މިރޭގެ ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ: ސަރުކާރުން ކަމެއް ނުކުރާ ކަމަށް ދައްކާ ވާހަކައަށް ރައްދު ދެއްވި-- ފޮޓޯ: އެމްޑީޕީ
22 މާޗް 2019 - 23:11
މި ސަރުކާރުން "ބޮޑު ކަމެއް" ނުކުރާ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ކަމަށާއި މި ސަރުކާރުން ނުކުރާ ކަމަކީ ވައްކަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.
ރ. އަތޮޅުގެ ހަތަރު ދާއިރާ އަށް އެމްޑީޕީން ވާދަ ކުރާ ކެންޑިޑޭޓުންގެ ކެމްޕެއިނަށް އަލިފުށީގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ "ކުޑަ ކަމަކަށް ވެސް ބޮޑު ކަމަކަށް ވެސް މި ސަރުކާރުން ނުކުރާ ކަމަކީ ވައްކަން" ކަމަށެވެ.
"ކިތަންމެ ދުވަހަކު ވެރިކަމުގައި ހުންނަން ޖެހުނަސް ގައިމުވެސް [ވައްކަން] އެއީ ނުކުރާނެ ކަމެއް،" ގިނަ އަދަދެއްގެ އާއްމުން ބައިވެރިވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މީގެ ފަސް މަސް ކުރިން ރާއްޖެ އޮތް ހާލަތާ މެދު މިއަދު ވެސް ވިސްނަން ޖެހެ އެވެ. އޭރު ރާއްޖެ އޮތީ އަސާސީ ހައްގުތައް ގެއްލި، އެއްވެސް މިނިވަން ކަމެއް ނެތް ހާލަތެއްގައި ކަމަށް ވިދާޅުވި އެވެ. އަދި ކޮރަޕްޝަނާއި ވައްކަން އާދައިގެ ކަމަކަށްވެ ތަރައްގީގެ ނަމުގައި ވެރިންގެ ޖީބުތައް ފުރަމުންދިޔަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ: ސަރުކާރުން ކަމެއް ނުކުރާ ކަމަށް ދައްކާ ވާހަކަ އަށް ރައްދު ދެއްވި-- ފޮޓޯ: އެމްޑީޕީ
ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުން މި ސަރުކާރު ގެނައީ އެ ހާލަތު ބަދަލު ކުރާށެވެ. ކުރު މުއްދަތުގެ ތެރޭގައި ނަތީޖާ ވެސް ފެންނަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"ރާއްޖޭގެ ރައްޔިތުންގެ ކިބައިން ގެއްލިފައިވާ ހައްގުތައް ވަނީ ހޯދައި ދެވިފައި. އެ ހައްގުތައް ހިފެހެއްޓުމަށް ފާސްކޮށްފައިވާ ގާނޫނުތައް ވަނީ މަޖިލީހަށް ހުށަހަޅައި ބާތިލް ކުރެވިފައި،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ވެރިކަމަށް ވަޑައިގެންނެވިއިރު ރާއްޖެ އޮތީ ބޭރު ދުނިޔޭގައި ބިކަވެފައި ކަމަށާއި ރައްޓެހި ކަމުގެ ގުޅުން އޮތީ އެންމެ ދެ ގައުމާ ކަމަށެވެ. މި ސަރުކާރުން ހާރިޖީ ސިޔާސަތައް ގެނައި ބަދަލާއެކު ދުނިޔޭގެ އާއިލާތެރެ އަށް ވަދެ ރާއްޖެ އަކީ މިއަދު އެންމެނާ އެކު އުޅެން ދަންނަ ގައުމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
އަދި އޭގެ ސަބަބުން، ރައީސް ވިދާޅުވި ގޮތުގައި، ރާއްޖެ އަށް ލިބޭ އެހީ އާއި ވަސީލަތް ވަނީ އިތުރުވެފަ އެވެ.
މި ސަރުކާރުގެ ކުރު މުއްދަތުގެ ތެރޭގައި ކުރިއަށް ގެންދިޔަ ކަންކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ޕެންޝަން ފައިސާ އިން ހައްޖަށް ދެވޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެކަން ފުރިހަމަ ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށް، ތައުލީމީ ނިޒާމަށް ވެސް ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ. ހިލޭ ޑިގްރީ އަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު ސްޓޫޑެންޓް ލޯންގެ އިންޓްރެސްޓް ރޭޓާއި މަހަކު ދައްކަން ޖެހޭ އަދަދު ކުޑަކޮށްފައިވާ ކަން ވެސް ފާހަގަކުރެއްވި އެވެ.
