ޕީޕީއެމް ޕީޖީ ގްރޫޕްގެ ލީޑަރު ނިހާން: ރައީސް ވެރިކަމުން ދުރުކުރަން މަސައްކަތް ކުރަނީ ނަޝީދު ކަމަށް ނިހާން ވިދާޅުވި --ފޮޓޯ/މިހާރު
10 މާޗް 2019 - 19:46
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމުން ދުރުކުރުމުގެ މަސައްކަތް ކުރަނީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް އިދިކޮޅު ޕީޕީއެމުން މިއަދު ބުނެފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕީއެމާއި ކޮންގްރެސް ޕާޓީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވީ މި ސަރުކާރު ހިންގާ ކޯލިޝަންގައި އެމްޑީޕީ ފިޔަވައި އެހެން ޕާޓީއެއް މި ވަގުތު އޮތް ތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި އޭނާ ވިދާޅުވީ، މުޅި ސަރުކާރާއި އެމްޑީޕީ ވެސް ކޮންޓްރޯލް ކުރަނީ ނަޝީދު ކަމަށެވެ. ނަޝީދަކީ ގާނޫނީ ގޮތުން އެކަމުގެ އެއްވެސް ހައިސިއްޔަތެއް އޮތް ބޭފުޅެއް ނޫން ކަމަށާއި އެމަނިކުފާނުގެ ބޭނުންފުޅަކީ ރައީސް އިބްރާހިމް ސޯލިހް ވެރިކަމުން ދުރުކުރުން ކަމަށް ނިހާން ވިދާޅުވި އެވެ.
"ޕީޕީއެމް އާއި ޕީއެންސީއަކުން ނޫން [ވެރިކަން ބަދަލުކުރަން އުޅެނީ]. މުހައްމަދު ނަޝީދާއި އޭނާ އަށް ތާއީދުކުރާ ބައެއްގެ ފަރާތުން ވެރިކަމަށް އަންނާނެ މަގުކޮށަން ބަރުލަމާނީ މަޖިލީހެއް އެކުލަވާލައި، އެ މަޖިލީހުގެ ތެރެއިން އިބްރާހިމް މުހައްމަދު ސޯލިހް ގޭގައި ބެހެއްޓުމުގެ ނުރައްކާތެރި އެޖެންޑާ ކުރިއަށް މިދަނީ،" ނިހާން ވިދާޅުވި އެވެ.
އަންނަ މަހު ބާއްވާ އާންމު އިންތިޚާބުގައި މައްޗަންގޮޅި މެދު ދާއިރާ އަށް ނަޝީދު ކުރިމަތިލައްވާއިރު އަދި އެމްޑީޕީ އަށް އެ އިންތިޚާބުގައި އަޣުލަބިއްޔަތު ނަގަން އުޅެނީ ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ މަގުފަހި ކުރުމަށް ކަމަށް ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ އިތުރުން ޕީޕީއެމުން ވެސް ބުނެ އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ތާއީދު ކުރައްވައި، ނިހާން މިއަދު ވިދާޅުވީ ސަރުކާރު ދެމެހެއްޓުމުގެ މަސައްކަތްޕުޅު ކުރަނީ ގާސިމް ކަމަށެވެ. އަދި ގާސިމް މަސައްކަތްޕުޅު ކުރައްވަނީ ފަސް އަހަރުގެ ދައުރެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފުރިހަމަ ކުރެއްވޭނެ މަގު ތަނަވަސް ކޮށްދޭން ކަމަށް ނިހާން ވިދާޅުި އެވެ. އޭނާ ވިދާޅުވި ގޮތުގައި، ގާސިމްގެ އެ މަސައްކަތްޕުޅާ ދެކޮޅު ހައްދަވަނީ ނަޝީދެވެ.
"އަޅުގަނޑުމެންނާ އެކު ވެސް ޖުމްލަ ގޮތެއްގައި [ގާސިމް] އެ ކުރައްވާ ކަމަކީ އެ ކަންތައް. މާނަ އަކީ ފަސް އަހަރުގެ ވެރިކަމެއް ބޭއްވުމަކީ ރައްޔިތުންނަށް ލުއި ގޮތް ކަމުގައި ވާތީ. ނަމަވެސް ކެނެރީގެ މުހައްމަދު ނަޝީދު ބޭނުންފުޅެއް ނުވޭ އިބްރާހިމް މުހައްމަދު ސޯލިހް ފަސް އަހަރުގެ ދައުރު ހަމަ ކުރައްވާކަށް." ވިލިމާލެ ދާއިރާގެ މެމްބަރު ނިހާން ވިދާޅުވި އެވެ.
