ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ލިބުނު ބޮޑު ކާމިޔާބީގެ އުފާ އެމްޑީޕީން ފާޅުކުރަނީ. --- ފޮޓޯ: ހުސެން ވަހީދު /މިހާރު
07 އެޕްރީލް 2019 - 13:33
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ހިސާބަށް އައި އިރު، ރިޔާސީ އިންތިހާބުގެ "ބަދަހި ކޯލިޝަން" އޮތީ ވިއްސި ވިހާލިވެފަ އެވެ. މަޖިލީހުގެ ދާއިރާތަކަށް ވާދަކުރުމުގައި އެމްޑީޕީން އެއްބަސްވުމާ ހިލާފުވި ކަމުގެ ޝަކުވާއާ އެކު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނިންމެވީ "ނާށިގަނޑު ހިފައިގެން" ނުކުންނެވުމަށެވެ. އެންމެ ރަނގަޅު އެހީއެއް ލިބޭނެ ކަމަށް ނިންމެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުންނެވެ.
އަނިޔާވެރިކަމާއި ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކާ އެކު ރައްޔިތުން ޔާމީންގެ ވެރިކަން ނިންމަން ކުރި މަސައްކަތުގެ ވަރުބަލިކަން ވެސް ނުފިލަނީސް ގާސިމް ސަރުކާރުގެ ކޯލިޝަން ބައިވެރިއެއްގެ ގޮތުގައި އޮވެމެ ޔާމީނާ އެކު މަސައްކަތް ފެއްޓެވުން އެއީ ސިޔާސީ ޖޯކަކަށް ނޫނީ ނުވެ އެވެ. އެހެންވެ މަޖިލިސް އިންތިހާބުގައި މިއީ "އިދިކޮޅު ކޯލިޝަން" ކަމަށް ކިޔަމާ ހިނގާށެވެ.
މި ކޯލިޝަނެއްގެ ނަތީޖާއަކަށް މި ވީ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީ އަށް ލިބުމެވެ. އެކަމަކު ގޯހެއް ހެއްދެވިއްޖެ ކަމަށް ގާސިމް އަދިވެސް ގަބޫލުކުރައްވާހެން ހިއެއް ނުވެ އެވެ. ޕާޓީ ތެރެއިން ގާސިމާ ދެކޮޅަށް އައި ބަހުގެ ހަމަލާތަކުގެ ރައްދުގައި ވިދާޅުވެފައި އެ ވަނީ ބަލިވުމުގެ ސަބަބަކީ އެމްޑީޕީން ފައިސާ ބެހުން ކަމަށެވެ. އަނެއްކޮޅުން، ކުރީގެ ރައީސް ޔާމީން ވެސް ކެމްޕޭން ޖަލްސާއެއްގައި ވިދާޅުވެފައި ވަނީ އެ މަނިކުފާނުގެ އެކައުންޓްތައް ފްރީޒް ނުކޮށް ހުރި ނަމަ ގިނަ ގޮނޑިތަކެއް ނެގޭނެ ކަމަށެވެ.
އެހެންވެ އެމްޑީޕީއާ ދެކޮޅަށް މަސައްކަތްކުރި ގާސިމާއި ޔާމީން މި ދައްކަވަނީ ފައިސާގެ ވާހަކަ އެވެ. ސިޔާސީ މަސައްކަތެއް ކުރަން ނުކުމެ އުޅޭއިރު ފައިސާ ފޮއްޗެއްގެ ބަރުދަނަށް ވުރެ ބޮޑަށް ވިސްނުމުގައި ބަރުދަނެއް ބަހައްޓަން ޖެހެ އެވެ.
މަޖިިލިސް އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމުގެ ހަފުލާގައި، ނައިބު ރައީސް ފައިސަލް ނަސީމް: އެ މަނިކުފާނު ވަނީ ކެމްޕޭނު ތެރޭގައި އެ މަނިކުފާނު ނިސްބަތްވާ ޖުމްހޫރީ ޕާޓީގެ ވިސްނުމާ ދެކޮޅަށް ވާހަކަ ދައްކަވާފައި. -- ފޮޓޯ: މިހާރު
މަޖިލިސް އިންތިހާބުގައި އެމްޑީޕީ އަށް މެޖޯރިޓީ ދޭން ނުޖެހޭ ސަބަބެއް ކަމަށް ބުނެ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ބަހުގެ ހަމަލާދީ ތުހުމަތުތައް ކުރުން ނޫން ކަމެއް ނުކުރެ އެވެ. އެމްޑީޕީން އެ ބަޔަކާ އެންމެ ނުރުހޭ އަދި އިތުބާރު ގެއްލިފައިވާ މީސްމީހުން ޖޭޕީ އަށް ވައްދައި، ޕާޓީގައި ދުވަސްވީ އިހުލާސްތެރިން އެއްފަރާތްކުރި އެވެ.