މަސްވެރިން ކިރާ މަހަށް ވަގުތުން ފައިސާ ދިނުމަކީ މި ސަރުކާރުގެ ވައުދަކަށް ވާ އިރު ފެށޭ ހަފްތާގެ ތެރޭގައި އެ ކަންކަން ހަމަޖެހިގެން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެކަން ކުރުމަށް ކުރިން އަންދާޒާ ކުރިވަރަށް ވުރެން ހަފްތާއަކު 6 މިލިއަން ރުފިޔާ އިތުރަށް ދޭން ޖެހޭ ކަމަށާއި ރާއްޖޭގެ މަސްވެރިކަން މިދުވަސް ވަރު ވަރަށް ރަނގަޅު ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖެ ތަރައްގީ ކުރެވޭނީ ކައުންސިލްތަކަށް ބާރުތައް ދީގެން ކަމަށްވާއިރު ގާނޫނީ ގޮތުންނާއި މާލީ ގޮތުން ބާރުތައް ދޭން ޖެހޭ ކަމަށް އަބަދުވެސް ގަބޫލު ކުރައްވާ ކަމަށެވެ. އަދި ލާމަރުކަޒީ ގާނޫނު އިސްލާހުކޮށް އެ ބާރުތައް ކައުންސިލްތަކަށް ދެއްވާނެ ކަމަށް މިރޭ ވެސް ވިދާޅުވި އެވެ.
ރ. އަތޮޅަކީ ބޮޑު އަތޮޅެއް ކަމަށްވާ އިރު އަތޮޅުގެ ތަރައްގީ އަށް ގިނަ ކަންތައްތަކެއް ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަލިފުށީ ޓާފް ދަނޑުގެ މަސައްކަތާއި ބިން ހިއްކުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ އަތޮޅު އެހެން ރަށްރަށުގައި ފެނާއި ނަރުދަމާ ގާއިމު ކުރުމާއި އެހެނިހެން މަޝްރޫތައް މި އަހަރު ފަށާނެ ކަން ވެސް ރައީސް އިއުލާން ކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިގާލިޓޭރިއަން
30 March 2019
އަހަންރެން ހިތައް އަރާ 5 އަހަރު ޔާމީން ކީތްބާ އެކުރީ. މޮއޮތް ކުޑަދުވަސްކޮޅު އިބޫ ކޮށްލި ކަންތައް އެހެރީ ފެންނަން.
އިންސާފް
25 March 2019
އޭރައީސް މީހާ އަހަރެމެންނަށް ފެންނަމުންދާ މަންޒަރުަތަކާ އިވެމުންދާ ޚަބަރު ތަކުން އެނގެނީ އެކަމަކު ﷲ މޮޅަށް ދެނެވޮޑިގެން އެބަވޭ ރައްޔިތުންގެޙައްޤައް ސއްރުންވެސް އެބައަރިގަނނަކަން ރައްޔިތުންގެ މުދަލަށާއި ރައްޔިތުންގެ ޙައްޤު ތަކަށް އަހަރުމެންނަށް މިފެންނަނީ އިންސާނާބޭރު ފުށުގެއަމަލްތައް އެކަނި ނުބީހެންޏާ ކަނޑާހަމައޭދޯ ތިބުނީ ބޮޑުކަމަކަށް ނުކުރާއޮތީ އެކަނި ވައްކަމޭވައކަމަށް ވަނީކިހާވަރެއް ކުރީމާ ޤައުމު އެކުގަދިރުވާލެވުނީމަަތަ
މަޖިލިސް
24 March 2019
ފޭރެނީވެސް ހަމަ ފިއްކަޑައިގެންދާހާ ބޮޑެތި އަދަދުތަކުން.