"ޕީޕީއެމް އާއި ޕީއެންސީއަކުން ނޫން [ވެރިކަން ބަދަލުކުރަން އުޅެނީ]. މުހައްމަދު ނަޝީދާއި އޭނާ އަށް ތާއީދުކުރާ ބައެއްގެ ފަރާތުން ވެރިކަމަށް އަންނާނެ މަގުކޮށަން ބަރުލަމާނީ މަޖިލީހެއް އެކުލަވާލައި، އެ މަޖިލީހުގެ ތެރެއިން އިބްރާހިމް މުހައްމަދު ސޯލިހް ގޭގައި ބެހެއްޓުމުގެ ނުރައްކާތެރި އެޖެންޑާ ކުރިއަށް މިދަނީ." ނިހާން
އޭނާ ވިދާޅުވީ، ޔާމީން ހައްޔަރުކުރީ، އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އިދިކޮޅު ކެންޑިޑޭޓުންނަށް ހުރަސް އެޅުމުގެ ގޮތުން ކަމަށާއި އެކަމުގެ އަޑީގައި ވެސް ހުންނެވީ ނަޝީދު ކަމަށެވެ. އަދި އެކަމަށް ސަރުކާރަށް އެންމެ ބޮޑަށް ބާރު އެޅީ ނަޝީދު ކަމަށް ނިހާން ވިދާޅުވި އެވެ. ނިހާން ވިދާޅުވި ގޮތުގައި، މިހާރު ކަންކަން ކުރިއަށް ދާ ގޮތުން މަޖިލިސް އިންތިޚާބު އިންސާފުވެރިވާނެ ކަމަކަށް ނުބެލެވެ އެވެ. އެހެންވެ، މަޖިލިސް އިންތިޚާބު ފަސްކުރަން އޭނާ ގޮވާލެއްވި އެވެ.
"ރައްޔިތުންގެ މަޖިލިސްގެ ވަގުތު އެބައޮތް. އަދި ވަގުތު އެކަށީގެންވާ މިންވަރަކަށް ލިބޭނެ މަގު އެބައޮތް." ނިހާން ވިދާޅުވި އެވެ.
ކޮންގްރެސް ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ފިކުރަކީ އެމްޑީޕީގެ ފިކުރު ނޫން ކަމަށާއި ޕީޕީއެމާއި ކޮންގްރެސް ޕާޓީ ނުގުޅޭނެ ކަމަށް ބުނެ ވާހަކަ ދައްކަނީ ސަރުކާރުގައި ތިބި ޖުމްހޫރީ ޕާޓީގެ މަދު ވަޒީރުންތަކެއް އެކަނި ކަމަށެވެ. އަދި އެކަމާ ދެކޮޅަށް ވާހަކަ ދައްކަވާ ގިނަ ބޭފުޅުންނަކީ އެކި ފަހަރު އެކި ގޮތަށް ފިކުރު ބަދަލުވާ ބޭފުޅުން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
"މިސާލަކަށް ޓޫރިޒަމް މިނިސްޓަރު [ޖުމްހޫރީ ޕާޓީގެ ރައީސް] އަލީ ވަހީދު އެބައޮތް އެ ވާހަކަ ވިދާޅުވެފައި. އަލީ ވަހީދަކީ އަލީ ވަހީދުގެ އަސްލު ފިކުރު ވެސް ވިދާޅުވާން ދަތި ބޭފުޅެއް." ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް ވިދާޅުވި އެވެ.
ގާސިމަށް ތާއީދު ކުރައްވައި، އަބްދުއްރަހީމް ވިދާޅުވީ ގާސިމް މަސައްކަތްޕުޅު ކުރައްވަނީ ގައުމުގެ ހައްގުގައި ކަމަށާއި އެކަމާ ދެކޮޅަށް ވާހަކަ ދައްކާ މަދު ބަޔަކީ ވަޒީފާއަށްޓަކައި ތިބި ބައެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުރިޔާ
11 March 2019
ތެދެއްބުނެފިއްޔާ އޭވާނީ ތެދަކަށް ކޮންމެމީހަކުބުންޏަސް އިބޫއަށް ހިނދަމާނުލެވިގެން އެއުޅެނީ ހަމަ އަންނިގެ ސަބަބުން އަންނިވެސް ދެން ވެރިކަމުގެ ދަހިވެތިކަން ދޫކޮށްލަންވެއްޖެހެން މަށައްވެސް ހީވަނީ
ސޯޅަ
11 March 2019
ނޫސްތަކުގެ ސުރުޚީތަކަށް އަރާނެ ގޮތެއް ނެތިގެން އުޅޭ ބައެއް.
އަޙުމަދު
11 March 2019
ނިހާނޫ، ކަލޯމެން ތިދައްކާ ވާހަކަ ޤަބޫލުކުރާނެ ބަޔަކު މިހާރަކުނެއް. ދައްކަނީ މުޅިންވެސް ފޭކުވާހަކަ، މިހާރު ތިޔަތިބީ އެކްޕަޔަރ ވެފައި،
ގުއިއްޒު
11 March 2019
ސިއްރު އަމިއްލަޔަށް ފަޅާ އަރުވާލެވުނީމަ މިއުޅެނީ މަތިޖަހަން. ވެރިކަންވެއްޓުން ނޫންކަމެއް ކުރާކަށް ކަލޭމެންނަކަށް ނޭނގޭނެ.