މި ހުރިހާ ސަކަރާތަކާ އެކު ދެން ފެނުނީ އަދި މާ އުނދަގޫ މަންޒަރެކެވެ. ޔާމީންގެ މެންބަރުންނާ ގުޅިވަޑައިގެން، މަޖިލިސް ތެރެއިން ސަރުކާރުގެ އެޖެންޑާތަކަށް ހުރަސްއެޅި އެވެ. ގާސިމަށް އެނގިވަޑައިނުގަތް ކަމަކީ ރައްޔިތުން ވެރިކަން ބަދަލުކުރި ސަބަބުތަކަށް ސަރުކާރު ކޯލިޝަންގައި ހުރެ ހުރަސް އެޅުއްވޭ ކަމެވެ. ސަރުކާރުގައި އޮވެމެ، ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް މަސައްކަތްކުރައްވަމުން ވެސް މި އޮތީ ކޯލިޝަނުގައޭ، ވެރިކަން ދަމަހައްޓާނަމޭ ގާސިމް ވިދާޅުވިޔަސް އެކަން ގަބޫލުކުރެވުނު މީހަކު ނެތެވެ. ދެއްކެވި ވާހަކަ ދެކޮޅުނުޖެހުނީ އެވެ.
ގާސިމްގެ ޖުމްހޫރީ ޕާޓީ އާއި ޔާމީންގެ ޕީޕީއެމް އާއި ޕީއެންސީން ނެރުނު މެންބަރުންގެ ތެރެއިން ޕާޓީތަކުން ތާއީދުކުރާ ކެންޑިޑޭޓުން ސާފެއް ނުވި އެވެ. މި ޕާޓީތަކުން އެއް ދާއިރާއަކަށް ތިން ހަތަރު މީހުން ނިކުމެ ވޯޓުތައް ބައިބައިވި އެވެ. މާނަ އަކީ، އިދިކޮޅުގައި އެއްވެސް އެކުވެރިކަމެއް، ހަމައެއް އުސޫލެއް ނެތުމެވެ. މިސްރާބެއް ނެތީ އެވެ.
އެއާ ހިލާފަށް އެމްޑީޕީން ސިޔާސަތެއް އެކުލަވާލައި، މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ ކުރާނެ ކަންކަމުގެ ތަފްސީލީ އެޖެންޑާއެއް ނެރެ ދެއްކި އެވެ. ވިއްކީ ސިޔާސަތެވެ. ގާސިމް ކުރެއްވިހާ ވެސް ކަމަކީ އެމްޑީޕީ އަށް ބޮޑު މެޖޯރިޓީއެއް ނުލިބި އެއްވެސް ކަމެއް ނުކުރެވޭނެކަން ގާސިމްގެ އަމަލުން ދެއްކެވުމެވެ. ރައްޔިތުން ވޯޓު ދިން ގޮތުން އެނގެނީ ގާސިމް ކަންތައް ކުރެއްވި ގޮތް ކަމުނުދާ ކަމެވެ. ރައްޔިތުން ބޭނުންވެގެން ތިބީ މަޖިލިސް ތެރެއިން ސަރުކާރު ތަޅު ނޭޅުވި، އެމްޑީޕީން އެ ބުނާ ކަންކަން ފުރިހަމަކޮށްދޭނެ މަޖިލީހެއްކަމާ މެދު މިހާރު އުފައްދާނެ އެއްވެސް ސުވާލެއް ނެތެވެ.
އެހެންވެ މީގައި އިދިކޮޅުން ދައްކާނެ އޮތީ ކޮން އުޒުރެއް ހެއްޔެވެ؟ އަމިއްލަ އަށް ހެދި ގޯސްތަކާއި ސިޔާސަތުތަކެއް ނުވިއްކުމާއި ސިޔާސީ ގޮތުން އޮއްޓަރެއް ހުރި އެއްވެސް ނިންމުމެއް ނިންމަން ނޭނގުންކަން އެއީ ހަގީގަތެވެ. އެމްޑީޕީއާ ދެކޮޅަށް މަސައްކަތްކުރި ޕާޓީތަކުގެ ލީޑަރުން ފެއިލްވީ އެވެ. އެ ޒިންމާ އެ ބޭފުޅުން ނަންގަވަން ޖެހޭނެ އެވެ. ބަހަނާ ނުދައްކަވާށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޟިޔާ
08 April 2019
ޢަދީބަކީ މަ އެޅުވި ފަންޏެއް
އެމްސް
07 April 2019
ޔާމީން އާއި ޤާސިމް އަކީ ކޯޓްތަކާއި ވަރަށް ރައްޓެހި 2 މީހުން!
