މީހުންކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ ޒުވާނުންގެ ފިކުރަކީ ގައުމު ބިނާކޮށްދޭ ފިކުރަކަށް ހެދުމަކީ އެންމެންގެ ޒިންމާއެއް ކަމަށެވެ.
ރައީސް ވިދާޅުވީ ތައުލީމީ މަރުހަލާތައް ފުރިހަމަ ކުރަމުން އަންނަ އިރު، ކޮންމެ ޒުވާނަކީ އިސްލާމީ ސައްހަ އަގީދާގެ މަތީގައި ހުލްގު ހެޔޮ ޒުވާނެއް ކަމުގައި ހެދުމަކީ ސަރުކާރުން އިސްކަންދޭ ކަމެއް ކަމަށެވެ.
މީގެ އިތުރުން ހަރުކަށި ފިކުރުތަކަށް ތަބާވެ، އެކި ގައުމުތަކުގެ ދާހިލީ ހަނގުރާމަތަކުގައި ބައެއް ދިވެހިން ބައިވެރިވެ ޓެރަރިޒަމްގެ އަމަލުތަކުގައި ބައިވެރިވުމަކީ މުޖުތަމައު އަށް ލިބޭ ވަރަށް ބޮޑު ދެރައެއް ކަމަށާއި މިއީ އިގްތިސާދަށް ވެސް ލިބޭ ބޮޑު ގެއްލުމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ހަރުކަށި ފިކުރުތަކަށް ތަބާވެ، އެކި ގައުމުތަކުގެ ދާހިލީ ހަނގުރާމަތަކުގައި ބައެއް ދިވެހިން ބައިވެރިވެ، ޓެރަރިޒަމްގެ އަމަލުތަކުގައި ބައިވެރިވުމަކީ މުޅި ދިވެހި މުޖުތަމައު އަށް ލިބޭ ވަރަށް ބޮޑު ދެރައެއް. މިއީ ރާއްޖޭގެ ދާހިލީ ހަމަޖެހުމާއި ސުލްހައަށް އަދި މުޅި ގައުމުގެ އިގްތިސާދަށް ވެސް ލިބޭ ވަރަށް ބޮޑު ގެއްލުމެއް. މިކަމުގެ ސަބަބުން ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާތެރިވާ ފަދައިން އިޖުތިމާއީ ގޮތުން ލިބޭ ގެއްލުން ވެސް އެހާމެ ބޮޑު،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ ތަނެއްގައި ހަނގުރާމައެއް ހިނގަމުން ނުދާ ކޮންމެ ތަނަކީ، ސުލްހަ ގާއިމްވެފައި އޮތް ތަނެއް ކަމަށް ގަބޫލުކުރެވިފައި ވިޔަސް ހަގީގީ ސުލްހައަކީ އެތަނެއްގެ ރައްޔިތުންގެ މެދުގައި އުފެދިފައި އޮންނަ، އޯގާތެރިކަމާއި ލޯތްބާއި ހަމްދަރުދީ ކަމަށެވެ. އަދި ދޭދޭ ފަރުދުންގެ މެދުގައި ސުލްހަވެރިކަން ގާއިމުނުކޮށް، އެހެން ބައެއްގެ ފަރާތުން ހޯދޭނެ ސުލްހައެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
.ހަރުކަށި.
27 February 2019
.މިއަދު ކީއްވެތޯ ހަރުކަށިކަން ނުދައްކާން ރައީސް އިބޫ ތި ގޮވާލައްވަނީ؟ ރައީސް ޔާމީންގެ ސަރުކާރު ދުވަސް ވަރު ތި އިބޫ ރައީސް އިސްވެ ހުންނަވާ ރައިއްޔަތުންގެ ބައިގަނޑެއް ގޮވައިގެން ނިކުމެ ހަރުކަށިކަން ދެއްކެވީ ކީއްވެތޯ؟!
ރީތި މޫސަ
27 February 2019
އިސްލާމްދީންދެކެ ރުޅިއަންނަ މީހުންގެ ހުންނަ ހުރިހާސިފައެއް ހުރިއެކަކު ނަޝީދަކީ އަބަދުވެސް އުޅެނީ މިޤައުމުގަ މިއޮތް ދީނީއެއްބައިވަންތަކަން ނަގާލެވޭތޯ ރައީސްގެ ކިތަންމެ ގާތް ރައްޓެއްސަކަސް ދީނާ ވަތަނައްޓަކައި އެބަޖެހޭ ނަޝީދުގެ އަނގަމައިތިރިކުރަން އެހެންނޫނީ މިޤައުމު ހަލާކުވެދާނެ
ހުދައިބިއްޔާ
27 February 2019
ރައީސް ޔާމީނަކީ މިގައުމަށް ހުރި ބޮޑު ނުރައްކަލެއް، އެމަނިކުފާނު ބޭނުންވާ ކަންކަން ހާސިލުކުރުމަށް ގުރުބާންކުރާނީ އެހެންމީހުން. ބޮޑި ލިބޭނީ އަރިސް ބޭފުޅުންނަށް. ފޮނިބޯލާނީ އެމަނިކުފާނު.