ދޮންކެޔޮ ރާޖާ
11 March 2019
ނިހާން. ކަލޭތީ ވިލިމާފަންނު ދާއިރާގެ މެމްބަރަކަށް މައުމޫންގެ މަދަދާއިއެކު ފުރަތަމަ މަޖިލިހަށް ހޮވުނު މީހެއް. ޢެދާއިރާގެ މާލޭފަޅީގެ މީހުންނަށް ލޯކާދިނުމަށްފަހު މިހާރު ތިހިރީ ވިލިމާލެ ދާއިރާގައި. ޢެދާއިރާގެ މީހުންނަށް ލޯކާދިނުމަށްފަހު މިފަހަރު ތިއުޅެނީ ތިނަދޫ ދާއިރާއަށް ކުރިމަތިލާން. މިކަމާއި ތިނަދޫ މީހުން ސަމާލުވޭ.ނިހާން އަކީ އޭނަ ހޮވުނު ދެދާއިރާގެ މީހުންނަށްވެސް ވަރަށް ހަރާންކޯރު ި މީހެއް .
ބަބުރަންޖީ ހާޖީ
11 March 2019
ކަލޭމެންނާ ބެހޭ ރައީސެއްނޫނޭ އިބޫއަކީ. ދެން ކީއްވެ ފަޔަށް ހިނިއަރައިގެން އުޅޭ ސޮރުންތަކެންހެން އަދުރޭއާ ދެމީހުން ތިއުޅެނީ.
ކާދުރޭ
11 March 2019
ލޮލް.. އެންމެންގެ ރައީސެއް ނޫންބާ އެއިިކީ.؟ މަ ނުދެނަހުރިން ގައުމުގެ ވެރިކަމަށް އަރާ އެހުރީ ވަކި ބަޔަކަށް ހުރި ރައީސެއްކަމަށް
ތަސްބީހަ
10 March 2019
އިލެކްށަން މިއޮތީ ބޯމަތިވެފަ. އަމިއްލަ ކެނޑިޑޭޓުން އެމީހުންގެ ސިޔާސަތުތައް ކިޔާދީ ކޭންޕޭނުކުރޭ ނިކަން ފޯރީގާ. އެމްޑީޕީވެސް އެމީހުންގެ ސިޔާސަތުތަށް ރައްޔިތުންނަށް ކިޔާދީ ވޯޓުހޯދުމުގެ މައްސަކަތުގަ އުޅެނީ. އެކަމަކު ޕީޕީއެމް ޕީއެންސީ އަދި ގާސިމު އެބައިމީހުންގެ ސިޔާސަތުތަށް ކިޔާދިނުމުގެ ބަދަލުގަ އަބަދުވެސް އަރާ މިކިޔަނީ ތަސްބީހައެއްހެން ނަޝީދު، ނަޝީދު، ނަޝީދު.
2019
10 March 2019
ފިލްމު އުފަައްދާ ފަރާތްތަކުން މި ދެމީހުންނަށް ފިލްމުކުޅެން ރޯލެއްދެއްވާ ފިލްމުގެ ނަމަކީ ދަ ސްޓޯރީ އޮފް ޕްރޮފެސާރ ލަވްސް ބަނާނާ މިދެމީހުންނަށް ނޭގެނީބާ ދިވެހިރާއްޖޭގެ ލިއަންކިޔަން ދަންނަ މީހުންގެ ނިސްބަތަކީ 96 މަތީ އިންސައްތައެއްކަން. ގާނޫނު އަސާސީ ކިޔައި މިދެނީ. ޢަންނިދެކެ ހާދަ ބިރެއް. ރައްޔިތުންގެ ލޯބި ރަށްރަށުން އެމަނިކުފާނަށް ލިބޭތީ ހަޖަމު ނުވެގެން
ބުނެލީ
10 March 2019
އަދި ވެސް ނިހާން އާ އަބްދު ރަހީމާ. މި މީހުން ދެން ދާންވި ޔުނިވާސިޓީއަށް ޕޮލިޓިކްސް ކިޔަވަދެން. އަނެއްކާ ކޮންފެން ވަރެއްބާ މި ދެމީހުންގެ ގައިގަ ހުރީ؟
ޢަހްމަދު
10 March 2019
މިމީހުންގެ ލަދެއްހަޔާތެއް ހުންނަ ނަމަ މިހާރު އުޅޭނީ މޫނު ނިވާކޮށްގެން. މީނަ ފުރަތަމަ އުޅުނީ ޑީއާރުޕީގަ. ދެން ޕީއޭގަ. ދެން ޕީޕީއެމްގަ. މިހާރު ތިއުޅެނީ ޕީއެންސީގަ. ދައުލަތުގެ މާލިއްޔަތަށް ހަދާލިގޮތުން ކަލޭމެންގެ ފިކުރު ނުދަންނަ މީހަކު މުޅިދުނިޔޭގައިވެސް ނުހުންނާނެ. ދިވެހިންނަކީ ގަޅިންނެއް ނޫން. މިހާރު ކޮށިއަރައިގެން ތިއުޅެނީ ކީއްވެކަން އެބަ އެނގޭ.