ޖެކް
07 April 2019
ކަލޭމެން ނޫސްވެރިންނަށް ނޭގުނުދޯ ގޮނޑިތައްހޯދީ ފައިސާ އޮއްސައިގެންކަން!
ހަސަންދީ
08 April 2019
ތިޔަބުނާ ޕާޓީން ކެންޕޭނައް އެޕާޓީން ކުރިމަތިލި ކޮންމެ ކެނޑިޑޭޓަކައް ފައިސާއައް އެދުމުން ދިނީ އެންމެ 50000(ފަންސާސް ހާސް ރުފިޔާ) ދެން ވާރޭވެހޭހެން ވެހިގެން ތިޔަ އުޅެނީ ޤާސިމާ ޔާމީނާ ދެމީހުން ބޮލައް، ބަލަގަ! ޤާސިމޫ ތިޔަބުނާ ބަޔަކު ރެއާދުވާލު އެއްރަށުން އަނެއް ރަށުން އެއްގެ ބަދިގެއިން އަނެއްގެ ބަދިގެއިން އެއްވެސް އަރާމެއް ނެތި ކުރި ބުރަ ބަރު ވަރުބަލިކަމެއް ނެތި ކުރި މަސަތްކަތުގެ ނަތީޖާ...
ބެޔަ
07 April 2019
ވަރައް ފުރިހަމަ ލިޔުމެއް
އައިސް
07 April 2019
ލާދީނަށް ފަހުޒަމާނުގައި ދެން ދައްޖާލަށް ޖާގަ ދޭނެތާ....
ވާލުސޮރު
07 April 2019
މަށަށް ސޭޓު ފުރުސަތެއް ދެނިކޮށް ސިޔާސީ ޕާޓީ ހިންގާނެގޮތާ އިންތިޚާބް ކާމިޔާބުކުރަން ހަދާނެ އުކުޅުތައް ކިޔައިދީފާނަން. އެކަމަކު އެއީ ސޭޓު އެމްޑީޕީ އަށް ހިތްހެޔޮކޮށް ލައިވް ޖަލްސާ އެއްގަ ރައްޔިތުން ކުރިމަތީ އެމްޑީޕީގެ ކިބައިން މާފަށް އެދި ދެން ދުވަހަކުވެސް އެމްޑީޕީއަށް ނުބަވަން ހުވައި ކުރަން ޝަރުތުކޮށް.
މާކަނާކަލޯ
07 April 2019
ގާސިމް. ދެންވެސް ސިޔާސީކަންކަމާ ދުރުވެ އަމިއްލަ ވިޔަފާރިއާގެން އުޅޭ.
ކުޑަކަތީބް
07 April 2019
އޭރުވެސް ބުނިން ރ.ނަޝީދު ފަހަތުތުން ނުނެއްޓިގެން އުޅެނިކޮށް ރޭސް ނިއްމާލާނޭ! ދެން ތިކިޔާ ނާށިގަނޑެއް ހިފައިގެން ގޭގަ ދޮރުމަތީގެ ހުރެބަލަ، އަދުރޭއާއި ނިހާނު އެއްޗެއް އަޅާތޯ!
ބަބުރުލް ސަލީމް
07 April 2019
ކިރިޔާވެސް އަނގަހުޅުވާލަން ކެރުނީ ސޭޓަށް. ކޮބާ އެއުޅޭ އަދުރޭއާ ނިހާން ސާރ.
ފާރަގެމަ
07 April 2019
ދިވެެހި ރައްޔިތުން ވޯޓް ދިނީ ޢަނިޔާވެރި ކަމާ ދެކޮޅައް ވައްކަމާ ދެކޮޅައް ކަރަޕްޝަނަ ދެކޮޅައް ދީނި ބައިބައިވުން އުފައްދާ ލާދީނީ ޓެގް އެޅުވުމާ ދެކޮޅައް އެމީހުން ބަލައިގަތީ އެމްޑީޕީގެ ސިޔާސަތު އަދި ދައްކައިދިނީ އެކަން ކުރެވޭނީ މަޖިލިސް ތެރެއިން ފަނިފަކުސާ ނެރެ ސާފުކޮއްގެން ކަން.ސާބަހޭ ރައްޔިތުން
ކޮއްޓި
08 April 2019
ސޭޓަށް ބުނެލަދެން ބޭނު ވަނީ ސިޔާސިގޮތުން ކަންވޮށިގެންވާ ވަރުގެ ބަރުދަނެއް ސޭޓުގެ ގަޔަކު ނެތެއް އެހެންވީމާ މަޑު މަޑުން ހުރުން ބުދިވެރި