ހަދަމުންދާ އިމާރާތެއް: ހުޅުމާލޭގައި ހަދަމުންދިޔަ އިމާރާތަކުން ވެއްޓުނު ގަލެއް ޖެހި ބިދޭސީ މަރުވި މައްސަލައިގައި އައިއެންއެފް ކޮންސްޓްރަކްޝަނަށް ޖޫރިމަނާކުރީ 5 ލައްކަ ރުފިޔާއިން -- ފޮޓޯ: އަހްމަދު ނިޝާތު/ މިހާރު
02 އެޕްރީލް 2019 - 14:28
ހުޅުމާލޭގައި ހަދަމުން އައި އިމާރާތަކުން ވެއްޓުނު ގަލަކުން ޖެހި މިދިޔަ ފެބްރުއަރީ މަހު ބިދޭސީއަކު މަރުވި މައްސަލައާ ގުޅިގެން، އެ އިމާރާތް ހަދަމުން ދިޔަ ކޮންސްޓްރަކްޝަން ކުންފުނި 500،000ރ. އިން ޖޫރިމަނާކޮށްފި އެވެ.
އެ ހާދިސާއާ ގުޅިގެން، މިދިޔަ ބުރާސްފަތި ދުވަހު ޖޫރިމަނާކޮށްފައި ވަނީ ހުޅުމާލޭގެ ލޮޓް 10799 ގައި އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން އައި އައިއެންއެންއެފް ކޮންސްޓްރަކްޝަނެވެ. އެ ފައިސާ ދައްކަން މާލޭ ސިޓީ ކައުންސިލުން ދީފައި ވަނީ އެއް މަސް ދުވަހުގެ މުއްދަތެކެވެ. މި މައްސަލާގައި އެ ކުންފުންޏަށް އެހެން ފިޔަވަޅުތައް އަޅާނީ ކަމާ ބެހޭ ފަރާތުންނެވެ.
މި ހާދިސާ ހިނގީ ސަލާމަތީ ކަންކަމަށް ނުބަލައި، ކޮންސްޓްރަކްޝަން މަސައްކަތް ކުރީތީ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ހުސެއިން ޝަރީފް "މިހާރު" އަށް ވިދާޅުވި އެވެ. ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު ހިނގި މި ހާދިސާގެ ރިޕޯޓް ހެދީ ޕްލޭނިން މިނިސްޓްރީންނެވެ. އެއާ ހަވާލާދީ ހުސެއިން ވިދާޅުވީ އެ ހާދިސާ ހިނގީ ދެ އިމާރާތް ދޭތެރޭގައި އެ ބިދޭސީ މީހާ މަސައްކަތް ކުރަނިކޮށް، މަތީ ބުރިއަކުން ގަލެއް ވެއްޓި އޭނާގެ މޭގައި ޖެހުމުންނެވެ.
ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން މީގެ ކުރިން ބުނެފައިވާ ގޮތުގައި 44 އަހަރުގެ ބަންގްލަދޭޝް މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ މަރުވެފަ އެވެ.
މާލޭގައި ހަދަމުން ދިޔަ އިމާރާތަކުން ސިމެންތި ބަސްތާއެއް ވެއްޓި އަށް އަހަރުގެ ރައުޝާން ޖިއާން މިދިޔަ ޑިސެމްބަރު މަހު މަރުވި ހާދިސާއާ ގުޅިގެން، ޑަބްލިއު ކޮންސްޓްރަކްޝަން ވެސް 500،000ރ. އިން ޖޫރިމަނާ ކުރި އެވެ. މިދިޔަ މަހު 14 ވަނަ ދުވަހު އެ ފައިސާ ސިޓީ ކައުންސިލަށް ވަނީ ދައްކައިފަ އެވެ.
ކޮންސްޓްރަކްޝަން ސައިޓުތަކުގައި ހިނގި އެކްސިޑެންޓުތަކާ ގުޅިގެން މި އަހަރުގެ މިހާތަނަށް އިތުރު ހަތް ފަރާތެއް މާލޭ ސިޓީ ކައުންސިލުން ވަނީ ޖޫރިމަނާކޮށްފަ އެވެ. އެ ހަތް ތަނުގެ ތެރެއިން އެންމެ ބޮޑު ޖޫރިމަނާއެއް ކޮށްފައި ވަނީ 250،000ރ. އިން އޭބީސީ ކޮންސްޓްރަކްޝަނެވެ. އެ ތަން ޖޫރިމަނާކުރީ ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ނާޅާ މަސައްކަތްކުރުމުން، ރާނާފައި ހުރި ފާރުބުރިއެއް މަގުމައްޗަށް ވެއްޓުމުންނެވެ.
މީގެ އިތުރުން ނާސާލިންކް ޕްރައިވެޓް ލިމިޓެޑް 100،000ރ. އިން ޖޫރިމަނާކޮށްފައިވާ އިރު، އިންފިނިޓީ ބިލްޑާސް 15،000ރ. އިން ޖޫރިމަނާކޮށްފައި ވެ އެވެ. ދެން ހުރި ތަންތަން ޖޫރިމަނާކޮށްފައި ވަނީ 5،000ރ. އިންނެވެ.
ކޮންސްޓްރަކްޝަން ދާއިރާގައި ސަލާމަތީ ކަންތައް އިސްލާހު ކުރަން ސަރުކާރުން ވަނީ ބައިވަރު މަސައްކަތްތަކެެއް ކުރަން ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
02 April 2019
ތިޔަ ފައިސާ މަރުވި މީހާގެ އާއިލާ އަށް ދޭން ވީއެވެ.
ޕަޕެޓްމާސްޓަރ
02 April 2019
ސަރުކާރުން ކުރަން ފެށި ބައިވަރު މަސައްކަތަކީ ކޮބާތޯ؟ ފެންނަން ނެތް ކަންތަކެއްތޯ؟ މިހެން ބުނަން ޖެހުނީ މިހާރުވެސް އިމާރާތް ކުރާތަންތަން ހުރި ހާލަތު ފެންނާތީ!
ޅަބޭ
02 April 2019
ތީކީ އެއްވެސް މައްސަލައެއް ނޫން. ކޮންމެސް ހީލަތްތެރި ގާނޫނީ ވަކީލެއް ލައްވާ ތި ޖޫރިމަނާ އޮއްބާލެވިދާނެ. ކޮން ސިޓީ ކައުންސިމެއް އޮންނާނީ...
އަލީ - ޕީ
02 April 2019
ސުވާލަކީ ތިޔަ ރުފިޔާއަށް ކީއްތޯ ކުރަނީ؟ މަރުވި މީހާގެ އާއިލާއަށް ދެނީތޯ ނޫނީ ތިބޭފުޅުން ތިއީ ވިޔާފާރިއަކަށް ހަދާ ލިބޭ ފައިދާއަކަށް ބަލަނީތޯ؟
އަރޫ
02 April 2019
މަރުވި މީހާގެ ޢާއިލާއަށްވެސް ތި ބައިމިލިޔަނުން އެތިކޮޅެއް ދޭންފެނޭ
ތާޒަން
03 April 2019
ޢެތިކޅެއްނޫން އެއްކޮއް ޢަދި މުވައްޒަފުން ލައިފް އިޝުއަރ ކޮއްފަ އެ ފައިސާވެސް އާއިލާއަށްދީ