ނާޖާއިޒް
23 March 2019
އެންމެ 4 މަސްތެރޭ އަދި "މާ ބޮޑެތި" ވައްކަމެއް ނުކުރޭ. ތެދުފުޅެއް. އަދި އެބަ އޮތް ލައްކަ ދުވަސް. އެކަމު އެކި ކަހަލަ ޖޫރިމަނާތަކުގެ ނަމުގައި ދައުލަތުން ދައްކަންޖެހޭ ފައިސާ ދަނީ ގިނަވަމުން. އެވެސް އަމިއްލަ ވަކީލުންކޮޅު ގުޅޭ ގޭމެއްގެ ދަށުން. ކުރަނީ ވައްކަމެއް ނޫން، ފާޅުގައި ދައުލަތުގެ ފައިސާކޮޅު ބައިކޮޅުގަ ތިބި މީހުންނަށް ލިބޭ ކަހަލަ "ކަންކަން".
ތަރުޖަމާން
23 March 2019
ވަރަށް ބަރާބަރު! ބަހުން ވަރަށް ރަނގަޅަށް ތިކަނަ ެބަދައްކާ. ޢަމަލުން މި ފެންނަނީ ބިގަށް ޕީއެސްއެމުން ދޭންނުޖެހޭ 78 މިލިޔަންދީ، ކަސްޓަމުން ޖެންކުންފުނީގެ ޗެއަރ އެމްޑީޕީގެ ބޮޑެއްކަމުގައިވާ މައުސޫމަށްވެސް ހިލޭ ސާބަހަށް 22 މިލިޔަން ދޭތަން. ޖާރޒީ އާ ކުޅިންތެރިން ބަދަލުވީ ގޭމް ޕްލޭނެއް ބަދަލެއްހަމަ ނުވި.
ކަނަމަނަ
23 March 2019
ވައްކަމަކީ ކުރާވަގުތު އެނގޭކަމެއްވެސް ނޫން. މިހާރު ވައްކަމާއި ފޭރުމާއި ހަމަގައިމުވެސް އިތުރުވެއްޖެ. މީ ބޮޑުކަމަކަށް ނުވަނީބާ. މިސަރުކާރުން ވައްކަން ނުކުރިޔަސް ސަރުކާރުން ރައްޔިތުންނަށް ލިބިދޭންޖެހޭ ރައްކާތެރިކަން މިއޮތީ ބޮއްސުންލާފައި. އެކަންކަން ބަލައި ފިޔަވަޅުއަޅަންޖެހެނީ ޢާންމު ރައްޔިތުންބާ.
ހަޤީގަތް
23 March 2019
އާން ވައްކަމެއް ވާ ނުކުރޭތާ، 29 މިލިއަން ވިއްޔަ ދިރުވާލީ، އެވެސް މަސްދުވަސް ތެރޭ.
ޕޮކަންޑިމޭން
23 March 2019
ނަމުން ސާލިހް ރައީސް އެޓާނީ ޖެނެރަލް ރިފްއަތު ލައްވާ އެމްޑީޕީގެ އެކްޓިވިސްޓުންނަށް ހޯދާދިން ޖާއިޒްނޫން ފައިސާ (ވައްކަންތައް) : *ބިގްއަށް ހަޒާނާއިން ދިން ޖާއިޒްނޫން 78،000،000 ރުފިޔާ! *ސީޖީޓީ މައުސޫމްއަށް ހަޒާނާއިން ދިން ޖާއިޒްނޫން 22،000،000 ރުފިޔާ! ވައްކަމަށް ވަނީ ޖާއިޒްނޫން ގޮތުގައި ދައުލަތުގެ ހަޒާނާގައި ހުންނަންޖެހޭ ފައިސާ އަދީބު ނަމަކަށް ކިޔުނު މީހާ ނެގީމަ އެކަންޏެއްނޫން.
ވަހީދު
23 March 2019
ދައުލަތުގެ ޚަރަދުގައި ވަކި ބަޔަކަށް ކެމްޕޭން ކުރުން، ނުވާނެތަ ވައްކަމަކަށް؟
ވާހސަރީ
23 March 2019
ތިހުރިހާޤައުމުތަކުގަ ފިތުނައުފައްދާ ދޭތެރެޖައްސަމުން އިދިކޮޅުގަތިބިއިރު ދުވީކޮންބައެއްބާ ދެންތިބުނަނީ ވައްކަމެއްނުކުރާނަމޭ ދެންހެޔޮދޯ ކިތަންމެވަރަކައްކޮރަޕްޝަންހިންގިޔަސް ކޮންމެފަދަނުބައިކަމެއްކުރިޔަސް ހަމައެކަނިވައްކަންދޯނުކުރާނީ