ކިލާ
26 February 2019
އެހެން ގައުމުތަކުގެ ހަނގުރާމަތަކަށްދާ ދިވެހިންގެ އަނބިން މުޅިންވެސް ތިބެނީ މޫނު ބުރުގާ އަޅާފަ ކަޅު ހެދުންލާފަ. އެގޮތަށް ހެދުން އަޅާ މީހުން މި ސަރުކާރުން ބާރުވެރިކުރުވަނީ ދެން ކީއްކުރަން؟ އެމީހުންނަށް ވަޒީފާ ދިނުމުގެ ކުރިން ޗެކްކުރެވޭބާ އެމީހުންގެ ދީނީ ވިސްނުން ހުންނަނީ ކޮން ގޮތަކަށްކަން؟ އަދި ޓީޗަރުންނަށްވުމުގެ ހުއްދަ ދިން އިރު އެމީހުން ޅަކުދިންގެ ވިސްނުމާ ކުޅެފާނެކަމާމެދު ވިސްނުނުބާ؟
ޝޮކްތެރަޕީ
26 February 2019
އެމްޑީޕީ އަކީ މަކަރާ އޮޅުވާލުމުގާ އަރާ ހުރި ބައިގަޑެ. މި ޤައުމު އިންޑިޔާއަ ހަދިޔާ ކޮއްގެން މި ސަރުކާރު މިއުޅެނީ. މި ރައްޖެ ސަލަމައްކުރުމަކީ ކޮމްމެ ދިވެހި ދަރިއަކަ ވާޖިބު ކަމެއް.
ސިސްޓަމް
26 February 2019
ރާއްޖޭގައި ޓެރަރިސްޓުން ދެއްކަމަށް ކަމަށް ދެއްކުމަށް، ބޭރުގެ ބައެއް ނޫސްވެރިންނަށް މި ސަރުކާރުން ވިސާދެމުން
ސިސްޓަމް
26 February 2019
ދުވާލު ފަސް އިރު ނަމާދުކުރަން ގޮވާލުމަކީ ހަރުކަށިވުނުް ތޯ ؟ އެހެން ބުނާ މީހާވެސް ގިނަ ފަހަރު އޮންނަނީ ޓެރަރިސްޓަކަށް ވެފައި.
އަލިބޭ
26 February 2019
އިސްލާމް ދީނާއި އަޅުވާ މި ބާވަތުގެ ވާހަކަތައް ނުދެއްކުމަށް ވަރަށް އަދަބުވެރިކަމާއެކު އެދެން. ތިބުނާ މައްސަލަތަކަކީ ގައިރު މުސްލިމުންގެ ތެރެއިން ބަޔަކު މުސްލިމުންގެ ތެރެއިން ބައެއްގެ ބޮލަށްވަދެގެން މުސްލިމުންގެ ސިފައިގައި ތިބެގެން ހިންގަމުން އަންނަކަމެއް. އިސްލާމީ ގައުމުތައް ބައިބައިކޮށް ފުޑާލުމަށް ގައިރު މުސްލިމުން ކުރަމުންދާ ކަންކަމަށް މި ސަރުކާރުންވެސް އެއްބާރުލުން ދޭ ތައް މިފެންނަނީ
ފިސާރިކަނބަލެއް
26 February 2019
ޕާޓީތަށް ވުޛޫދަށް އައިސް ތަރަށްޤީވެ، މަޤާމްތަކާއި ނުފޫޒުބޭނުންކޮށްގެން ނުހައްޤުން މުއްސަދިވެ، މުއްސަދިމީހާ އަތްފޯރާފަށަށްވުރެ މާމުއްސަދި ފަޤީރުމީހާ އަތްފޯރަފަށުގަ ސަލާންޖެހުނުގަ، މިޤައުމަށް ލިބޭހާ ފައިސާކޮބާ؟ އެންމެ 4ލައްކަ މީހުންނަށް އަސާސީ ހައްޤުތައް ނުލިބިފަ މަގުމަތިވެފަ.، ކުރީގަ ދިވެހީންނަކީ ހާދައެއްބައިވަންތަ ބައެކޭ، އެކަކު އަތުގަ ނެތްއެއްޗެއް އަނެއްގޭގަ އޮތިއްޔާ ބޭނުން ކޮށްފަ އަބުރާ ގެންގޮސްދީ ވަރަށް ގުޅިގެން އުޅޭ ބައެއް
މަރޭމިތުރު
26 February 2019
ދީނީ ކުލަޖައްސައިގެން މުޖުތަމައު ހަލާކުކުރަނީއޭ! ދީނީ ހަރުކަށިކަން ގައުމުން އެއްކޮށް ފޮހެލަންވީއޭ!...................... އެއްދީނެއްގައި އެއް މަޒުހަބެއް އެއްނަސްލެއްގައި ތިބި ބަޔަކު އެހެންފޮތަކުން ކިޔަވަންފެށީއެވެ.